Support Us

ކޮލަމް ގަލަން: ސިޔާސީ ލީޑަރެއްގެ ސިފަތައް- 25

މާފުކުރުން

ސިޔާސީ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އެއް ސިފައަކީ މާފުކުރުމުގެ ސިފައެވެ. އެއާ ނުލައި އެ މީހަކަށް ސިޔާސީ މައިދާނުގައި ކާމިޔާބު ނުލިބޭ ހުއްޓެވެ.

މާފުކުރުމުގެ މަތިވެރި ނަމޫނާއެއް

عنْ جَابِرٍ رَضِيَ اللَّهُ عَنْهُ أَنَّهُ غَزَا مَعَ النَّبِيِّ صَلّى اللهُ عَلَيْهِ وسَلَّم قِبَلَ نَجْدٍ، فَلَمَّا قَفَلَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَفَلَ مَعَهُمْ، فَأَدْرَكَتْهُمُ الْقَائِلَةُ فِي وَادٍ كَثِيرِ الْعِضَاهِ، فَنَزَلَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وتَفَرَّقَ النَّاسُ يَسْتَظِلُّونَ بِالشَّجَرِ، وَنَزَلَ رَسُولُ اللَّه صَلَّى اللهُ عَلَيْهِ وَسَلَّمَ تَحْتَ سَمُرَةٍ، فَعَلَّقَ بِهَا سَيْفَهُ، ونـِمْنَا نَوْمَةً، فَإِذَا رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَدْعُونَا، وإِذَا عِنْدَهُ أَعْرَابِيُّ فَقَالَ: «إنَّ هَذَا اخْتَرَطَ عَلَيَّ سَيْفِي وَأَنَا نَائِمٌ، فَاسْتَيْقَظْتُ وَهُوَ فِي يَدِهِ صَلْتاً، قَالَ: مَنْ يَمْنَعُكَ منِّي؟ قُلْتُ: اللَّهُ –ثَلاثاً-»، وَلَمْ يُعاقِبْهُ وَجَلَسَ[1]، މާނައީ: މާތް الله ރުއްސުންލެއްވި جَابِر ގެފާނު ރިވާކުރައްވަތެވެ. ހަމަކަށަވަރުން ތިމަންނަ ކީރިތި ރަސޫލާ ﷺގެ އަރިހުގައި نَجْد ކަރައާ ދިމާލަށް ކުރެއްވި ހަނގުރާމައެއްގައި ބައިވެރިވެ ހުރީމެވެ. އެ ހަނގުރާމައިން ކީރިތި ރަސޫލާ ﷺ އެނބުރި ވަޑައިގަތް ހިނދު އެ ކަލޭގެފާނުގެ އަރިހުގައި لشكر އާ އެކު ތިމަންނަ ވެސް އެނބުރި ދިޔައީމެވެ. ދަތުރު ކުރަމުން ގޮސް މެންދުރުގެ އަރާމުކުރުމުގެ ވަގުތު (قيلولة ގެ وقت) އައިސް ޖެހުނު އިރު اتفاقން އަރާހަމަވީ ގިނަ ގަސްތަކެއް ހެދިފައި އޮތް މައިދާނެއްގެ ތެރެއަށެވެ. އެހެންކަމުން قافلة މަޑުކޮށް ކީރިތި ރަސޫލާ ﷺ ފައިބާ ވަޑައިގެންނެވިއެވެ. އަދި މީސްތަކުން ވެސް ގަސްތަކުގެ ހިޔަލުގައި އަރާމުކުރަން ފެށިއެވެ. އަދި ކީރިތި ރަސޫލާ ﷺ ވެސް ގަހެއްގެ ހިޔަލުގައި މަޑުކުރައްވައި އަދި އެ ކަލޭގެފާނުންގެ ކަނޑިކޮޅު އެ ގަހުގެ ގޮފިގަނޑެއްގައި އެލުވައިލެއްވުމަށް ފަހު އަރާމުކުރައްވަން ފެއްޓެވިއެވެ. (މެންދުރުގެ وقت ކަމުން) ތިމަންމެން އެންމެންނަށް ވެސް ލޯމެރިއްޖެއެވެ. އެހާތަނުން ކުއްލިއަކަށް ކީރިތި ރަސޫލާ ﷺ ހަރުއަޑުފުޅުން ބާރަށް ގޮވާލެއްވިއެވެ. ތިމަންމެން (ބިރުން) އަވަސްއަވަހަށް ދިޔައިރު އެ ކަލޭގެފާނުގެ އަރިހުގައި ރަށްފުށުގެ ބަދައްވަކު ހުށްޓެވެ. ތިމަންމެން ފެނުމުން އެ ކަލޭގެފާނު حديث ކުރެއްވިއެވެ. ނިކަންބައްލަވާށެވެ! މިހިރަ މީހާ ތިމަން ކަލޭގެފާނު އަވަހާރަފުޅުގައި އޮންނަވަނިކޮށް ސިއްރުސިއްރުން އައިސް ތިމަން ކަލޭގެފާނުގެ ކަނޑިކޮޅު ނަގައިފިއެވެ. އަދި ތިމަން ކަލޭގެފާނަށް ކުއްލިއަކަށް ހޭފުޅުލެއްވުނު އިރު މީނާ ހުރީ މި ކަނޑިކޮޅު ތިމަން ކަލޭގެފާނާ ދިމާލަށް މަޅައިގެންނެވެ. އަދި ބުނަންފެށިއެވެ. ތިމަންނަގެ އަތުން މިހާރު ތިބާ ސަލާމަތް ކޮށްދޭނީ ކާކުހެއްޔެވެ؟ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. މާތް الله އެވެ. އޭނާ އެ ގޮތަށް ތިން ފަހަރު އެހުމުން ވެސް ތިމަން ރަސޫލާ ޖަވާބުގައި ވިދާޅުވީމެވެ. ހަމަ الله އެވެ. (ދެން އޭނާގެ އަތުން ކުއްލިއަކަށް ކަނޑި ވެއްޓިއްޖެއެވެ.) ދަންނައެވެ. މި ކަމުގެ މައްޗަށް އެ ކަލޭގެފާނު އެ މީހާއަކަށް އެއްވެސް އަދަބެއް ނުދެއްވައެވެ. ކޮޅަށް ހުންނަވާފައި އިށީނދެ ވަޑައިގަތެވެ.

جَابِر ގެފާނުގެ ކިބައިން އައިސްފައިވާ އެހެން ރިވާޔަތެއްގައި ވެއެވެ. ތިމަންމެން ކީރިތި ރަސޫލާ ﷺ އަރިހުގައި ذات الرِّقاع ހަނގުރާމައިގައި ބައިވެރިވެ ތިބީމެވެ. (މެންދުރުގެ وقت އަތުވެއްޖެއްޔާ އަރާމުކުރުމަކީ ތިމަންމެންގެ އާދައެކެވެ. އެހެންކަމުން ރަނގަޅު ހިޔާވަހިކަން އޮތް ގަހެއް ދިމާވެއްޖެއްޔާ ތިމަންމެން އެ ގަސް އެ ކަލޭގެފާނަށް ޓަކައި ދޫކޮށްލަމެވެ.) ކޮންމެއަކަސް (މި ދަތުރުގައި ވެސް) އެ ފަދަ ހިޔާވަހިކަން ގަދަ ގަހެއް ދިމާވުމުން ތިމަންމެން އެ ގަސް އެ ކަލޭގެފާނަށް ޓަކައި ދޫކޮށްލީމެވެ. އެ ކަލޭގެފާނު އަރާމުކުރައްވަން އޮންނަވަނިކޮށް مشركންގެ މީހަކު އައިސް އެ ކަލޭގެފާނުގެ ކަނޑިކޮޅު އެ ގަހުގައި އެލުވިފައި ވަނިކޮށް ކުއްލިއަކަށް ނަގައިގެން މަޅައިގަތެވެ. އަދި ބުންޏެވެ. ކޮބައި! މިހާރު ބިރުނުގަނޭ ހެއްޔެވެ؟ އެ ކަލޭގެފާނު حديثކުރެއްވިއެވެ. އާނއެކެވެ. ބިރެއްނުގަނެއެވެ. އޭނާ ބުންޏެވެ. އެހެންވެއްޖެއްޔާ ތިމަންނަގެ އަތުން ތިބާ ސަލާމަތް ކޮށްދޭނީ މިހާރު ދެން ކާކު ހެއްޔެވެ؟ އެ ކަލޭގެފާނު حديثކުރެއްވިއެވެ. اللهُ سُبْحَانَهُ وَتَعَالى އެވެ.

أبو بكرٍ الإِسماعيلي އޭނާގެ صحيحގައި ރިވާކުރެއްވިއެވެ. އެ މީހާ ބުންޏެވެ. ތިމަންނަގެ އަތުން ތިބާ ސަލާމަތް ކޮށްދޭނީ ކާކު ހެއްޔެވެ؟ އެ ކަލޭގެފާނު حديث ކުރެއްވިއެވެ. اللهُ سُبْحَانَهُ وَتَعَالى އެވެ. އެ ހިނދު އޭނާގެ އަތުން ކަނޑި ވެއްޓިގެން ހިނގައްޖެއެވެ. ދެން ކީރިތި ރަސޫލާ ﷺ އެ ކަނޑި ނަންގަވައިގެން ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުގެ އަތުން މިހާރު ތިބާ ސަލާމަތްކޮށްދޭނީ ކާކު ހެއްޔެވެ؟ އޭނާ (ހަދާނެ އެއްވެސް ގޮތެއް ނެތިގެން ގޮސް) ބުންޏެވެ. ކަނޑީގައި ހިއްޕެވި ހެޔޮ ބޭކަލަކު ކަމުގައި ކަލޭގެފާނު ވަޑައިގަންނަވާށެވެ. އެބަހީ معاف ކޮށް عفو ކޮށްދެއްވާށެވެ. ކީރިތި ރަސޫލާ ﷺ حديثކުރެއްވިއެވެ. (އެންމެ ރަނގަޅެވެ. ތިބާ އިސްލާން ވެގެންފާނަން ހެއްޔެވެ؟) الله ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށާއި އަދި ތިމަން ކަލޭގެފާނަކީ އެ ކަލާނގެ ރަސޫލާ ކަމަށް قبولކޮށްފާނަން ހެއްޔެވެ؟ އޭނާ ބުންޏެވެ. ތިޔަކަމެއް ނުކުރެވޭނެއެވެ. ނަމަވެސް ކަލޭގެފާނާ މީގެ ފަހުން ހަނގުރާމަ ނުކުރާނެ ކަމަށް وعد ވަމެވެ. އަދި ކަލޭގެފާނާ ހަނގުރާމަކުރާ ބަޔަކާ ބައިވެރި ނުވުމަށް ވެސް عهد ވަމެވެ. މި އެއްބަސްވުމުގެ މައްޗަށް އެ ކަލޭގެފާނު އޭނާ އަށް معاف ދެއްވިއެވެ. ދެން އޭނާ އޭނާގެ ރަށަށް އެނބުރި ގޮސް އޭނާގެ قومގެ މީހުންނަށް ބުންޏެވެ. އޭ قومގެ މީހުންނޭވެ! ދެނަހުރިން ހެއްޔެވެ؟ ތިމަންނަ މިއައީ މި ދުނިޔޭގައިވާހައި އިންސާނުންގެ ތެރެއިން އެންމެ މާތް އިންސާނާގެ ގާތުންނެވެ. (އޭނާގެ މާތްކަމާއި ދީލަތިކަން އެހައިމެ ބޮޑު ނުވިނަމަހީ ތިމަންނަގެ ބޯ އޮންނާނީ މިހާރު ތިމަންނަގެ ކަނދުރާއިން ވަކިވެފައެވެ.)

عَنْ أَبِي عَبْدِ الرَّحْمنِ عَبْدِ اللَّهِ بْنِ مَسْعُودٍ رَضِيَ اللَّهِ عَنْهُ قَالَ: كَأَنِّي أَنْظُرُ إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَحْكيِ نَبيِّاً مِنَ الْأَنْبِيَاءِ، ضَرَبُهُ قَوْمُهُ فَأَدْمـوْهُ وهُوَ يَمْسَحُ الدَّمَ عَنْ وَجْهِهِ، يَقُولُ: «اللَّهُمَّ اغْفِرْ لِقَوْمِي فَإِنَّهُمْ لَا يَعْلَمُونَ»[2]، މާތްالله ރުއްސުންލެއްވި أبو عبْدِ الرَّحْمن عبْدِ اللَّه بنِ مسْعُود ގެ ކިބައިން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ. ނަބީބޭކަލުންގެ ތެރެއިން ނަބީބޭކަލަކަށް މެދުވެރިވި ކަންތައްތައް ކީރިތި ރަސޫލާ ﷺ ކިޔުއްވާ ދެއްވި މަންޒަރު އަދިވެސް ތިމަންނަގެ ލޯމަތީގައި އެބަހުއްޓެވެ. ހަދީސުކުރެއްވިއެވެ. އެ ނަބިއްޔާގެ قوم ގެ މީހުން އެ ނަބިއްޔާއަށް ތަޅާ އަނިޔާކުރިއެވެ. ފަހެ ލޭތައް އޮހޮރޭ ވަރުކުރިއެވެ. އަދި އެ ނަބިއްޔާގެ އެ ލޭތައް ބިމަށް އޮހޮރިއްޖެއްޔާ عذاب އަތުވެދާނޭ ކަމުގެ ބިރުފުޅުން އެ ލޭތައް ބިމަށް އޮހޮރުނަ ނުދެއްވާ ފޮހެލަފޮހެލާ ހުންނެވިއެވެ. (އެحال ގައި ހުންނަވައިގެން ވެސް) دعاء ކުރައްވަމުން ގެންދެވިއެވެ. اللهم ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންނަގެ قومގެ މީހުންގެ ފާފަ ފުއްސަވާނދޭވެ! ހަމަ ކަށަވަރުން އެމީހުންނަށް މިކަންކުރެވުނީ ނޭނގޭތީއެވެ.

معاف ކުރުމަކީ ކޮބައިހެއްޔެވެ؟

އެއީ މީހަކު އަނެކަކުގެ ހައްޤައަކަށް އަރައިގަނެވޭ ހިނދު އެ ކަމުގެ މައްޗަށް ލުއި ދިނުމާއި އެ ކަމުގެ މަށްޗަށް ފިޔަވަޅު ނައަޅާ އެ މީހަކު އިސްލާހުވުމަށް ފުރުސަތު ދިނުމެވެ.

معاف ކުރުމުގެ މާތްކަން

މާތް الله وحي ކުރެއްވިއެވެ. وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ ([3] މާނައީ:- ތިޔަބައިމީހުން عفوކޮށް މާފުކޮށް އަދި ކުށަކަށް ނުހަދައިފި ނަމަ (ދަންނާށެވެ!) ފަހެ، ހަމަ ކަށަވަރުން اللَّهއީ ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެެއެވެ.

މާތް الله وحيކުރެއްވިއެވެ. وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّهُ لَكُمْ ۗ وَاللَّهُ غَفُورٌ رَّحِيمٌ ([4] މާނައީ: ތިޔަބައިމީހުންގެ ތެރެއިން ދީލަތިކަމާއި ތަނަވަސްކަމުގެ ވެރިން ގާތްތިމާގެ މީހުންނަށާއި مسكينންނަށާއި اللَّهގެ މަގުގައި هجرةކުޅަ މީހުންނަށް ނުދިނުމަށް ހުވާ ނުކުރާހުށިކަމެވެ! އަދި އެއުރެން عفوކޮށް މާފުކުރާހުށިކަމެވެ! اللَّه ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމު ހެއްޔެވެ؟ اللَّهއީ ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.

عَنْ أَبِي هُرَيْرَةَ رضيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَا نَقَصَتْ صَدَقَةٌ مِنْ مَالٍ، وَمَا زَادَ اللَّهُ عَبْداً بِعَفْوٍ إِلاَّ عِزّاً، وَمَا تَوَاضَعَ أَحَدٌ للَّهِ إِلاَّ رَفَعَهُ اللَّهُ عَزَّ وجلَّ»[5] މާނައީ: މާތްالله ރުއްސުންލެއްވި أبوهُريرةގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ކީރިތި ރަސޫލާ ﷺ حديثކުރެއްވެވިއެވެ. صدقة ދިނުމަކުން މުދަލަކަށް އުނިކަމެއް ނުލިބެއެވެ. އަދި މާފުކުރުމުން އަޅާއަށް اللهގެ حضرةން عزة އިތުރުވެގެން ދެއެވެ. އަދި އެއްވެސް މީހަކު اللهއަށް ޓަކައި تَوَاضع ވެރިކަން އިޚްތިޔާރުކޮށްފި ނަމަ އެ ކަމުގެ މައްޗަށް اللهُ سُبْحَانَهُ وَتَعَالى އެ މީހެއްގެ ދަރަޖަ މަތިކުރައްވަވައެވެ.

 

[1] رواه البخاري، كتاب الجهاد والسير، باب من علق سيفه بالشجر في السفر عند القائلة، (2910)، ومسلم، كتاب الفضائل، باب توكله على الله تعالى، وعصمة الله تعالى له من الناس، (843).

[2] رواه البخاري، كتاب أحاديث الأنبياء، باب حديث الغار، (3477)، ومسلم، كتاب الجهاد والسير، باب غزوة أحد، (1792).

[3] سورة التغابن: 14.

[4] سورة النور: 22.

[5] رواه مسلم، كتاب البر والصلة والآداب، باب استحباب العفو والتواضع، (2588).