Support Us

ވެނިޒުއޭލާގެ އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ މަޗާޑޯ

އުންޑައިގެ ބަދަލުގައި ވޯޓު ކަރުދާސް: ނޮބެލް ސުލްހައިގެ އިނާމު ވެނިޒުއޭލާގެ އިދިކޮޅު ލީޑަރަށް ލިބުނީ ކީއްވެ؟

ދެކުނު އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ވެނިޒުއޭލާގެ ހުދުމުހުތާރު ވެރިޔާ ނެކޮލަސް މެޑީރޯއާ ދެކޮޅަށް ސުލޫކީ ކެމްޕޭނެއް ހިންގައި އިދިކޮޅު ލީޑަރު މަރީއާ ކޮރީނާ މަޗާޑޯއަށް މިއަދު ނޮބެލް ސުލްހައިގެ އިނާމު ދިނީ "އުންޑައިގެ ބަދަލުގައި ވޯޓު ކަރުދާހުން" ހުދުމުހުތާރު ވެރިކަމެއް ނައްތައިލަން މަސައްކަތް ކުރާތީއެވެ.

އިނާމުހާ މުހިންމު ނޫނަސް އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ)ވެސް ދޭ އިނާމު، ނޯވޭގެ ނޮބެލް ކޮމިޓީން މަރީއާއަށް ދެމުން ބުނީ މިއީ "ޑިމޮކްރެޓިކް ހައްގުތައް ޕްރޮމޯޓް ކުރަން ވަރުބަލިކަމެއް ނުބަހައްޓާ" އޭނާ ކުރަމުންދާ މަސައްކަތުގެ އަގު ވަޒަންކުރަން ނިންމި ނިންމުމެއް ކަމަށެވެ.

ވެނިޒުއޭލާގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރުކަން ވެސް ކުރި މަރީއާއަކީ "އާއްމު މީހުންގެ ހިތްވަރު ދައްކުވައިދޭ އެއްބައިވަންތަކަމުގެ ބާރެއް" ކަމަށް އެ ކޮމިޓީން ސިފަކުރިއެވެ.

މި ދިޔަ އަހަރު މައްސަލަ ޖެހުނު ވެނިޒުއޭލާގެ ރިޔާސީ އިންތިހާބުގައި މަރީއާ ވަނީ ގައުމުގެ ޑިމޮކްރެޓިކް ހަރަކާތުގެ އިސްވެރިޔާކަންކޮށްފައެވެ. އެއީ "ޕޮލިޓިކަލް ޑިސްކޮލިފިކޭޝަން އޯޑަރު" ނުވަތަ ސިޔާސީ ކަންތައްތަކުން އޭނާ މަޖުބޫރުން ދުރުކުރުމުން ވެސް ފިލައިގެން އުޅެމުން ޑިމޮކްރެސީ ނެގެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ.

ނޮބެލް ސުލްހައިގެ އިނާމު

ނޮބެލް އިނާމުތައް ދޭ ކޮމިޓީން އޭނާއަށް މި އަހަރުގެ ސުލްހައިގެ އިނާމު ދެމުން ބުނެފައި ވަނީ ވެސް ޚުދު އޭނާ އަމިއްލައަށް ބުނި ޖުމްލައެކެވެ. އެއީ: "އިހްތިޔާރު ކުރަން އޮތީ އުންޑައިގެ ބަދަލުގައި ވޯޓު ކަރުދާހެ"ވެ.

އިންޖިނިއަރުކަން ވެސް ކުރަމުން އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މަރީއާއަށް މި އެވޯޑު ލިބުމުން މިހާރު އޭނާ މި ވަނީ އިދިކޮޅު ހަރަކާތްތަކުގައި ކަސްތޮޅު އަޅުވަން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅު ހެދުމުގެ ރަމްޒަކަށް ދުނިޔޭގެ ފެންވަރުގައި ވެފައެވެ.

ސިވިލް އިންޖިނިއަރިންނާއި ބިމުން މައުދަން ނެގުމަށާއި އަދި ހަރު ތަކެތި ގޮއްވަން ބޭނުންކުރާ ޑައިނަމައިޓް އީޖާދުކުރި އަލްފްރެޑް ނޮބެލްގެ ނަމަށް ނިސްބަތްވާ މި އެވޯޑަކީ ސުލްހައަށް މަސައްކަތް ކުރުމުގައި ދުނިޔޭގައި ދޭ އެންމެ މަގުބޫލު އިނާމެވެ. ސަބަބަކީ ފިޒިކްސް، ކެމިސްޓްރީ، މެޑިސިން އަދި ލިޓަރެޗާ ހިމެނޭ ގޮތަށް ފަސް ދާއިރާއިން ދޭ މި އިނާމާ ގާތްކުރާ އެހެން އިނާމެއް ނެތުމެވެ.

އަހަރަކު އެއް ފަހަރު ނޯވޭގައި ބާއްވައި ހަފުލާއެއްގައި ދޭ މި އިނާމުގެ އަނެއް ހާއްސަ ކަމަކީ ދުނިޔޭގެ ފެންވަރުގައި މީޑިއާގެ ކަވަރެޖް ބޮޑުކަމުންނެވެ. މިހެންވެ، އިނާމު ލިބޭ ފަރާތްތަކަށް ބޮޑު ނުފޫޒެއް ލިބިގެންދެއެވެ.

ނޮބެލް އިނާމުތައް ނިސްބަތްވާ އަލްފްރެޑް ނޮބެލް

ތާރީހީ ގޮތުން ބަލާއިރު ވެސް، 1901 ގައި ފުރަތަމަ ދޭން ފެށި ނޮބެލް އިނާމަކީ ދުނިޔޭގެ ތާރީހު ބައްޓަންކުރަން މަސައްކަތް ކުރި ފަރާތްތަކަށް ޝަރަފު ދޭން ގާއިމުކުރި އިނާމެކެވެ. އޭގެ ތެރޭގައި ހިމެނޭ ޝަހްސިއްޔަތުތަކުގެ ތެރޭގައި ނެލްސަން މަންޑޭލާ، މަދާ ޓެރީސާ އަދި މާޓިން ލޫދާ ކިންގް ޖޫނިއާ ހިމެނެއެވެ.

ސަކަރޯފް ޕްރައިޒް ފޮ ފްރީޑަމް އޮފް ތޯޓް ފަދަ އިންސާނީ ހައްގުތަކަށާއި ސުލްހައަށް އެވޯޑުތައް ދިނަސް، ދުނިޔޭގެ ފެންވަރުގައި އެންމެން ގަބޫލުކުރާ ސުލްހައިގެ އިނާމަކީ ނޮބެލްއެވެ.

އަލްފްރެޑް ގަބޫލުކުރި ގޮތުގައި އޭނާ އީޖާދުކުރި ފަދަ ނުރައްކާތެރި ހަތިޔާރެއް އެންމެންގެ އަތުގައި ވާ ނަމަ، އެއްވެސް މީހަކު އަނެކާއަށް ހަމަލާ ދޭން ބިރުގަންނާނެއެވެ. އެހެންކަމުން "ބިރުވެރިކަމުގެ ތިލަފަތް ހަމަވުމުން" ސުލްހައިގެ މަގަށް ނޫނީ ނުގޮސް ނުހުންނާނެ ކަމަށް އޭނާ ގަބޫލުކުރީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *