އޮބްސެސިވް ކޮމްޕަލްސިވް ޑިސޯޑަރ ނުވަތަ އޯސީޑީ އަކީ މީހެއްގެ ސިކުނޑިއަށް ވަންނަ ނޭދެވޭ ހިޔާލުތަކާއި، އެ ހިޔާލުތަކުގެ ސަބަބުން އުފެދޭ ކަންބޮޑުވުން ކުޑަކުރުމަށް، ކުރެވޭ ތަކުރާރު އަމަލުތަކުގެ މައްޗަށް ބިނާވެފައިވާ ނަފްސާނީ ބައްޔެކެވެ. ދިވެހިންގެ ތެރޭގައި މި ބައްޔަށް ޝައްކު ބައްޔޭ ވެސް ކިޔައި އުޅެއެވެ. އޯސީޑީ ބެހިގެންވަނީ މައިގަނޑު ދެ ބަޔަކަށެވެ.
އޮބްސެޝަން:
މިއީ މީހެއްގެ ސިކުނޑިއަށް އެމީހެއްގެ ބާރެއް ނެތި ވަންނަ ނޭދެވޭ ހިޔާލުތަކެވެ. މި ހިޔާލުތަކުގެ ތެރޭގައި ޖަރާސީމު ދެކެ ގަންނަ ބިރު، އެހެން މީހަކަށް ތިމާގެ ގަސްތަކާ ނުލާ ގެއްލުމެއް ދެވިދާނެ ކަމުގެ ބިރު، ހުރިހާ ކަމެއް ފުރިހަމައަށް ނުހުރެއްޖެނަމަ ސިކުނޑިއަށް ލިބޭ ތުރާ ހިމެނެއެވެ. ބައެއް ފަހަރު މި ހިޔާލުތަކަކީ މާނައެއް ނެތް ހިޔާލުތަކެއްކަން ވިސްނުނަސް، މި ހިޔާލުތަކާ ދުރަށް ނުދެވުމުގެ ސަބަބުން މީހާއަށް ކަންބޮޑުވުމުގެ އަސަރުތަކެއް ކުރެއެވެ.
ކޮމްޕަލްޝަން:
އޮބްސެޝަންސް ނުވަތަ ސިކުނޑިއަށް ވަންނަ ނޭދެވޭ ޚިޔާލުތަކުގެ ސަބަބުން އުފެދޭ ކަންބޮޑުވުން ކުޑަކުރުމަށްޓަކައި މީހާއަށް ވަކި އަމަލުތަކެއް ނުވަތަ އާދަތަކެއް ތަކުރާރުކޮށް ކުރަން މަޖުބޫރުވެއެވެ. މިސާލަކަށް ގިނައިން އަތްދޮވުން، ދޮރު ތަޅުލެވުނުތޯ ތަކުރާރުކޮށް ޗެކް ކުރުން، ކަރަންޓު އެއްޗެހި ނިވިފައިވޭތޯ ތަކުރާރުކޮށް ޗެކްކުރުން، ރަނގަޅަށް ގައި ސާފުނުވެ ހުންނަ ކަމަށް ވިސްނި އަބަދު ގައިންތާހިރުވާން މަސައްކަތް ކުރުން، ތަކެތި ތަރުތީބުކުރުން، ސިކުނޑީގައި ދުއާތައް ނުވަތަ ޖުމްލަތައް ތަކުރާރުކުރުން ހިމެނެއެވެ.
މި އަމަލުތައް ކުރުމުން މީހާއަށް ވަގުތީ ހިތްހަމަޖެހުމެއް ލިބުމުން ސިކުނޑިން ގަބޫލުކުރަން ފަށަނީ އެފަދަ ނޭދެވޭ ހިޔާލުތަކާ ދުރަށް ދާން އެ އަމަލު ދެންވެސް ތަކުރާރުކުރަން ޖެހޭ ކަމަށެވެ. އެހެން ކަމުން އަނެއްކާވެސް އޭރު އައި ނޭދެވޭ ހިޔާލުތައް ވަރުގަދަވާން ފަށައެވެ. އަދި އެ ޚިޔާލުތަކުން އުފެދޭ ކަންބޮޑުވުމާ ދުރަށް ދާން ތަކުރާރުކޮށް އަމަލުކުރަން މަޖުބޫރުވެއެވެ.

އޯސީޑީ އާއި ޕަރފެކްޝަނިޒަމްގެ ތަފާތު
ފްރެންޑްސް ސީރީސްގައި އުޅޭ މޮނިކާގެ ގައިގައި ހުންނަ ތާހިރުކުރުމާއި ތަރުތީބު ގޮތް ފެނިފައި ވަރަށް ގިނަ މީހުން އެގޮތަށް ކަންކަން ބަހައްޓާ މީހުންނަށް އެއީ ކުޑަކޮށް އޯސީޑީ މީހުންނޭ ކިޔައި އުޅެއެވެ. ނަމަވެސް ހަގީގީ އޯސީޑީ މީހުންނާއި މިގޮތަށް ތަން ތަރުތީބުކުރަން އުޅޭ ޕަރފެކްޝަނިސްޓް މީހުންނާ ދެމެދު ވަރަށް ބޮޑު ތަފާތެއް ވެއެވެ.
ތަން ސާފުތާހިރުކޮށް ބަހައްޓަން ކަންތައް ކުރާ މީހާ، (ޕަރފެކްޝަނިސްޓް) އަށް އުނދަގޫވަނީ އެތަނެއް ނުވަތަ ކަމެއް އެންމެ ރަނގަޅަށް ނުދިޔުމުންނެވެ. އެތަނެއް ސާފުވެ ތަރުތީބު ވުމުން ހިތްހަމަޖެހި އުފާވެރިކަން ލިބެއެވެ. ނަމަވެސް އޯސީޑީ ހުންނަ މީހާ ތަނެއް ސާފުކުރަނީ އެތަން ސާފުނުވެ އޮވެއްޖެނަމަ ނުކުމެދާނެ ކަމަށް ސިކުނޑި ބުނެދޭ ބިރުވެރިކަމަކުން ސަލާމަތްވުމަށެވެ. އޭނާ އެ ކަންތައް ކުރަނީ އެ ޚިޔާލުގެ ސަބަބުން އޭނާގެ ސިކުނޑިއަށް ލިބިފައިވާ ކަންބޮޑުވުމެއް ފިލުވުމަށްޓަކައެވެ. އެ ކަންބޮޑުވުމާ ދުރަށް ދިޔުމަށް ކުރާ އަމަލުތަކުން ހިތްހަމަޖެހުމެއް ނުލިބޭ ތާނގައި އެކަމުގެ ސަބަބުން ލިބެނީ އިތުރު ކަންބޮޑުވުމެވެ.
އޯސީޑީ ޖެހޭ ސަބަބަކީ ކޮބައި؟
އޯސީޑީ ތަހައްމަލުކުރަން ޖެހޭ އަސްލު ސަބަބެއް އޮޅުން ފިލައިފައެއް ނުވެއެވެ. ވަރަށް ގިނަ މީހުންނަށް މިބަލި ޖެހިފައިވަނީ އާއިލާގެ ތެރެއިން ވާރުތަވެގެންނެވެ. ސިކުނޑިން އުފައްދާ ނިއުރޯ ޓްރާންސްމިޓާރސްތަކުގެ ތެރެއިން "ސެރޮޓޮނިން" ހަށިގަނޑުގެ ތެރޭގައި ދެމެހެއްޓުމުގެ ބާރު ދަށްވުމުން ކަމަށް ދެނެގަނެވިފައި ވެއެވެ.
ޑރ. ލެސްލީ ސޮލްޔޮމްގެ ހޯދުން
ސައިންޓިސްޓުންނަށް އޯސީޑީއާ އެންމެ ބޮޑަށް ގުޅުން ހުރިކަމަށް ހޯދިފައިވާ ސިކުނޑީގެ ސަރަހައްދަކީ "ލެފްޓް ފްރޮންޓޯ ބޭސަލް ގެންގްލިޔާ" ކިޔާ ބައެކެވެ. މި ސަރަހައްދު ނަފުސާނީ ސިއްހީ ދާއިރާގެ މީހުންގެ ސަމާލުކަމަށް އައީ 1988 ވަނަ އަހަރު އެމެރިކާގެ ސައިކިއާޓްރިސްޓެއް ކަމަށްވާ ލެސްލީ ސޮލްޔޮމް އޭނާ ފަރުވާ ދިން 19 އަހަރުގެ ޕޭޝަންޓަކާ ބެހޭގޮތުން ހަދައިފައިވާ ކޭސް ސްޓަޑީއަކުންނެވެ. ސޮލްޔޮމްގެ ޕޭޝަންޓަކީ އޯސީޑީއަށް ފަރުވާކޮށްގެންވެސް ލުޔެއް ނުލިބުނު މީހެކެވެ. އޭނާއަށް ވަމުންދާ އުނދަގުލުން ސަލާމަތްވުމަށް އޭނާ އުޅުނީ އަމިއްލައަށް ބޮލަށް ބަޑިޖަހައިގެން އަމިއްލައަށް މަރުވާށެވެ.
އެކަން ކޮށްގެން އޭނާ މަރެއް ނުވިއެވެ. ނަމަވެސް އެ ވަޒަން ވަދެގެން ގޮސް ހަލާކުވީ ސިކުނޑީގެ ވަކި ސަރަހައްދެކެވެ. އެއީ ލެފްޓް ފްރޮންޓޯބޭސަލް ގޭންގްލިއާއެވެ. މިހާރު އެނގިފައިވާ ގޮތުގައި މިއީ އޯސީޑީގެ އަމަލުތަކާ ގުޅުން ހުރި ސިކުނޑީގެ ބައެކެވެ. މި ހާދިސާއަށްފަހު އޭނާގެ ކޮމްޕަލްޝަންތައް ގެއްލުނެވެ. އެތަކެއް އަހަރެއް ވަންދެން އުނދަގޫކުރަމުން އައި ތަކުރާރު އަމަލުތަކާއި ނޭދެވޭ ޚިޔާލުތައް ނެތިދިޔައެވެ. މި ހާދިސާއިން އޯސީޑީ ސިކުނޑީގައި މަސައްކަތް ކުރަނީ ކިހިނެތްކަން ދެނެގަންނަން ފަސޭހަވިއެވެ. އަދި ޑީޕް ބްރެއިން ސްޓިމިއުލޭޝަން ފަދަ އައު ފަރުވާތައް އުފެއްދުމަށް މަގުފަހިވިއެވެ.

މިކަމަށް އޮތް ފަރުވާއަކީ ކޮބައި؟
އޯސީޑީ އަކީ ފަރުވާ ހޯދުމަށް އުނދަގޫ ބައްޔެކެވެ. ނަމަވެސް ގިނަ މީހުންނަށް ރަނގަޅު ފަރުވާގެ އެހީގައި މިކަން ރަނގަޅަށް ކޮންޓްރޯލްކުރެވެއެވެ.
މިކަމުގައި ދެވޭ އެންމެ މަގުބޫލު ފަރުވާތަކުގެ ތެރޭގައި:
އެކްސްޕޯޝަރ އެންޑް ރެސްޕޮންސް ޕްރިވެންޝަން (އީއާރްޕީ):
މިއީ ކޮގްނިޓިވްބިހޭވިއަރަލް ތެރަޕީގެ ސީބީޓީ ބާވަތެކެވެ. މި ތެރަޕީގެ ސަބަބުން މީހާއަށް ބިރު އިހުސާސްކުރެވޭ ޚިޔާލުތަކާ ހާލަތްތައް ދެނެގަނެ އެކަމާ ކުރިމަތިލާން ދަސްކޮށްދެއެވެ. އަދި ކަންބޮޑުވުންތަކާ ދުރަށް ދާން ތަކުރާރުކޮށް ކުރާ އަމަލުތައް ނުކޮށް ވަގުތުކޮޅެއް ހަމަޖެހިލަން ނަގަން ދަސްވެއެވެ. ކަންބޮޑުވުންތަކާ ކުރިމަތިލާނެ އާ ގޮތްގޮތް ދަސްވެއެވެ.
އެކްސެޕްޓަންސް އެންޑް ކޮމިޓްމަންޓް ތެރަޕީ (އޭސީޓީ):
މީގެ އެހީގައި މީހުންނަށް ދަސްވަނީ ސިކުނޑިއަށް ވަންނަ ނޭދެވޭ ހިޔާލުތަކަކީ ހަމައެކަނި ހޔާލުތަކެއްކަން ދެނެގަނެ އެ ޚިޔާލުތަކަށް ޖާގަދިނުމެވެ.
ވަރަށް ގިނަ ހާލަތްތަކުގައި ބޭސް ހާއްސަކޮށް މަތީ ޑޯޒްގެ އެސްއެސްއާރްއައި ބޭނުންކުރަން ފެށުމުން ފައިދާ ކުރެއެވެ.

އޯސީޑީ ބަލި ތަހައްމަލު ކުރި މީހުން ތެރެއިން ކާމިޔާބު ކޭސެއް:
އޯސީޑީގެ ސަބަބުން ދިރިއުޅުން ވަރަށް ދަތިވި އެކަކަކީ މިހާރު އެމެރިކާގެ ނަފުސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރާ އެންޖީއޯ "ޕީސް އޮފް މައިންޑް"ގެ ބާނީ ޑރ. އެލިޒަބަތު މިކްއިންގްވޭލްއެވެ. ޑރ. މިކްއިންގްވޭލް ކިބައިގައި އޯސީޑީ ހުރި ކަމަށް ޑައިގްނޯސްކުރީ އޭނާގެ އުމުރުން 12 އަހަރުގައެވެ. އޭރު އޭނައަށް ނޭދެވޭ ޚިޔާލުތަކުގެ ސަބަބުން ނުކުންނަ ކަންބޮޑުވުންތަކާ ދުރުވުމަށް ތަކުރާރުކޮށް ކުރާ އަމަލުތައް ކުރުން ހައްދުފަހަނައަޅައިގެން ގޮސް ދިރިއުޅެން ދަތިވިއެވެ. އޭނާގެ ސިކުނޑިއަށް ވަންނަ ނޭދެވޭ ޚިޔާލުތަކަކީ ދީނީ ކަންކަމާ ގުޅިގެން އަންނަ ޚިޔާލުތަކެވެ. އެ ޚިޔާލުތަކުން ނުކުންނަ ކަންބޮޑުވުމާ ދުރަށް ދިޔުމަށް ބައެއް އަމަލުތައް އޭނާ 42 ފަހަރު ތަކުރާރުކޮށް ކުރިއެވެ. ދުވާލެއްގެ މައްޗަށް އޭނާ 100 ފަހަރު އަތްދޮވެއެވެ.
ފަހުން އޭނާއަށް އޯސީޑީގެ މައްޗަށް ގަދަވެވުނީ 18 އަހަރުގައި އެކްސްޕޯޝަރ އެންޑް ރެސްޕޮންސް ޕްރިވެންޝަން ތެރަޕީ ނަގައިގެންނެވެ. މިއަދު އޭނާއަކީ އޯސީޑީއަށް ޚާއްޞަ ފަރުވާދޭ ސެންޓަރެއް ހިންގާ މީހެކެވެ. އޭނާއަކީ އޯސީޑީން ނުކުތުމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވަން ވާހަކަ ދައްކާ މީހެކެވެ.
އޯސީޑީ ހުންނަ ކަމަށް ޝައްކުވާނަމަ:
ތިމާގެ ކިބައިގައި ނުވަތަ ލޯބިވާ މީހެއްގެ ކިބައިގައި އޯސީޑީ ހުރިކަމަށް ޝައްކުކުރެވޭނަމަ ފުރަތަމަ ކުރަންވީ ކަމަކީ ނަފްސާނީ ޞިއްޙީ މާހިރެއްގެ ކައިރިން އެކަންތައް ޔަގީން ކުރުމެވެ. އޯސީޑީ އަކީ އުނދަގޫ ނަމަވެސް ފަރުވާކުރެވޭނެ ބައްޔެކެވެ. މިކަން ތަހައްމަލުކުރާ މީހުންނަށް ރަނގަޅު ފަރުވާ ލިބިއްޖެނަމަ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިވެގެން ދެއެވެ.
- ތަރުޖަމާއެއް

One Response
އިޖާޒާ ގެންދަވަނީ ވަރަށް މުހިންމު މައުޟޫއުތަކަށް، ވަރަށް ރަނގަޅު ލިޔުންތައް ލިޔުއްވަމުންނެވެ. އަޅުގަނޑުގެ ކަންބޮޑުވުން އޮތީ މިފަދަ ބޭނުންތެރި މައުލޫމާތު ތަނަވަސް ލިޔުންތައް ކިޔާ ބޭފުޅުން މަދުހެން ހީވާތީއެވެ. އެކަން އާލާކުރަން މާބޮޑު މަސައްކަތެއް ކުރެވެމުން ދާހެން ހީނުވާތީ ވެސްމެއެވެ.