ފަނަރަ އަހަރަށް ފަހު އެމެރިކާގައި ބަޑިޖަހައިގެން މަރުގެ ހުކުމް ތަންފީޒުކުރަން އަލުން ފަށައިފިއެވެ. އެ ގޮތުން ދެކުނު ކެރޮލައިނާ ސްޓޭޓްގެ ތިން ޖަލު އޮފިޝަލުން އެއް ފަހަރާ ވަނީ އުމުރުން 67 އަހަރުގެ ބްރެޑް ސިގްމަންގެ މެއަށް ބަޑިޖަހައިގެން އޭނާ މަރައިލައިފައެވެ.
ބްރެޑަށް މަރުގެ ހުކުމް އިއްވިތާ މިއީ 23 ވަނަ އަހަރެވެ. އޭނާ އިއުތިރާފުވީ އޭނާގެ ކުރީގެ ލޯބިވެރިޔާގެ މައިންބަފައިން 2001 ގައި މަރައިލިކަމުގެ ކުށަށެވެ.
ދެކުނު ކެރޮލައިނާ ސްޓޭޓްގެ ފަނޑިޔާރަކު ކުރިން ބުނެފައިވަނީ ބަޑިޖަހައިގެން ހުކުމް ތަންފީޒު ކުރުމަކީ "ބޮޑު އަނިޔާއެއް" ކަމަށާއި ބަޑިޖެހުމަށް ފަހު ވެސް ވަޒަން އެރި މީހާ މަރުވުމަށް މަދުވެގެން 10 ސިކުންތު ނަގާނެ ކަމަށާއި އެ ހިނދުކޮޅުގެ ތެރޭގައި ވެސް އޭނާއަށް ވާނުވާ އެނގޭނެ ކަމަށެވެ.
މި ޒަމާނުގައި ދެކުނު ކެރޮލައިނާގައި އެހެނިހެން ގޮތް ގޮތަށް ވެސް މަރުގެ ހުކުމް ތަންފީޒު ކުރާއިރު މަރުގެ އަދަބު ދީފައިވާ އެއްވެސް މީހަކަށް ގަވަރުނަރު މައާފެއް ނުދެއެވެ. އަދި ބްރެޑަށް ވެސް މައާފު ދޭން ދެކުނު ކެރޮލައިނާގެ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ގަވަރުނަރު ކަމަށްވާ ހެންރީ މެކްމާސްޓާ ވަނީ ދެކޮޅު ހަދައިފައެވެ. އެ ގޮތުން ބްރެޑަށް މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ގޮވާލާ މީހުންގެ އަދަދު އިތުރުވަމުން އައި ނަމަވެސް ހުކުރު ދުވަހު އެންމެ ފަހު މިނެޓްކޮޅުގައި ވެސް ހެންރީ ވަނީ ބްރެޑަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ހުރަސް ނާޅާނެ ކަމަށް ބުނެފައެވެ.
އެ ސްޓޭޓްގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ ވަނީ 13 އަހަރުވެފައެވެ. އެއީ މަރުގެ ހުކުމް ތަންފީޒުކުރާނެ ވަސީލަތްތައް މަދުކަމުންނެވެ. އެހެންކަމުން މަރުގެ ހުކުމް އިއްވާ މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރާނެ ގޮތް އިހުތިޔާރު ކުރުމަށް ފަނޑިޔާރުގެއިން ފުރުސަތު ދެއެވެ. އެއީ ކަރަންޓު ގޮނޑި، ވިހަ އިންޖެކްޝަން ނުވަތަ ބަޑިޖަހައިގެންނެވެ.
ބްރެޑްއަކީ ދެކުނު ކެރޮލައިނާގައި މަރުގެ ހުކުމް އިއްވި އެންމެ އުމުރުން ދުވަސްވީ މީހާއެވެ. އެ ސްޓޭޓްގައި މަރުގެ ހުކުމް ތަންފީޒުކުރަން ވޭތުވެދިޔަ ހަ މަހުގެ ތެރޭގައި ފެށުމުން ގިނަ އަދަދެއްގެ ބަޔަކަށްވަނީ މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ.
ބްރެޑްގެ ގަޔަށް ބަޑިޖެހުމުގެ ކުރިން އޭނާގެ ފަހު ބަސް އިއްވަން ފުރުސަތު ދިނުމުން ބްރެޑް ބުނީ ނަރޯސާ ދީން ގަބޫލުކުރާ މީހުން މަރުގެ ހުކުމަށް ކުރާ ތާއީދު އަނބުރާ ގެންދިއުމަށް ގޮވާލާ ކަމަށެވެ.
ބަޑިޖަހައިގެން މަރުވާން ބްރެޑް ނިންމީ ވިހަ އިންޖެކްޝަން ޖަހައިފި ނަމަ މަރުވާން ގިނަ ވަގުތު ނަގައިފައިނެކަމުގެ ބިރު ހީވެގެންނެވެ. ސަބަބަކީ ދެކުނު ކެރޮލައިނާގައި އެންމެ ފަހުން ވިހަ އިންޖެކްޝަން ދީގެން މަރުގެ ހުކުމް ތަންފީޒުކުރި ތިން މީހުން މަރުވުމަށް 20 މިނެޓަށް ވުރެ ވެސް ގިނަ ވަގުތު ނެގި ކަމަށް ރިޕޯޓްކޮށްފައިވާތީއެވެ.
"އިލެކްޓްރިކް ޗެއާ (ކަރަންޓުގައި ޖައްސާ ގޮނޑި) ބްރެޑް ހިޔާރު ނުކުރީ އޭނާ ހީކުރީ އޭނާ އަނދައި ދިރިހުރި ހާލު ކައްކާލަފާނެ ކަމަށް،" ބްރެޑްގެ ގާނޫނީ ވަކީލަކު ބުންޏެވެ.
ބްރެޑްގެ ގަޔަށް ބަޑިޖެހުމަށްޓަކައި އޭނާ ގޮނޑިއަކަށްލިއެވެ. އެ ގޮނޑީގައި ބައިންދައިފައި އޭނާގެ ތަނބިކަށްޓާއި އަތުކުރި އާއި ފަލަމަސްގަނޑާއި އުނަގަނޑާއި މޫނުގެ ތިރީ ބައި ހަރަކާތް ނުކުރެވޭނެ ގޮތަށް ބަނތް ކަމަށް އޭނާގެ ގާނޫނީ ވަކީލެއް ކަމަށްވާ ޖެރަލްޑް ކިންގް ބުންޏެވެ.
"ބްރެޑްގެ މޫނުމަތީގައިވަނީ ފޮތިގަނޑެއް އަޅައިފައި. އަދި އޭނާ ލައްވައިފައި ހުރީ ކަޅު ކުލައިގެ ހެދުމެއް. އެއީ ލެއިން ތަތްތެޅޭނެ މަންޒަރު ބަލަން ތިބޭ މީހުންނަށް ނުދައްކަން،" ކިންގް ބުންޏެވެ.
ކިންގް ބުނީ ބަޑިޖެހުމާއެކު ބްރެޑްގެ އަތް ހަރުދަނޑިވި ކަމަށާއި މެއި ކުއްލިއަކަށް ފަޅައިގެން ދިޔަކަމަށާއި ލޭ ފައިބަން ފެށި ކަމަށެވެ.
ޑޮކްޓަރަކު ބްރެޑްގެ ވިންދު ބެލިއިރު ބްރެޑްގެ މެއި ހަރަކާތް ކުރަމުން ދިޔަ ކަމަށް ވެސް ކިންގް ބުންޏެވެ.
ބްރެޑްގެ ގަޔަށް ބަޑިޖެހި މަންޒަރު ދެކެން ހުއްދަ ދިނީ ތިން މީޑިއާއަށެވެ. އޭގެ ތެރޭގައި އެސޯސިއޭޓެޑް ޕްރެސް (އޭ.ޕީ)ގެ ނޫސްވެރިޔެއް ހިމެނެއެވެ. އޭނާ ބުނީ ޖަލުގެ މުވައްޒަފުން ބްރެޑްގެ ގަޔަށް ބަޑިޖެހީ ފާރެއްގެ ބިއްދޮށުގައި ހުރެ އެ ފާރުގައި ކަނޑައިފައިވާ ބާގަނޑުތަކަކުން ކަމަށެވެ. އަދި އެ މީހުންނާ ބްރެޑާ ދެމެދު ހުރީ ގާތްގަނޑަކަށް 15 ފޫޓުގެ ދުރުމިނެއް ކަމަށެވެ.
"އެ ތިން ޖަލު މުވައްޒަފުން އަމިއްލައަށް އިސްނެގީ ބްރެޑްގެ ގަޔަށް ބަޑިޖަހަން. ބަޑިޖެހީ 6.05 އެހާކަންހާއިރު. ބްރެޑް މަރުވިކަން ކަށަވަރު ކުރެވުނީ އޭގެ ތިން މިނެޓު ފަހުން،" އޭ.ޕީ ނޫސްވެރިޔާ ރިޕޯޓްކުރިއެވެ.
ބްރެޑްގެ ގާނޫނީ ވަކީލުން ބުނީ އޭނާއަކީ ކުޑަ އިރު ވަރަށް ބޮޑަށް އަނިޔާގެ ޝިކާރައަކަށްވެ، އަދި މައިންބަފައިން އޭނާއާމެދު އިހުމާލުވެފައިވާ މީހެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން އޭނާއަށް ނަފުސާނީ ބަލިތަކެއް ޖެހިފައިވާ ކަމަށާއި މި ނަފުސާނީ ބަލިތައް ދެނެގަނެ، ފަރުވާކޮށްފައި ނުވާ ކަމަށެވެ.
"ބްރެޑްގެ ސިކުނޑިއަށް ޒަހަމްތަކެއް ވެސް ލިބިފައިވޭ. މެނިކް އެޕިސޯޑުތަކާއި ސައިކޮޓިކް ހާލަތް ވެސް އޭނާއަށް ކުރިމަތިވެފައިވޭ. މިހެންވެ ޝަރީއަތާ ކުރިމަތިލާން ވެސް އޭނާއަށް ކެރިކުޅަދާނައެއް ނުވި. ބްރެޑްގެ ހުކުމް ނިންމި ޖޫރީ މެންބަރުންނަށް އޭނާގެ ނަފުސާނީ މައްސަލަތަކުގެ ސީރިއަސްކަން ފަހުމެއް ނުވި،" ބްރެޑްގެ ގާނޫނީ ވަކީލަކު ބުންޏެވެ.
ހުކުރު ދުވަހު މެންދުރު ފަހު އޮތް ބްރެޑްގެ މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވައި ދިނުމަށް އޭނާގެ ގާނޫނީ ވަކީލުން އެދުމުން އެމެރިކާގެ ސުޕްރީމް ކޯޓުން އެ ކަމަށް ތާއީދެއް ނުކުރިއެވެ.
ބްރެޑްގެ ކުރީގެ ލޯބިވެރިޔާ ރެބެކާ އާމްސްޓްރޯންގް ޔޫ.އެސް.އޭ ޓުޑޭއަށް ބުނީ މަރުގެ ހުކުމާ ދެކޮޅު ކަމަށާއި ނަމަވެސް އޭނާގެ މައިންބަފައިން މަރައިލި ކުށުގެ ޒިންމާ ބްރެޑް ނަގަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
ކިންގް ބުނީ ބަޑިޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރުމުން ކަށިތަކާއި ހިތަށް ގެއްލުން ލިބޭނެކަން ބްރެޑަށް އެނގޭ ކަމަށެވެ.
"ނަމަވެސް އެއީ އޭނާއަށް އޮތް ހަމައެކަނި ގޮތް. ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ ހުކުމް ތަންފީޒު ކުރި ތިން މީހުންނާ ބްރެޑާ ވަނީ ޖަލުގައި ގާތްކަމެއް އުފެދިފައި. އެ ތިން މީހުންނަށް ތަހައްމަލު ކުރަން ޖެހުނު ދިގުދެމިގެން ދިޔަ ވޭންދެނިވި މަރު ކަހަލަ މަރަކުން ބްރެޑް މަރުވާކަށް ބޭނުމެއް ނުވި،" ބްރެޑަށް މަރުގެ ހުކުމް ތަންފީޒު ކުރި ފަހުން ނެރުނު ބަޔާނެއްގައި ކިންގް ބުންޏެވެ.
"މި 2025 ވަނަ އަހަރު ދެކުނު ކެރޮލައިނާގެ ރައްޔިތަކު މި ގޮތަށް ލެއިން ތަތްތެޅޭ ކަހަލަ ގޮތަކަށް މަރުގެ ހުކުމް ތަންފީޒު ކުރީ ކީއްވެކަމެއް ނުވިސްނޭ. ބްރެޑަކީ ފަހުން ދީނަށް ލޯބިކުރި އަދި އޭނާގެ ވަށައިގެންވާ މީހުންނަށް ހެޔޮކޮށް ހިތި މީހެއް،" ކިންގް ބުންޏެވެ.
"ޝަރީއަތުގައި ބްރެޑް ކުށަށް އިއުތިރާފުވި. އެ ކަމާ ހިތާމަ ކުރާ ކަމަށް ބުނި. ޖަލުގައި ކޮންމެ ދުވަހެއް ބްރެޑް ހޭދަކުރީ އަޅުކަމާއި ތައުބާވުމުގައި،" ކިންގް ބުންޏެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ ކުރިން އެންމެ ފަހުގެ ކެއުމެއްގެ ގޮތުގައި ބްރެޑް ބޭނުންވީ ކެންޓަކީ ފްރައިޑް ޗިކަން (ކޭ.އެފް.ސީ)ގެ ތިން ބަކެޓްގެ ކުކުޅެވެ. އެއީ މަރުގެ ހުކުމް އިއްވައިފައިވާ އޭނާއާއެކު ޖަލުގައި ތިބި ގައިދީންނާއެކު ކެއުމަށެވެ. ނަމަވެސް އެ ކަމަށް ޖަލުން ހުއްދަ ނުދިނެވެ.
"ބްރެޑްގެ އާއިލާ އާއި ރަހްމަތްތެރިންނާއި އޭނާއަށް ރައްކާތެރިކަން ދިން މީހުން ދެކެ ބްރެޑް ވި ލޯތްބާ ދެކޮޅު ހަދާނެ ޖާގައެއް ނެތް. ބްރެޑްގެ އެންމެ ފަހު ދުވަސްކޮޅުގައި އޭނާ ދެއްކި ރަނގަޅު މިސާލަށް ދެކުނު ކެރޮލައިނާ ފުރަގަސް ދިނުމަކީ ލަދުވެތި ކަމެއް،" ކިންގް ބުންޏެވެ.
ދެކުނު ކެރޮލައިނާގައި މަރުގެ ހުކުމް ތަންފީޒުކުރާ ގޮތްތައް ސިއްރު ކުރާތީ ކިންގް ވަނީ އެ ކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ގޮތުން ވިހަ އިންޖެކްޝަން ސަޕްލައި ކޮށްދޭ ފަރާތްތައް ސިއްރު ކުރުމަށް 2023 ގައި ގާނޫނެއް ވަނީ ފާސްކޮށްފައެވެ.
ބްރެޑްގެ ގާނޫނީ ވަކީލުން ބުނީ މަރުގެ ހުކުމް އިއްވައިފައި ތިބޭ ގައިދީން ލައްވައި އެ މީހުންނަށް މަރުގެ ހުކުމް ތަންފީޒު ކުރާނެ ގޮތެއް އިހުތިޔާރު ކުރުމަށް މަޖުބޫރު ކުރުމަކީ "ނާތަހުޒީބު" ކަމެއް ކަމަށާއި ވިހަ އިންޖެކްޝަންގައި ހިމެނޭ ބޭސް އުފައްދައި ގޮތާއި އޭގެ ކޮލިޓީ އާއި އެއީ އިތުބާރު ކުރެވޭ އެއްޗެއްތޯ ފަދަ މައުލޫމާތުތައް ހާމަކުރަން ދެކުނު ކެރޮލައިނާގެ ސްޓޭޓަށް މަޖުބޫރު ކަމަށެވެ. މި ފަދަ ބޭހުގެ ބާރުގަދަ މިންވަރާއި ސާފުކަމާއި ހަރުދަނާކަމާއި މުއްދަތު ހަމަވާ ތާރީހާއި ތަހުލީލު ކުރެވޭ ގޮތާއި އަދި ރައްކާކުރާ ގޮތާ ބެހޭ މައުލޫމާތު ހާމަ ނުކުރާތީ ޖަލު އޮފިޝަލުންނަށް ބްރެޑްގެ ގާނޫނީ ވަކީލުން ވަނީ ފާޑުކިޔައިފައެވެ.



advertisment