Support Us

ނޫސްވެރިކަން… ތަރައްޤީއަށް މުހިއްމު ބަހާއެއް؟

ނޫސްވެރިކަމަކީ ޚަބަރުތައް އެއްކޮށް ޖަމާކޮށް އެއަށް އަންނަމުންދާ ބަދަލުތައް، ނިއުޅެމުންދާ ވަރަކަށް ފެތުރުމުގެ މަސައްކަތް ކަމަށް ބުނެއެވެ. ޚަބަރުތައް ތާޒާކަމާއި އާރޯކަމާއެކު މީސްތަކުންނާ ހަމައަށް ވާޞިލުވާން ޖެހޭނެއެވެ. ޚާއްޞަކޮށް ބަވަނަވެފައިވާ ދުނިޔޭގައި ޚަބަރުތައް ވަރަށް އަވަހަށް ބައުވެގެންދާނެއެވެ. ބަދަލު އައިސް ފުރޮޅިގެންދާނެއެވެ. އެއީ ހަމައެކަނި ސިޔާސީ ޚަބަރުތަކެއްނޫނެވެ. ސިޔާސަތުގެ އިތުރަށް ފަންނާއި ކުޅިވަރާއި ޢާއްމު ސަޤާފަތާއި އިޖްތިމާޢީ ޙާދިސާތަކާއި ވެށްޓާބެހޭ ކަންތައްތައް ވެސް ޚަބަރުގެ މައިދާނުގައި މިއަދު ފެނެއެވެ.

ނޫސްވެރިކަމަކީ މި ޒަމާނުގެ އުފަން ދަރިއެއްނޫނެވެ. އެއީ ޤަދީމީ ކަމެކެވެ. ބާބިލުންގެ ތެރޭގައި ނޫސްވެރިކަން އޮތެވެ. އެމީހުންގެ ތެރޭގައި މި ވަޒީފާ އަދާކުރާ ޚާއްޞަ މުވައްޒަފަކު ހުރެއެވެ. އޭނާގެ ނަމަކީ "ކާތިބު" އެވެ. އޭނާގެ މަސައްކަތަކީ އައުވަމުންދާ ކަންތައްތައް ލިޔެ ފުރޭފުކުރުމެވެ.

ނޫސްވެރިކަން އުފެދި ތަރައްޤީވުން

މާތް ﷲ އިންސާނާ އުފައްދަވާފައިވަނީ އޭނާގެ ވަށައިގެން ހިނގާ ކަންތައްތައް އެނގެން ބޭނުންވާ މަޚްލޫޤެއްގެ ގޮތުގައެވެ. އިންސާނީ މުޖްތަމަޢު އުފެދުމާއެކު ޚަބަރުތައް ނަޤްލުކުރުމަކީ ފަރްދުންގެ ކޮންމެ ދުވަހެއްގެ ޙަޔާތާ ގުޅިފައިވާ ކަމެކެވެ. އެކަކު އަނެކަކާ ބައްދަލުވާ ވަގުތު އޭނާގެ ޚަބަރުތަކާއި އޭނާ އުޅޭ ތަނުގެ ޚަބަރުތައް ކިޔައިދީ އުޅުނެވެ. މިކަމާވިދިގެން މި ޚަބަރުތައް ރައްކައުތެރިކޮށްދޭނެ ވަސީލަތެއް ހޯދުމުގެ މަސައްކަތް ވެސް އިންސާނާ ފެށިއެވެ. ލިޔުން އުފެދުނީ މި ކަމާހެދިއެވެ. މި ޚަބަރުތައް ފަންވަތްފަންވަތުގައްޔާއި ހިލަގަނޑުގަނޑުގައްޔާއި ހަންގަނޑުގަނޑުގައި ލިޔަން ފެށިއެވެ. މީލާދީގެ ހަތަރު ސައްތަ އަހަރު ކުރިން މިޞްރު މީހުން ބުރްދީ ފަތް ލިޔުމަށް ޓަކައި ބޭނުން ކުރަން ފަށައިފިއެވެ. ނޫސްވެރިކަން އުފެދިގެން އައީ އެވޭލާ ޔޫނާނީންގެ ތެރެއިން ކަމަށް ތާރީޚުން އެނގެއެވެ. އެ ދުވަސްވަރު ސަރުކާރުން ފަތުރަން ބޭނުންވާ ޚަބަރުތައް ފަތްތޫރައެއްގެ ގޮތުގައި ފާރުފާރުގައި އެލުވައެވެ. މި ފަތްތޫރަތަކުގައި ހިމެނެނީ ސަރުކާރުން ނިންމާ ކަންތައްތަކުގެ ތެރެއިން ޢާއްމު ރައްޔިތުންނަށް އަންގަން ޖެހޭ ނިންމުންތަކާއި ސަރުކާރުގެ ޤަރާރުތަކެވެ.

މި ޒަމާނުގެ ނޫސްވެރިކަމުގެ ބައްޓަމާ ގާތްގޮތަކަށް ނޫސްވެރިކަން ފެށިފައި ވަނީ ރޯމަން އިމްބަރާޠޫރު ޖޫލިއަސް ސީޒަރުގެ ވެރިކަމުގައި ޢީސާގެފާނުގެ މީލާދުގެ 60 އަހަރު ކުރިން ފަތްތޫރައެއްގެ ގޮތުގައި ނެރެވުނު (މިއަދުގެ ހާދިސާތައް – Acta Diurna) އިންނެވެ. އެ ދުވަސްވަރު އަޅުންނަށް ކުރަން ޖެހުނު މަސައްކަތްތަކުގެ ތެރޭގައި މި ނޫހުގެ ކޮޕީތައް ހަދައި ޢާއްމު ތަންތާނގައްޔާއި ފިހާރަތަކުގައި އެލުވުން ވެއެވެ. މި ނޫހުގައި ހަނގުރާމައިގެ ޚަބަރުތަކާއި، ކާވެނި ޚަބަރުތަކާއި، މަރުވާ މީހުންގެ ޚަބަރުތަކާއި، ކުޅިވަރާއި ތމްސީލުތައް ބޭއްވޭ ގަޑިތައް ގެނެސްދީފައި ވެއެވެ. މި ނޫސް ރޯމަން އެމްޕަޔަރުގެ އެންމެހާ ރަށްތަކަށް ފޮނުވޭ ކަމަށް ބުނެވެއެވެ.

އަތުން ލިޔެވޭ މަޖައްލާތައް

ރޯމަނުންގެ ޒަމާނުގައި މި ފަތްތޫރަތައް އަތުން ލިޔެގެން ހުޅަނގު ޔޫރަޕުގައި ބަހާފައިވެއެވެ. މި ފަތްތޫރުތައް ނުކުންނަނީ ވަކި މުއްދަތެއް ކަނޑައެޅިގެނެއް ނޫނެވެ. މި ފަތްތޫރަތަކުގައި ވިޔަފާރިއާ ބެހޭ އިޢުލާނުތައް ވެސް ހުރި ކަމަށް ވެއެވެ.

ޗާޕުކޮށްގެން ފުރަތަމަ ފަހަރަށް ނޫހެއް ނެރެވިފައި ވަނީ ފަނަރަ ވަނަ ސައްތައިގައި ޖަރްމަނުގައެވެ. އެ ދުވަސްވަރު ނޫސް ނެރެފައިވަނީ ކުދިކުދި މޮނިޓަރު ފޮތުގެ ސިފައިގައެވެ. މި ނޫހުގައި ކިޔާ ހިތްވާ ފަދަ މައުޟޫޢުތައް ހިމެނިފައިވާތީ ޢާއްމުންގެ ގާތުގައި އެއީ ވަރަށް މަޤްބޫލު ނޫސްތަކެކެވެ.

މި ޒަމާނުގެ މަފްހޫމާ އެއްގޮތަށް ނޫސްވެރިކަން ފެށުނީ ޖަރްމަނުގެ ޢިލްމުވެރިއެއް ކަމުގައިވާ ގިއުޓެންބަރގް ޗާޕު މެޝިން އީޖާދު ކުރެއްވުމުންނެވެ. އެއީ މީލާދީން 15ވަނަ ސައްތައިގައެވެ. އިނގިރޭސިވިލާތުގައި ނޫހެއް ފުރަތަމަ ނެރެފައިވަނީ 1666 ވަނަ އަހަރުގައެވެ. އެއީ ލަންޑަން ގެޒެޓްގެ ނަމުގައެވެ.

އެމެރިކާގައި ނޫހެއް ޝާއިޢުކޮށްފައި ވަނީ 1690 ވަނަ އަހަރު ބޮސްޓަންގައެވެ. ނަމަވެސް މި ނޫސް ވަރަށް އަވަހަށް ބަންދު ކުރެވިއްޖެއެވެ. އެހެންކަމުން ރަސްމީ ސިފައެއްގައި އެމެރިކާގައި އެންމެ ފުރަތަމަ ނުކުތް ނޫހަކީ 1704 ވަނަ އަހަރު ބޮސްޓަން ގައި ނެރުނު "ދަ ބޮސްޓަން ނިވްޒް ލެޓަރ" އެވެ.

މިއީ އިނގިރޭސި އިސްތިޢުމާރުގެ ވާގި ލިބިގެން ނެރެވުނު ނޫހެކެވެ. އޭގެފަހުން އެމެރިކާގައި ނޫސްތައް ނެރެވެން ފަށައިފިއެވެ. އަދި 1784 ވަނަ އަހަރުން ފެށިގެން ސިޔާސީ ފިކުރާއި ޚިޔާލާއެކު ނޫސްތައް ނެރެވެން ފެށިއެވެ. މި ކަމުގެ ސަބަބުން ނޫސްވެރިކަމުގެ ޙައްޤު އެމެރިކާގައި ލިބިގެން ދިޔައެވެ. ޗާޕުކުރުމާއި ކަރުދާސް އުފެއްދުމުގެ ޓެކްނޮލޮޖީ ތަރައްޤީވަމުން އައުމާއެކު އެމެރިކާގައި ނުކުތް ނޫސްތަކުގެ ޢަދަދު އިތުރުވެ ނޫހުގެ އަގު ހެޔޮވިއެވެ.

ޞިނާޢީ އިންޤިލާބާ ވިދިގެން ޗާޕުކުރެވޭ ނޫސްތައް އިތުރުވެގެން ދިޔައެވެ. ގަޑިއަކު 10 ހާސް ޞަފްޙާ ޗާޕުކުރެވޭ ވަރުގެ ދުވެލި ލިބުމާއެކު ކުލަކޮށް މަޖައްލާތައް ނެރެވެން ފަށައިފިއެވެ.

މީލާދީން 1910 ހާތާނގައި ޒަމާނީ ނޫސްވެރިކަމުގެ މަލަތައް ފާޅުވަން ފެށި ނަމަވެސް ޒަމާނީ ނޫސްވެރިކަމާ ހަމައަށް އާދެވުނީ ދެވަނަ ބޮޑުހަނގުރާމަ ނިމުނު ހިސާބުންނެވެ. އެހިސާބުން ސުރްޚީތައް ލިޔެވޭ ގޮތަށް ބަދަލު އައެވެ. ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޞަފްޙަތައް ވުޖޫދުވިއެވެ.

އިލެކްޓްރޯނިކް ނޫސްވެރިކަން ފެށުނީ 1971 ހާތާނގައެވެ. މި ކަމުގައި އެންމެ ކުރި ހޯދައިފައިވާ ނޫހަކީ ފަރަންސޭސި ވިލާތުގެ "ލިބަރާސިއޯން" އެވެ. މި ނޫހާ ވިދިގެން ފަހަތުން އައީ "ޓައިމްޒް" އާއި "ގާރޑިއަން" ފަދަ އިނގިރޭސިވިލާތުގެ ނޫސްތަކެވެ.

ނޫސްވެރިކަމުގެ މުހިއްމުކަން

ނޫސްވެރިކަމަކީ މިއަދުގެ ދުނިޔޭގައި ވަރަށް ވަރުގަދަ ބާރެކެވެ. ދީމުޤުރާޠީ ނިޒާމުގައި ހިމެނޭ ތިން ބާރަށްފަހު ދެން އޮންނަ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ބެލެވެއެވެ. ޒިންމާދާރު ނޫސްވެރިކަމަކީ ސަރުކާރު ޒިންމާދާރުކުރުވާ އެއްބާރެވެ. ވެރިކަމުގެ ގިއުގަނޑުގެ ތެރެއިން ނުފެންނަ ކަންތައްތައް ހޯދާ ބަލައި ބާރަކީ ނޫސްވެރިކަމެވެ. މި ބާރުގެ ސަބަބުން ޤައުމުގައި އޮންނަ ވެރިކަމަށް ސާބިތުކަމާއި ލޮޅުން އާދެއެވެ. ނޫސްވެރިކަމަކީ ޚިޔާލު ފާޅުކުރުމުގެ އެންމެ އުސް މިންބަރެވެ. ދުނިޔެއާ ފަރްދުންނާ ދެމެދުގައި އޮންނަ ދުރުމިން  ނައްތައިލަދޭ ވަސީލަތަކީ ނޫސްވެރިކަމެވެ. ތިމާއަކީ ދުނިޔޭގެ ފަރްދެއްކަން އިޙްސާސްކޮށްދޭ ބާރަކީ ނޫސްވެރިކަމެވެ. ނޫސްވެރިކަމުގެ ސަބަބުން ތިމާގެ މަޢުލޫމާތުތައް އިތުރުވެ ތާޒާވެ ދުނިޔޭގެ ފަލަކުގައި ތިމާއަށް އުޅެވޭނެ މަގު ފަހިވެގެންދެއެވެ. އިންސާނާއާ އޭނާގެ މުޖްތަމަޢުގެ ދޭދޭ ފަރްދުންނާ ދެމެދުގައި އޮންނަ ގުޅުން ރަނގަޅުކޮށްދިނުމުގައި ނޫސްވެރިކަމަށް މުހިއްމު ދައުރެއް ލިބިގެންވެއެވެ.

ނޫސްވެރިކަމަކީ ދެ މިޔަލީ ކަނޑިއަކަށްވާތީ ނޫސްވެރިކަމުގެ މައިދާނުގައި ޙަރަކާތްތެރިވާ އަސްވާރުން (ނޫސްވެރިން) ރިޢާޔަތްކޮށް ތަބާވާން ޖެހޭ މިންގަނޑުތަކެއްވެއެވެ. ޙަޤީޤަތާ ޚިލާފު މަޢުލޫމާތުތައް ފަތުރައި ޢާއްމު ރައްޔިތުންނަށް އޮޅުވައިލުމަކީ ނޫސްވެރިކަމުގެ އަޚްލާޤިއްޔާތާ އަރާރުންވާ ކަމެކެވެ. ދައުލަތުގެ ސިއްރުތައް ހާމަކުރުމުގައި އެއަށް  ޢަމަލު ކުރަން ޖެހޭ މިންގަނޑުތަކެއް ވެއެވެ. ޤައުމުގެ އަމްނަށް ރައްކައުތެރިވުމަކީ ނޫސްވެރިޔާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ފަރްދީ ކަރާމަތަށް އަރައިގަތުމަކީ މަނާކަމެކެވެ. މިއީ ނޫސްވެރިން ތަބާވާން ޖެހޭ އުޞޫލުތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *