ދެމަފިރިންގެ ތެރެއިން ފިރިމީހާއަކީ ފައިފަލަ މީހެކެވެ. ފައިފަލަވާ ބަލީގެ ސަބަބުންނެވެ. ފިރިމީހާ އޭނަގެ ފަލަ ފައިގެ ފައިދާ ނަގައެވެ. އަންހެނުން ބިރުގަންނަވައި ކޮންޓުރޯލުކޮށްފައި ބެހެއްޓުމަށެވެ. އަންހެނުން ކިރިޔާ ރުޅިއަޔަސް، ފަލަ ފައިން ޖަހަން ޖެހިދާނެޔޭ ފިރިމީހާ ބުނުމުން އަންހެނުން މައިތިރިވެއެވެ. އެ ފައި ފަލަވުމުން އެ ފައިން އެޅޭ ބޮނޑީގަ ވެސް މާ ބާރު ހުންނާނެ ކަމަށް ހީކޮށް، މާބޮޑަށް ތަދުވޭނެ ކަމަށް ވިސްނޭތީއެވެ.
ކޮންމެއަކަސް އެއް ދުވަހަކު އަންހެނުން ރުޅިއައިސްގެން މެންދުރު ނުކައްކަން ނިންމިއެވެ. ފިރިމީހާ ނުރުހުންވެ، އަންހެނުން އުނދޯލީގައި އިންދައި އޭނަގެ ފައިގައި ފިރިމީހާގެ ފަލަ ފައިން ޖަހައިފިއެވެ. ދެން ހެއްޔެވެ؟ އަންހެނުން ކުޑަކޮށް ހައިރާންވިއެވެ. އެއްކަލަ ފަލަ ފައިގައި މާ ބޮޑު ބާރެއް އޮތްހެނެއް ހިޔެއްނުވެއެވެ. ސަބަބަކީ ހީކޮށްފައިވާ ގޮތަށް ބޮޑަށް ތަދުނުވީމައެވެ. އާދެ، ފަލަ ފައިގައި އެއްވެސް ބާރެއް ނެތެވެ!
މި ވާހަކަ ހަނދާނަށް އައީ ދާދި ފަހުން މެދު އިރުމަތީގައި އިޒުރޭލާއި އީރާނާ ދެމެދު ކުރެވުނު ހަނގުރާމައިގެ ސަބަބުންނެވެ. މި ހަނގުރާމައިގެ ކުރީގައި އަޑު އިވިފައި އޮންނަނީ މެދުއިރުމަތީގައި އޮތް އެންމެ ބާރުގަދަ ލަޝްކަރާއި އެންމެ ވަރުގަދަ ހަތިޔާރުތައް އޮންނަނީ އިޒުރޭލުގައި ކަމެވެ. އެހެންވެ، އެންމެނަށްހެން ހީވެފައި އޮންނަނީ އިޒުރޭލުން އިރާނަށް ހަމަލާއެއް ދީފި ނަމަ އީރާނު ފުނޑުފުނޑުވެގެންދާނޭ ކަމެވެ. ނަމަވެސް، އެ ހަނގުރާމަ ބުނެދިނީ މެދުއިރުމަތީގައި އެންމެ ބާރުގަދަ ލަޝްކަރުގެ އަތުގައި އޮތީ އެއްކަލަ ފައިފަލަ ބަލީގެ މީހާގެ ފަލަ ފައިގައި އޮތް ބާރުކަމެވެ. ހަނގުރާމައަށް ހަފްތާއެއްވި ތަނާ ހެން، ފަލަ ފައިގެ އިޒުރޭލުން ހަނގުރާމަ ހުއްޓާލަން އެދުނުނުތަން ފެނުނެވެ. ހަނގުރާމައިގައި އިޒުރޭލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނުކަމެވެ. އަދި، ހަނގުރާމަ ކުރިއަށް ގެންގޮއްސި ނަމަ، އިޒުރޭލަށް ވެސް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނޭ ކަމެވެ. މިކަން ހުއްޓުވޭނޭ ގޮތެއް އިޒުރޭލަށް ލިބިފައި ނެތެވެ. އެހެންވެ، ހަނގުރާމަ ހުއްޓާލަން ޖެހުނީއެވެ.
މިކަމުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ކޮންމެ ބަޔަކު ވެސް އެބައެއްގެ ނަފްސު ދިފާއުކުރަން ވާނީ އެބައަކު އަމިއްލައަށް ކަމެވެ. އީރާނުން ދައްކައިދިނީ އެ މީހުންނަށް އެ މީހުންގެ ގައުމު ދިފާއުކުރެވިދާނޭ ކަމެވެ. އަދި އެކަމުގެ އެކަށޭނަކަން ވެސް ލިބިގަނެވިދާނޭކަމެވެ. ހަމަ އެފަދައިން، އެކަން އެދޭ ކޮންމެ ބަޔަކަށް ވެސް އެކަން ކުރެވޭނެއެވެ. ފަލަ ފައެއްގެ ބިރުގެންފައި ތިބޭކަން ނުޖެހޭނެއެވެ.
