Support Us

ދަރިވަރު ގައިގައި ޖެހި ޕްރިސްކޫލް ޓީޗަރު (ވ) ގާނޫނީ ވަކީލު ލޯރަންޓް ހޭޒަންއާއެކު ޕެރިސްގެ ޖިނާއީ ކޯޓަށް ހުކުރު ދުވަހު ވަންނަނީ

ދަރިވަރެއް ގައިގައި ޖެހި ޕްރިސްކޫލް ޓީޗަރު ޖޫރިމަނާ

އުމުރުން ތިން އަހަރުގެ ދަރިވަރެއްގެ ގައިގައި ޖެހި ފްރާންސްގެ ޕްރިސްކޫލް ޓީޗަރެއް ޖޫރިމަނާކޮށްފިއެވެ.

މި ދިޔަ އަހަރު ސެޕްޓެމްބަރު މަހު ތިން ވަނަ ދުވަހު އުމުރުން 52 އަހަރުގެ ޓީޗަރު ކުއްޖާ ގައިގައި ޖެހި މަންޒަރު ބެލެނިވެރިޔަކު ސޯޝަލް މީޑިއާއަށް ލުމުން އެ ވީޑިއޯ ވަނީ ވައިރަލްވެފައެވެ.

ވެރިރަށް ޕެރިސްގެ ޕްރީސްކޫލެއްގެ ކްލާސް ތެރޭގައި ހިނގި މި ހާދިސާގެ ސަބަބުން ފްރާންސްގެ އެތައް ރައްޔިތުންނެއް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އެއިރުގެ ތައުލީމީ ވަޒީރު ވެސް ވަނީ މި ވީޑިއޯ ފެނިފައި ސިހުނު ކަމަށް ވިދާޅުވެފައެވެ.

ހުކުރު ދުވަހު ކޯޓުން ހުކުމް ކުރީ 3،000 ޔޫރޯ (48،280ރ.)ގެ ޖޫރިމަނާއެކެވެ. ނަމަވެސް އޭގެ ދެބައިކުޅައެއްބައި ވަނީ ދައްކަން ނުޖެހޭ ގޮތަށް ހުކުމްކޮށްފައެވެ. އެއީ ރުޅި ކޮންޓްރޯލް ނުކުރެވުނީ ކަމަށް ޓީޗަރު ކޯޓުގައި އެއްބަސްވުމުންނެވެ.

ދައުވާކުރި ޕްރޮސެކިއުޓަރުން އެދިފައިވަނީ ހަތަރު މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ޖަލަށް ނުގޮސް ސަސްޕެންޑް ކުރެވިފައިވާ ހުކުމެކެވެ.

ކޯޓުން ނިންމީ މި ޖޫރިމަނާއަކީ ޖިނާއީ ހުކުމެއް ގޮތަށް ކަނޑަނާޅާށެވެ. ސަބަބަކީ ޓީޗަރު އެ ދުވަހު ހުރީ ޕްރެޝަރެއްގައި ކަމަށާއި މިއީ އޭނާގެ ފަރާތުން ފެނުނު މި ފަދަ ފުރަތަމަ އަމަލު ކަމަށްވާތީއެވެ. ޖޫރިމަނާގެ ފައިސާ ދައްކަން ކޯޓުން ޓީޗަރަށް އެންގީ އޭނާ އަނިޔާކުރި ކުއްޖާގެ މަންމައަށެވެ.

ޓީޗަރު ދަރިވަރަށް އަނިޔާކުރީ ރަބީއު މޫސުމުގެ ޗުއްޓީއަށް ފަހު ދަރިވަރުން ސްކޫލަށް ދިޔަ ފުރަތަމަ ދުވަހުއެވެ.

"މިއީ ސިހޭ އަދި ބަލައިނުގަނެވޭނެ ކަމެއް،" ވީޑިއޯ ބައްލަވައިފައި އެއިރުގެ ތައުލީމީ ވަޒީރު ނިކޯލް ބެލޯބެޓް ވިދާޅުވެފައިވެއެވެ.

ޓީޗަރު ވަގުތުން ސަސްޕެންޑް ކުރަން ވެސް ނިކޯލް އެއިރު އަމުރު ކުރެއްވިއެވެ.

ޓީޗަރުގެ ގާނޫނީ ވަކީލު ލޯރަންޓް ހޭޒަން ވިދާޅުވީ ކޯޓުން ކުރި ހުކުމާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.

ލޯރަންޓް ވިދާޅުވީ ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ޓީޗަރުކަމުގެ ކެރިއަރުގައި ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ދިޔައީ ދަރިވަރުގެ ގައިގައި ޖެހި ދުވަހު ކަމަށެވެ.

"ޓީޗަރު އެއްލި ގޮނޑިއެއް އެހެން ދަރިވަރެއްގެ ގައިގައި ނުޖެހުނީ ކިރިޔާ،" ލޯރަންޓް ވިދާޅުވިއެވެ.

ކޯޓުގައި ޓީޗަރު ވަނީ ކަރުނަ އަޅާ ރޮއިފައެވެ. އަދި އެ ދުވަހު ޖަޒުބާތުތައް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ދަރިވަރު ގައިގައި ޖެހީ ކަމަށެވެ. ޓީޗަރު ވަނީ ދަރިވަރާއި ދަރިވަރުގެ އާއިލާގެ ކިބައިން މައާފަށް އެދިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *