އެއް އިރެއްގައި ވަކި ނުކުރެވޭނެ ދެ ޖާނު ކަމަށް ބެލެވުނު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އިލޮން މަސްކުއާ ދެމެދު އާއްމުންނާ ހަމައަށް ފޯރައިފައިވާ ޒުވާބު، މަސްކަކީ މިހާރު "ހަމައިން ނެއްޓިފައިވާ މީހެއް" ކަމަށް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އިތުރަށް ހޫނުވެއްޖެއެވެ.
ޓްރަމްޕާ ފެއަށް ޖެހި، އެމެރިކާގެ ދައުލަތުގެ މިހާރުގެ ސިޔާސީ އޮނިގަނޑަށް ގޮންޖަހަން، "އެމެރިކާ ޕާޓީ"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަނީކަން ހޮނިހިރު ދުވަހު މަސްކު އިއުލާން ކުރުމާ ގުޅިގެން، ރޭގެ ވަގުތެއްގައި ޓްރަމްޕް މަސްކު ސިފަ ކުރެއްވީ "އޮފް ދަ ރެއިލްސް" ނުވަތަ "ދަނގަޑުން ކައްސައިލައިފައި ސުންނާފަތިވެފައިވާ ރޭލެއް"ގެ ގޮތުގައެވެ. "އޮފް ދަ ރެއިލްސް" މިއީ އިނގިރޭސި ބަހުގެ ސަގާފަތުގައި މީހާ "ހަމައިން ނައްޓައިފި" ކަމަށް ބުނަން ވެސް ބޭނުން ކުރާ ބަހެކެވެ. އަދި މަސްކަކީ މިހާރު ސުންނާފަތިވެފައިވާ ރޭލެއް ކަމަށް ވިދާޅުވުމަށް އިނގިރޭސި ބަހުން ސީދާ "ޓްރެއިން ރެކް" އިބާރާތް ޓްރަމްޕް ބޭނުން ކުރެއްވިއެވެ.
"އިލޮން މަސްކު މުޅިން 'ދަގަނޑުން ކައްސައިލައި’، ސީދާ 'ސުންނާފަތިވެފައިވާ ރޭލަ’ކަށް ވޭތުވެދިޔަ ފަސް ހަފުތާ ތެރޭގައި ބަދަލުވި މަންޒަރު ބަލަން އަހަރެން ދެރަވި،" ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތް ސޯޝަލްގައި ލިޔުއްވިއެވެ.
މި ދިޔަ ޖަނަވަރީ މަހު 20 ގައި ވެރިކަމާ ހަވާލު ވެވަޑައިގަތުމަށް ފަހު ސަރުކާރު ހިންގުން ހަރުދަނާ ކުރުމުގެ ވަގުތީ ވަޒީފާއެއް ދެއްވިތާ މާ ގިނަ ދުވަސް ނުވަނީސް، އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުކުރު ދުވަހު ގެޒެޓް ކުރެއްވި ޓްރަމްޕްގެ ހަރަދު ބޮޑު "ބިއުޓިފުލް ބިލް" (ލަފުޒީ މާނައިން "ރީތި ގާނޫނު")އާ ދެކޮޅަށް އާއްމުކޮށް ފާޑުކިޔައި، މަސްކު ވަނީ ސަރުކާރުން ވަކިވެފައެވެ.
މިލްކިއްޔާތަށް 400 ބިލިއަން ޑޮލަރު (6،159 ބިލިއަން ރުފިޔާ) ފުރަތަމަ ފަހަރަށް ލިބުނު ދުނިޔޭގެ މަހުޖަނު ކަމަށްވި، ދެކުނު އެފްރިކާއަށް އުފަން، އުމުރުން 54 އަހަރުގެ މަސްކު، އާ ސިޔާސީ ޕާޓީއެއް އުފައްދަނީކަން އިއުލާންކުރީ އޭނާ ގަތް ކުރީގެ ޓްވިޓާ – މިހާރު އެކްސްގެ ނަމަށް ނަން ބަދަލުކޮށްފައިވާ – ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ޕޯލެއް ނަގައި، އެ ފަދަ ކަމެއް ބޭނުން ކަމަށް ހީނުކުރާހާ ބޮޑު ތާއީދެއް އާއްމުންގެ ފަރާތުން ލިބުމުންނެވެ.
"އެމެރިކާގައި ކަންތައްތައް މިހާރު ހުރި ގޮތުން ދޭހަވަނީ ހަގީގީ މާނައިގައި މިހާރު އޮތީ އެންމެ ސިޔާސީ ޕާޓީއެއްކަން،" ދައުލަތުގެ ހަރަދު ކުޑަ ކުރުމަށްޓަކައި ސަރުކާރުގެ ވަޒީފާއެއް މަސްކަށް ދެއްވުމަށް ފަހު، މި ސިޔާސަތާ ހިލާފު ބިލެއް ގާނޫނަކަށް ޓްރަމްޕް ގެޒެޓް ކުރެއްވުމާ ގުޅިގެން މަސްކު ބުންޏެވެ.
އާ ސިޔާސީ ޕާޓީއެއް އުފައްދަން ނިންމިކަން އިއުލާން ކުރަމުން، ކުރިން ޓްރަމްޕްގެ ރިޔާސީ ކެމްޕޭނަށް ވެސް ހަރަދު ކުރި މަސްކު ބުނީ "ދެން ވެސް ރައީސް ކަމަށް ކެންޑިޑޭޓަކަށް ތަރުހީބު ދިނުމަކީ ނުކުރާނެ ކަމެއް ނޫން" ކަމަށެވެ.
"އެކަމަކު މި ވަގުތު އަހަރެން ސަމާލުކަން ދޭނީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ ދެ ގެއަށް މެންބަރުން އިންތިހާބު ކުރުމުގެ މަސައްކަތަށް،" މަސްކު ބުންޏެވެ.
ޓްރަމްޕްގެ ސަރުކާރާ ވަކިވާ ސަބަބެއް ކަމަށް އެއިރު މަސްކު ބުނީ، ދައުލަތުގެ ހަރަދުތައް ކުޑަ ކުރަން އެއިރު ޓްރަމްޕް ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުން، ސަރުކާރުގެ މޫނެއްގެ ގޮތުގައި ރައްޔިތުންނަށް ފެނުނީ މަސްކު ކަމަށްވާތީ، މުޒާހަރާކޮށް، މަސްކުގެ ޓެސްލާ ކުންފުނިން އުފައްދާ ކަރަންޓުން ދުއްވާ ކާރުތައް ހަލާކުކޮށް، ޓެސްލާގެ އިމާރާތްތަކަށް ގެއްލުން ލިބުމުން، އޭނާގެ އަޑިއަޅައިލި ވިޔަފާރި އަލުން ރަނގަޅު ކުރުމަށް ކަމަށެވެ. މަސްކަކީ ޖައްވަށް އުޅަނދު ފޮނުވާ ސްޕޭސް-އެކްސް ކުންފުނީގެ ވެސް ވެރިޔާއެވެ.



advertisment