ފެހެންދީބު، ފޯޅަވަހި ނުވަތަ ޗާގޯސްގެ މައްސަލާގައި، ދިވެހި ސަރުކާރުތަކުން އިހުމާލުވުމުގެ ފަހަތުގައި ވަނީ ކޮން ސިއްރެއް ބާވައެވެ؟ މި ސުވާލު މިގޮތަށް ކުރަން ޖެހުނީ، ކަނޑައެޅިގެން ތިމާމެންގެ ގައުމުގެ ބައެއްކަން އެނގޭ ސަރަހައްދެއް ދޫކޮށްލައިގެން އެކަމާ އަޅާނުލައި ބީރުކަންފަތެއް ދީގެން، ދިވެހި ސަރުކާރުތަކުން ތިބޭތީއެވެ. މި ދައްކަނީ ކުޑަ ވާހަކައެއް ނޫނެވެ. އިންތަކާއި މިންތަކަށް ބެލި ކަމުގައިވިޔަސް މިއީ ކަންބޮޑުވާންޖެހޭ ވަރުގެ ވާހަކައެކެވެ.
ކެލައައްޑޫއާ މިދެމެދުގެ މިންތަކަށް ބަލާއިރު، އޭގެ ތިންބައިކުޅަ އެއްބައި ވަރުގެ ސަރަހައްދެއް ދޫކޮށްލަން، އެއް ސަރުކާރުން ސިޓީވެސް ފޮނުވީއެވެ. ދަންނަވަންތޯއެވެ. ފޯޅަވައްސަކީ، ތިމަން ރަސްގެފާނުގެ ތަނެކޭ ވިދާޅުވެ ނުވަ ވަނަ ހަސަން ރަސްގެފާނު ފޮނުއްވި ސިޓީފުޅަކީ ސައްޙަ ސިޓީފުޅަކަށް ނުވަންޏާ، އޭގެ މާފަހުން ވަޑައިގެންނެވި، ރައީސަކު ތިމަންނާމެންގެ ތަނެއް ނޫންކަމަށް ވިދާޅުވެ ފޮނުއްވި ސިޓީފުޅު ސައްޙަވާނޭ ހަމައެއް، އެބަ އޮތް ބާވައެވެ؟ ދިވެހި ލޭހިނގާ ދިވެހި ދަރިންނެއް، ދިވެހި ފަސްގަނޑުން އެންމެ އަކަ އިންޗިއެއްވެސް ދޫކޮށްލައިގެން ތިބޭކަށް ހިތެއް ނުރުހޭނެއެވެ. އެކަމުގެ ނުރުހުން އެމީހުން ފާޅުކުރާނެއެވެ.

މި ސަރަހައްދަކީ އިގްތިސާދީ ގޮތުންނާއި އަދި އިސްތިރާޖީ ގޮތުން ގައުމަށް އިންތިހާއަށް ނަފާ ލިބޭނޭ ބިޔަ، ބޮޑު ސަރަހައްދެކެވެ. އަދި މި ސަރަހައްދު އެބަޔަކާ އެއްވެސް ބެހުމެއް ނެތް ބަޔަކަށް ދޫކޮށްލުމުން ދިވެހިރާއްޖެއަށް، ދިވެހިންނަށް، ދިވެހި އިގުތިސާދަށް، ދިވެހި ފަތުރުވެރިކަމަށް އަދި ދިވެހި މަސްވެރިކަމަށް ކުރިމަތިވެދާނޭ، ބިޔަ ބޮޑު ކާރިސާއާ މެދު ކުޑަކޮށްވެސް މިވެރިން ވިސްނާނުލަނީ ބާވައެވެ؟ އަޅުގަނޑު އަސްލު ދައްކަން އުޅުނު ވާހަކައިގެ މައުޟޫއުން މާބޮޑަށް މިހާރުވެސް ބޭރަށް ދެވިއްޖެއެވެ. އަލުން އެ ވާހަކައަށް ރުޖޫޢަވާނަމެވެ.
މިކަމުގައި މާކުރީއްސުރެ އަޅުގަނޑުގެ ހިތަށް އަރައިފައިބާ ޚިޔާލެއް އޮވެއެވެ. އިނގިރޭސީންގެ ޙިމާޔަތުން ނެއްޓި، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ސައްލާތައް ކޮޅުނބުގައި ހިނގަމުން ދިޔައިރު، އިނގިރޭސި ވަފުދުގެ ފަރާތުން ދިވެހި ވަފުދަށް ކުރިމަތިކުރި އެއް ސުވާލަކީ، އިނގިރޭސި ދައުލަތުން، ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ދީފިނަމަ، ޗާގޯސް ނުވަތަ ފެހެންދީބަށް ވާނީ ކިހިނެއް ހެއްޔެވެ؟ ތިމަންމެންނަށް ފޯޅަވަހީގައި ތިބެވޭނެ ހެއްޔެވެ؟
ކޮންމެއަކަސް ދިވެހި ވަފުދުގެ ވެރިޔަކަށް ވަޑައިގެން ހުންނެވި މަރުހޫމް އޮނަރަބަލް އަބުދުއްސައްތާރު މޫސާދީދީ، ރައީސް އިބްރާހިމް ނާސިރަށް ގުޅުއްވައި، އެ ވާހަކަ ދެންނެވުމުން ނާސިރު ވިދާޅުވި ކަމަށް، ޢަބުދުއްސައްތާރު މޫސާދީދީ ވިދާޅުވެފައިވެއެވެ. "ޗާގޯސްގެ ވާހަކަ އިހަށް ނުދައްކަވާށެވެ. އެހެން ނޫނީ ދިވެހިރާއްޖެއަށް މިނިވަންކަން ދިނުން ލަސްވެގެން ހިނގައިދާނެއެވެ. މިވަގުތަށް މުހިންމީ މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރުމެވެ. ތި ވާހަކަ ފަހުން ދައްކަވާނީއެވެ. އަދި އެމީހުންނަށް ދަންނަވާށެވެ. ޗާގޯސް ދިވެހިރާއްޖެއަށް ލިބުނަސް، އެމީހުން އެތިބި ގޮތަށް ފޯޅަވަހީގައި ތިބެވޭނެއެވެ."

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. ޑިސެމްބަރ 12، 1957 އިން ފެށިގެން 1968 އާ ހަމައަށް އިބްރާހިމް ނާސިރަކީ ދިވެހިރާއްޖޭގެ ބޮޑު ވަޒީރެވެ. ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި އިބްރާހިމް ނާސިރު ރައީސުކަމުގެ ހުވާ ކުރެއްވީ 11 ނޮވެމްބަރ 1968 ގައެވެ. ދެކުނު ހަތަރު އަތޮޅު، ދިވެހި ދައުލަތާ ވަކިވެ، ސުވާދީބުގެ ނަމުގައި މިނިވަން ދައުލަތެއް އިޢުލާން ކުރީ 3 ޖެނުއަރީ 1959 ގައެވެ. އަދި އެ ދައުލަތް ދެމިއޮތީ 23 ސެޕްޓެމްބަރ 1963 ވަނަ ދުވަހުގެ މެންދުރު ފަހުގެ 3.00 އާ ހަމައަށެވެ. އެ ހިސާބުން ސުވާދީބު ދައުލަތް އުވި، ދެކުނުގެ ހަތަރު އަތޮޅު އަނެއްކާވެސް ދިވެހި ދައުލަތުގެ ދަށަށް އަނބުރާ ގެނެވުނެވެ.
ރައީސް ނާސިރުގެ ވެރިކަމުގައި ފެހެންދީބު ހޯދުމަށް އިނގިރޭސި ދައުލަތާއެކު އެއްވެސް މުޢާމަލާތެއް ކުރެއްވިކަން އެނގޭކަށް ނެތެވެ. ކީއްވެގެން ހެއްޔެވެ؟ ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައިވެސް ފެހެންދީބު ހޯދުމަށް އެއްވެސް މަސައްކަތެއް ކުރެއްވިކަން އެނގޭކަށް ނެތެވެ. ކީއްވެގެން ހެއްޔެވެ؟ އަދި އޭގެ ފަހުން އައި އެއްވެސް ރައީސަކުވެސް ފެހެންދީބު ހޯދުމަށް އެއްވެސް މަސައްކަތެއް ކުރައްވާފައި ވާކަން އެނގޭކަށް ނެތެވެ. ކީއްވެގެން ހެއްޔެވެ؟ އަދި އެންމެ ފަހުން ރައީސްކަން ކުރެއްވި ރައީސް، އެއީ ދިވެހިރާއްޖެއާ އެއްވެސް ގުޅުމެއް ނެތްތަނެކޭ ވިދާޅުވެ ސިޓީވެސް ފޮނުއްވީއެވެ. ކީއްވެގެން ހެއްޔެވެ؟

މީގެ ޖަވާބު ވަރަށް ކުރެވެ. ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން ދިވެހި ސަރުކާރާ ވަކިވެ، ދައުލަތެއް އުފެއްދީ އިބްރާހިމް ނާސިރުގެ ބޮޑުވަޒީރު ކަމުގައެވެ. ކޮންމެއަކަސް، އަލަށް ވުޖޫދުކުރި ދައުލަތް, ބޮޑުވަޒީރު ނާސިރު ބާރުގެ ބޭނުން ކުރައްވައިގެން ފުނޑުފުނޑުކޮށްލައްވައި، އެކަމުގައި އިސްކޮށް ތިބި މީހުންނަށް އަދަބު ދެއްވިއެވެ. އިނގިރޭސި ދައުލަތުގެ ދަށުން ވަކިވެ، ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުއިރުވެސް ނާސިރު ހުންނެވީ ބޮޑުވަޒީރު ކަމުގައެވެ. ވީމާ ފެހެންދީބު މައްސަލާގައި ނާސިރު އެގޮތަށް ޢަމަލުކުރެއްވީ އެ މަނިކުފާނުގެ ސިކުނޑިފުޅުގައި، ދެކުނު ބަޣާވާތުގެ ހަނދާންތައް ފިލައިނުގޮސް ހުރުމުގެ ސަބަބުން ކަމަށް ވެދާނެއެވެ. އެއީ އަނެއްކާވެސް އެފަދަ ދެވަނަ ވަކިވުމަކަށް ހިނގައިދާނެކަމުގެ ބިރު، އެ މަނިކުފާނުގެ ހިތްޕުޅުގައި އޮތުމުން ކަމަށްވެސް ވެދާނެއެވެ. އެއީ ފެހެންދީބާއެކު ދެކުނުގެ ހަތަރު އަތޮޅު އަނެއްކާވެސް ވަކިވެ ދައުލަތެއް އުފައްދައިފިނަމަ، އެ ދައުލަތެއް ވެގެން ދާނީ، ސަރަހައްދުގެ ގޮތުން ދިވެހި ދައުލަތާ އެއްވަރުގެ ދައުލަތަކަށެވެ. އަދި އޭގެ ފަހުގެ ސަރުކާރުތަކުންވެސް ވަކިން ޚާއްސަކޮށް ރައީސް މައުމޫނުގެ ސަރުކާރުންވެސް، ފެހެންދީބު މައްސަލާގައި އެއްވެސް މަސައްކަތެއް ނުކުރެއްވެވީ، ހަމަ ދެކުނުގެ ހަތަރު އަތޮޅުގެ ވަކިވެގެން އުފެއްދި ސުވާދީބު ދައުލަތުގެ ސަބަބުން ކަމަށް ވެދާނެއެވެ. ވީމާ ފެހެންދީބު ހޯދުމުގައި، ދިވެހި ސަރުކާރުތަކުން ފަހަތު ފަޔަށް ބުރަވުމުގައިވެސް އޮތީ ހަމަ ސުވާދީބު ނޫން ބާވައެވެ. ފެހެންދީބު ހޯދުމަށް އެޅިފައިވާ ހިޔަންޏަކީ ހަމަ ސުވާދީބުގެ ހިޔަނި ނޫން ބާވައޭ ހިތަށް އަރައެވެ.
