Support Us

ލޮސް އެންޖަލިސްގައި މާދަން ފެންބޮޑުވެދާނެތީ ވެލިބަސްތާ ބަހަނީ

ލޮސް އެންޖަލިސްއަށް އަނެއްކާވެސް ތޫފާނެއްގެ އިންޒާރު

އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ލޮސް އެންޖަލިސްއަށް ބުރާސްފައްޗާއި ހުކުރުގައި އަނެއްކާވެސް ތޫފާނެއް އަތުވެދާނެކަމަށް ލަފާކޮށްފިއެވެ.

މިހާތަނަށް 29 މީހުން މަރުވެ، 22 މީހުންގެ ގެއްލިފައިވާ، މި ދިޔަ މަހު ކުރިމަތިވި އަލިފާނުގެ ކާރިސާއަށް ފަހު، ލޮސް އެންޖަލިސްއަށް އިއްޔެއިން ފެށިގެންވަނީ ވާރޭ ވެހެން ފަށައިފައިކަމަށް މޫސުމާ ބެހޭ އިދާރާ ކަމަށްވާ ނެޝަނަލް ވެދާ ސާވިސް (އެން.ޑަބްލިޔު.އެސް)އިން ބުންޏެވެ.

"މި މޫސުމުގައި އަންނާނެ އެންމެ ބޮޑު ތޫފާން މާދަމާ އަންނާނެ ކަމަށް ލަފާކުރެވިފައިވަނީ. މިއީ ތިން ދުވަހަށް ދެމިގެންދާނެ ތޫފާނެއް،" އެ އިދާރާގެ އޮފިޝަލަކު ބުންޏެވެ.

އޭނާ ބުނީ އިއްޔެ ވެހުނީ އިންޗިއެއްގެ ހަތަރުބައިކުޅައެއްބައިގެ ވާރޭ ކަމަށެވެ.

"ނަމަވެސް މާދަމާ ހައެއްކަ އިންޗީގެ ވާރޭ ވެހޭނެ. އޭގެ ސަބަބުން ކިސަޑު ފައިބައި، ބިންގަނޑު ކަނޑައިގެން ގޮސް، އަދި މަގުތަކުގައި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ،" އޮފިޝަލް ވިދާޅުވިއެވެ.

ލޮސް އެންޖަލިސްއަކީ ދުނިޔޭގެ ފަސް ވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގައި އޮންނަ ސަހަރެކެވެ. ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *