ދެކުނުއިރުމަތީ އޭޝިއާގެ ގައުމުތަކަށް މިއަދު އައި ދެ ބިންހެލުމުގައި ތައިލެންޑާއި މިޔަންމާގައި މިހާތަނަށް 28 މީހުން މަރުވިކަން ކަށަވަރުކުރެވިފައިވާ ކަމަށް ރަސްމީ އިދާރާތަކުން ބުނެފިއެވެ.
"ގާތްގަނޑަކަށް 43 މީހުން ވަނީ ގެއްލިފައި،" އޮފިޝަލަކު ބުންޏެވެ.
އެންމެ ގިނަ މީހުން މަރުވީ މިޔަންމާއިން ކަމަށްވާއިރު ބައެއް މީހުން މަރުވެފައިވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގެ އިމާރާތެއް ވެއްޓިގެންނެވެ.
"މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދަށް ބަދަލު އައުން އެކަށީގެންވޭ،" އޮފިޝަލަކު ބުންޏެވެ.

ބިންހެލުންތަކުގެ އެޕިސެންޓަރު ނުވަތަ އަސްލަކީ މިޔަންމާއެވެ. ތައިލެންޑަށް ވަރަށް ބޮޑަށް އަސަރުކުރުމާ ގުޅިގެން އުސް އިމާރާތްތަކުން މީހުން ވަނީ ނެރެފައެވެ.
"ބެންކޮކްގައި އިމާރާތްތަކެއް ވެއްޓުނު ރިޕޯޓްތަކެއް ލިބިފައިވޭ. އެ ތަންތަނުގެ ދަށުވެ މީހުން މަރުވެފައިވާ ކަމުގެ ރިޕޯޓްތައް ވެސް ލިބިފައިވޭ،" އޮފިޝަލަކު ބުންޏެވެ.
ބެންކޮކްގެ ރަސްމީ އިދާރާތަކުން ވަނީ އެ ސިޓީއަކީ ކާރިސާއެއް އައިސްފައިވާ ސަހަރެއް ކަމަށް މިހާރު ކަނޑައަޅައިފައެވެ.
މިޔަންމާގައި މިހާރު ވަނީ އެ ގައުމުގެ އަސްކަރީ ސަރުކާރުން ގިނަ ސަރަހައްދުތަކުގައި ކުއްލި ހާލަތު އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ވެރިރަށް ނޭޕީތޯވް އާއި އެޕިސެންޓަރު ކައިރީގައިވާ މަންޑާލީ ހިމެނެއެވެ.

އެންމެ ބޮޑު ބިންހެލުން އައީ މަންޑާލީ ކައިރިއަށެވެ. އެއީ ރިކްޓާ މިންގަނޑުން 7.7 ގެ ބިންހެލުމެކެވެ.
ދެ ވަނަ ބިންހެލުން އައީ މިޔަންމާގެ ސަގައިންގްގެ ކައިރިއަށެވެ. ފުރަތަމަ ރިޕޯޓްތައް ބުނީ މިއީ ރިކްޓާ މިންގަނޑުން 7.2 ގެ ބިންހެލުމެއް ކަމަށެވެ. ނަމަވެސް ރަސްމީ އިދާރާތަކުން މިހާރު ބުނީ މިއީ ރިކްޓާ މިންގަނޑުން 6.4 ގެ ބިންހެލުމެއް ކަމަށާއި މި ބިންހެލުން އައީ ފުރަތަމަ ބިންހެލުން ހިނގިތާ ގާތްގަނޑަކަށް 12 މިނެޓް ފަހުން ކަމަށެވެ.

އެހެން އޮފިޝަލަކު ބުނީ ބައެއް އިމާރާތްތައް ހެލިގަތްވަރުން އެ ތަންތަނުގެ ޓެރެސްގައިވާ ސްވިމިން ޕޫލްތަކުން ބޭރަށް ފެންގަނޑު ފައިބައިގަތް ކަމަށެވެ.
ބިންގަނޑު ގުޑުމުގެ އަސަރު ވިއެޓްނާމަށް ވެސް ކޮށްފައިވާތީ އެ ގައުމުގެ ރައްޔިތުންގެ މެދުގައިވަނީ ފިކުރުބޮޑުވުމާއި ހާސްކަން އުފެދިފައި ކަމަށް އޮފިޝަލަކު ބުންޏެވެ.

"ޗައިނާގެ ބައެއް ހިސާބުތަކަށް ވެސް ބިންހެލުމުގެ އަސަރުކޮށްފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވޭ،" އޮފިޝަލަކު ބުންޏެވެ.
"މިޔަންމާ ވަނީ އަހުލީ ހަނގުރާމައެއްގެ ތެރޭގައި ކަމަށްވާތީ ގިނަ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދެވޭނެ ގޮތެއް ނެތް. އޭގެ ތެރޭގައި ދެކުނުގައި އޮންނަ ޝާން ސްޓޭޓް ހިމެނޭ،" ވަކި ފަރާތަކަށް ނުޖެހި ސިއްހީ އެހީ ފޯރުކޮށްދޭ ރެޑް ކްރޮސްއިން ބުންޏެވެ.

ބެންކޮކްގެ މަޝްހޫރު ޗަޓުޗަކު ބާޒާރު ކައިރީގައި ހުރި އިމާރާތެއް ހިރަފުސްގަނޑެއްހެން ހަފުސްވެގެން ވެއްޓި ބިމާ ހަމަވި ވީޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. އެތައް ބުރި އުސް މި އިމާރާތުގެ މަތީގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ކެރޭނެއް ވެސް ހުއްޓެވެ. އިމާރާތް ވެއްޓެމުން ދިޔައިރު އެ ތަނުން ދުރަށް ސަލާމަތްވާން ދުވަމުން ދިޔަ މީހުންތައް ހަޅޭއްލަވަމުން ރޯ އަޑު މި ވީޑިއޯއިން އިވެއެވެ.
އިމާރާތުން ވެއްޓުނު ގާބުރިތައް ދަށުވެގެން އެ ތާނގައި އޮތް ލޮރީއެއްގައި އިން މަސައްކަތްތެރިޔަކު މަރުވި ކަމަށާއި އެހެން މަސައްކަތްތެރިޔަކު "ޗިސް ޗިސްވި" ކަމަށް މީހުން ސަލާމަތް ކުރަން އުޅުނު އެހީތެރިއެއް ކަމަށްވާ ސޮންގްވުޓް ވެންގްޕޮން ނޫސްވެރިންގެ ގާތުގައި ބުންޏެވެ.

"އެ އިމާރާތް ކައިރީގައި މުޅިއަކު ތިން މީހުން މަރުވި. އަދި 90 މީހުން ވަނީ ގެއްލިފައި،" ތައިލެންޑްގެ ދިފާއީ ވަޒީރު ފުމްތާމް ވެޗަޔަޗައި ވިދާޅުވިއެވެ.
އޭނާ އިތުރު ތަފުސީލެއް ނުދެއްވައެވެ. ނަމަވެސް އެހީ ވާން އައިސްފައިވާ ފަރާތްތަކުން ބުނީ ވެއްޓިފައިވާ އިމާރާތުގެ ބޭރުން ހަތް މީހުން ސަލާމަތްކުރެވިފައިވާ ކަމަށެވެ.

"އެކަމަކު ގާތަކުގެ ދަށުގައި ތާށިވެފައި މީހުން ތިބި ކަމަށް ބެލެވޭ،" އެހީ ވާ މީހަކު ބުންޏެވެ.
ދެ ބިންހެލުމުގެ އާފްޓަޝޮކްތަކުން ލޮޅުން އަރައިފައިނެތީ، އިމާރާތްތަކުން ބޭރަށް ގެނެވުނު މީހުން މަގުމަތީގައި ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އަންގައިފައެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އާއި ޖަރުމަނުގެ ޖީ.އެފް.ޒެޑް ސެންޓަރު ފޮ ޖިއޯސައިންސަސްއިން ބުނީ ބިންހެލުން ހިނގީ ބިމުގެ އަޑިން 6.2 މޭލު ފުނުގައި ކަމަށެވެ.



advertisment