Support Us

ބިންހެލުން އައުމަށް ފަހު ވެސް މިޔަންމާގެ އަސްކަރިއްޔާއިން ޝާން ސްޓޭޓަށް ބޮން އަޅައިފައިވާ ތަނެއް

ބިންހެލުމުގައި 1،644 މީހުން މަރުވިޔަސް މިޔަންމާގެ އަހުލީ ހަނގުރާމަ ކުރިއަށް

ހުކުރު ދުވަހު މިޔަންމާއަށް ރެކްޓާ މިންގަނޑުން 7.7 ގެ ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް 1،644 ރައްޔިތުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާއިރު އެހީ ފޯރުކޮށްދިނުމުގެ ބަދަލުގައި މިޔަންމާގެ އަސްކަރީ ސަރުކާރު ނުވަތަ ޖުންޓާއިން ވައިގެ މަގުން އެކި ސަރަހައްދުތަކަށް އަދިވެސް ހަމަލާތައް އެބަ ކުރިއަށްގެންދެއެވެ.

ރޮހިންގާ މުސްލިމު ނަސްލު ނައްތައިލަން ވެސް މަސައްކަތްކުރި ޖުންޓާއިން މި ގޮތަށް އިންސާނީ ޖަރީމާ ހިންގުން ކުރިއަށް ގެންދިޔަ ނަމަވެސް ޖުންޓާއާ ދެކޮޅަށް ދެމުންގެންދިޔަ ހަމަލާތައް ދެ ހަފުތާއަށް ހުއްޓާލާނެ ކަމަށް ސަރުކާރާ ދެކޮޅަށް އަހުލީ ހަނގުރާމަ ކުރަމުންދާ ޑިމޮކްރެސީއަށް ތަރުހީބު ދޭ ހަނގުރާމަވެރިންނާއި ތަފާތު ނަސްލުތަކަށް ނިސްބަތްވާ އިދިކޮޅު ހަނގުރާމަވެރިން އިއްޔެ އިއުލާންކުރިއެވެ.

"މީހުން ސަލާމަތް ކުރުމަށް އެހީވަމުން އަންނަ އިރު އަނެއްކޮޅުން ޖުންޓާއިން ބޮން އަޅަމުންގެންދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އދ.ގެ ހާއްސަ މަންދޫބު ޓޮމް އެންޑްރޫޒް ބީ.ބީ.ސީއަށް ބުންޏެވެ.

މީގެ ހަތަރު އަހަރު ކުރިން މިޔަންމާގެ ސަރުކާރު ބަޣާވާތަކުން ވައްޓައިލައި ވެރިކަމަށް އެރި ޖުންޓާގެ ހުރިހާ އަސްކަރީ ހަރަކާތްތަކެއް ހުއްޓައިލުމަށް ޓޮމް ގޮވައިލިއެވެ.

"ޖުންޓާގެ މައްޗަށް ނުފޫޒު ފޯރުވޭނެ ފަދަ ބާރު ހުރި ހުރިހާ ފަރާތްތަކަށް އަހަރެން ގޮވައިލަނީ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ޖުންޓާއިން ދެމުންދާ ހަމަލާތައް ހުއްޓައިލުމަށް ޕްރެޝަރުކުރަން،" ޓޮމް ބުންޏެވެ.

ޖުންޓާއަށް އެހީވަމުންދާ ދެ ގައުމަކީ ރަޝިއާ އާއި ޗައިނާއެވެ. ބަޣާވާތަށް ފަހު ޖުންޓާއަށް އެއްވެސް ގައުމަކުން އެހީ ނުވުމަށް އދ.އިން ގޮވައިލި ނަމަވެސްމެއެވެ.

ޖުންޓާއިން މިހާރު ކޮންޓްރޯލް ކުރަނީ މުޅި ގައުމުގެ 42 ޕަސެންޓް ބިމެވެ. ނަމަވެސް ސަރުކާރު ހިންގާތީ ވައިގެ ހަމަލާ ދިނުމުގެ ފުރުސަތު އޮތީ ޖުންޓާއަށެވެ. އަދި ޖުންޓާއަށް މި ކަމުގައި ރަޝިއާ އާއި ޗައިނާއިން ދަނީ ވާގިވެރިވަމުންނެވެ. އެއީ ހަނގުރާމަމަތީ ޖެޓުތައް ދީގެންނާއި އެ އުޅަނދުތައް ހިންގާނެ ޕައިލެޓުންނާއި ސިފައިން ތަމްރީންކޮށްދީގެންނެވެ.

ބިންހެލުން އައިތާ ތިން ގަޑިއިރު ވެސް ނުވަނީސް ޖުންޓާއިން ވަނީ އިދިކޮޅު ފަރާތްތަކުގެ ދަށުގައިވާ ސަރަހައްދުތަކަށް އަލުން ހަމަލާތައް ދޭން ފަށައިފައެވެ. އެ ގޮތުން ބިންހެލުމުގައި 10 މީހުން މަރުވި ތައިލެންޑްގެ ބޯޑަރާ ކައިރި މިޔަންމާގެ ސަރަހައްދުތަކަށް ވެސް ވަނީ ބޮން އަޅަން ފަށައިފައެވެ. މިޔަންމާގެ އުތުރުގެ ޝާން ސްޓޭޓަށް ދިން ހަމަލާއެއްގައި ހަތް މީހުން މަރުވިއެވެ.

ބިންހެލުން އައި ސަހަރު ނުވަތަ އެޕިސެންޓަރު ކަމަށްވާ ސަގައިންގް ސިޓީއަށް ވެސް ވަނީ ވައިގެ މަގުން ހަމަލާ ދީފައެވެ. ސަގައިންގްގެ ބޮޑު ބައި މިހާރު ކޮންޓްރޯލު ކުރަނީ ޑިމޮކްރެސީއަށް ތާއީދުކުރާ އިދިކޮޅު ހަނގުރާމަވެރިންނެވެ.

ޖުންޓާއާ ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ނެޝަނަލް ޔުނިޓީ ގަވަންމަންޓް ނުވަތަ އެން.ޔޫ.ޖީ ހިޔަނި ސަރުކާރުން ބުނީ ބިންހެލުމުގައި ހާލުގައި ޖެހުނު ސަރަހައްދުތަކަށް އެހީވުމަށް ދެ ހަފުތާއަށް ހަމަލާތައް މެދުކަނޑައިލަން އިއްޔެ ނިންމި ނަމަވެސް ޖުންޓާއިން ހަމަލާތައް ކުރިއަށްގެންދާ ނަމަ ޖުންޓާއާ ދެކޮޅަށް ދިފާއުގައި ހަމަލާ ދިނުން ނޫން ގޮތެއް ނެތް ކަމަށެވެ.

ތައިލެންޑްގެ އިތުރުން ބިންހެލުމުގެ އަސަރު ޗައިނާ އާއި ވިއެޓްނާމަށް ވެސް ކުރިއެވެ.

މިޔަންމާގެ ވެރިރަށް ނޭ ޕީ ތޯވްގެ އިތުރުން ދެވަނައަށް އެންމެ ބޮޑު ސަހަރު ކަމަށްވާ މަންޑަލީއަށް ވެސް ބިންހެލުމުގެ އަސަރުކުރިއެވެ.

ޖުންޓާއަކީ ވަކި ހަމައެއް ނެތި ވައިގެ ހަމަލާދިނުމުގެ ތާރީހެއް އޮތް އަސްކަރިއްޔާއެކެވެ. އެ ގޮތުން ސްކޫލްތަކާއި ދީނީ ތަންތަނާއި ހޮސްޕިޓަލްތަކަށް ބޮން އެޅުމުގެ ސަބަބުން 170 މީހުން މަރުވި ފަހަރެއް ވެސް ރެކޯޑު ކުރެވިފައިވެއެވެ. އެ ފަހަރު ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް މަރުވިއެވެ.

ޖުންޓާގެ ހަރަކާތްތައް ތަހުގީގު ކުރަމުން އަންނަ އދ.ގެ އިދާރާއިން ބުނީ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ އާއި ލާއިންސާނީ ކުށްތައް ޖުންޓާއިން ކުރަމުންދާ ކަމަށެވެ.

ޖުންޓާއަކީ މިޔަންމާ ހާލުގައި ޖެހުނަސް ބައިނަލްއަގުވާމީ އެހީއަށް އެދޭ އަސްކަރީ ސަރުކާރެއް ނޫނެވެ. ނަމަވެސް މި ފަހަރު ވަނީ ބޭރުގެ އެހީއަށް އެދިފައެވެ. އަދި ކުރިން ވެސް ހީކުރެވުނު ގޮތަށް އެހީ އާއި މީހުން ސަލާމަތް ކުރާ ޓީމުތައް ފޮނުވީ ރަޝިއާ އާއި ޗައިނާއިންނެވެ.

"ރަޝިއާ އާއި ޗައިނާގެ ހަމްދަރުދީއަކީ މިހާރު އިތުބާރު ކުރަން ދަތި އެއްޗެއް. ސަބަބަކީ އަހަރެމެންގެ މައުސޫމް އާއްމު ރައްޔިތުން މަރައިލަން ނުރައްކާތެރި ހަތިޔާރުތައް ޖުންޓާއަށް ދެނީ ވެސް އެ ދެ ގައުމުން،" އިނގިރޭސި ވިލާތުގައި ހުންނަ މިޔަންމާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ޖޫލީ ކައިން ބުންޏެވެ.

ބައެއް ފަރާތްތަކުން ބުނީ ބިންހެލުމުގެ ކާރިސާއިން އަރައިގަންނަން މިޔަންމާއަށް ދޭ އެހީ "އަހުލީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފާނެކަމުގެ ބިރު އެބައޮތް" ކަމަށެވެ. ސަބަބަކީ ޖުންޓާއާ ދެކޮޅަށް ހަނގުރާމަކުރާ ޑިމޮކްރެސީއަށް ތާއީދުކުރާ ހަނގުރާމަވެރިން ހަރަކާތްތެރިވާ ސަރަހައްދުތަކަށް ދޭ އެހީއަށް މީގެ ކުރިން ވެސް ޖުންޓާއިން ހުރަސްއަޅައިފައިވާތީއެވެ.

މިޔަންމާއަކީ އާއްމު ގޮތެއްގައި ބިންހެލުން އަންނަ ސަރަހައްދެއްގައި އޮންނަ ގައުމަކަށް ވާއިރު ކުރީގެ ކާރިސާތަކުގައި އެހީ ދޭ މަސައްކަތުގައި އުޅުނު އެހީތެރިން ވެސް ޖުންޓާއިން ހައްޔަރުކުރިކަމަށް ޓޮމް ބީ.ބީ.ސީއަށް ބުންޏެވެ.

"ކުރީގެ ކާރިސާތަކުގައި ވެސް ބައިނަލްއަގުވާމީ މުޖުތަމައުން ދޭ އެހީ ޖުންޓާއިން ފޮނުވަނީ ހަމައެކަނި ޖުންޓާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދުތަކަށް އެހީ ދޭން އުޅުމުން އެ ކަމަށް ހުރަސްއަޅާ. ކުރިން ކަންތައްތައް ހިނގާފައިވަނީ މިހެން. އަދި މި ފަހަރު ވެސް މި ބިންހެލުމުގެ ކާރިސާގައި ކަންތައްތައް ހިނގާނެ ކަމަށް ބެލެވެނީ މި ގޮތަށް،" ޓޮމް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *