Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: އިސްލާމީ އުއްމަތުގެ އެއްބައިވަންތަ ކަމަށް ގޮވައިލެއްވި ހުރިހާ ލީޑަރުން އަވަހާރަކޮށްލީ ކީއްވެ؟

އެއީ 1974 ވަނަ އަހަރެވެ. އިސްލާމީ އުއްމަތުގެ އެއްބައިވަންތަ ކަމަށް ގޮވާލައި، އިސްލާމީ ދައުލަތްތަކުގެ މުނައްޒަމާއެއް، އާދެ، އޯ.އައި.ސީގެ ދެވަނަ ކޮންފަރެންސް ބޭއްވިއެވެ. ފެބްރުއަރީ 22-24 އަށް، ޕާކިސްތާނުގެ ލާހޯރުގައެވެ. މި ކޮންފަރެންސްގައި އިސްލާމީ ހުރިހާ ޤައުމުތަކެއްގެ ލީޑަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކޮންފަރެންސް ބޭއްވުމަށް ގޮވައިލެއްވި އިސްލާމީ ލީޑަރުންނަށް ދެން ވީ ކިހިނެއްހެއްޔެވެ؟ އެ އެންމެ ބޭފުޅުން އެކި ގޮތްގޮތަށް ޝަހީދުކޮށްލީއެވެ. މި ކޮންފަރެންސާ ގުޅިގެން އިސްލާމީ އުއްމަތް އެއްބައިވަންތަ ވި ހެއްޔެވެ؟ ނުވަތަ އެއީ، އެއަށްވުރެ ނުބައި ރޭވުމެއްގެ ފެށުންހެއްޔެވެ؟

ބައެއް ފަހަރު، ތާރީޚުގެ ޞަފުޙާތަކުން އަހުރެމެންނަށް ކިތަންމެ ވަރަކަށް އެއްޗެއް ބުނެދޭން ބޭނުންވި ކަމުގައި ވިޔަސް، އަހުރެމެން އެ ސަފުޙާތައް އުކައިލަނީ ހިމޭންކަމާއެކުގައެވެ. ލާހޯރު ސަމިޓަކީ، ޙަޤީޤަތުގައި އުއްމަތުގެ އެއްބައިވަންތަކަމާއި، އަދި އިސްލާމީ އުއްމަތް ހޭލައްވާލި ތާރީޚީ ހިނދުކޮޅެކެވެ. މި ކޮންފަރެންސާ މެދު، ވިސްނައި ބަލައި ހޯދުމުން ތިބާއަށް ފެންނާނީ، މި ކޮންފަރެންސްގެ ކޮންމެ ވާހަކައެއްވެސް ނިމިފައިވާނީ އާޚިރުގައި ލޭއޮހޮރުވުމަކުން ކަމެވެ. ސުވާލަކީ އެއީ ހަމައެކަނި ތަކުރާރުވެފައިވާ އިއްތިފާގެއް ހެއްޔެވެ؟ ނުވަތަ އެއީ ހޭލަމުން އައި އިސްލާމީ ދުނިޔޭގެ ޒަމީރު ތާއަބަދަށް ހިމޭން ކޮށްލުމަށްޓަކާ އަމާޒުކޮށްގެން ހިންގި ބިރުވެރި އަދި ފުން ރޭވުންތަކެއް ހެއްޔެވެ؟

ސަޢޫދީ އަރަބިޔާގެ ރަސްގެފާނު ފައިސަލް

ނިކަން ވިސްނާލަބަލާށެވެ! މި ކޮންފަރެންސްގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އަދި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމަށް އެންމެ ހަރުއަޑުން ގޮވައިލެއްވި، ސަޢޫދީ އަރަބިޔާގެ ރަސްގެފާނު ފައިސަލް، ކޮންފަރެންސް ބޭއްވިތާ އަހަރެއްހާ ދުވަސް ފަހުން އަވަހާރަކޮށްލިއެވެ.

ޝާހީ ދަރުބާރުގައި، ކުވައިތުގެ ވަފުދަކާ ބައްދަލުކުރެއްވުމުގެ ތެރޭގައި އުޅުއްވަނިކޮށް، މާރިޗް، 25، 1975 ގައި ރަސްގެފާނު ފައިސަލް އަވަހާރަކޮށްލީ، އެ ރަސްގެފާނަށް ބޮޑުބޭބެ ވިދާޅުވާ ޝެހެޒާދާ ފައިސަލް ބިން މުސައިދެވެ.

ބައެއް މުޙައްލިލުން ދުށްގޮތުގައި، ހުޅަނގުގެ ސާމުރާޖާއި އަދި ސިހުޔޫނިއްޔަތާ ދެކޮޅަށް ރަސްގެފާނު ފައިސަލް ގެންގުޅުއްވި ވަރުގަދަ ސިޔާސަތުގެ ސަބަބުން، އެ ސަރަޙައްދުގެ ހަމަޖެހުން ގެއްލުވާލަން ބޭނުންވެފައި ތިބި ބޭރުގެ ބާރުތަކުގެ އަމާޒަކަށް އެމަނިކުފާނު ވެވަޑައިގަތީއެވެ. އަދި ރަސްގެފާނު ފައިސަލް އަވަހާރަކޮށްލި ޝެހެޒާދާ ފައިސަލް އަކީ ސީ.އައި.އޭ ނުވަތަ މޮސާޑުގެ އެޖެންޓެއް ކަމަށްވެސް އަޑުތައް ފެތުރުނެވެ.

އެއީ، ހަމައެކަނި އިއްތިފާޤަކުން ވީކަމެއް ހެއްޔެވެ؟ ނޫނީ، އެއީ އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމުގެ ވާހަކަ ދައްކަވާ ހުރިހާ އިސްލާމީ ލީޑަރުންނަށް ދިން މެސެޖެއް ހެއްޔެވެ؟

ބަންގުލާދޭޝްގެ ބާނީ ޝެއިޚް މުޖީބުއްރަޙުމާނު

ރަސްގެފާނު ފައިސަލް އަވަހާރަކޮށްލިތާ ފަސް މަސް ފަހުން، ދެވަނަ އިސްލާމީ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި ބަންގުލާދޭޝްގެ ބާނީ ޝެއިޚް މުޖީބުއްރަޙުމާނު، ޢާއިލާއާއެކު އަވަހާރަކޮށްލިއެވެ. އޮގަސްޓް، 15، 1975 ގައި، އަސްކަރިއްޔާގެ ސިފައިންތަކެއް، ބާރުގެ ބޭނުންކޮށްގެން، ރިޔާސީ ގަނޑުވަރަށް ވަދެ، ޝެއިޚު މުޖީބުއްރަޙުމާނާއި ޢާއިލާގެ 16 މެމްބަރަކު އަވަހާރަކޮށްލިއެވެ. ޢާއިލާގެ މެމްބަރުންގެ ތެރެއިން، މި އަނިޔާވެރި ޙާދިސާއިން ސަލާމަތްވީ، އެ ވަގުތު ޖަރުމަނުގައި ތިއްބެވި ޝެއިޚު ޙަސީނާއާއި ޝެއިޚު ރައިހާނާއެވެ. މި ޙާދިސާއަކީވެސް އެމެރިކާގެ ޖާސޫސީ އިދާރާ ސީ.އައި.އޭ ނުވަތަ ސެންޓްރަލް އިންޓެލިޖެންސް ބިއުރޯއިން ރާވައިގެން، ފަންޑުކޮށްގެން ސިފައިން ލައްވާ ކުރުވާފައިވާ ކަމެއް ކަމަށް ބުނެވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޒުލްފިޤާރު އަލީ ބުއްޓޫ

އޭގެ ފަހުން އައީ ޕާކިސްތާނުގެ ބޮޑުވަޒީރު ޒުލްފިޤާރު އަލީ ބުއްޓޫގެ ނަންބަރެވެ. –ކޮންފަރެންސްގެ ބޭއްވިތާ، ފަސް އަހަރު ފަހުން ދަންޖައްސައި އަވަހާރަކޮށްލިއެވެ. އޯ.އައި.ސީގެ ދެވަނަ ކޮންފަރެންސްގައި ބުއްޓޫ ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން، އިސްލާމީ ދުނިޔޭގެ ހުރިހާ ލީޑަރުން އެއް ޕްލެޓްފޯމަކަށް ގެންނަވައި، އެ ކޮންފަރެންސް ކުރިއަށް ގެންދެވުމުގައި އޭނާގެ ޑިޕްލޮމެޓިކް ހުނަރު ފުރިހަމައަށް ބޭނުންފުޅު ކުރެއްވިއެވެ. އޭގެއިތުރުން، ޕާކިސްތާނަކީ ދުނިޔޭގެ ސަމާލުކަން ލިބޭ ފަދަ ވަރުގަދަ މަރުކަޒަކަށް ހެއްދެވުމަކީ ބުއްޓޫގެ ސަރުކާރަށް ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ. މިގޮތުން ބުއްޓޫ ވަނީ ދުނިޔޭގެ ކުރިމަތީގައި ޕާކިސްތާނު އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާފައެވެ.

ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީން 1977 ވަނަ އަހަރު ވަނީ އާންމު އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށްފައެވެ. އެކަމަކު، އޭނާއާ އިދިކޮޅު ނުވަ ޕާޓީއެއްގެ އިއްތިހާދުން ބުނަމުން ދިޔައީ އިންތިޚާބުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށެވެ. އޭގެ ފަހުން ހިނގި ހަމަނުޖެހުމުގެ ނަތީޖާއަކަށްވީ، ޖުލައި 5، 1977 ގައި ޖެނެރަލް ޒިޔާއުލް ޙައްޤު އަސްކަރީ އިންޤިލާބެއް ގެނެސް، ބުއްޓޫ ހައްޔަރުކުރެއްވިއެވެ. އެއަށްފަހު، އަސްކަރީ ކޯޓަކުން، ބުއްޓޫގެ މައްސަލަތައް ބެއްލެވުމަށްފަހު ބުއްޓޫގެ މައްޗަށް މަރުގެ ޙުކުމް އިއްވިއެވެ. ބުއްޓޫ ދަންޖައްސާ އަވަހާރަކޮށްލީ 04 އޭޕްރީލް 1979 ގައެވެ. އަސްކަރީ އިންޤިލާބާއި، އަދި ބުއްޓޫ އަވަހާރަކޮށްލުމުގެ ފަހަތުގައި ތިބީ، ސިހުޔޫނީންނާއި، ހުޅަނގާއި އަދި އެމެރިކާގެ ޖާސޫސީ އިދާރާއެވެ.

މިސްރުގެ ރައީސް އަންވަރު ސާދާތު

އޯ.އައި.ސީގެ ދެވަނަ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރެއިން މިސްރުގެ ރައީސް އަންވަރު ސާދާތުވެސް ބަޑިޖަހާ އަވަހާރަކޮށްލިއެވެ. ސާދާތަކީ ސަރަހައްދީ ގޮތުން ބަލާއިރު އިސްލާމީ ދުނިޔޭގައި، އެންމެ ނުފޫޒުގަދަ ލީޑަރުންގެ ތެރެއިން ލީޑަރެކެވެ. ސާދާތަކީ، ފަލަސްޠީނުގެ މައްސަލާގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި އިޒުރޭލަށް ފާޑުވިދާޅުވި ބޭފުޅެކެވެ. މިސްރާއި އިޒުރޭލާ ދެމެދު 1973 ގައި ކުރި ހަނގުރާމައިގެ ހަނދާނުގައި 6 އޮކްޓޯބަރު 1981 ގައި، މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި އަސްކަރީ ޕެރޭޑެއް ބައްލަވަން އިންނަވަނިކޮށް، ސިފައިންގެ ލެފްޓިނެންޓެއް ކަމަށްވާ ޚާލިދު އިސްލާމްބޫލީ ވަނީ ސާދާތުގެ ހަށިކޮޅަށް ބަޑިޖަހައި އަވަހާރަކޮށްލާފައެވެ. ސާދާތު އަވަހާރަވުމަށްފަހު، މިސްރާއި އިޒުރޭލާ ދެމެދު ޞުލްޙަ ޤާއިމުކޮށް، ވިޔަފާރީގެ ގުޅުން ގާއިމުވެގެން ދިޔައެވެ. ސާދާތު އަވަހާރަކޮށްލުމުގައި ސީދާ އިޒުރޭލުގެ މޮސާޑުގެ އަތެއްވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

ލީބިޔާގެ ލީޑަރު މުޢައްމަރުލް ގައްޒާފީ

އިސްލާމީ ޤައުމުތަކުގެ އިއްތިހާދެއް ގާއިމް ކުރައްވައި، އިސްލާމީ ޤައުމުތަކުގައި ރަނަށް ބަރޯސާވާ ފައިސާއެއް އުފައްދަވައި، އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލުމަށް ލީބިޔާގެ ލީޑަރު މުޢައްމަރުލް ގައްޒާފީ ބޭނުންފުޅުވިއެވެ. މީގެ އިތުރުން، ޤައްޒާފީއަކީ ފާޅުގައި އިޒުރޭލަށް ފާޑުވިދާޅުވި ހިތްވަރުގަދަ ލީޑަރެކެވެ. އެހެންކަމުން، ޤައްޒާފީއަކީ އެމެރިކާއާއި، ހުޅަނގާއި އަދި ޔަހޫދީންނަށް ކުރިމަތިވެފައިވި ބޮޑުބިރެކެވެ. އެހެންވެ ލީބިޔާގެ ރައްޔިތުން ލައްވައި ހިފައި ހައްޔަރުކޮށް، އަނިޔާވެރި ގޮތަކަށް، 20 އޮކްޓޯބަރު 2011 ޤައްޒާފީ އަވަހާރަކޮށްލުވީ އެމެރިކާއާއި ހުޅަނގުގެ ޤައުމުތައް އިސްވެ ތިބެގެންނެވެ.

ފަލަސްޠީނުގެ ރައީސް ޔާސިރު ޢަރަފާތު

އަދި، އަބަދުވެސް ފަލަސްޠީނާއި މުސްލިމުންގެ އެއްބައިވަންތަކަމުގެ ވާހަކަ ދައްކަވާ އުޅުއްވި ފަލަސްޠީނުގެ ރައީސް ޔާސިރު ޢަރަފާތު އަވަހާރަކޮށްލީ މޮސާޑާއި، ސީ.އައި.އޭއާއި ހުޅަނގުގެ އެޖެންޓުން ގުޅިގެން ރޭވިގެން މަޑުމަޑުން ޒަހަރު ދެއްވައިގެންނެވެ. ޔާސިރު ޢަރަފާތު އަވަހާރަވީ، 11 ނޮވެމްބަރު 2011 ގައި ފްރާންސުގައެވެ. އަލްޖަޒީރާއާއި، ފްރާންސާއި، ސްވިޒަރލޭންޑާއި އަދި ރަޝިޔާގެ ސައިންސުވެރިން ކުރި ތަޙުޤީޤުތަކުން ހާމަވި ގޮތުގައި، ޒަހަރެއް ކަމަށްވާ ޕޮލޯނިއަމް 210 ގެ އަސަރު ޔާސިރު ޢަރަފާތުގެ ހަށިކޮޅުން ފެނިފައިވެއެވެ.

މި ހުރިހާ މަރުތަކެއް އެއްކޮށްލުމުން، ފާޅުވަނީ ބިރުވެރި އަދި ސިއްރުވެރި ވާހަކަތަކެކެވެ. މިވާހަކަތަކުން ދުވަނީ، އެމެރިކާއާއި، ހުޅަނގާއި އަދި ސިހުޔޫނީންގެ ނުބައި ވަހެވެ. އިސްލާމީ ދުނިޔެ އެއްބައިވަންތަ ކުރައްވަން ބޭނުންފުޅުވި ހުރިހާ ލީޑަރުން، މި އެންމެން ގުޅިގެން، ފަހަރަކު ބޭފުޅަކު އަވަހާރަކޮށްލައި، ނުވަތަ ރޭވުންތަކެއްގެ ތެރެއިން އެބޭފުޅުންގެ އަޑު ދުނިޔެއިން ކަނޑުވާލީއެވެ.

ޕާކިސްތާނުގެ ލާހޯރުގައި 1974 ގައި ބޭއްވި އޯ.އައި.ސީގެ ދެވަނަ ކޮންފަރެންސްގެ ބައިވެރިން

މި އަނިޔާވެރި ނުބައި ރޭވުންތަކަކީ ގްލޯބަލް ޕްލޭނެއްގެ ބައެއް ހެއްޔެވެ؟ އެމީހުން އިސްލާމީ އުއްމަތުގެ ހިތްވަރުގަދަ ލީޑަރުން ފަހަރަކު ލީޑަރަކު ޚިޔާރުކޮށް، އެމީހުންގެ އަމާޒުފަތްގަނޑަކަށް ހަދައިފައިވަނީ ގަސްތުގައި މުސްލިމް ދުނިޔެ ބަލިކަށި ކުރުމަށް ހެއްޔެވެ؟

މިއީ ހަމައެކަނި ތާރީޚީ ޙަޤީޤަތްތަކެއް ނޫނެވެ. މިއީ އިންޒާރެކެވެ. މިއީ ހޭލަންވީ ވަގުތެވެ. އިސްލާމީ ދުނިޔޭގައި، އެއްބައިވަންތަކަމުގެ އަޑު އުފުލާ ކޮންމެ ފަހަރަކު، ކޮންމެވެސް ތަނެއްގައި އެއަޑު އުފުލިކަމުގައި ވިޔަސް، ނުފެންނަ އަތްތަކަކުން އެ އަޑުތައް ފިއްތާލާފައިވާކަމީ ތާރީޚު ހެކިދޭ ޙަޤީޤަތެކެވެ. އަޅުގަނޑުމެން މިއަދު މި ސުވާލުތަކުގެ ޖަވާބު ހޯދަންޖެހެއެވެ. ސަބަބަކީ އަޅުގަނޑުމެން ލޯ މަރާލައިގެން ތިބޭނަމަ، ހަމައެކަނި ތަކުރާރުވާނީ މާޒީއެއް ނޫނެވެ. އަޅުގަނޑުމެންގެ މުސްތަޤްބަލުވެސް، މި ނުބައި ދައްޖާލީ ރޭވުންތަކުގެ ޝިކާރައަކަށް ވެދާނެއެވެ.