ޓައިވާންގައި ބޭއްވި އިންޓަރނޭޝަނަލް ގުޑި އެއްލުމުގެ ފެސްޓިވަލެއްގައި އުދުއްސާލި ބޮޑު ގުޑިއެއްގެ ނިގުލުގައި ތިން އަހަރުގެ ކުޑަ އަންހެން ކުއްޖަކު ޖައްވަށް 100 ފޫޓަށްވުރެ މައްޗަށް އެރުމަށްފަހު ސަލާމަތްވިތަން އާދިއްތަ ދުވަހު ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެނިގެން ހިނގައްޖެއެވެ. ގަދަ ވައިގެ ތެރޭގައި އެ ކުޑަ ކުއްޖާ މައްޗަށް އަރައިން ދިޔަތަން ފެނުމުން ބަލަން ތިބި މީހުންގެ ހަޅޭކުގެ އަޑު ވީޑިއޯއިން އިވެއެވެ.
ގާތްގަނޑަކަށް 30 ސިކުންތު ވަރު ފަހުން، ގުޑި ކޮންޓްރޯލްކޮށް، އެއްވެ ތިބި މީހުން އެކުއްޖާ ބިމާ ހަމައަށް ވަނީ ގެނެސްދީފައެވެ.
ލިން ނަމަކަށް ކިޔާ މިކުއްޖާ ސަލާމަތުން ތިރިކުރެވުނުއިރު ލިބިފައި ހުރި ހަމައެކަނި އަނިޔާ އަކީ ގައިގެ ބައެއް ތަންތަނުން ކުޑަކޮށް ކަފައިން ދިޔުން ކަމުގައިވުމުން ބައެއް ރިޕޯޓަރުން ހައިރާންކަން ފާޅުކޮށްފައިވެއެވެ.