އުތުރުން ދެކުނަށް ދިއުމަށްޓަކައި އިރު މިއަހަރު ކުރަމުންދާ ދަތުރުގައި މި ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު ސީދާ އީކްއޭޓަރ މަތިން ހުރަސްކޮށްފައި ދުނިޔޭގެ ދެކުނު ފަޅިޔަށް ބަދަލުވާނެއެވެ.
އެއީ، 22 ވަނަ ދުވަހުގެރޭ މާލޭ ގަޑިން 11:01 ގައެވެ. އެވަގުތު އިރު ހުންނާނީ ސީދާ އީކުއޭޓަރ މަތީގައެވެ. އީކްއޭޓަރ މަތީގައި އެވަގުތު އިރު ހުންނާނީ ދެކުނު އެމެރިކާގެ އެކުއަޑޯގެ ޖަޒީރާތަކެއް ކަމަށްވާ ޕެސިފިކް ކަނޑުގައި އޮންނަ Islabela Island އާ ދިމާއިން 13 ކިލޯމީޓަރ ހުޅަނގުގައި ސީދާ އީކްއޭޓަރ މަތީގައެވެ. އެވަގުތަކީ، މާލެއަށް މެންދަމާ ކައިރި ވަގުތެެއް ކަމަށްވާތީ އެވަގުތު އިރު ރާއްޖެއަށް ފެންނާކަށް ނުހުންނާނެއެެވެ.
ޚައްޠުއިސްތިވާ ފިޔަވައި އީކްއޭޓަރއަށް ދިވެހީން ކިޔައިއުޅޭ ޚާއްޞަ އެހެން ނަމެއް އެނގޭކަށް ނެތެވެ. ނަމަވެސް، ބޯދާ ޢިބާރާތުން ދުނިޔޭގެ މެދުދަނޑި ކަމަށް ދޮށީމީހުންކުރެ ނަކަތްތެރީން ކިޔާއަޑު އެހީމެވެ. އެގޮތަށް އެބަސް ބޭނުންކުރަނީ، އިރު ހިނގަނީ ތިން ދަނޑިއެއްގައި ކަމުގެ މާނައިގައި ބުނެއުޅޭ ބުނުންތަކުގައެވެ.
އެ މާނައިގައި މެދުދަނޑި ފިޔަވައި އިރު ހިނގާ އަނެެއް ދެ ދަނޑިއަކީ، އުތުރު ދަނޑިއާއި ދެކުނު ދަނޑިއެވެ. އުތުރު ދަނޑިއަކީ، ޓްރޮޕިކް އޮފް ކެންސަރއެވެ. ދެކުނު ދަނޑިއަކީ، ޓްރޮޕިކް އޮފް ކެޕްރިކޯންއެވެ. މެދުދަނޑިއަކީ، ޚައްޠުއިސްތިވާއެވެ. އެކަމަކު ޚައްޠުއިސްތިވާއަކީ، ޚާލިޞް ޢަރަބި ނަމެކެވެ. ދިވެހި ނަމެއް ނޫނެވެ.
ފަހެ، އިރުހަނދާއި ތަރިތަކާއި ގުރަހަތަކުގެ ހަރަކާތްތައް ޒަމާނުގެ (ވަގުތުގެ) ނިސްބަތުން ހިސާބުގެ އަލީގައި ދެނެގަތުމަށްޓަކައި ހޯދާ ބެލުމަކީ، ކުރާންވާނޭ ރަނގަޅު ކަމެކެވެ. އެއީ، ކީއްވެގެން ހެއްޔެވެ؟ އެއީ، އަހުރެމެންނީ މުސްލިމުން ކަމަށްވާތީއެވެ؟ ކައުނީ އެފަދަ ކަންކަން ދެނެގަތުމަކީ، ކީރިތި ޤުރުއާނުގެ އާޔަތްތަކުގައި ހުރި ކައުނީ ޙަޤީޤަތްތަކުގެ ތެރެއަށް ފީނޭ ފީނުމެއް ކަމަށްވާތީއެެވެ. އެކަމުގެ ސަބަބުން ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތެދުކަން ޢިލްމީގޮތުން ކަށަވަރުވާ ކަމަަކަށް ވާތީއެވެ.
ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ތެދުކަން ޢިލްމެއްގެ އަލީގައި ކަށަވަރު ކުރެވުމަކީ، އަހުރެމެންގެ ވެރިރަސްކަލާނގެ ވޮޑިގެންވާކަމުގެ ޢަޤްލީ ހެކިތަކުން މިންވަރެއް ކަޝްފުވުމުގެ ސަބަބުން އީމާންކަން އިތުރުވެ ހަރުދަނާވުމުގެވެސް ސަބަބަކަށް ވާތީއެވެ.
އެނަޒަރުން ކައުނީ ކަންކަމަށް ފިކުރު ހިންގުމަށްޓަކައި، ކީރިތި ޤުރުއާނަށް ބަލައިލާއިރު އާލު ޢިމްރާނު ސޫރަތުގެ 191 ވަނަ އާޔަތުން ފެށިގެން އެސޫރަތުގެ 194 ވަނަ އާޔަތުގެ ނިޔަލަށް އެހުރި އާޔްތަތަކުގެ މާނައިގެ މައްޗަށް ހަމައެކަނި ވިސްނައިލުމުންވެސް ކައުނުގެ ކަންކަމަށް ފިކުރު ހިންގައި ދެނެގަތުމުން ޙާޞިލްވާ އެއް ފައިދާއަކީ، މާތްރަސްކަލާނގެ ވޮޑިގެންވާކަމުގެ ހެކިތައް ކަށަވަރުވެ ދެނެގަތުމަށް އެކަލާނގެ ލެއްވި މައި އެއް ވަސީލަތަކީ ކައުނީ ޙަޤީޤަތްތައްކަން އެނގިފައި، އެކަންކަން ހުރީ އެފަދައިންކަން ރަނގަޅަށް އެނގި، ކަށަވަރު ކުރެވޭ ކަމެއެވެ.
އެފަދައިން ޔޫނުސު ސޫރަތުގެ 101 ވަނަ އާތުގެ މާނަޔަށް ވިސްނައިލުމުން އެ އާޔަތަކީ، އެފަދަ ކަންކަން ހޯދާ ބެލުމުގެ މައްޗަށް އޮތް އިލާހީ އަމުރުފުޅެއްކަންވެސް އެނގިފައި، ޤުރުއާނުގެ މަތިވެރި އާތަތަކުން ފަލަކުތަކާއި މަންޒިލް (ނަކަތް) ތަކާއި ބުރުޖު ތަކުގެ ވާހަކައާއި، އިރު ދަތުރުކުރުމުގެ ވާހަކައާއި ހިޔަނި ދެންމެވިގޮތުގެ މައްޗަށް ހުރި ޢިލްމީ ޙަޤީޤަތްތައް ދެނެގަނެވޭކަމީ ކުޑަކުޑަ ނިޢުމަތެއް ހެއްޔެވެ؟
ކީރިތި ޤުރުއާނުގެ ޢިލްމީ ޙަޤީޤަތްތަކުން ފަދައެއްވިޔަސް މަރުވުމުގެ ކުރީގައި ދެނެގަނެވި އީމާންކަމުގެ ފޮނިރަހަ ލިބިގަތުމަށްޓަކައި ފަލަކީ ނަޒަރުން އިރުހަނދާއި ތަރިތަކާއި ގުރަހަތަކުގެ ދައުރުވުން އަބަދުވެސް ބަލައި ނެގެގަތުމަކީ ނުކުރާންވީ ކަމެއް ނޫނެވެ.
އެހެނަސް، ހިތާމައަކީ، މިޒަމާނަކަށް އައިސް އަހުރެމެން މިކަންކަމާ ދުރުހެލިވެވޭ ކަމެވެ. އެފަދަ ކަންކަމުގެ އެނގުން ނެތެމުން ދާކަމެވެ. ހަމައެކަނި ފަލަކީ ޢިލްމުގެ ބާވަތްތަކުން ނިޔަމިކަމާވެސް ގިނަބަޔަކު ދުރުވެފައިވާ ކަމެވެ. ފަލަކީ ޢިލްމުގެ ޢަދަދު ނުވާހައި ގިނަ ބާވަތްތަކުގެ ތެރެއިން ހަމައެކަނި ފަލަކެއް ބެހިގެންވާ ގޮތާއި ފަލަކެއްގައި ނަކަތްތައް ތަރުތީބު ވެގެންވާ ގޮތާއި ބުރުޖުތައް އެކުލެވިގެންވާ ގޮތާއި މިކަންކަމުގެ އެނގުންވެސް މުޅީންހެން ނެތިފައިވާކަމެވެ.
އަދި ޚާއްޞަކޮށް ޒަމާން (އަހަރާއި މައްސަރުތަކާއި ދުވަހާއި ގަޑިއާއި ސިކުންތުގެ) ދެނެގަތުމުގެ އަޞްލަކީ، ކައުނުގައި އިރު އެދުވަހަކު ހުންނަ ފަލަކީ ޕޮޒިޝަންކަމުގެ މަފްހޫމުވެސް ނެތިފައިވާ ކަމެވެ.
ކަލަންޑަރުގައި ހުންނަ 365 ގޮޅިއަކީ ފަލަކުގައި އެދުވަހަކު އިރު ހުރިތަން ބަލައިގެން ކަށަވަރު ކުރެވިފައިވާ ދުވަހުގެ ޢަދަދެއްކަމުގެ އެނގުންވެސް މިއަދު ނެތިގެން ގޮސްފައިވާކަމެވެ.
އެހެންވީމާ، ކައުނީ ކަންކަން ހޯދައި ދެނެގަތުމަށްޓަކައި އަބަދުވެސް ފާރަވެރިވެ ބެލުމަކީ، މުސްލިމުންގެ ޢަޤީދާއަށްޓަކައިވެސް ކުރަން ޖެހޭކަމެއް ވަރަށް މުހިއްމު ކަމެއްކަމަށް މެނުވީ އަޅުގަނޑަކަށް ނުވިސްނެއެވެ.
