Support Us

ރައީސް ޑޮނަލްޑް ޓްރަމްޕް (ކ) ތަގުރީރު ދެއްވާއިރު ނައިބު ރައީސް ޖޭ.ޑީ ވާންސް އަޑުއައްސަވަނީ

"އެމެރިކާގެ ހުވަފެން" ހަގީގަތަކަށް ހެދުން ނުހުއްޓުވޭނެ: ޓްރަމްޕް

އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް ކަމަށްވާ ކޮންގްރެސްއަށް އެ ގައުމުގެ ރައީސަކު އެމެރިކާގެ ތާރީހުގައި ނުދެއްވާހާ ދިގު ތަގުރީރެއްގައި "’އެމެރިކާގެ ހުވަފެން' ހަގީގަތަކަށް ހެދުން ނުހުއްޓުވޭނެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ ތަގުރީރު ދެއްވިއިރު ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ޓްރަމްޕްގެ ވާހަކައާ ދެކޮޅު ހެދުމުގެ ގޮތުން އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން އައީ އަޑުގަދަ ކުރަމުންނެވެ. ނަމަވެސް ޓްރަމްޕްގެ ދެވަނަ ދައުރުގެ ހަ ވަނައަށްވީ ހަފުތާގައި އޭނާ ގައުމުގެ އެތެރެ އަދި ހާރިޖީ ސިޔާސަތުތަކަށް ގެންނެވި ބަދަލުތަކާމެދު ރިޕަބްލިކަން ޕާޓީގެ މެންބަރުން ވަނީ އަތްތިލަބަޑިތަޅައި ހިތްހަމަޖެހުން ފާޅުކޮށްފައެވެ.

"އަހަރެންގެ ސަރުކާރުން ކަންތައްތައް ކުރަން އަދި ކިރިޔާ މި ފެށީ،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ވަނީ ސިވިލް ސާވިސް މުވައްޒަފުންގެ އަދަދު މަދުކުރައްވައި، އެމެރިކާއަށް ހިޖުރަކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވައި އަދި އެމެރިކާއާއެކު އެންމެ ބޮޑަށް ވިޔަފާރީގެ މުއާމަލާތްކުރާ އެކުވެރި ގައުމުތަކުގެ މުދަލުން ޑިއުޓީ ނަގަން ނިންމަވައިފައެވެ. މީގެ އިތުރުން ޔޫކްރެއިން ހަނގުރައިމައިގެ މައްސަލައިގައި އެމެރިކާއާ ރަހްމަތްތެރި ޔޫރަޕް އިއްތިހާދުގެ ގައުމުތަކާއެކު އޮތް ގުޅުމަށް ވެސް ވަނީ ގުޑުން އަރުވައިލައްވައިފައެވެ.

މި ބަލައިލަނީ ޓްރަމްޕް ދެއްވި 99 މިނެޓްގެ ތަގުރީރުގެ މުހިންމު ހަ ނުކުތާއަށެވެ:

  1. އެހެން ގައުމުތަކުގެ މުދަލުން ޑިއުޓީ ނެންގެވުމުން ވިޔަފާރީގެ ގުޅުންތަކަށް ލޮޅުން އަރާނެކަމަށް އެއްބަސްވެވަޑައިގަތުން

ސްޓޮކް މާކެޓަށް ލޮޅުން އެރިތާ ދެވަނައަށްވީ ދުވަހު ޓްރަމްޕް ދެއްވި ތަގުރީރުގައި އޭނާ ވަނީ މި ހަފުތާގެ ތެރޭގައި އެމެރިކާއާ ވިޔަފާރީގެ ގުޅުން ބާއްވާ ގައުމުތަކާ ދެމެދު ފެށި "ވިޔަފާރި ހަނގުރާމަ"އިގެ ސަބަބުން އަންނާނެ ހީނަރުކަން އެއީ މާބޮޑު ކަމަކަށް ނުހައްދަވާކަން ދެއްކެވުމަށް މަސައްކަތްކުރައްވައިފައެވެ. ޓްރަމްޕް ވަނީ ކެނެޑާ އާއި މެކްސިކޯއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް 25 ޕަސެންޓްގެ ޑިއުޓީއެއް ނަންގަވަން ހަމަޖައްސަވައިފައެވެ. އަދި ޗައިނާއިން އެމެރިކާއަށް އިމްޕޯޓްކުރާ މުދަލުން ނަގާ ޑިއުޓީއަށް 10 ޕަސެންޓްގެ ޓެކްސްއެއް އިތުރުކުރައްވަން ނިންމަވައިފައެވެ.

ޓްރަމްޕްގެ އެހެނިހެން ސިޔާސަތުތަކަށް ތާއީދުކުރާކަން ރިޕަބްލިކަން ޕާޓީގެ މެންބަރުން ހާމަކުރި ނަމަވެސް ބޭރު ގައުމުތަކުން އެމެރިކާއަށް އިމްޕޯޓްކުރާ މުދަލުން ޑިއުޓީ ނެގުމާއި ޑިއުޓީ ބޮޑުކުރުމުގެ މައްސަލައިގައި އެ ޕާޓީގެ ގިނަ މެންބަރުން ޓްރަމްޕާ ދެކޮޅެވެ. މިހެންވެ ޑިއުޓީގެ ވާހަކަ ދެއްކެވިއިރު އެ ޕާޓީގެ ގިނަ މެންބަރުން ކޮޅަށް ތެދުވެ އަތްތިލަބަޑިޖަހައެއް ނުހެދިއެވެ. މި ކަމުން ހާމަވީ ޑިއުޓީގެ މައްސަލައިގައި އޭނާގެ ޕާޓީ ދެބައިވެފައިވާކަމެވެ.

"ޑިއުޓީ ނަގަނީ އެމެރިކާ އަލުން މުއްސަނދިކުރަން. އަދި އެމެރިކާ އަލުން ގަދަ ގައުމަކަށް ހަދަން. މި ކަން މިހާރު ވަމުން އަންނަނީ. އަދި މި ކަން ވާނީ ވެސް ވަރަށް އަވަސް ދުވެއްޔެއްގައި. ކުޑަވަރެއްގެ ލޮޅުމެއް އެރިޔަސް އެއީ އަހަރެމެންނަށް އެންމެ ރަނގަޅު ކަމެއް. މާބޮޑު ލޮޅުމެއް ނާރާނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިއުޓީ ނަންގަވަން ފައްޓަވާނީ އަންނަ މަހު ދެވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އެމެރިކާގެ ވިޔަފާރިއާ ބެހޭ ވަޒީރު ހަވަޑް ލަޓްނިކް ފޮކްސް ބިޒްނަސްއަށް ވިދާޅުވެފައިވަނީ ކެނެޑާ އާއި މެކްސިކޯއާއެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރައްވާ ވާހަކަ މި ހަފުތާގެ ތެރޭގައި ޓްރަމްޕް އިއުލާން ކުރައްވާނެ ކަމަށެވެ.

  1. އެމެރިކާ އާއި ޔޫކްރެއިނުން ގުޅުން ރަނގަޅު ކުރުން

ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިއަ ޒެލެންސްކީ ފޮނުއްވި "މުހިންމު ސިޓީ"އެއް ލިބިވަޑައިގަތްފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ޒެލެންސްކީ ސޯޝަލް މީޑިއާގައި ދެއްކެވި ވާހަކަތަކާ މި ކަން ދިމާވެއެވެ.

ޒެލެންސްކީ ވިދާޅުވީ ޓްރަމްޕްގެ "ވަރުގަދަ ލީޑަޝިޕް"އާއެކު މިހާރު މަސައްކަތްކުރައްވަން ތައްޔާރު ކަމަށެވެ. އެއީ ރަޝިއާއާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމަށްޓަކައެވެ.

"ދާއިމީ ސުލްހައެއް ގާއިމުކުރަން ވީ އެންމެ އަވަސް ފުރުސަތެއްގައި ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ތައްޔާރު،" ޒެލެންސްކީ ވިދާޅުވެފައިވެއެވެ.

"ޒެލެންސްކީ މި ސިޓީ ފޮނުއްވުމުން އެ ކަމާ އަހަރެން އުފާކުރަން،" ކޮންގްރެސްއަށް ޓްރަމްޕް ވިދާޅުވިއެވެ.

ސުލްހައިގެ "ޒައިތޫނި އޮފިކޮޅެއް" ޒެލެންސްކީ ޓްރަމްޕަށް ދިއްކުރެއްވީ އެމެރިކާއިން ރަހްމަތްތެރިއެއް ކަމަށް ދެކޭ ޔޫކްރެއިނަށް ދެމުންދިޔަ ހުރިހާ އަސްކަރީ އެހީއެއް ދިނުން ހުއްޓައިލުމާ ގުޅިގެންނެވެ.

މި ކަން މި އައީ މި ދިޔަ ހުކުރު ދުވަހު އެމެރިކާގެ ރިޔާސީ ގަނޑުވަރުގައި ލައިވްކޮށް ޓީވީން ދުރަށް ދެއްކި ބައްދަލުވުމެއްގައި ޓްރަމްޕާއި ޒެލެންސްކީއާ ދެމެދު ހޫނު ޒުވާބެއް ހިނގައިފައިވަނިކޮށެވެ. މި ކަމުގެ ސަބަބުން ޔޫކްރެއިންގެ ގުދުރަތީ ވަސީލަތްތަކުން އެމެރިކާގެ އިގުތިސާދަށް ފައިދާކުރާނެ ގޮތަކަށް ޔޫކްރެއިނުން އެމެރިކާއަށް މައުދަން ވިއްކާ މުއާހަދާއެއްގައި ސޮއިކުރުމުގެ ކަންތައްވަނީ ކެންސަލްކޮށްލައިފައެވެ.

ޓްރަމްޕް އުއްމީދުކުރައްވައިގެން ހުންނެވީ މި އެއްބަސްވުން ގާއިމު ކުރެވިއްޖެކަން ކޮންގްރެސްއަށް އިއުލާން ކުރެއްވޭނެ ކަމަށެވެ. ނަމަވެސް އެ ކަން ހަގީގަތަކަށް ނުވިއެވެ.

  1. ގްރީންލޭންޑަށް ސަމާލުކަން، ލެސޯތޯއަށް ކަނު ލޮލެއް

އެމެރިކާގެ ދާހިލީ މައްސަލަތަކަށް ބޮޑަށް އަލިއަޅުއްވައިލެއްވި ތަގުރީރުގައި ޓްރަމްޕް ދުނިޔެއާމެދު ދެކެވަޑައިގަންނަވާ ގޮތް ވެސް ވަނީ ވަރަށް ބޮޑަށް ހާމަވެފައެވެ.

ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި އެމެރިކާގެ ނުފޫޒު ފުޅާކުރައްވަން ބޭނުންވެ ވަޑައިގަންނަވާއިރު އެހެން ތަންތަނުން އެމެރިކާ ނެރުއްވަން އޭނާ ބޭނުންވެ ވަޑައިގަންނަވައެވެ.

ގްރީންލޭންޑް ބޭނުންވެ ވަޑައިގަންނަވާކަން ތަކުރާރުކޮށް ވިދާޅުވަމުން ޓްރަމްޕް ވައުދުވެ ވަޑައިގެންނެވީ "އެއް ގޮތަކުން ނޫނިއްޔާ އަނެއް ގޮތަކުން ނަމަވެސް އެ ތަން އަހަރެމެން ހޯދާނަން" ކަމަށެވެ. އަދި އޭނާގެ ސަރުކާރުން ޕެނަމާ ކެނަލް "އަލުން އަތުލާނެ" ކަމަށް ވިދާޅުވިއެވެ.

އެމެރިކާގެ ރައްޔިތުން ދައުލަތަށް ދައްކާ ޓެކުހުން ހިންގާ އެހީގެ ޕްރޮގްރާމްތަކުގެ ދިގު ލިސްޓަކީ "ހެއްވާ" ކަމެއް ކަމަށް ވިދާޅުވަމުން ނަންގަތް ދިގު ލިސްޓެއްގައި އެފްރިކާގެ އެތައް ގައުމެއްގެ ނަން ފާހަގަކުރެއްވިއެވެ.

ލައިބީރިއާ، މާލީ، މޮޒަމްބީކް އަދި ޔުގެންޑާއަކީ ފައިސާ ބޭކާރު ގޮތުގައި ހަރަދުވި ގައުމުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އޭނާ ވަކިން ހާއްސަކޮށް ފާހަގަކުރެއްވީ ލެސޯތޯއެވެ. އެ ގޮތުން އެއް ޖިންސުން ގުޅުން ހިންގުން ކުރިއެރުވުމަށް އެމެރިކާއިން އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ)ގެ އެހީ ދިނަސް އެއީ "އެއްވެސް މީހަކު އެއްވެސް އިރެއްގައި އަޑުއަހައިފައި ނުވާ ގައުމެއް" ކަމަށް ވިދާޅުވިއެވެ.

މިހެން ވިދާޅުވުމުން ލެސޯތޯގެ ސަރުކާރުން އެ ކަމަށް އަވަހަށް ރައްދު ދިނެވެ.

"’އަހަރެން ހައިރާންވާ ކަމަކީ 'އެއްވެސް މީހަކު އަޑުއަހައިފައި ނުވާ ގައުމެއް' ކަމަށް ވިދާޅުވި ގައުމަކީ އެމެރިކާގެ ދާއިމީ މިޝަންއެއް ގާއިމުކޮށްފައިވާ ގައުމެއް ކަމަށްވުން،" ލެސޯތޯގެ ހާރިޖީ ވަޒީރު ލެޖޯން އެމްޕޮޓްޖޯން ބީބީސީއަށް ވިދާޅުވިއެވެ.

  1. ވަޒީފާތަކުން މުވައްޒަފުން ކަނޑައިލެއްވިޔަސް އީލޯން މަސްކަށް ތާއީދުކުރައްވާކަން
ސަރުކާރު ހިންގުން ހަރުދަނާ ކުރުމާ ބެހޭ ވަޒީރު އީލޯން މަސްކް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތަގުރީރު އަޑުއައްސަވަނީ

ޓްރަމްޕްގެ ތަގުރީރުގެ ކުރީކޮޅުގައި އޭނާ ވަނީ އޭނާގެ މުޝީރު، ބިލިއަނަޔަރެއް ކަމަށްވާ އީލޯން މަސްކްގެ ނަން ވިދާޅުވެ، އޭނާއަށް ތައުރީފުކުރައްވައިފައެވެ. އެ ވަގުތު މަސްކް އިންނެވީ ކޮންގްރެސްގެ ގެލެރީގައެވެ.

އެމެރިކާ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމާ ބެހޭ ވުޒާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ގަވަންމަންޓް އެފިޝަންސީ (ޑީ.އޯ.ޖީ.އީ)ގެ ވަޒީރުކަން ކުރައްވާ މަސްކް ވަނީ ޓާސްކް ފޯހެއް އުފައްދަވައިފައެވެ. އެއީ އެތައް ހާސް ސިވިލް ސާވިސް މުވައްޒަފުން މަގާމުން ވަކިކުރައްވައި ބޭރު ގައުމުތަކަށް އެހީއަށް ދޭ އެތައް ބިލިއަން ޑޮލަރެއް އުނިކުރައްވައި ސަރުކާރުން ހިންގާ އެތައް ޕްރޮގްރާމެއް ހުއްޓައިލުމަށެވެ.

މަސްކަށް ޓްރަމްޕް ޝުކުރު އަދާކުރެއްވުމުން ކޮންގްރެސް މެންބަރުން މަސްކަށް ތައުރީފުކުރަން ފެށުމުން ސްޕޭސްއެކްސް އާއި ޓެސްލާ ކުންފުނީގެ ވެރިޔާ ކަމަށްވާ މަސްކު ވަނީ ކޮޅަށް ތެދުވެ ވަޑައިގެން އެ ކަން ބައްލަވައިގަންނަކަން ހާމަކުރައްވައިފައެވެ.

"ޝުކުރިއްޔާ، އީލޯން،" އުމުރުން 78 އަހަރުގެ ޓްރަމްޕް ވިދާޅުވިއެވެ.

"އޭނާ ގަދައަޅުއްވާ މަސައްކަތްކުރައްވާ. މިއީ އޭނާ ބޭނުންވެ ވަޑައިގަތް ގޮތެއް ނޫން،" ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

މަސްކްގެ ނިންމެވުންތަކުގެ ސަބަބުން ބައެއް ކައުންސިލްތަކުން ރުޅިވެރިކަން ފާޅުކޮށްފައިވެއެވެ. އަދި ސިވިލް ސާވިސް މުވައްޒަފުންނަށް އޭނާ ދެއްވާ އިރުޝާދުތައް ޓްރަމްޕްގެ ކެބިނެޓުން ނަފީކޮށްފައި ވެސް ވެއެވެ.

ކޮންގްރެސްގެ ޗެމްބަރުގައި ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ތިބީ ލިޔުންތަކެއް ހިފައިގެންނެވެ. އޭގެ ބައެއް ލިޔުންތަކުގައި "މަސްކް ވައްކަން ކުރައްވާ" އަދި "ދޮގު" މި ފަދަ އިބާރާތްތައް ލިޔެފައިވެއެވެ.

ޑީ.އޯ.ޖީ.އީން ބުނާ ގޮތުގައި މިހާތަނަށް ދައުލަތުގެ އާމްދަނީން 105 ބިލިއަން ޑޮލަރު (1،616 ބިލިއަން ރުފިޔާ) ސަލާމަތްކުރެވިފައިވެއެވެ. ނަމަވެސް މި ކަން މިނިވަން މުސްތަގިއްލު ގޮތަކަށް ކަށަވަރުކުރެވިފައެއް ނުވެއެވެ. އެ ގޮތުން 18 ބިލިއަން ޑޮލަރު (277 ބިލިއަން ރުފިޔާ)ގެ ސޭވިންގެ ރަސީދުތަކެއް އާއްމުކޮށްފައިވީ ނަމަވެސް މި ހިސާބުތައް ދިރާސާކުރި އެމެރިކާގެ މީޑިއާތަކުން ބުނެފައިވަނީ މި ކަމުގައި އެކައުންޓިންގެ ކުށްތަކެއް ހުރި ކަމަށެވެ.

  1. ޑިމޮކްރެޓިކް ޕާޓީގެ ދެކޮޅުވެރިކަން ދެއްކީ އަޑުގަދަ ކުރުމާއި ފިޔާތޮށި ކުލައިން
ރައީސް ޑޮނަލްޑް ޓްރަމްޕް ތަގުރީރު ދެއްވަނިކޮށް ޓެކްސަސް ސްޓޭޓް ދާއިރާގެ މެންބަރު އަލް ގްރީން އަޑުގަދަ ކުރައްވަނީ

ޓްރަމްޕް ތަގުރީރު ދެއްވަން ފެއްޓެވިތާ ފަސް މިނެޓު ތެރޭގައި ޓެކްސަސް ސްޓޭޓް ދާއިރާގެ މެންބަރު އަލް ގްރީން ޗެމްބަރުން ބޭރަށް ނެރެލިއެވެ. ޓްރަމްޕްގެ ތަގުރީރު މެދުކަނޑައިލައްވަމުން ގެންދަވާތީ އެ ކަން ނުކުރައްވައި ގޮނޑިއަށް އެނބުރި ވަޑައިގަތުމަށް ކޮންގްރެސްގެ ރައީސްގެ އެދިވަޑައިގަތުމާ ދެކޮޅުހެއްދެވީމައެވެ.

ޓްރަމްޕް ތަގުރީރު ދެއްވަން ފެށްޓެވުމާއެކު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ ލިޔުންތަކެއް އުފުލައިފައެވެ. އޭގައި ލިޔެފައިވަނީ "ތިޔައީ ދޮގެއް" މިހެންނެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ކަމަށްވާ ވައިޓް ހައުސް އާއި ގާނޫނު ހަދާ މަޖިލިސް ނުވަތަ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ހައުސް އޮފް ރިޕްރެޒެންޓެޓިވްސް އާއި ސެނެޓް މިހާރު ކޮންޓްރޯލު ކުރަނީ ރިޕަބްލިކަން ޕާޓީން ކަމަށްވާތީ ޓްރަމްޕްގެ ސަރުކާރުން ކުއްލިއަކަށް އަޅަން ފެށި ފިޔަވަޅުތަކާ ދެކޮޅު ހެދުމަށާއި ސާފު މެސެޖެއް ދިނުމަށް މަސައްކަތް ކުރުމަށް ޑިމޮކްރެޓިކް ޕާޓީގައި ލީޑަރުންނެއް ނެތެވެ.

ގިނަ ޑިމޮކްރެޓިކް މެންބަރުން ހައުސްގެ ޗެމްބަރަށް އައީ، އިހުތިޖާޖު ކުރުމުގެ ގޮތުން، ފިޔާތޮށި ކުލައިގެ ހެދުން ލައިގެންނެވެ. ޓްރަމްޕްގެ ތަގުރީރު ކުރިއަށް ދަނިކޮށް އެ މެންބަރުން ވަނީ ޗެމްބަރުން ނުކުމެގެން ގޮސްފައެވެ. އޭގެ ތެރެއިން ބައެއް މެންބަރުން ލައިގެން ހުރި ގަމީސްތަކުގެ ފަހަތުގައި "ދެކޮޅު ހަދާ" މިހެން ލިޔެފައިވެއެވެ.

"އެ މީހުން އުފާކޮށްދޭން އަހަރެންނަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތް،" ޓްރަމްޕް ވިދާޅުވިއެވެ. ދެ ޕާޓީގެ ދެމެދުގައި އޮތް ނަފުރަތާމެދު ހިތްހަމަޖެހިވަޑައިގަންނަވާކަމުގެ އިޝާރާތެއް ކުރެއްވިކަން ފަދަ ގޮތަކަށެވެ.

ޓްރަމްޕަށް ރައްދު ދެއްވުމަށް ޑިމޮކްރެޓިކް ޕާޓީގެ ރަސްމީ ޖަވާބު އިއްވެމަށް އެ ޕާޓީގެ ލީޑަޝިޕުން ހޮވީ އިންތިހާބުތަކުގައި ދެކޮޅަށް ކިރޭ، އަދި މިދިޔަ ނޮވެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި ޓްރަމްޕް ކާމިޔާބު ކުރެއްވި މިޗިގަން ސްޓޭޓުން ފުރަތަމަ ދައުރު އަދާކުރައްވަމުން ވަޑައިގަންނަވާ ސެނޭޓަރު އެލިސާ ސްލޮޓްކިންއެވެ. އެ ގޮތުން ޑިމޮކްރެޓިކް ޕާޓީގެ ރަސްމީ ޖަވާބު އެލިސާ ދެއްވިއެވެ. އޭނާ ތުހުމަތު ކުރެއްވީ ޓްރަމްޕްގެ "ރަހްމަތްތެރި ބިލިއަނަރުންނަށް މީގެ ކުރިން ނުދޭހާ މިންވަރެއްގެ ހަދިޔާ ދެއްވި"ކަމަށެވެ. އަދި މި ކަމުގެ ސަބަބުން "އިގުތިސާދީ އަނދަވަޅަކަށް ވެއްޓޭ ފަދަ މަގަކާ ސީދާ ދިމާއަށް އަހަރެމެންނަށް ހިނގިދާނެ" ކަމުގެ އިންޒާރު ދެއްވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މިޗިގަން ސްޓޭޓް ދާއިރާގެ މެންބަރު އެލިސާ ސްލޮޓްކިން ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ރައްދު ދެއްވަނީ
  1. ތަކެތީގެ އަގު ބޮޑުވުން ނުވަތަ އިންފްލޭޝަން މައްސަލަ ހައްލުކުރަން ހަކަތައިގެ ދާއިރާއަށް ބަރޯސާ ކުރުން

އިންފްލޭޝަން މައްޗަށް ދިއުން، އެނބުރި ރިޔާސީ މަގާމަށް ވަޑައިގަތުމަށް ފަހު ހައްލުކޮށްދެއްވުމަކީ ޓްރަމްޕްގެ ރިޔާސީ ވައުދެކެވެ. އެ ގޮތުން މި މައްސަލަ ހައްލުކުރާނީ ހަކަތައިގެ ހަރަދުތައް ކުޑަކުރައްވަން ސަމާލުކަން ދެއްވައިގެން ކަމަށް ވިދާޅުވުމަށް ތަގުރީރުގެ ބޭނުން ޓްރަމްޕް ހިއްޕެވިއެވެ. އެއީ ތެލާއި ގޭސް ހޯދުމަށް އަލުން ބިން ކޮނުމަށް އެމެރިކާ ހުޅުވައިލައްވައިގެން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

"ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށްވުރެ ގިނައިން 'ދިޔާ ރަން' އަހަރެމެންގެ ފައި ދަށުގައި އެބަހުރި. މިހާތަނަށް އެންމެ ކުޅަދާނަ ޓީމުން އެ ހޯދަން ގޮސް އެ ހޯދުމަށް އަހަރެން ފުރިހަމަ ބާރު ދެން. އެއަށް ކިޔަނީ 'ތޮރުފާ، ދަރިފުޅާ، ތޮރުފާ’،" ޓްރަމްޕް ވިދާޅުވިއެވެ.

ކުކުޅު ބިހުގެ އަގު ބޮޑުވުމަކީ މި ފަހުގެ ހަފުތާތަކުގައި ފަލަ ސުރުހީއަށް އަރައިފައިވާ ކަމެކެވެ. މި ކަމުގެ ޒިންމާ ނަގަން ޖެހޭ މީހާއަކީ ކާކު ކަން އިހުސާސް ކުރެވޭ އިހުސާސް ކުރެވުން ޓްރަމްޕް ވަނީ ސާފުކޮށް ވިދާޅުވެ ދެއްވައިފައެވެ.

"(އެމެރިކާގެ ކުރީގެ ރައީސް) ޖޯ ބައިޑެން ހާއްސަ ގޮތެއްގައި ވަނީ ކުކުޅު ބިހުގެ އަގު ކޮންޓްރޯލުން ނެއްޓުމަށް ދޫކޮށްލައްވައިފައި. ކުކުޅު ބިހުގެ އަގު ދަށް ކުރެވޭތޯ އަހަރެމެން މި އަންނަނީ ގަދައަށް މަސައްކަތް ކުރަމުން،" ޓްރަމްޕް ވިދާޅުވިއެވެ.

މި ދިޔަ އަހަރު ދޫނި ރޯގާ ފެތުރެން ފެށުމުން ބިސް އަޅާ އެތައް މިލިއަން ކުކުޅު ކަތިލުމަށް ބައިޑެންގެ ސަރުކާރުން ވަނީ އަމުރުކޮށްފައެވެ. ޓްރަމްޕްގެ މި ދެވަނަ ރިޔާސީ ދައުރުގެ ކުރީކޮޅަށް އައި އިރު ވެސް ކުކުޅު ބިހުގެ އަގު ދަނީ ބޮޑުވަމުންނެވެ.

މި ދިޔަ މަހު އިންފްލޭޝަން ވަނީ ކުޑަ ތަންކޮޅެއް މައްޗަށް ޖެހިފައެވެ. އެއީ ތިން ޕަސެންޓުންނެވެ. ނަމަވެސް އެއީ 2022 ގައި އެންމެ މައްޗަށް ދިޔަ 9.1 ޕަސެންޓާ އަޅާބަލާއިރު ކުޑަ މިންވަރެކެވެ.

ރޮއިޓާސް އާއި އިޕްސޮސްއިން މި ދިޔަ އަންގާރަ ދުވަހު ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ދިރިއުޅުމުގެ ހަރަދުގެ މައްސަލައާމެދު ޓްރަމްޕް އަމަލު ކުރައްވާ ގޮތްތަކަށް ތާއީދު ކުރަނީ އެމެރިކާގެ ރައްޔިތުންގެ ތެރެއިން ކޮންމެ ތިން މީހަކުން އެކަކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *