ޓޫރިސްޓް ވިސާގައި ތައިލެންޑަށް 2000 ވަނަ އަހަރު ވަދެ ގަވައިދާ ހިލާފަށް ދިރިއުޅުނު އިނގިރޭސި ވިލާތުގެ ރައްޔިތެއް ހައްޔަރުކޮށްފިއެވެ.
އުމުރުން 60 އަހަރުގެ އެ މީހާ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމުން ރެކިގެން މިހާތަނަށް އުޅުނީ ފުލުހުން އޭނާ ޗެކު ކުރާ ކޮންމެ ފަހަރަކު ވިސާގެ މުއްދަތު ސަރުކާރުން އިތުރު ކުރުމުގެ މަރުހަލާގައި އުޅޭ ކަމަށް ބުނެފައެވެ. ވިސާ ހަމަޖެއްސުމުގެ ކަންތައްތައް ބެލެނީ ހަމައެކަނި އިމިގްރޭޝަން ޑިޕާޓްމަންޓަށް ކަމަށް ފުލުހުން ބުންޏެވެ.
އެންމެ 30 ދުވަހުގެ ވިސާއެއްގައި ތައިލެންޑަށް ވަތް އެ މީހާ ހައްޔަރު ކުރީ ޗިއަންގް މާއީއިންނެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މީހާ ހައްޔަރުކުރީ އާއްމު ގޮތެއްގައި ޓޫރިސްޓުން ދާ ސަރަހައްދެއްގައި ހުއްޓާ އޭނާގެ ޕާސްޕޯޓް ފުލުހުންނަށް ނުދެއްކުމުންނެވެ.
"ތައިލެންޑަށް 2000 ވަނަ އަހަރު ވަތް ފަހުން ވިސާ ސްޓޭމްޕެއް އޭނާގެ ޕާސްޕޯޓްގައި ޖަހައިފައެއް ނެތް،" ފުލުހުންގެ އިސް އޮފިޝަލަކު ބުންޏެވެ.
މީގެ ކުރިން ތައިލެންޑްގައި ވިސާ ނެތި އެންމެ ދިގު މުއްދަތަކަށް އުޅުނީ 10 އަހަރު ވަންދެން ޕާކިސްތާން މީހެއް ކަމަށް އޮފިޝަލް ބުންޏެވެ.
ފުލުހުން ވަނީ އިނގިރޭސި ވިލާތުގެ މީހާ ޑިޕޯޓް ކޮށްލަން ނިންމައިފައެވެ. އޭނާ ވަނީ 2018 ގައި ޕާސްޕޯޓް އާކޮށްފައެވެ. ނަމަވެސް ވިސާ ސްޓޭމްޕެއް އޭގައި ނެތް ކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ވެރިރަށް ބެންކޮކްގައި 13 އަހަރު ދިރިއުޅެ، ތައިލެންޑް އަންހެނަކާއެކު އުޅެ، ދަރިއެއް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ޗިއަންގް މާއީއަށް މީގެ 12 އަހަރު ކުރިން ބަދަލުވީ އިގުތިސާދީ ސަބަބުތަކަށް ކަމަށާއި ނަމަވެސް އެއްވެސް ވަޒީފާއެއް އަދާނުކުރާ ކަމަށާއި ދިރިއުޅުން ދަމަހައްޓަނީ އިނގިރޭސި ވިލާތުގައި ދިރިއުޅޭ އޭނާގެ އާއިލާއިން ފޮނުވާ ފައިސާއިން ކަމަށް ފުލުހުން ބުންޏެވެ.
ދުނިޔޭގެ މަގުބޫލު ޓޫރިޒަމް މަންޒިލެއް ކަމަށްވާ ތައިލެންޑަށް މި ދިޔަ އަހަރު 35 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއެވެ.



advertisment