Support Us

ފޭސްބުކްގައި ހިތްދަތި ދުވަސްތަކެއް ހޭދަކުރި ސާރާ ވިން-ވިލިއަމްސް އަދި އޭނާ ފޭސްބުކް ހިންގާ މެޓަ ކުންފުނީގެ އަނދިރި ފަރާތާ ބެހޭ ގޮތުން ލިޔެފައިވާ ފޮތުގެ ބަނޑޭރިގަނޑު

ރޮހިންގާ މުސްލިމުންގެ ނަސްލު ނައްތައިލަން ފޭސްބުކުން ހިތްވަރު ދިން

ފޭސްބުކުން މިޔަންމާގެ ރޮހިންގާ މުސްލިމުންގެ ނަސްލު ނައްތައިލަން ހިތްވަރު ދޭ މައުލޫމާތު ފެތުރިކަމަށް އެ ތަނުގެ ކުރީގެ މުވައްޒަފަކު ފޭސްބުކް ހިންގާ މެޓަ ކުންފުނީގެ އަނދިރި ފަރާތާ ބެހޭ ގޮތުން ލިޔުނު ފޮތެއްގައި ތުހުމަތުކޮށްފިއެވެ.

މެޓަ ކުންފުނިން ބުނީ ސާރާ ވިން-ވިލިއަމްސްއަށް ވަޒީފާ ދިންއިރު ހެދި އެއްބަސްވުމުގައި ކުންފުނީގެ އެއްވެސް ވާހަކައެއް، އެއީ ހަގީގަތަކަށް ވިޔަސް ނުވަތަ ނުވިޔަސް، އެ ކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކަން ޝަރުތުކޮށްފައިވާ ކަމަށެވެ.

ކޯޓުން ސާރާއަށް އެންގީ މި ފޮތް އިތުރަށް ޕްރޮމޯޓު ނުކުރުމަށާއި މެޓަ ކުންފުންޏާ ބެހޭ ގޮތުން އިތުރަށް ވާހަކަ ނުދެއްކުމަށެވެ. އަދި ޗާޕުހާނާއަށް އެންގީ މި ފޮތް އިތުރަށް ނުވިއްކުމަށެވެ.

ސާރާގެ ފޮތް ޗާޕުކުރުމުގެ ކުރިން އޭނާ ވަނީ އެމެރިކާގެ ސެކިއުރިޓީސް އެކްސްޗޭންޖް ކޮމިޝަން (އެސް.އީ.ސީ)ގައި ވިސްލްބްލޯވާއެއްގެ ގޮތުގައި ޝަކުވާ ހުށަހަޅައިފައެވެ. މިއީ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން އެ ކުންފުނިތަކުންކުރާ ނޭދެވޭ ކަންތައްތައް ފަޅާއަރުވައިލުމުގެ ހައްގު ލިބިދޭ ގާނޫނުގެ ދަށުން ކުރެވޭ ކަމެކެވެ.

"ކެއާލެސް ޕީޕްލް" ނުވަތަ ލަފުޒީ މާނައިން ނަމަ "ފަރުވާކުޑަ މީހުން"ގެ ނަން ދީފައިވާ، މި ދިޔަ މަހު ނެރުނު ފޮތް މިހާރު އަންނަނީ އެމެރިކާ އާއި އިނގިރޭސި ވިލާތުގައި ކާމިޔާބުކަމާއެކު ވިކެމުންނެވެ.

ދުނިޔޭގެ އެންމެ މުއްސަނދި އެއް މަހުޖަނު އަދި ޔަހޫދީއެއް ކަމަށްވާ މާކް ޒަކާބާގްގެ ކުންފުނިން ހިންގާ މެޓަގައި މަސައްކަތްކުރި ސާރާ ތުހުމަތުކޮށްފައިވަނީ މެޓަ ކުންފުންޏަކީ ސުލޫކީ މިންގަނޑުތަކަށްވުރެ މާލީ ފައިދާއަށް އިސްކަން ދޭ ކުންފުންޏެއް ކަމަށެވެ.

"ޗައިނާ ބޭނުންވާހާ ގޮތަކަށް މައުލޫމާތު އަނބުރައިލައި އޮޅުވައިލަން ވެސް މަސައްކަތްކުރި،" ސާރާ ބުންޏެވެ.

ޗައިނާއަކީ އެމެރިކާގެ ހަތުރެއްކަމަށް ބަލާތީ ސާރާގެ ތުހުމަތުތައް އެމެރިކާގެ ގާނޫނު ހަދާ މަޖިލިސްކަމަށްވާ ކޮންގްރެސްގެ މަތިގެ ކަމަށްވާ ސެނެޓުގެ ސަބް-ކޮމިޓީއަކުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

"މެޓައަކީ އަންހެނުންނާ ދެކޮޅު ތައައްސުބެއް ވެސް ގެންގުޅޭ ކުންފުންޏެއް. އަދި އަހަރެންގެ މައްޗަށް ހުރި މީހަކު އަހަރެންނަށް ޖިންސީ ގޯނާކުރި،" ވަރަށް ތަފުސީލީ ގޮތަކަށް ހުރިހާ ކަމެއް ހާމަކޮށްފައިވާ މި ފޮތުގައި ސާރާ ކިޔައިދީފައިވެއެވެ.

މެޓަ ކުންފުނިން ބުނީ ސާރާ "ވަކި އާ ވާހަކަތަކެއް ނުދައްކާ ކަމަށާއި އެ ހުރިހާ ވާހަކަތަކަކީ ދޮގުތަކެއް" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *