"ރޯދައިގެ ހަދިޔާ" މި ސިލްސިލާ ފެށުމުގެ ގޮތުން އަލްފާތިޙާ ސޫރަތުގެ މާނައިގެ މައްޗަށް ނަޒަރެއް ހިންގާލަން ގަސްދުކުރަމެވެ. އެހެން މަސްތަކޭ އެއްފަދައިން، އަޅުކަމުގައި މަޝްޣޫލުވެގެން އުޅޭ މީހުން، އެންމެ ގިނައިން ކިޔާ އެއް ސޫރަތަކަށް އަލްފާތިހާ ސޫރަތް ވާނެތީއެވެ. ހަމަ ގައިމުގެސް ނަމާދުގައި ރެއާއި ދުވާލު މަދުވެގެން 17 ފަހަރު މި ސޫރަތް ކިޔެވެއެވެ. އެހެންވެ، އަލްފާތިޙާ ސޫރަތުގެ މައްޗަށް ކަޅިއެއް އެއްލައި، އެ ސޫރަތުގެ މާނަ ފަހުމްކުރުމަށް މަސައްކަތްކުރުން މުހިއްމެވެ.
މި މަގުސަދު ހާސިލުވުން އަދައިގެން، އެންމެ ފުރަތަމަ، މުގައްދިމާއެއްގެ ގޮތުން ސޫރަތާ ބެހޭ ކުޑަ މައުލޫމާތުކޮޅެއް ގެނެސްދިނުމަށް ފަހު، ސޫރަތުގެ މައިގަނޑު މައުޟޫއާ ބެހޭ ގޮތުން އެއްޗެއް ބުނެލަން ގަސްދުކުރަމެވެ.
އަލްފާތިޙާ އަކީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތަރުތީބު މަގަށް ބަލާއިރު، ފުރަތަމަ ސޫރަތެވެ. އާދެ، ކީރިތި ޤުރުއާން، 'ހުޅުވައިލަދޭ' (އަލްފާތިޙާ) ސޫރަތެވެ. ކީރިތި ޤުރުއާނުގެ 'މުގައްދިމާ’އެވެ. އަލްފާތިޙާ އެކުލެވިގެން ވަނީ ހަތް އާޔަތުގެ މައްޗަށެވެ. ސޫރަތް ފެށިފައިވަނީ ބިސްމި (ބަސްމަލާ) އިންނެވެ. މިސޫރަތުގެ އާޔަތްތައް ގުނުމުގައި ބިސްމި ހިމަނާލެވިފައި ވެއެވެ. އަދި ގިނަ އިލްމުވެރިން ވެސް ބުރަވެވަޑައިގަންނަވަނީ ބިސްމި އަކީ އަލްފާތިހާ ސޫރަތުގެ އާޔަތެއް ކަމުގައެވެ.
އަލްފާތިޙާއަކީ، ގިނަ މުފައްސިރުން ދެކިލައްވާގޮތުގައި، މައްކީ ސޫރަތެކެވެ. ސަލާމާއި ސަލަވާތްލެއްވި ކީރިތި ރަސޫލާ މައްކާގައި އިސްލާމީ ދައުވަތާއިގެން މަސައްކަތްޕުޅު ފެއްޓެވި ދުވަސްވަރުގެ ވަރަށް ކުރީކޮޅު ބާވާލެއްވުނު ސޫރަތެކެވެ. އަލްފާތިޙާއަކީ މުޅި ސޫރަތް އެއްކޮށް ބާވާލެއްވުނު ފުރަތަމަ ސޫރަތެވެ. މިސޫރަތުގެ ކުރީން ބާވާލެއްވުނީ ޢަލަޤު، މުއްޒައްމިލު، އަދި މުއްދައްޘިރު، މި ތިން ސޫރަތުން ކުރެ ކޮންމެ ސޫރަތެއްގެ ވެސް ބަޔެކެވެ. ދެން، ސޫރަތުގެ މާނައިގެ މައްޗަށް ބަލާލަމާ ހެއްޔެވެ؟
1 بسم الله الرحمن الرحيم ރަހުމަތްވަންތަ (އެންމެންގެ މައްޗަށް) ރަހުމަތް ލައްވާ (މާތް) ﷲގެ އިސްމުފުޅު (ނަންގަނެ ބަރަކާތް ލިބުން އެދި ފަށަމެވެ).
2 الحمد لله رب العالمين ހުރިހާ ހަމްދެއް – ތައުރީފާއި ޝުކުރެއް – ހައްގުވަނީ (ހަމައެކަނި މާތް)ﷲއަށެވެ. ޢާލަމްތަކުގެ ވެރި (މާތްﷲއަށެވެ).
3 الرحمن الرحيم ރަހުމަތްވަންތަ އަދި ރަހުމަތްލައްވާ (މާތްﷲއަށެވެ).
4 مالك يوم الدين ޖަޒާ (ދިނުމު)ގެ ދުވަހުގެ (ޔައުނީ ގިޔާމަތް ދުވަހުގެ)ވެރި (މާތް ﷲއަށެވެ).
5 إياك نعبد وإياك نستعين އަޅަމެން އަޅުކަންކުރަނީ (ހަމައެކަނި) އިބަރަސްކަލާނގެ ކިބަފުޅަށެވެ. އަދި އަޅަމެން ވާގި އެދެނީ (ވެސް ހަމައެކަނި) އިބަރަސްކަލާނގެ ކިބަފުޅުންވެ.
6 اهدنا الصراط المستقيم އަޅަމެނަށް ތެދުމަގު ދައްކަވާންދޭވެ!
7 صراط الذين أنعمت عليهم އެބޭކަލުންގެ މައްޗަށް، އިބަރަސްކަލާނގެ ނިޢުމަތްލެއްވި ބޭކަލުންގެ މަގެވެ.
غير المغضوب عليهم އެމީހުންގެ މައްޗަށް ކޯފާލެއްވުނު މީހުންގެ (މަގެއް) ނޫނެވެ.
ولا الضالين އަދި މަގުފުރެދިގެންދިޔަ މީހުންގެ (މަގެއް ވެސް) ނުމެނޫން މެއެވެ.
އަލްފާތިހާ ސޫރަތުގެ އާޔަތްތަކުގެ މާނައިގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލައިފި ނަމަ، އެ ސޫރަތް ތިން ބަޔަކަށް ބަހާލެވިދާނެއެވެ. އެންމެ ފުރަތަމަ ބިސްމިއެވެ. މާތްﷲގެ އިސްމުފުޅު ނަންގެނެ، ބަރަކާތް ލިބުން އަދައިގެން، މިސޫރަތް ކިޔަވާން ފެށުމެވެ. ދެވަނަބައި އެކުލެވިގެން ވަނީ ދެ ވަނަ އާޔަތުން ފެށިގެން ފަސް ވަނަ އާޔަތުގެ ނިޔަލަށެވެ. މިބައިގައި ވަނީ މާތްﷲގެ ރަސްކަންފުޅު ދެނެގަތުމާއި، އެކަލާނގެ ކިބަފުޅަށް އަދަބު އިހުތިރާމު އަދާކޮށް، އެކަލާނގެއަށް ހައްގުވެގެންވާ ގޮތުގައި އެކަލާނގެ ރަސްކަންފުޅަށް ގަދަރު ކުރުމުގެ ވާހަކައެވެ. ދެން، ފަސް ވަނަ އާޔަތުގައި ނަންގަނެވިފައިވަނީ، މިތަސައްވުރާއި ގުޅޭ، އެ ކަލާނގެއާއި އަޅުތަކުންނާއި ދެމެދު އޮންނަންވާ، ގުޅުމުގެ ވާހަކައެވެ. މިއަށް ފަހު، ހަވަނަ އާޔަތާއި ހަތް ވަނަ އާޔަތުގައި ބަޔާން ކުރެވިފައިވަނީ، އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއުގެ ވާހަކައެވެ. 'ތެދުމަގު' ދެއްކެވުމަށް އެދި، މާތްﷲގެ ހަޟުރަތުގައި، މުއުމިނާ ދަންނަވާ، ދުއާގެ ވާހަކައެވެ. އަދި މި ތެދުމަގަކީ ކޮން މަގެއްކަމުގެ ވާހަކައެވެ. މި ތެދު މަގުގެ ވާހަކަ ކުރިއަށް އޮތް ރޯދައިގެ ހަދިޔާގެ އެހެން ބޮޅުތަކުގައި، އިރާދަކުރެއްވިއްޔާ ގެނެވޭތޯ މަސައްކަތްކުރާނަމެވެ.
މަތީގައި ދެންމެ ނަންގަނެވިދިޔަހެން، އަލްފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއު ނަންގަނެވިފައި ވަނީ އެ ސޫރަތުގެ ހަ ވަނަ އާޔަތުގައެވެ. އާދެ، اهدنا الصراط المستقيم، އަޅަމެނަށް ތެދުމަގު ދައްކަވާންދޭވެ!، މިއާޔަތުގައެވެ. މި މައިގަނޑު މައުޟޫއަށް ބަލައިލުމުން، އަލްފާތިޙާ ސިފަކުރެވެނީ މާތްﷲގެ ޙަޟުރަތުގައި ދެންނެވޭ ދުއާއެއްގެ ގޮތުގައެވެ. މާތްﷲ ކިބަފުޅަށް ހަމްދު ކިޔައި ޝުކުރުއަދާކޮށް އެކަލާނގެއަށް ހައްގު ޘަނާއާއި ތައުރީފުގެ ބަސްތަކުން ތަމްޖީދުކޮށް، އަދަބު އިހުތިރާމު އަދާކުރުމަށް ފަހު، ތެދުމަގު– މާތް ﷲ އަށް އީމާންވެ، ހެވާ ނުބައި ވަކިކޮށް އަދި ހެޔޮ ގޮތް ޚިޔާރުކޮށް، ރިވެތި އަޚުލާގެއްގެ މަތީ ދެމިހުރެ ހަޔާތް ވެއަތުކޮށްލާނޭ މަގު- ދެއްކެވުމަށް އެކަލާނގެ ޙަޟުރަތުގައި އެދި، ދެންނެވޭ ދެންނެވުމެއްގެ ގޮތުގައެވެ.
މީގެ އިތުރުން، ދުއާގެ ޞީޣާއަށް، ދުއާގެ އިބާރަތް އެކުލެވިފައި އޮތް ގޮތުގެ މައްޗަށް ބަލާލާއިރު، ދުއާއަކީ މުސްލިމު ޖަމާއަތުގެ އެންމެން ކުރާ ދުއާއެކެވެ. އާދެ، 'އަޅަމެނަށް ތެދުމަގު ދައްކަވާދޭނވެ، އޭ މާތްﷲ ޚަޟުރަތުގައި ދަންނަވައި ކުރެވޭ ދުއާއެކެވެ. އާދެ، މުއުމިނުންގެ ފަރުދީ ހަޔާތް އިސްލާހުކުރުމުގެ ތެދުމަގު ދެއްކެވުމުގެ އިތުރުން، އެ މީހުންގެ މުޖުތަމައީ ހަޔާތް ވެސް އިސްލާހުކުރުމުގެ މަގު ދެއްކެވުމަށް އެދި ދެންނެވޭ ދުއާއެކެވެ.
އަލްފާތިޙާގެ މި މާނައަށް، އާދެ، އެއީ މުއުމިނާގެ ފަރުދީ ހަޔާތާއި އޭނަގެ މުޖުތަމައީ ހަޔާތް ބިނާކުރާނޭ ތެދުމަގު ދެއްކެވުމަށް އެދި ކުރާ ދުއާއެއްކަމުގެ މައްޗަށް ރިއާޔަތްކޮށްލުމުން މިސޫރަތާއި ވިދިގެން، ދެން، އޮތް ބަޤަރާ ސޫރަތާއި އަދި ކީރިތި ޤުރުއާނުގެ އެހެން ސޫރަތްތަކާ ގުޅޭ ގޮތް ސާފުވެއެވެ. ބަޤަރާ ސޫރަތް ފެށުމުގައި ކީރިތި ޤުރުއާނަކީ މާތްﷲއަށް އީމާންވާ މީހުންނަށް އޮތް ތެދުމަގު އަންގައި ބަޔާންކޮށްދޭ ފޮތެއްކަމުގައި ނަންގަނެވި އެ ދުއާގެ އިޖާބަ ދެވިފައިވެއެވެ. އާދެ، ބަޤަރާ ސޫރަތާއި އަދި، ކީރިތި ގުރުއާނުގެ އެހެން ސޫރަތްތަކުގައި މި ތެދުމަގުގެ ތަފްސީލު، މުއުމިނާގެ ފަރުދީ އަދި މުޖުތަމައީ ހަޔާތް ބިނާކުރާނޭ ގޮތުގެ ތަފްސީލީ ބަޔާނެއް ދެވިފައިވެއެވެ. މި ވާހަކަތަކުގެ އިތުރު ތަފްސީލު، އިރާދަކުރެއްވިއްޔާ، ފަހުން ގެނެސްދެވޭނެއެވެ.
މިއަދުގެ "ރޯދައިގެ ހަދިޔާ" ނިންމާލަމުން، ނަމާދުގައި މުސްލިމުން މި ސޫރަތް ތަކުރާރުކޮށް ކިޔެވުމަށް ހަމަޖެހިފައި ވަނީ ކީއްވެގެންތޯ ބަލައިލަން ޖެހެއެވެ. ރެއާ ދުވާލުގެ ނަމާދުގައި މަދުވެގެން ސަތާރަ ފަހަރު ފާތިޙާ ސޫރަތް ކިޔަވަން ޖެހެނީ ކީއްވެތޯ ވިސްނާލަން ޖެހެއެވެ. ނަމާދުކުރުމުގެ މައިގަޑު ބޭނުމަކީ މުއުމިނާ އާއި މާތްﷲއާއި ގުޅުވައިދީ، އެ ގުޅުމުގެ މަތީ މުއުމިނާގެ ފަރުދީ އަދި މުޖުތަމައީ ހަޔާތް ބައްޓަންކޮށް، ބިނާކުރުމެވެ. އަބަދުމެ ތެދުމަގު ހޯދަން މަސައްކަތްކޮށް، އެމަގުގައި ސާބިތުވެހުރުމުގެ ތައުފީގުދެއްވުމަށް އެދި މާތްﷲ ހަޟުރަތުގައި ދެންނެވުމެވެ. މިއީ އެއްދުވަހެއް ނޫނީ ދެ ދުވަހެއްގެ މަސައްކަތްތެއް ނޫނެވެ. މުއުމިނާ ދިރިހުރިހާ ހިނދަކު ކުރަންޖެހޭ މަސައްކަތެކެވެ.