މިޔަންމާގެ ވެރިކަމަށް އިންތިހާބަކުން ވަޑައިގަތް އަންގް ސަން ސޫ ކީގެ ސަރުކާރު 2021 ގައި އެ ގައުމުގެ އަސްކަރިއްޔާއިން ބަޣާވާތަކުން ވައްޓައިލި ފަހުން ފުރަތަމަ ފަހަރަށް އާއްމު އިންތިހާބެއް ބާއްވާނެ ކަމަށް އަސްކަރީ ސަރުކާރުން އިއުލާންކޮށްފިއެވެ.
އެ ގައުމުގެ އަސްކަރިއްޔާ ނުވަތަ ޖުންޓާއިން ބުނީ އާއްމު އިންތިހާބު ބާއްވާނީ އަންނަ ޑިސެމްބަރު މަހު ނުވަތަ ޖަނަވަރީ މަހު ކަމަށެވެ.
ގިނަ ފަރާތްތަކުން ދެކެނީ މިއީ މިޔަންމާގެ ސަރުކާރުގެ ބާރު އަސްކަރިއްޔާގެ ދަށުގައި އޮތް އޮތުމަށް ގާނޫނީ ހައިސިއްޔަތު ހޯދަން ކުރާ ކަމެއް ކަމަށެވެ. އެހެނީ ޖުންޓާއިން ސަރުކާރު ވައްޓައިލުމަށް ފަހު އުމުރުން 79 އަހަރުގެ ސޫ ކީގެ އިތުރުން މިޔަންމާގެ ގިނަ އިދިކޮޅު ލީޑަރުން ޖަލަށް ލައިފައިވާ ވާތީއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކުން ބުނަނީ މި އެންމެން ޖަލަށް ލައިފައިވަނީ ސިޔާސީ ބޭނުމަށް ހިންގި ޝަރީއަތްތަކަކުން ކަމަށެވެ.
ޖުންޓާއިންވަނީ މިނިވަން މީޑިއާތަކާ ދެކޮޅަށް ވެސް ފިޔަވަޅު އަޅައިފައެވެ. އަދި މިހެންވެ މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް އެތައް ފަރާތްތަކުން ދެކެއެވެ.
މަގާމުން ދުރުކޮށްފައިވާ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި އެކްޓިވިސްޓުންވެގެން ހަދައިފައިވާ ހިޔަނި ސަރުކާރެއް ކަމަށްވާ ނެޝަނަލް ޔުނިޓީ ގަވަންމަންޓް (އެން.ޔޫ.ޖީ)އިން ވަނީ ޖުންޓާގެ މި އިންތިހާބީ ރޭވުންތަކާ ދެކޮޅުހަދާ ކަމަށް ބުނެފައެވެ. އަދި ވޯޓު ނެގުމުގެ މަސައްކަތާ ސުލްހަވެރި ގޮތުގައި ހުރަސްއަޅާނެ ކަމަށް ވެސް ބުނެފައެވެ.
ޖުންޓާއިން އާއްމު އިންތިހާބު މި އިއުލާންކުރީ ގައުމުގައި އަސްކަރީ ބާރު ދެމެހެއްޓުމުގެ މަސައްކަތް ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ދަނޑިވަޅެއްގައެވެ. ޑިމޮކްރެސީއަށްޓަކައި ހަތިޔާރު އެޅި މީހުން ސަރުކާރު ސިފައިންނާ ހަނގުރާމަ ކުރަމުން އަންނަނިކޮށެވެ. އަދި އެކި ނަސްލުތަކަށް ނިސްބަތްވާ ކުލީ ސިފައިން ވެސް އަންނަނީ ސަރުކާރު ސިފައިންނާ ހަނގުރާމަ ކުރަމުންނެވެ. ސޫ ކީގެ ވެރިކަން ވައްޓައިލުމާއެކު ފެށުނު މި އަހުލީ ހަނގުރާމަ މިހާރު ވަނީ މުޅި ގައުމަށް ފެތުރިފައެވެ.
"ގައުމުގެ ބޮޑެތި ސަރަހައްދުތަކުގައި ސަރުކާރު ސިފައިންގެ ބާރެއް ނެތް. ޖުންޓާއިން ރާވަމުން އަންނަ މި އާއްމު އިންތިހާބަކީ ޖޯކެއް،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.
ސޫ ކީގެ ސަރުކާރު ވައްޓައިލިތާ ހަތަރު އަހަރު ވެފައިވާއިރު އަސްކަރިއްޔާ މިހާރު ވަނީ ނިކަމެތިވެފައެވެ. ޖުންޓާގެ ބާރު މިހާރު އޮތީ ގައުމުގެ ދެބައިކުޅައެއްބަޔަށް ވުރެ ވެސް ކުޑަ ސަރަހައްދެއްގައެވެ. މުހިންމު ސަހަރުތަކާއި އަސްކަރީ މަރުކަޒުތައް ވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. މި ކަހަލަ މަސްރަހެއްގައި މުޅި ގައުމު ހިމެނޭނެހެން އާއްމު އިންތިހާބެއް ބޭއްވުމަކީ ނާދިރު ކަމެއް ކަމަށް އެތައް ފަރާތްތަކުން ދެކެއެވެ.
ޖުންޓާއިން މިހާރު ވެސް ބުނެފައިވަނީ އިންތިހާބު ބާއްވާނީ އަސްކަރިއްޔާގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި އެކަނި ކަމަށެވެ.
މި ދިޔަ އޮކްޓޫބަރު މަހު ބޯހިމެނުމެއް ނަގަން މަސައްކަތް ކުރުމުން ޖުންޓާއަށް ލިބުނީ 330 ސަހަރުގެ ތެރެއިން ހަމައެކަނި 145 ސަހަރުގެ މައުލޫމާތެވެ. ޖުންޓާއިން ބުނީ އެކި ނަސްލުތަކުގެ ކުލީ ސިފައިންނާއި ޑިމޮކްރެސީއަށްޓަކައި ހަނގުރާމަ ކުރަމުން އަންނަ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ގިނަ ސަރަހައްދުތަކަށް ނުވަދެވުނު ކަމަށެވެ.
ސޫ ކީގެ ސަރުކާރު ވައްޓައިލުމުގައި އިސްކޮށް ހުރި، އަދި މިހާރު ޖުންޓާ ސަރުކާރުގެ ވެރިކަމުގައި ހުރި މިން އާންގް ހުލެއިންގް ބުނީ އޭނާ ބާއްވަން ރާވައިފައިވާ އާއްމު އިންތިހާބުގައި ބައިވެރިވުމަށް 53 ސިޔާސީ ޕާޓީން މިހާރުއްސުރެ ވެސް އެދިފައިވާ ކަމަށެވެ. އޭނާ މިހެން ބުނީ މިޔަންމާއާ މިހާރު ރަހްމަތްތެރިކަން ބާއްވާ މަދު ގައުމުތަކުގެ ތެރެއިން ބެލަރޫސްގައި ހުރެގެންނެވެ.
ޑިސެމްބަރު ނުވަތަ ޖަނަވަރީ މަހު އާއްމު އިންތިހާބު ބާއްވާނެ ކަމަށް ބުންޏަސް ޖުންޓާއިން މިހާތަނަށް ވެސް ވަނީ އެކި ފަހަރު މަތިން އާއްމު އިންތިހާބެއް ބޭއްވުން ފަސްކޮށްފައެވެ. އެއީ އިދިކޮޅު ހަނގުރާމަވެރިން ޖުންޓާގެ ސިފައިން ފަހަތަށް ޖައްސައިލައި ކޮންމެ ފަހަރަކާ ގުޅިގެންނެވެ.



advertisment