Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ރާއްޖެމަތިން މިއަހަރު އިރު ހުރަސްކުރާ ފަހު ދުވަހު އައްޑޫ ހިތަދޫ މަތީގައި!

އަންނަ ބުދަ، ނުވަތަ މި ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހަކީ، ރާއްޖެ މަތިން މިއަހަރު އިރު ހުރަސްކުރާ އެންމެ ފަހު ދުވަހެވެ. އެ ދުވަހު މާލޭގަޑިން 11:59:40 ގައި އިރު ހުންނާނީ ސީދާ އައްޑޫ ހިތަދޫ މަތީގައެވެ. ހިތަދުއަށް އެ ދުވަހު އިރު މެރީޑިއަންވާ ވަގުތުގެ ޕޮޒިޝަން ނަގައިފައި ވަނީ ޕޮޒިޝަން ހިތަދޫ "ވައިދަށި މިސްކިތް" ހުރި ތަނުންނެވެ.

އެ ދުވަހުގެ ފަހުން މިއަހަރަކު ރާއްޖޭގެ އެއްވެސް ރަށެއްގެ މަތިން އިރު ދަތުރެއް ނުކުރާނެވެ. އެއީ، މިއަހަރު ރާއްޖޭގެ ރަށެއްގެ މަތިންވެސް އިރު ހުރަސްކުރާނެ އެންމެ ފަހު ފަހަރެވެ.

ދުނިޔޭގައި އައްޑޫ ހިތަދޫ އޮންނަނީ، 00 ދަރަޖަ 36 ދަގީގުވީ ދެކުނު ޢަރުޟާއި 073 ދަރަޖަ 05 ދަގީގުވީ ޚައްޠު ތޫލު ރަސްގެވާ ތާނގައެވެ. އެހެންވީމާ، އެއީ، އިންޓަނޭޝަނަލް ޓައިމް ޒޯނުން ރާއްޖޭގެ ގަޑި ކަމަށްވާ ޕްލަސް 5 ގަޑިޑިއިރަށް ވުރެން 07 މިނިޓް 20 ސިކުންތު ކުރީ ވަގުތެކެވެ. އެ ސަބަބަށްޓަކައި ހިތަދުއަށް އެ ދުވަހު އިރު މެރީޑިއަންވާނީ 11:59:40 ގައެވެ. އެއީ ހިތަދުއަށް އެ ދުވަހު މެންދުރު ނަމާދު ވަގުތު ޖެހުމުގެ 7 މިނިޓް 20 ސިކުންތު ކުރިންނެވެ.

މެންދުރު ނަމާދު ވަގުތު ކަނޑައަޅާ ގޮތާމެދު ރާއްޖޭގެ އެންމެ މޮޅު ދެވަނަ މާލިމީ ކަމަށްވާ މ. ހުދުއަސުރުމާގޭ މަރުހޫމް މާލިމީ މުޙައްމަދު މަނިކު ވިދާޅުވެފައިވާ ގޮތަށް ބަލާނަމަ އެ ދުވަހު ހިތަދުއަށް މެންދުރު ނަމާދު ވަގުތު ޖެހޭނީ މެރީޑިއަން ވަގުތަށް ވުރެން ފަސް މިނިޓް ފަހުންނެވެ.

މާލިމީ މުޙައްމަދު މަނިކަކީ، ތުއްތުސާހަބު ފިޔަވައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ދެވަނަ މާލިމީއެވެ. ފަލަކީ ޢިލްމަށްވެސް ނުހަނު އަރައިހުންނެވި، ވަރަށް މޮޅު ބޭފުޅެކެވެ.

މާލިމީގެ މުޙައްމަދު މަނިކުގެ ފަލަކީ ނަޒަރުން ބަލާނަމަ އެ ދުވަހު ހިތަދުއަށް މެންދުރު ނަމާދު ވަގުތު ވާނީ 12:04:20 ގައެވެ. އެ މިންވަރު ހިސާބުން ދައްކާނަމަ ނަމާދު ތާވަލްގައި ކަނޑައަޅާނީ ސިކުންތުކޮޅުގެ ބަދަލުގައި ފުރިހަމަ މިނިޓްކޮޅަކީ މިނިޓެއް ކަމަށް ބަލައިގެން 12:05 އެއީ، މެންދުރު ނަމާދު ވަގުތު ކަމަށެވެ.

ހިތަދުއަށް އެ ދުވަހު އިރު މެރީޑިއަންވާ ވަގުތު އިރުގެ ޑިކްލިނޭޝަނަކީ، ޢަރުޟުގެ ގޮތުން 00 ދަރަޖަ 36 ދަގީގު ދެކުނެވެ. އިރުގެ ލޯކަލް އަވަރ އެންގަލް އަކީ، 073 ދަރަޖަ 0.05 ދަރަޖަވީ ޚައްޠު ޠޫލެވެ.

އެދުވަހު އިރު ދުނިޔެއާ ހުރި ދުރުމިނުގެ ގޮތުން އިރު ދުނިޔެއަށް ފެންނާން ހުންނާނޭ ސައިޒުގެ ނިސްބަތަށް ބަލާއިރު ހިތަދުއަށް އެ ދުވަހު އިރު މެރީޑިއަންވާ ވަގުތު އިރު މެދު ހިތަދުއަށް މީޒާންވެއެވެ. އަދި އައްޑު އަތޮޅުގެ ހުރިހައި ރަށަކަށްވެސް އެވަގުތު ހިޔަނި ހުސްވާނެއެވެ. ހިޔަނި ހުސްވުމަކީ، އޮލަނބަށް ހުންނަ ތަކެތީގެ ހިޔަނި އެތަކެތީގެ ތެރެޔަށް ވަދެ ހުސްވާ ހުސްވުމެވެ.