އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއް ކަމަށްވާ ސްކޮޓްލޭންޑަށް ކުރެއްވި ފަސް ދުވަހުގެ ދަތުރުގައި އެމެރިކާގެ ސިއްރު ސިފައިންގެ މީހަކު އޭނާގެ އަނބިމީހާ އެ ގައުމަށް ވަގަށް އެތެރެކުރަން އުޅެނިކޮށް އެ ކަން ފަޅައިއަރައި، ރަސްމީ އިދާރާތަކުން އެ ކަން ހުއްޓުވައިފިއެވެ.
ޓްރަމްޕްގެ ދަތުރު، އެމެރިކާގެ ރައީސްގެ ރަސްމީ މަތިންދާބޯޓު، އެއާ ފޯސް ވަންގައި އިއްޔެ ނިންމަވައިލެއްވިއިރު، ދަތުރުގައި ސިއްރު ސިފައިންގެ މީހާ އޭނާގެ އަނބިމީހާ ސްކޮޓްލޭންޑަށް އެތެރެކުރަން އުޅުނީ ޓްރަމްޕްގެ ދަތުރުގައި ބައިވެރިވި އެމެރިކާ ސަރުކާރު މުވައްޒަފުންނާއި ދަތުރާ ގުޅޭ އާލާތްތައް ސްކޮޓްލޭންޑަށް ފޮނުވި އެހެން މަތިންދާބޯޓެއްގައި ކަމަށް އިނގިރޭސި ވިލާތުގެ ޓެލެގްރާފް ނޫހުން ރިޕޯޓްކުރިއެވެ.
ސިއްރު ސިފައިންގެ މީހާގެ އަނބިމީހާއަކީ އެމެރިކާގެ ވައިގެ ސިފައިންގެ މުވައްޒަފެކެވެ. ޓެކްސަސް ސްޓޭޓްގެ ޑަލަސްއިން މޭރީލޭންޑަށް ގެނެސް، ބަންދު ފަސް ދުވަސް މަސައްކަތް ކުރާ ދުވަސްތަކެއް ގޮތަށް ހަމަޖައްސަވައި، ސްކޮޓްލޭންޑަށް ޓްރަމްޕް ކުރެއްވި ދަތުރުގެ ތަފުސީލު، އެމެރިކާގެ ސިއްރު ސިފައިންގެ އިސްވެރިން ދިން ބްރީފިންގައި ވެސް، އަނބިމީހާ ބައިވެރިވިއެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒު، ޖޮއިންޓް ބޭސް އެންޑްރޫސްގެ މެހެމާނުން މަޑުކުރާ ލައުންޖަށް އަނބިމީހާ ގެންދިޔައީ ބަހުގައެވެ. އެ ތަނުން އޭނާގެ އައިޑެންޓިޓީ ހާމަވެ، އަނބުރާ ދިއުމަށް އަމުރުކުރިއެވެ.
އެމެރިކާގެ ރައީސްގެ ރަސްމީ މަތިންދާބޯޓު، އެއާ ފޯސް ވަންއަށް އަނބިމީހާ ނާރުވައި، ސަރުކާރު މުވައްޒަފުންނާއި ދަތުރާ ގުޅޭ އާލާތްތައް ފޮނުވި މަތިންދާބޯޓުގައި އަނބިމީހާ ސްކޮޓްލޭންޑަށް ވަގަށް ވައްދަން މަސައްކަތްކުރީ ކަމަށް ޓެލެގްރާފުން ރިޕޯޓްކުރިއެވެ.
"އެމެރިކާގެ ސިއްރު ސިފައިންނަށް ޓެލެގްރާފުން ފޮނުވި ސުވާލުތަކަށް އެ އިދާރާއިން އަވަސް ޖަވާބެއް ނުދިން،" ޓެލެގްރާފްގެ ހަބަރުގައި ލިޔެފައިވެއެވެ.
އެމެރިކާގެ ސިއްރު ސިފައިންގެ ތަރުޖަމާނު އެންތަނީ ގުގްލިއަލްމީ ބުނީ ޓްރަމްޕްގެ ދަތުރުގެ "މިޝަން ސަޕޯޓް ފްލައިޓް" ނުވަތަ އެ ދަތުރުގެ ކަންތައްތަކަށް ހިދުމަތް ދޭ ފްލައިޓަށް އެރުމަށް ސިއްރު ސިފައިންގެ "މުވައްޒަފަކު އޭނާގެ، އެމެރިކާ ވައިގެ ސިފައިންގެ މުވައްޒަފެއް ކަމަށްވާ އޭނާގެ އަނބިމީހާއަށް، ދިން ދައުވަތާ ގުޅޭ ގޮތުން އެމެރިކާގެ ސިއްރު ސިފައިންގެ މުވައްޒަފުންނާ ގުޅޭ ތަހުގީގެއް ހިންގަމުން އަންނަ" ކަމަށެވެ.
"އެ މަތިންދާބޯޓު ވެސް އޮޕަރޭޓް ކުރަނީ އެމެރިކާގެ ވައިގެ ސިފައިން. އެއީ މުވައްޒަފުންނާއި އާލާތްތައް ގެންގޮސް ގެނެސް ހަދާ ވައިގެ އުޅަނދެއް،" އެންތަނީ ދިން ބަޔާނެއްގައި ބުންޏެވެ.
އޭނާ ބުނީ ސްކޮޓްލޭންޑަށް ދަތުރު ފެށުމުގެ ކުރިން، އެ ފަދަ އަމަލެއް ނުކުރެވޭނެ ކަމަށް ސުޕަވައިޒަރުން ފިރިމީހާއަށް އެންގި ކަމަށެވެ.
"އެއާ ވިދިގެން ފްލައިޓަށް އެރުމަށް އަނބިމީހާއަށް ވަގުތުން ހުރަސްއެޅި،" އެންތަނީ ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެ ވަގުތު ފްލައިޓްގައި، ހަށިފާރަވެރި ގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ރަސްމީ ގޮތުންދީފައި އެއްވެސް މީހަކު ނެތް ކަމަށާއި އެ ފަދަ ސަލާމަތީ އޮޕަރޭޝަނަކަށް "އެއްވެސް އަސަރެއް ނުކުރާ" ކަމަށެވެ.
އެމެރިކާގެ ސިއްރު ސިފައިންގެ ހިދުމަތުގައި ސަލާމަތީ މައްސަލައެއް އުޅެފާނެކަމުގެ ހަބަރު ފެތުރުނީ ޓްރަމްޕްގެ ސްކޮޓްލޭންޑް ދަތުރު އިއްޔެ ނިންމަވައިލެއްވުމާއެކު ކަމަށް ޓެލެގްރާފުން ރިޕޯޓްކުރިއެވެ.
ސްކޮޓްލޭންޑްގައި ގޮލްފް ކުޅުއްވިޔަސް ދަތުރަކީ ޓްރަމްޕްގެ "ޓްރަމްޕް އިންޓަނޭޝަނަލް ގޮލްފް ލިންކްސް އެބަޑީން"ގެ ނަން ކިޔާ އޭނާގެ އައު ގޮލްފް ކުޅޭ ދަނޑެއް ހުޅުއްވި ދަތުރެއް ވެސް މެއެވެ.
ދަތުރުގައި ޓްރަމްޕް ވަނީ އިރާންގެ ނިއުކްލިއަ ޕްރޮގްރާމް ދާދި އަވަހަށް ފަނާކޮށްލައްވައިނެ ކަމަށް އިރާނަށް ވަރުގަދަ އައު އިންޒާރެއް ދެއްވައިފައެވެ.
ޓްރަމްޕްގެ "ވޯކިން ހޮލިޑޭ" ނުވަތަ ޗުއްޓީގައި މަސައްކަތްކުރެއްވުމުގެ މި ދަތުރުގައި އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއް ގޮތަށް ހިންގާ ސްކޮޓްލޭންޑަށް ކުރެއްވި ޒިޔާރަތުގައި ޓްރަމްޕް ވަނީ ސްކޮޓްލޭންޑްގެ ސަރުކާރުގެ ވެރިޔާ ނުވަތަ "ފަސްޓް މިނިސްޓަރު" (ލަފުޒީ މާނައިން "ފުރަތަމަ ނުވަތަ އިސް ވަޒީރު") ކަމަށްވާ ޖޯން ސްވީނީއާ ވާހަކަ ދައްކަވައިފައެވެ.
މީގެ އިތުރުން ބައްދަލުކުރެއްވުންތަކެއް ބާއްވަވައި، އިނގިރޭސި ވިލާތުގެ ދައުލަތުގެ ބޮޑު ވަޒީރު ކެއާ ސްޓާމާއެކު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވައިފައެވެ.



advertisment