Support Us

ކޮލަމް ކޯދު: އުމަރު އަލް މުޚްތާރުގެ ޝަރީއަތުގެ ތެރެއިން

އިޓަލީގެ އަނިޔާވެރި އިސްތިއުމާރުގެ ބާރުގެ ދަށުން ލީބިޔާ މިނިވަންކުރުމަށްޓަކައި އެ އިސްތިއުމާރީ ބާރާ ދެކޮޅަށް ޖިހާދުކުރެއްވި ސަހަރާގެ ސިންގާގެ ނަމުން މަޝްހޫރުވެފައިވާ ލީބިޔާގެ މުޖާހިދު ޝައިޚު އުމަރު އަލްމުޚްތާރު، ލީބިޔާގެ އިސްތިއުމާރުގެ ބާރާ އެއްކޮޅަށް ހަނގުރާމަ ކުރި ލީބިޔާގެ ބައެއް ހަނގުރާމަވެރިންގެ އަތްދަށުވެ،- (ގައުމުތަކުގެ މިނިވަންކަން ގެއްލި، އަދި، އިސްތިއުމާރީ ބާރުތަކަށް ގައުމުތަކުގައި ދެމި ތިބެވެނީ އެ ގައުމުތަކުގެ މަދު ޣަދަރުވެރި ޚާއިނުންގެ ސަބަބުންކަން މިތާނގައި ވެސް ފާހަގަކޮށްލަން ޖެހެއެވެ!-) އިޓަލީގެ އިސްތިއުމާރުގެ އަސްކަރީ ކޯޓަކަށް ހާޒިރު ކުރެވި، ނަމެއްގައި ޝަރީއަތްކުރެވުނެވެ. ތިރީގައި އެވަނީ އެ ޝަރީއަތުގައި މަރްހޫމު ޝައިޚް އުމަރު އަލްމުޚްތާރާ ކުރެވުނު ސުއާލުތަކާއި އެ ސުއާލުތަކަށް އޭނަ ވިދާޅުވި ޖަވާބުތަކެވެ.

އަސްކަރީ ފަނޑިޔާރު: އިޓަލީގެ ދައުލަތާ އިދިކޮޅަށް އިބަ ހަނގުރާމަ ކުރިން ހެއްޔެވެ؟

އުމަރު: އާނއެކެވެ.
އަސްކަރީ ފަނޑިޔާރު: އިޓަލީ ދައުލަތާ އިދިކޮޅަށް ހަނގުރާމަކުރަން މީސްތަކުންނަށް ހިއްވަރުދީ އިބަ ބާރު އެޅިން ހެއްޔެވެ؟
އުމަރު: އާނއެކެވެ.
އަސްކަރީ ފަނޑިޔާރު: އެކަމުގެ އަދަބަކީ ކޮބައިކަން އިބަ ދެނަހުރީމު ހެއްޔެވެ؟
އުމަރު: އާނއެކެވެ.
އަސްކަރީ ފަނޑިޔާރު: ތިޔަ ބުނާ ކަންކަމަށް ހަމަ ހޭގައި ހުރެ، އިބަ އިއުތިރާފުވަމު ހެއްޔެވެ؟
އުމަރު: އާނއެކެވެ.
އަސްކަރީ ފަނޑިޔާރު: ތިޔަ ގޮތަށް، އިޓަލީގެ ވެރިކަމުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރާތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟
އުމަރު: ވިހި އަހަރު ވެއްޖެއެވެ.
އަސްކަރީ ފަނޑިޔާރު: އެކަން ކުރެވުނީތީވެ އިބަ އެކަމާ ހިތާމަކުރަން ހެއްޔެވެ؟
އުމަރު: ނޫނެކެވެ.
އަސްކަރީ ފަނޑިޔާރު: އެކަމުގެ އަދަބެއްގެ ގޮތުން، އިބަ ދަންޖައްސައި މެރޭނެކަން އިބައަށް އެނގޭ ހެއްޔެވެ؟
އުމަރު: އާނއެކެވެ.
އަސްކަރީ ފަނޑިޔާރު: އިބަގެ ނިމުން މިފަދަ ގޮތަކަށް އަޔަތީވެ، އަހުރެން އެކަމާ ހިތާމަކުރަމެވެ.
އުމަރު: އެކަމާ ފަހަރެއްގައި ވެސް އަހަރެން ހިތާމައެއް ނުކުރަމެވެ. އަދި ކިއެއް ހެއްޔެވެ؟ އަހަރެން ދެކޭ ގޮތުގައި އަހަރެންގެ ހަޔާތް ނިންމާލުމަށް އޮތް އެންމެ ހެޔޮ ގޮތަކީ މިއެވެ.

ދެން، އަސްކަރީ ކޯޓުގެ ފަނޑިޔާރު، އުމަރު އަލްމުޚްތާރު ކުރެން އެދުނެވެ. އިބަ، އިބަގެ މުޖާހިދުންގެ ކިބައިން އިޓަލީގެ އަސްކަރީ ބާރުތަކާ އިދިކޮޅަށް ހަނގުރާމަ ނުކުރުމަށް އިލްތިމާސްކޮށް އެއްޗެއް ލިޔެ، ބުނެލަދޭށެވެ. އޭރުން އިބައަށް ފުރިހަމަ މާފެއް ދެވޭނެއެވެ.

ދެން، ސަހަރާގެ ސިންގާ، މަރުހޫމު އުމަރު އަލްމުޚްތާރުގެ، މަޝްހޫރުވެގެން ދިޔަ، އެ ބަސްފުޅު ވިދާޅުވިއެވެ. "ކޮންމެ ނަމާދެއްގައި، لا اله الا الله وأن محمدا رسول الله، ކިޔައި، ޝަހާދަތުގެ ދެކަލިމައަށް ހެކިވާ އަހަރެންގެ މި ޝަހާދަތް އިނގިއްޔަކުން، ބާތިލު އެއްޗެއް ނުލިޔެވޭނެއެވެ."

ދެން، 1931 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު، ވިއްސަކަށް ހާސް މީހުންގެ ކުރިމަތީގައި ދަންޖެއްސުނެވެ. ދެން، ދެ ރަކުއަތް ނަމާދެއް ކުރެއްވުމަށް ފަހު، ދަންޖެއްސުމުގެ އަށްޓަށް އެރުވުމުން، ތިރީގައިވާ އާޔަތްކޮޅު ކިޔަވާ ވިދާޅުވިއެވެ: "يا أيتها النفس المطمئنة، ارجعي إلى ربك راضيةً مرضية، فادخلي في عبادي وادخلي جنتي" (އޭ ހަމަޖެހުން ލިބިފައިވާ ނަފްސާއެވެ! (އަމިއްލަ ނަފްސާ މެދު) ރުހިގެން ހުރެ، އަދި، (މާތްރަސްކަލާނގެ ރުހިވޮޑިގަތުން) ލިބިގެން ހުރެ ތިޔަ ނަފްސުގެ ސާހިބުވަންތަ ރަސްކަލާންގެ ހަޟުރަތަށް އެނބުރިދާށެވެ. ދެން، ތިމަން ރަސްކަލާނގެ (ހެޔޮ) އަޅުތަކުންގެ ތެރެއަށް ވަންނާށެވެ. އަދި، ތިމަން ރަސްކަލާނގެ ސުވަރުގެއަށް ވަންނާށެވެ.

ސަހަރާގެ ސިންގާ، ޝައިޚު އުމަރު އަލްމުޚްތާރަށް، ހެޔޮ ރަހުމަތްލައްވައި، ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށިއެވެ. އަދި، އެ ފަދަ ކެރޭ، އަދި އިސްލާމް ދީނުގެ މަގުގައި ސާބިތުވެ ތިބެ، ހައްގަށް ނަސްރުދިނުމުގައި ކުރިއަށް ދާނޭ އާ ގާއިދުންތަކެއް މުސްލިމުންގެ ތެރެއިން ނެރެދެއްވާށިއެވެ! އާމީން.