ކެނެޑާގެ ޓޮރޮންޓޯ ޕިއާސަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަނިކޮށް ނުފުށަށް ޖެހުނު ޑެލްޓާ އެއާލައިންސްގެ ޑެލްޓާ ފްލައިޓް 4819 ގެ ކޮންމެ ފަސިންޖަރަކަށް އެއްވެސް ޝަރުތެއް ނެތި 30،000 ޑޮލަރު (462،600ރ.) ދޭން ނިންމައިފިއެވެ.
ހުރިހާ އެންމެން ވެސް ސަލާމަތްވި ހޯމަ ދުވަހު ހިނގި ހާދިސާގައި ފްލައިޓްގައި 76 ފަސިންޖަރުންނާއި ހަތަރު ފަޅުވެރިން ތިއްބެވެ. ފްލައިޓް ކެނެޑާއަށް އައީ އެމެރިކާއިންނެވެ.
މި ހާދިސާގައި 18 މީހުންނަށް ޒަހަމް ލިބުނު ކަމަށާއި އެ މީހުން ސިއްހީ ފަރުވާ ދޭ ތަންތަނަށް ގެންދަން ޖެހުނު ކަމަށް އެން.ބީ.ސީ ނިއުސްއިން ބުންޏެވެ.
މަތިންދާބޯޓު ރަންވޭއަށް ޖެއްސުމުގައި ނުފުށަށް ޖެހުނު ސަބަބު ކެނެޑާގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ އިދާރާއިން އަދިވެސް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެއާލައިނުން ބުނީ ފަޅުވެރިންނަށް ލިބިފައިވަނީ ރަނގަޅު ތަމްރީން ކަމަށެވެ.
"މި ހުރިހާ ޕައިލެޓުން ވެސް ތަމްރީންކޮށްފައި ހުންނާނީ މި ފަދަ ހާލަތްތަކާ ކުރިމަތިލާން. އެ މީހުން ހުރިހާ ހާލަތަކަށް ހުރިހާ އެއާޕޯޓަކަށް ފިޓުވާނެ،" ޑެލްޓާ އެއާލައިންސްގެ ސީ.އީ.އޯ އެޑް ބޭސްޝަން ސީ.ބީ.އެސް.އަށް ބުދަ ދުވަހު ވިދާޅުވިއެވެ.
ފަސިންޖަރުން ނޫސްތަކަށް ދިން އިންޓަވިޔުތަކުގައި ބުނެފައިވަނީ ސީޓުގައި އެކޮޅުކޮޅުން އިންނަން ޖެހުމުން ވަރަށް ބިރުގަތް ކަމަށެވެ.
"ހުރިހާ އެންމެން ވެސް ގޮވަމުން ދިޔައީ 'އަވަހަށް ނިކުންނާށޭ’،" ފަސިންޖަރެއް ކަމަށްވާ ޖޯން ނެލްސަން ސީ.އެން.އެން.އަށް ބުންޏެވެ.



advertisment