އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ފޯޓް ލޯޑަޑޭލް ސިޓީގެ އައްސޭރިފަށުގައި 400 ފޫޓު ނުވަތަ ގާތްގަނޑަކަށް 40 ބުރި އިމާރާތެއްގެ ދިގުމިން ހުރި "ސުޕަޔޮޓެ"އް ނުވަަތަ މާސިންގާ ބޮޑު ޔޮޓެއް ބަނދަރުކޮށްފައިވާ މަންޒަރު ފެނިގެން ބަޔަކު އޭގެ ފޮޓޯއެއް ނަގާ ސޯޝަލް މީޑިއާއަށްލިއެވެ. އަދި މިއީ ކާކުގެ އެއްޗެއްތޯ ދެނެގަންނަން "އިންޓަނެޓްގެ ތަހުގީގެއް" ފެށިއެވެ.
އެންމެ ފަހުން އެނގުނީ މިއީ ފޭސްބުކާއި ވަޓްސްއެޕާއި އިންސްޓަގްރާމް ހިންގާ މެޓަ ކުންފުނީގެ ސީ.އީ.އޯ، ބިލިއަނަޔަރެއްކަމަށްވާ މާކް ޒަކާބާގްގެ ސުޕަޔޮޓެއް ކަމެވެ.
ޒަކާބާގަކީ ދުނިޔޭގެ ހަތަރު ވަނައަށް އެންމެ މުއްސަނދި މަހުޖަނެވެ. އެއީ ލުއި ވިޓޮން އާދި ޑިއޯހް ފަދަ ބްރޭންޑްގެ ފަރަންސޭސި ވެރިޔާ ވެހްނެއަހްޑް އެހްނޯލްޓާއި ޖެފް ބޭޒޯސް އާއި އީލޯން މަސްކްގެ ފަހަތުންނެވެ. އެމެރިކާގެ އޮންލައިން ކޮމާސް ކުންފުނި އެމެޒޯން އާއި ޓެކްނޮލޮޖީ އަދި މީޑިއާ ދާއިރާގެ ބިލިއަނަޔަރު ޖެފް ބޭޒޯސް ވެސް މިހާރު ސުޕަޔޮޓް ގެންގުޅެއެވެ. އީލޯން މަސްކަކީ ދުނިޔޭގައި މިހާރު ހުރި އެންމެ މުއްސަނދި މަހުޖަނެވެ. ސްޕޭސް-އެކްސް އާއި ޓެސްލާ ކުންފުނީގެ ވެރިޔާ އަދި އެމެރިކާގެ ސަރުކާރުގެ ހިންގުން ބަލަހައްޓާ ވުޒާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ގަވަންމަންޓް އެފިޝެންސީ (ޑީ.އޯ.ޖީ.އީ)ގެ ވަޒީރު މަސްކުގެ މިލްކިއްޔާތުގައި މިދިޔަ އަހަރު 400 ބިލިއަން ޑޮލަރު (6،160 ބިލިއަން ރުފިޔާ) ހުއްޓެވެ.
ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ)ގެ، "ލޯންޗްޕެޑް"ގެ ނަން ދީފައިވާ މި ސުޕަޔޮޓު ގަތުމުން، ޒަކާބާގް ތިމާވެށީގެ މައްސަލަތަކުގައި ގެންގުޅެނީ ދެފުށްދެގޮތް ސިޔާސަތެއްކަން ފަޅާއެރިއެވެ.
މިލްކިއްޔާތުގައި 164 ބިލިއަން ޑޮލަރު (2،525 ބިލިއަން ރުފިޔާ) ހުރި ޒަކާބާގްގެ މި ސުޕަޔޮޓް އޭނާ ހެއްދުވީ ފްރާންސްގެ އިންޓީރިއާ ޑިޒައިން ކުންފުންޏެއް ކަމަށްވާ ޒުހެޓީ ލައްވާ، ހަމައެކަނި އޭނާއަށް ބޭނުންވާ ހާއްސަ އާލާތްތަކާއި ހިދުމަތްތައް ލިބޭ ވަސީލަތްތައް އެކުލެވޭ ގޮތަށެވެ. ޒުހެޓީއަކީ ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިންގެ ސުޕަޔޮޓްގެ އެތެރެ ވެސް ޑިޒައިން ކުރި ކުންފުންޏެވެ.
މިހާތަނަށް ވެސް މި ސުޕަޔޮޓްގެ އެތެރޭގެ މަންޒަރުތައް ހިމެނޭ ފޮޓޯ އާއި ވީޑިއޯ ޒަކާބާގް ވަނީ ސިއްރުކޮށްފައެވެ. އެހެންކަމުން އާއްމުންނަށް ލިބެން ހުރީ ހަމައެކަނި މި ސުޕަޔޮޓް ބޭރުން ފެންނަ ގޮތަށް ނަގައިފައިވާ ފޮޓޯތަކާއި ވީޑިއޯތަކެވެ.
"މިއީ ހައްދުފަހަނަޅާ ވަރަށް މުއްސަނދިކަން ހުރި މީހަކަށް ނޫނީ ނުގަނެވޭނެ އެއްޗެއް. އަދި މިއީ ތިމާވެށްޓަށް ވެސް ތަފާތު ގެއްލުންތައް ދޭ ބާވަތުގެ ޔޮޓެއް،" މި ސުޕަޔޮޓްގެ "އިންޓަނެޓު ތަހުގީގު"ގައި ބައިވެރިވި މީހަކު ކޮމެންޓްކުރިއެވެ.

ސުޕަޔޮޓެއް ގަތުމުން މި ފަދަ ޔޮޓަކަށް އެހީ ދޭ މަނަވަރެއް ވެސް ޒަކާބާގަށް ގަންނަންޖެހުނެވެ. އެއީ އިތުރު 30 މިލިއަން ޑޮލަރު (462 މިލިއަން ރުފިޔާ) ދީގެން ގަތް 220 ފޫޓު ނުވަތަ ގާތްގަނޑަށް 20 ބުރި އިމާރާތެއްހާ ދިގުމިން ހުރި "ވިންގްމޭން" ނަމަކަށް ކިޔާ މަނަވަރެކެވެ. މި މަނަވަރުގައި ހެލިކޮޕްޓަރެއް ވެސް އޮވެއެވެ.
އެހެން ގޮތަކަށް ބުނާ ނަމަ، ޒަކާބާގް މި ހޭދަކޮށްލި 330 މިލިއަން ޑޮލަރު (ފަސް ބިލިއަން ރުފިޔާ)އަކީ ޕެސިފިކް ކަނޑުގައި އޮންނަ ދެ ޖަޒީރާ ގައުމު ކަމަށްވާ ނައުރު އަދި މާޝަލް އައިލެންޑްސްގެ އަހަރީ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) އެއްކޮށްލުމުން އަރާވަރަށްވުރެ ވެސް ބޮޑު ހަރަދެކެވެ.
"މީގެން ހާމަވަނީ ޒަކާބާގްގެ ދަހިވެތިކަން. އެ ނޫން އެހެން ކަމެއް ނޫން،" އެހެން މީހަކު ކޮމެންޓްކޮށްފައިވެއެވެ.
މި ސުޕަޔޮޓްގެ ސަބަބުން ޒަކާބާގަކީ "ދެފުށްކެހެރިއެއް" ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެން ފެށީ ތިމާވެށްޓާ ރައްޓެހި މީހެއްކަމަށް ދައްކަން، ޒަކާބާގް މީގެ ކުރިން ދައްކައިފައިވާ ވާހަކަތަކަށް ބަލައިފައެވެ.
"އަހަރެމެންގެ މި ދުނިޔެ ހަލާކުވުމުގެ ކުރިން މޫސުމަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް ހަނގުރާމަކުރަން އަހަރެން ހާވަޑް ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުންނަށް ގޮވައިލަން،" ޒަކާބާގް މިހެން ބުނިކަމަށް އޭ.ބީ.ސީއިން ރިޕޯޓްކޮށްފައިވެއެވެ.
މެޓައިންވަނީ 2030 ވަނަ އަހަރާ ހަމައަށް އަންނަންވާއިރަށް އެ ކުންފުންޏަކީ ވިހަ ގޭހެއް ކަމަށްވާ ކާބަން ޖައްވަށް އެއްގޮތަކަށް ވެސް ދޫނުކުރާ ތަނަކަށް ހަދާނެ ކަމަށް ވައުދުވެފައެވެ. މީގެ އިތުރުން މެޓަ އިން ގާއިމުކޮށްފައިވާ ކުންފުނި ކަމަށްވާ ހާން ޒަކާބާގް އިނިޝިއެޓިވުން 2022 ގައި ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހައްލު ގެނެސްދޭނެ ޓެކްނޮލޮޖީތަކަށް 44 މިލިއަން ޑޮލަރު (677 މިލިއަން ރުފިޔާ)ގެ އެހީއެއް ކަނޑައަޅައިފައެވެ.
އާއްމު ތަންތާނގައި ތިމާވެށި ހިމާޔަތް ކުރުމާ އެއްކޮޅަށް ވާހަކަ ދެއްކި ނަމަވެސް ޒަކާބާގް ގަންނަ މުދަލާއި އުޅޭ ލައިފްސްޓައިލުން ދޭހަވަނީ މުޅިން އެހެން ކަމެކެވެ.
"މޫސުމަށް އަންނަ ބަދަލުތަކާ އޭނާ ކުރާ ހަނގުރާމަ އެ އޮތް ގޮތަށް އޮތީ،" ރެޑިޓްގައި މީހަކު ކޮމެންޓްކުރިއެވެ.

ޒަކާބާގްގެ ސުޕަޔޮޓް "ލޯންޗްޕެޑް" މިދިޔަ އަހަރު ގަތް ހިސާބުން ވެސް އެތައް ބަޔަކު ހަރުކަށި އިބާރާތުން އެ ކަމަށް ފާޑުކިޔެވެ. މީގެ އިތުރުން ގަޑިއަކު 1،798 ލީޓަރުގެ ތެޔޮ އަންދައިލައި އަމިއްލަ ޖެޓެއް ވެސް ޒަކާބާގް ގަނެފައިވެއެވެ. ގަލްފްސްޓްރީމް ޖީ-650 މަރުކާގެ މި ޖެޓުގެ ހަރަދުތަކަށް 2022 ގައި މެޓަ ކުންފުނިން 2.3 މިލިއަން ޑޮލަރު (35 މިލިއަން ރުފިޔާ) ހަރަދުކުރިކަމަށް ދަ ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކުރިއެވެ.
ނަމަވެސް ޖެޓަށް ވުރެ ވެސް ގިނައިން ކާބަން ގޭސް ދޫކުރަނީ އޭނާގެ ސުޕަޔޮޓް "ލޯންޗްޕެޑް"އެވެ. ހަގީގަތުގައި، ތިމާވެށްޓަށް އެންމެ ބޮޑަށް ގެއްލުން ދޭ ތަކެތީގެ ތެރޭގައި ސުޕަޔޮޓް ހިމެނެއެވެ. އެ ގޮތުން އަހަރަކު 7،000 ޓަނަށްވުރެ ގިނައިން ކާބަން ގޭސް ކޮންމެ ސުޕަޔޮޓަކުން ދޫކުރެއެވެ. މިއީ 1،400 ކާރު ވެސް ކާބަން ގޭސް ދޫކުރާ މިންވަރެވެ.
ސުޕަޔޮޓުން މި ވަރަށް ކާބަން ގޭސް ދޫކުރާ ބައިވަރު ސަބަބުތައްވެއެވެ. އެ ގޮތުން 24 ގަޑިއިރު މަސައްކަތްކުރާ ފަޅުވެރިންނާއި ހެލިކޮޕްޓަރު ޖައްސާ ހެލިޕެޑާއި ސަބްމެރިން އަދި ފަތާ ފެންގަނޑު ހިމެނެއެވެ.
ކަން މިހެން ހުރި ނަމަވެސް ތިމާވެށްޓާ ރައްޓެހި ޔޮޓުތައް ބައެއް ކުންފުނިތަކުން މިހާރު ބަންނަމުން އެބަދެއެވެ. އެކަމަކު އެމެރިކާގެ މަގުތަކުގައި މިހާރު ކަރަންޓުން އޮޕަރޭޓް ކުރާ އިލެޓްރިކް ވެހިކަލްތައްހާ އާއްމު އެއްޗަކަށްވާން އެތައް ދުވަހެއް ނަގާނެއެވެ.
"ލޯންޗްޕެޑް" ގަތުމުން ދުނިޔޭގައި ސުޕަޔޮޓް ގެންގުޅޭ ބިލިއަނަޔަރުންގެ ކްލަބަށް ޒަކާބާގަށް ވެސް ވަދެވުނީއެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ނައިބު ރައީސް އަދި ބޮޑު ވަޒީރުގެ ނައިބު ޝައިޚު މަންސޫރު ބިން ޒައިދު އަލް ނަހްޔާން ވެސް މި ސުޕަޔޮޓް ކްލަބްގައި ހިމެނިވަޑައިގަންނަވައެވެ. އަބޫ ދާބީގެ ޝާހީ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ އަލް ނަހްޔާނަކީ އިނގިރޭސި ޕްރިމިއަ ލީގްގެ ފުޓުބޯޅަ ކްލަބް މެންޗެސްޓާ ސިޓީ ގަތް މީހާއެވެ.
ޒަކާބާގްގެ ސުޕަޔޮޓް "ލޯންޗްޕެޑް" ބަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ފީޑްޝިޕްއިންނެވެ.
"ލޯންޗްޕެޑް"ގެ އެތެރޭގެ ފޮޓޯތަކާއި ވީޑިއޯތައް އާއްމުކޮށްފައި ނުވި ނަމަވެސް މި ސުޕަޔޮޓްގައި ހިމެނޭ ބައެއް އާލާތްތަކާއި ހިދުމަތްތައް ޔޮޓްޗާޓާފްލީޓުން ރިޕޯޓްކޮށްފައިވެއެވެ. ޔޮޓާ ބެހޭ މައުލޫމާތު ހާމަކުރާ މި ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި "ލޯންޗްޕެޑް"ގައި އެތައް ޑެކާއި ބޮޑު ސްވިމިން ޕޫލަކާއި ހެލިޕެޑަކާއި 26 މެހެމާނުންނަށް 13 ކޮޓަރިވެއެވެ. ފަޅުވެރިންގެ ގޮތުގައި އުޅެނީ 49 މީހުންނެވެ. އަދި މި ސުޕަޔޮޓްގައި ތިއެޓަރަކާއި ކަސްރަތު ކުރެވޭނެ ޖިމްއަކާއި ބީޗް ކްލަބަކާއި ޖަކޫޒީއަކާއި އަދި ބިއުޓީ ސެލޫނެއް ހިމެނެއެވެ.

ސުޕަޔޮޓަކާއި ޖެޓެއްގެ އިތުރުން ޒަކާބާގް ދުއްވަނީ ވެސް އަގުބޮޑު ކާރުތަކެވެ. އޭނާ ދުއްވާ ކާރުތަކުގެ ބްރޭންޑްތަކުގެ ތެރޭގައި ހޮންޑާ އާއި އެކުރާ އަދި ޕަގާނީ ހުއައިރާ ހިމެނެއެވެ. އިޓަލީގެ ބްރޭންޑެއް ކަމަށްވާ ޕަގާނީ ހުއައިރާގެ ކާރު ގަންނަން ޒަކާބާގް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ހަރަދުކުރިކަމަށް ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކުރިއެވެ. މިއީ އަގުބޮޑު ފެރާރީ މަރުކާގެ ކާރާ ވެސް ވާދަކުރާ ބްރޭންޑެކެވެ.
ޒަކާބާގްގެ މިލްކިއްޔާތުގައި ބިންތަކެއް ވެސް ވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ޖަޒީރާއެއް ކަމަށްވާ ހަވާއީގެ ރަށް ކުއާއީން 286 ހެކްޓަރުގެ ބިމެއް އޭނާ ވަނީ ގަނެފައެވެ. ފޯބްސް މަޖައްލާއިން ބުނީ 2014 ގައި އޭނާ މި ބިން ގަތީ 116 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ)އަށް ކަމަށެވެ. އޭގެ ފަހުން 2021 ގެ މާރިޗުގައި ޒަކާބާގް 242 ހެކްޓަރުގެ ބިމެއް ކުއާއީން 53 މިލިއަން ޑޮލަރު (816 މިލިއަން ރުފިޔާ)އަށް ގަތެވެ. އޭގެ ހަ މަސް ފަހުން ދަނޑުވެރިކަމުން މުއްސަނދި 44 ހެކްޓަރުގެ ބިމެއް 17 މިލިއަން ޑޮލަރު (261 މިލިއަން ރުފިޔާ)އަށް ގަތް ކަމަށް ދަ ގާޑިއަން އާއި ސައުތު ޗައިނާ މޯނިން ޕޯސްޓުން ރިޕޯޓްކުރިއެވެ. ކުއާއީގެ މި ބިންތައް ގަތުމުން ޒަކާބާގާމެދު އެ ތަނުގެ ރަށްވެހިން ހިތްހަމަނުޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޭކެއް ކަމަށްވާ ޓަހޯގެ ކައިރިން ދެ ބިމެއް ޒަކާބާގާއި އޭނާގެ އަނބިމީހާ ޕްރިސެލާ ހާން ގަތެވެ. ކެރޫސަލް ނަމަކަށް ކިޔާ ފުރަތަމަ ބިމުގައިވާ އެސްޓޭޓު އިމާރާތްކޮށްފައިވަނީ 1930 ގެ އަހަރުތަކުގައެވެ. އެ ތަނުގައި އަށް ކޮޓަރިއާއި އަމިއްލަ ފާލަމަކާއި މެހެމާނުންނަށް ގެސްޓް ހައުސްއަކާއި އަދި ކާރު ޕާކު ކުރަން ވަކިން ސަރަހައްދެއްވެއެވެ. ދެވަނަ ޕްރޮޕަޓީ ކަމަށްވާ ބްރަޝްވުޑް ނަމަކަށް ކިޔާ އެސްޓޭޓް އިމާރާތް ކޮށްފައިވަނީ 1960 ގެ އަހަރުތަކުގައެވެ. އެ ތަނުގައި ވެސް އަމިއްލަ ފާލަމަކާއި ގެސްޓް ހައުސްއެއް ވެއެވެ. އަދި އޭގެ އިތުރުން ގެއިން ބޭރުގައި އިޖުތިމާއީ ހަރަކާތްތައް ހިންގުމަށާއި ކުޅިވަރު ކުޅުމަށާއި މުނިފޫހިފިލުވާނެ ކަންތައްތައް ކުރުމަށް ޕެޓިއޯސްތަކެއް ހުންނަ ކަމަށް ދަ ވޯލް ސްޓްރީޓް ޖޯނަލުން ރިޕޯޓްކުރިއެވެ.
ޒަކާބާގްގެ ދެމަފިރިން ދިރިއުޅޭ ގެއަކީ ވެސް މުއްސަނދިކަމުގެ މިސާލެކެވެ. އޭނާގެ ގޭގައި ފަސް ކޮޓަރި އާއި ފަތާ ފެންގަނޑަކާއި ބޮޑު ބަގީޗާއަކާއި ބާބެކި ހަދާ ތަނަކާއި ވައިން ފުޅި ބަހައްޓާ ބަނޑަހަގެއަކާއި ގަސް އިންދާ ގްރީން ހައުސްއަކާއި އަދި ސްޕާއެއް ހުރެއެވެ. އޭނާ ގެ ފުރަތަމައިނުން ގަތީ ހަތް މިލިއަން ޑޮލަރު (107 މިލިއަން ރުފިޔާ)އަށެވެ. ނަމަވެސް އެ ގޭގެ ވަށައިގެންވާ ހަތަރު ގެއެއް މެހެމާނުންނަށް ގެސްޓް ހައުސްތަކެއްގެ ގޮތަށް ބަދަލުކުރަން އެ ހަތަރު ގެ ވެސް ގަތުމުން އޭނާގެ އަތުން މުޅިއަކު 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ހަރަދުވިއެވެ.