ތިރީގައިވާ ފޮޓޯއިން އެ ފެންނަނީ ހަމަ ޙަޤީޤީ ފުއްލާއެއްގެ ފޮޓޯއެކެވެ.
ފުއްލާގެ ދަޅަކީ އޭގެ ރީތިކަމާއި ރައްކާތެރިކަމާ ގުޅިފައިވާ އެއްޗެކެވެ. އެހެން ނަމަވެސް ބައެއް ފަހަރު، އޭގެ ދަޅުތައް އެއީ އެސޮރު މަރުގެ ތުންފަތްމައްޗަށް ވައްޓައިލާ ވަސީލަތަކަށް ވެސް ވެގެންދެއެވެ. މި ތަސްވީރުގައިވާ ފުއްލާގެ ދަޅުތައް ބޮޑެއްޗެވެ. އަދި އެއީ ފުއްލާގެ ރިވެތިކަމާއި ބާރު ރަމުޒުކޮށްދޭ ނިޝާނެވެ. އެކަމަކު، ފުއްލާގެ ފަޚުރެއް ކަމުގައިވީ، އެ ނިޝާން މިއަދު ވެގެން ދިޔައީ، ފުއްލާ ހަލާކުގެ ތެރެއަށް ވައްޓައިލި ދަންތުރައަކަށެވެ.
މި ތަސްވީރުން އެ ފެންނަ ފުއްލާގެ ދަޅުތައް، ދަގަނޑު ވަޔަރުތަކުގައި މެހި ހައްޔަރުވުމުން ސަލާމަތްވުމަށްޓަކާ، ފުއްލާ ކިތަންމެ ވަރަކަށްވެސް މަސައްކަތް ކުރިއެވެ. އަދި އެކަމުން ސަލާމަތްވެވޭތޯ އެކުވެރިންނަށް ގޮވައި ހެދިއެވެ. އެކަމަކު، އޭތީގެ އެއްވެސް އެކުވެރިޔަކަށް އެ އަޑެއް ނީވުނެވެ. އެ އަޑު އިވުނީ، ފުއްލާގެ މަހަށް ދަހިވެތިވެފައިވާ މިނިކާ ޖަނަވާރުތަކަށެވެ. އެންމެފަހުން، މިނިކާ ޖަނަވާރުތައް އެއްވެ، އެ އެއްޗެތީގެ ވަކިތަކާއި އަނގަ ފޯރާ ހިސާބުގައި ހުރި ހުރިހާ މަހެއް ވީދައި، ނޮޅައި، ކައި ހުސްކުރަމުން ދިޔައިރު، ފުއްލާއަށް ރޯލަރޯލާ އޮތުން ފިޔަވައި ކުރެވުނެ އެއްވެސް ކަމެއް ނެތެވެ. އެންމެފަހުން، ލިބެމުންދިޔަ ވޭންތަކަށް ކެތްނުކުރެވި ފުއްލާ މަރުވީއެވެ.
މިއީ ޖަންގަލީގެ ޙަޔާތުގެ ވަށަ ރޮނގެކެވެ. ޖަންގަލީގެ ތެރޭގައި ކޮންމެ ޖަނަވާރެއްގެ ނިމުން ވެގެންދަނީ އެހެން ޖަނަވާރުތަކުގެ ދިރިދެމި ތިބުމުގެ ވަސީލަތަކަށެވެ. މިއަދު މިނިކާ ޖަނަވާރުތައް ފުއްލާގެ މަސްކޮޅު ކެއީއެވެ. އެއީ އަނިޔާވެރިކަމުގައި އިންސާނުންގެ މެދުގައި ކޮންމެ ދުވަހަކު ތަކުރާރު ވަމުންދާ ހާދިސާ ފަދަ ހާދިސާއެއް ނޫނެވެ. އެކަމަކު، އެއީ އެހެން ޖަނަވާރުތައް ދިރިދެމި ތިބުމަށްޓަކާ ބޭނުންވާ ޟަރޫރަތެކެވެ. ޖަންގަލީގައި ދިރުމާއި މަރަކީ ޟަރޫރަތާ ގުޅިލާމެހިފައިވާ އެއްޗެކެވެ. އެއީ ޖަންގަލީގެ ޤާނޫނެވެ. ގަސްގަހާގެހީގެ ދާއިމީ ވިންދެވެ.
ޖަންގަލީގައި މިނިވަންކަމާއެކު ދިރިއުޅޭ ޖަނަވާރުތައް ދުވަހަކުވެސް ދުނިޔެއިން މޮޔަވެގެން ނޫޅެއެވެ. އަދި އަމިއްލައަށް މަރުވެސް ނުވެއެވެ. އަދި އެއާ އެއް ވައްތަރުގެ ޖަނަވާރަކަށް ހަމަލާދީ މަރައެއް ނުލާނެއެވެ. ޖަނަވާރުންގެ މި ސިފަތައް އެނގުމުން ނަފުސާނީ މާހިރުންވެސް ވަރަށް ބޮޑަށް ހައިރާންވެއެވެ. އިންސާނުން ފިޔަވައި، އެހެން އެއްވެސް ދިރޭ އެއްޗެއް، އެއާ އެއް ވައްތަރުގެ އެހެން ދިރޭ އެއްޗަކަށް މަރުވާވަރުގެ ޙަމަލާއެއް ނުދެއެވެ. އެހެންނަމަވެސް އަޝްރަފުލް މަޚުލޫޤާތޭ ކިޔުނު އިންސާނުންގެ ކިބައިން، މި ސިފައެއް ނުފެނެއެވެ. އެއް އިންސާނަކު އަނެއް އިންސާނާ އެއްވެސް ޖެހިލުމެއް ނެތި މަރައިލައެވެ. ދުވަހަކުވެސް، އެއްވެސް ސިންގާއެއް އެހެން ސިންގާއެއް މަރައެއް ނުލައެވެ.
ދުނިޔެއިން ފެންނަ މަންޒަރުތަކަށް ބަލާއިރު، އިންސާނުންގެ ހަމަ ވިސްނުން ވަނީ ގެއްލިފައެވެ. އިންސާނުން ހީވަނީ ދުނިޔެއިން މޮޔަވެފައިވާ ބައެއް ހެންނެވެ. އެއްބަޔަކު، އަނެއް ބަޔަކު ކަތިލައި މަރަނީއެވެ. އަދި އެއްބަޔަކު އަމިއްލައަށް މަރުވަނީއެވެ. އިންސާނުންނަކީ އެކަކު އަނެކަކާ ނުލައި އުޅެވޭނެ ބައެއް ނޫނެވެ. އެކަމަކު، މިއަދު އިންސާނާ އުޅެން ޖެހިފައި މިވަނީ، އޭނާ ފަދަ އެހެން އިންސާނެއްގެ ހަމަލާއެއް އަތުވެދާނެތީ ބިރުންނެވެ.
އިންސާނުންގެ އާބާދީ އިތުރުވަމުން ގޮސް، ޤަތުލުކުރުމާއި، ފަނާކުރުމާއި، ކުށްކުރުމާއި، ފާޙިޝް ޢަމަލުތައް ހިންގުން ވަނީ ހައްދުން ނައްޓައިފައެވެ. އެއްވެސް ސަބަބެއް ނެތި ހަނގުރާމަ ކުރުން މިވަނީ ދިރިއުޅުމުގެ އަމާޒަކަށް ވެފައެވެ. މޮޔަވެފައިވާ ދުނިޔޭގެ ވެރިން ތިބީ ހަނގުރާމަތައް ކުރުމަށް ފެންބޮވައިގެންފައެވެ. ހީވަނީ އިންސާނުން ޚަލްޤުކުރައްވާފައިވަނީ، އެއްބަޔަކު، އަނެއް ބަޔަކާއި ދެކޮޅަށް ހަނގުރާމަކޮށް ދުނިޔެ ފަނާކުރުމަށް ހެންނެވެ.
އިންސާނާގެ އަތަށް ބާރެއް ލިބޭ ކޮންމެ ފަހަރަކު، އެ ބާރުގެ މައްޗަށް އިންސާނާ ބޮޑާވެ ކިބުރުވެރިވާނަމަ، އެންމެފަހުން އެކަން ވެގެންދާނީ، އިންސާނާ ހަލާކުގެ ތެރެއަށް ވައްޓައިލާ ސަބަބަކަށެވެ. ވީމާ، މާތް الله ދެއްވި ނިޢުމަތެއް ކަމުގައިވާ ދުނިޔަވީ ބާރާ މެދު ބޮޑާވެ، ކިބުރުވެރިނުވާށެވެ. ޝުކުރުވެރިވާން ދަސްކުރާށެވެ. އެހެން ނޫންނަމަ ދުނިޔެއާއި އާޚިރަތުގައި ވެސް ނިކަމެތިކަމާ ކުރިމަތިލާން ޖެހިދާނެއެވެ.
ތަވާޟުޢުވެރިވެ ސާދާކަން އިޚުތިޔާރު ކުރާށެވެ. އެހެނީ ތަވާޟުޢުވެރިވާ މީހާއަށް ދެ ދުނިޔޭގައިވެސް އޮތީ ސަލާމަތާއި ރައްކާތެރިކަމެވެ. އެއާ ޚިލާފަށް ބޮޑާވެ ކިބުރުވެރިވާ ކޮންމެ މީހަކަށް އޮތީ ގެއްލުމާއި ހަލާކެވެ. މުޞީބާތާއި ތަކުލީފާއި ކަންބޮޑުވުންތަކުގެ ކުރިމަތީގައި ކެތްތެރިކަން އިޚުތިޔާރުކޮށް، ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ޤާބިލުކަން އަޅަމެންނަށް ދެއްވާށިއެވެ! އާމީން.
