Support Us

ލޮސް އެންޖަލިސްގެ މޭޔަރު ކެރަން ބޭސް (ކ) އާއި އޭނާ މަގާމުން ދުރުކުރެއްވި ސަހަރުގެ އަލިފާން ނިއްވާ އިދާރާގެ ވެރިޔާ ކްރިސްޓިން ކްރޯލީ

އަލިފާން ފެތުރުމުގެ މަސްތަކެއް ކުރިން އިންޒާރު ދިން

އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ލޮސް އެންޖަލިސްގައި މި ދިޔަ މަހު ފެތުރުނު އަލިފާން ފެތުރުމުގެ އެތައް މަސްތަކެއް ކުރިން މި ފަދަ ކަމެއް ހިނގާފާނެ ކަމަށާއި އެ ކަމަށް އެ ސަހަރުގެ އަލިފާން ނިއްވާ އިދާރާ ތައްޔާރު ނޫން ކަމަށް ސަރުކާރަށް އެންގި ކަމަށް ލޮސް އެންޖަލިސްގެ އަލިފާން ނިއްވާ އިދާރާގެ ކުރީގެ ވެރިޔާ ކްރިސްޓިން ކްރޯލީ ވިދާޅުވެއްޖެއެވެ.

މުޅިއެކު 29 މީހުން މަރުވެ 22 މީހުން ގެއްލިފައިވާ ކާރިސާގައި މިހާރު އަލިފާން ކޮންޓްރޯލް ކުރެވުނު ކަމަށް ވިޔަސް ލޮސް އެންޖަލިސްގެ މޭޔަރު ކެރަން ބޭސް ވަނީ ހުކުރު ދުވަހު ކްރިސްޓިން މަގާމުން ވަކިކުރައްވައިފައެވެ.

"މި ފަދަ ބޮޑު އަލިފާންގަނޑެއް ނިއްވުމަށް ބޭނުންވާނެ ވަސީލަތްތަކާއި ފައިސާ އާއި މުވައްޒަފުން ލޮސް އެންޖަލިސްގެ އަލިފާން ނިއްވާ އިދާރާއަށް ސަރުކާރުން ފޯރުކޮށްދީފައެއް ނުވޭ،" ކްރިސްޓިން ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ދެއްވި ބަޔާނެއްގައި ކްރިސްޓިން ވިދާޅުވީ އޭނާގެ ނިންމެވުންތަކާއި އަމަލުތައް ބިނާކުރެއްވީ އަލިފާން ނިއްވާ މީހުންގެ ރައްކާތެރިކަމަށް ވިސްނަވައިފައި ކަމަށާއި ސަބަބަކީ ރައްޔިތުންގެ ހިމާޔަތަށް އެ މީހުންނަށް އާދެވޭނީ އެ ގޮތަށް ކަންތައްތައް ކުރެއްވުމުން ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

"ލޮސް އެންޖަލިސްގެ އަލިފާން ނިއްވާ މީހުންގެ މަސައްކަތާއި ވި ގުރުބާނީއަށް އަޅުގަނޑު ވަރަށް ބޮޑަށް ފަހުރުވެރިވަން،" ކެރަންގެ ނަން ނުގަނެ ނެރުއްވި ބަޔާނެއްގައި ކްރިސްޓިން ވިދާޅުވިއެވެ.

ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ސިޓީއެއް ކަމަށްވާ ލޮސް އެންޖަލިސްގެ ތާރީހުގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ކާރިސާއަށް ފަހު އަލުން އަލިފާން ފެތުރިދާނެ ކަމަށް ތައްޔާރުވަމުން އަންނަ އިރު ކެރަން އާއި ކްރިސްޓިން ވަނީ މި ދިޔަ މަހުގެ އަލިފާނުގެ ކާރިސާގެ ޒިންމާ އެކަކު އަނެކަކުގެ އިސްތަށިފުޅުގައި އަޅުވައިފައެވެ.

"އަލިފާން ނިއްވާ އިދާރާއަށް އާ ވެރިޔަކު ގެނައުމަކީ އަހަރެމެންގެ ސަހަރަށް ބޭނުންވާ ކަންތައް،" ކްރިސްޓިން މަގާމުން ދުރުކުރައްވަމުން ނެރުއްވި ބަޔާނެއްގައި ކެރަން ވިދާޅުވިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިސް ވަރުގެ ސަރަހައްދެއް އަނދައިފައިވާ ލޮސް އެންޖަލިސްގެ އެ ސަރަހައްދު އަލުން އާރާސްތުކުރަން 275 ބިލިއަން ޑޮލަރު (4،235 ބިލިއަން ރުފިޔާ) ބޭނުންވާނެ ކަމަށް ސަހަރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އަންދާޒާކޮށްފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ލޮސް އެންޖަލިސް އާރާސްތުކުރުމަށް ބޭނުންވާ ހުރިހާ ފައިސާއެއް މައި ސަރުކާރުން ދޭނެ ކަމަށެވެ.

ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *