Support Us

ލޮސް އެންޖަލިސްގެ އަލިފާން ނިއްވާ ލޮރީއެއް

އަލިފާން ނިއްވާ ލޮރީތައް ނުނެރެވުނު ސަބަބުތައް ތަހުގީގުކުރަނީ

އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ސިޓީކަމަށްވާ ލޮސް އެންޖަލިސްގެ ޕެލިސޭޑްސް އަވަށާއި އީޓަން އަވަށުގައި އަލިފާން ފެތުރެން ފެށުނުއިރު އަލިފާން ނިއްވާ އެތައް ޑަޒަނެއްގެ ލޮރީތައް މަސައްކަތަށް ނުނެރެވުނީ ކީއްވެތޯ ބަލަން ތަހުގީގެއް ހިންގަން ސިޓީގެ މޭޔަރު ކެރަން ބޭސް އަމުރުކުރައްވައިފިއެވެ.

"ފުރިހަމަ ތަހުގީގެއް ކުރަން ޖެހޭ. ސަބަބަކީ ޓެކްނިކަލް މައްސަލަ ޖެހިފައިވާ ލޮރީތައް ވެސް ހިމެނޭ. އެ ފަދަ ކަންތައްތައް ރަނގަޅު ކުރަން ފަންނީ މެކަނިކުން ބޭނުންވޭ،" އޭނާ ވިދާޅުވިއެވެ.

މިހާތަނަށް 29 މީހުން މަރުވެ، 22 މީހުން ގެއްލިފައިވާ ލޮސް އެންޖަލިސް އަލިފާނާ ގުޅޭ ގޮތުން ކެރަން ވިދާޅުވީ އަލިފާން ނިއްވުމަށް ބޭނުންވާ މުވައްޒަފުން މަދުވުމުގެ މައްސަލަ ވެސް އެބައޮތް ކަމަށެވެ.

"މިހެންވެ އަލިފާން ނިއްވާ ލޮރީތައް މަސައްކަތަށް ނުނެރެވުމުގެ މައްސަލަ ދިމާވި. މިއީ ހުސް މައްސަލަ. މި ހުރިހާ މައްސަލައެއް ހައްލުކުރަން ޖެހޭ،" ކެރަން ވިދާޅުވިއެވެ.

ލޮސް އެންޖަލިސްގެ މޭޔަރު ކެރަން ބޭސް

ދުނިޔޭގެ ފަސްވަނައަށް އެންމެ ބޮޑު އިގުތިސާދު ކަމަށްވާ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސް އެންޖަލިސްގެ އަލިފާން ނިއްވާ އިދާރާގައި މި ފަދަ ސީރިއަސް މައްސަލަތައް ހުރިކަން ފަޅާއެރީ ކޭ.ޓީ.އެލް.އޭގެ ނޫސްވެރިއެއް ކަމަށްވާ އެނީ ރޯސް ރޭމޯސް ބުރާސްފަތި ދުވަހު އެ އިދާރާގެ މެއިންޓެނަންސް މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ތަނަށް ދިޔައިމައެވެ.

"ކުއްލި ހާލަތުގައި ނެރެން ޖެހޭ އެތައް ޑަޒަނެއްގެ އުޅަނދުތައް ހުރީ ސާވިސް ނުކޮށް،" އެނީ ރިޕޯޓްކުރިއެވެ.

އެނީގެ ޒިޔާރަތުގައި ވަނީ އަލިފާން ނިއްވާ އިދާރާގެ ރައީސް ފްރެޑީ އެސްކޮބާއާ އިންޓަވިޔުކޮށްފައެވެ. ފްރެޑީ ވިދާޅުވީ މެކަނިކުންނަށް މުސާރަ ދިނުމަށާއި ހިދުމަތަށް ނުނެރޭ ލޮރީތަކާއި އެމްބިއުލެންސްތައް މަރާމާތު ކުރުމަށް ބޭނުންވާ ސްޕެއާޕާޓްތައް ގަތުމަށް ބަޖެޓު ލިބިފައި ނުވާ ކަމަށެވެ.

"ބައެއް ހާލަތްތަކުގައި އަލިފާން ނިއްވާ މީހުން މަސައްކަތަށް ނިކުތުމަށް ތިބީ ތައްޔާރަށް. ނަމަވެސް ހިދުމަތަށް ނެރެވުނު އުޅަނދުތައް މަދުކަމުން އަލިފާން ނިއްވަން އެ މީހުންނަކަށް ނުދެވުނު،" އެނީގެ ގާތުގައި ފްރެޑީ ވިދާޅުވިއެވެ.

ކެރަން ވިދާޅުވީ ލޮސް އެންޖަލިސް އަދިވެސް އޮތީ ކުއްލި ހާލަތުގައި ކަމަށާއި މި އެމަޖެންސީ ނިމުމަކަށް އައުމުން ތަހުގީގު ފަށާނެ ކަމަށެވެ.

"މިހާރު ކެނޑިނޭޅި ވާރޭ ވެހެމުންދަނީ. މި ކަމުގެ ސަބަބުން ކިސަޑު ފޭބުން އެކަށީގެންވޭ. މި ހުރިހާ ކަމެއް ހަމައަކަށް އެޅުމުން ތަހުގީގު ފެށޭނީ. އަލިފާނާ ބެހޭ ކޮމިޝަނުން މިނިވަން ތަހުގީގެއް ކުރުމަށް އިސްނަގާނެ،" ކެރަން ވިދާޅުވިއެވެ.

ލޮސް އެންޖަލިސް ސިޓީގައި މި ދިޔަ މަހު ހަތެއްގައި ފެތުރެން ފެށި އަލިފާނަކީ ކެލިފޯނިއާ ސްޓޭޓަށް ކަރަންޓު ދޭ އެމެރިކާ ސަރުކާރުގެ ކުންފުނި ސަދަން ކެލިފޯނިއާ އެޑިސަން (އެސް.ސީ.އީ)ގެ ސަބަބުން ދިމާވި ކަމެއްތޯ ވެސް ވަނީ ތަހުގީގުކުރަން ފަށައިފައެވެ. ސަބަބަކީ ވޭތުވެދިޔަ 136 އަހަރު ކަރަންޓު ފޯރުކޮށްދެމުން އަންނަ ކުންފުނިން ކަރަންޓުގެ ހިދުމަތް ދޭ އާލާތްތަކުގައި ރޯވެފައިވާ މަންޒަރުތަކުގެ ވީޑިއޯތަކެއް ފެންމަތިވުމުންނެވެ.

ޓެކްނޮލޮޖީ އާއި ފިލްމް އިންޑަސްޓްރީ އަދި ތަފާތު އެހެން ސިނާއަތްތައް އޮންނަ ކެލިފޯނިއާ ސްޓޭޓްގެ އުފެއްދުންތެރިކަން ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީ.ޑީ.ޕީ) 2022 ގައި ހުރީ 3.9 ޓްރިލިއަން ޑޮލަރު (60 މިލިއަން މިލިއަން ރުފިޔާ)ގައެވެ. އަދި އިގުތިސާދީ ކުރިއެރުން ހުރީ 6.1 ޕަސެންޓްގައެވެ. މީގެ މާނައަކީ ކެލިފޯނިއާއަކީ ވަކި ގައުމެއް ނަމަ އެ ސްޓޭޓްގެ އިގުތިސާދު އިނގިރޭސި ވިލާތް، އިންޑިއާ، ފްރާންސް އަދި ބްރެޒިލްއަށް ވުރެވެސް ބޮޑުވާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *