މީހެއްގެ ފަސް ފިރިހެން ދަރިން ތިއްބެވެ. އެކުދިން ކުޑައިރު އެ ކުދިން ގާތު އެކުދިންގެ ބައްޕަ ބުނުއްވައެވެ. ދަރިފުޅުމެންގެ އުމުރުން ބާރަ އަހަރުވުމުން، ހަޔާތުގެ ސިއްރު، ދަރިފުޅުމެންނަށް ބައްޕަ ކިޔައިދޭނަމެވެ.
ދެން، ދުވަސްތަކެއް ފަހުން އެންމެ ދޮށީ ދަރިފުޅަށް ބާރަ އަހަރު ފުރުނެވެ.
އަދި އެ ދަރިފުޅު ގޮސް ބައްޕައާ ސުއާލުކޮށް އެއްސެވެ. "ބައްޕާއެވެ! ކޮއްކޮއަށް މިހާރު ބާރަ އަހަރު ފުރުނީ ނޫން ހެއްޔެވެ؟ ކޮއްކޮ ގާތު ހަޔާތުގެ ސިއްރަކީ ކޮބައިކަން ބުނެދެއްވަންވީ ނޫންތޯއެވެ؟"
ދެން، ދަރިފުޅު ގާތު ބައްޕަ ބުނުއްވިއެވެ. ހަޔާތުގެ ސިއްރު ބުނެދިނުމުގެ ގޮތުން އެންމެ ފުރަތަމަ ހަޔާތުގެ މާނަ ސާފުވާން ޖެހެއެވެ. ހަޔާތުގެ މާނައަކީ ދިރުންލިބިގެން ވުމެވެ. ދިރުން ލިބިގެން ނުވާ ކޮންމެ އެއްޗަކީ މަރުވެފައިވާ އެެއްޗެކެވެ. މިމަގާމުގައި ހަނދާންކޮށްލަން ޖެހެނީ ނޭވާލާ ކޮންމެ މީހަކީ ދިރުން ލިބިގެންވާ މީހެއް ނޫންކަމެވެ. ފަހުން މިކަން އިތުރަށް ސާފުކޮށްދޭނަމެވެ. އިންސާނުން ފަދައިން މުޖުތަމައުތަކަކީވެސް، ދިރުން ލިބިގެންވީ ނުވަތަ މަރުވެފައިވާ މުޖުތަމައުތަކެވެ. ވުޖޫދުގައި އޮތްކަމަށް ދުށްކަމުގައިވިޔަސް ވެހެވެ!
ދެން އެންމެ ރަނގަޅެވެ! މިހާރު ބައްޕަމެންގެ ސުއާލުގެ މައްޗަށް ނަޒަރު ހިންގާލައި އެ ސުއާލުގެ ޖަވާބެއްލިބޭތޯ ބަލާލަމާ ހެއްޔެވެ؟ ހަޔާތުގެ ސިއްރަކީ ކޮބައިހެއްޔެވެ؟ ހަޔާތަށް ދިރުން ގެނެސް ހަޔާތުގައި ކާމިޔާބު ހޯދުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟ ހަޔާތުގެ އެ ސިއްރު ހަމަ އެންމެ ޖުމްލައެއްގެ ތެރޭގައި ފޮރުވިފައި ވެއެވެ. އެ ޖުމްލައަކީ ކޮބައި ހެއްޔެވެ؟ ގެރި ކިރެއް ނުދެއެވެ.
ގެރި ކިރެއް ނުދެއޭ ބުނާ ބަހުގެ މާނައަކީ ކޮބާ ހެއްޔެވެ؟ އޭގެ މާނައަކީ ދަރިފުޅުގެ މަންމަ ދަރިފުޅަށް ބަތް މޮޑެދީފައި ސަމުސަލެއް ބަތް ތައްޓަށް ޖަހާފައި ކާންދޭ ގޮތަށް ގެރި އޭތީގެ ކިރު ފެލައި ބާލިދީއަކަށް އަޅާފައި ނުދޭ ވާހަކައެވެ. ގެރީގެ ކިރު ބޭނުން ނަމަ، ހެނދުނާއި ހަވީރު ގެރީގެ ކައިރިއަށް ގޮސް އަމިއްލައަށް ކިރު ފެލައި ބާލިދީއަކަށް ކިރު ނަގަންޖެހެއެވެ. އެހެން އިބާރާތަކުން ބުނާ ނަމަ ކިރު ލިބެނީ އަމިއްލައަށް މަސައްކަތްކޮށްގެންނެވެ. ހަޔާތަށް ދިރުން ގެނެސް ހަޔާތުގައި ކާމިޔާބު ހޯދެނީ އަމިއްލައަށް މަސައްކަތްކޮށްގެންނެވެ.
ހަޔާތުގެ ސިއްރުގެ ވާހަކަ، ހަޔާތަށް ދިރުން ގެނެސް، ހަޔާތުގައި ކާމިޔާބީ ހޯދެނީ ގަދަ އަޅައި އަމިއްލައަށް މަސައްކަތް ކޮށްގެންކަމުގެ ވާހަކަ ދަރިފުޅު ގާތު ބުނަން ޖެހެނީ ކީއްވެގެން ކަމަށް ހެއްޔެވެ؟ އެވާހަކަ ބުނަން ޖެހެނީ ދަރިފުޅުމެންގެ ޖީލަކީ މާ ބޮޑަށް ހިމާޔަތްތެރިކުރެވިގެން ބޮޑުކުރެވިފައިވާ ޖީލަކަށްވާތީއެވެ. މިކަމުގެ ސަބަބުން، ދަރިފުޅުމެން އަތްފައިން ކަންކުރެވޭ އުމުރަށް އެޅުނަސް، ދަރިފުޅުމެންގެ އަމިއްލަ ޝަޚްސީ ކަންކަން ވެސް ކޮންދެނީ މައިންބަފައިން ނޫނީ ކޮންމެވެސް ޚާދިމެކެވެ. ދަރިފުޅުމެންގެ އުމުރުން ފަނަރަ އަހަރު ފުރޭ އިރު ވެސް، ފެންވެރުމުން ގައިގައި ލޯޝަން އުނގުޅައިދީ، ބޯ އޮމާކުރަން ޖެހެނީ ވެސް އެހެން މީހެކެވެ. އެންމެ ކުޑަ މިނުން މި އުމުރަށްދާއިރު ވެސް ފާޚާނާކޮށްފައި ފުލަޝްކޮށްލުން ވެސް އެއީ ދަރިފުޅުމެންގެ ނަޒަރުގައި އެހެން މީހެއްގެ ވާޖިބެކެވެ. މީގެ އިތުރުން، އަމިއްލައަށް ފިލާވަޅުތައް ދަސްކޮށްލުމުގެ ހިއްވަރު ވެސް ނުހުރެއެވެ. އެކަން ވެސް ކުރަން ޖެހެނީ ގެއަށް މީހުން ގެނެސް ބަތް މޮޑެދީފައި ކާންދޭ ފަދައިން ފިލާވަޅު ވެސް މޮޑެފައި ސަމުސަލަކުން ލަވައިދީގެންނެވެ!
މިފަދަ ޒިންމާދާރު ކުޑަ، އެއްވެސް މަސްއޫލިއްޔަތެއް އުފުލަން ދަސް ނުކުރާ، ކެރުމެއް ނެތް ފިނޑި، ކަންނެތް، ޖީލެއް ބޮޑުވެ، މުޖުތަމައަށް ނިކުތުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އެފަދަ ކުދިބަޔަކަށް އެކުދިންގެ ހަޔާތަށް ދިރުން ގެނެސް، ހަޔާތުގައި އެ ކުދިން ހާސިލު ކުރަން ބޭނުން ކަންކަން ކުރެވިދާނެ ހެއްޔެވެ؟ ޝައްކެއް ވަސްވާހެއް ނެތެވެ. ނުކުރެވޭނެއެވެ! އެއްވެސް މަސައްކަތެއް އަމިއްލައަށް ނުކޮށް، އަމިއްލައަށް މަސައްކަތް ކުރުމުގެ އާދަ ނަފްސުގައި ހިއްޕާ ނުލައި، އެކުއްޖަކު ބޭނުންވާ ކުލަ އެކުއްޖެއްގެ ހަޔާތުގެ ސަފުހާގައި ޖައްސައި ކާމިޔާބު ހޯދިދާނެ ހެއްޔެވެ؟ ނުހޯދޭނެއެވެ.
ދެން، މަސައްކަތާ ދުރު، ޒިންމާދާރު ކުޑަ މިފަދަ ޖީލެއްގެ މައްޗަށް އުފެދޭ މުޖުތަމައެއްގެ ހާލަކީ ކޮބައި ހެއްޔެވެ؟ އެފަދަ މުޖުތަމައެއްގައި ހަގީގީ އެއްވެސް ދިރުމެއް އޮންނާނެ ހެއްޔެވެ؟ ނޯންނާނެއެވެ! އެ ފަދަ މުޖުތަމައުތަކުގައި މަސައްކަތް ކުރަން ތިބޭނީ މުޅިން ހެން ވެސް ބޭރު އަޖުނަބީންނެވެ. މިކަމުގެ ހެކި އަހަރުމެންގެ މުޖުތަމައިން ފެންނާނެއެވެ. ފިހާރަތަކާއި ރެސްޓޯރަންޓުތަކައި ކަންމަތީ ކެފޭތަކާއި ރިސޯޓުތަކަށް ބަލައިލުމުންނެވެ. މީގެ އިތުރުން މީގެ އިތުރުން ގޭގެއަށް ބޭނުންވާ ކަރަންޓާއި ނުވަތަ ފެންވަޔަރު ކުރުމާ ގުޅޭ ފަދަ ކުދިކުދި ޚިދުމަތްތައް ދޭން ވެސް ތިބެނީ މުޅިން ވެސް ބޭރު އަޖުނަބީން ނޫން ހެއްޔެވެ؟ މި ފަދަ މުޖުތަމައަކީ ހަގީގީ ދިރުން ލިބިގެންވާ މުޖުތަމައެކޭ ބުނެވިދާނެ ހެއްޔެވެ؟ އަދި ކިއެއް ހެއްޔެވެ؟ މި ފަދަ މުޖުތަމައަކަށް މިނިވަންކަންމަތީ ދެމި އޮވެވިދާނެ ހެއްޔެވެ؟ މިފަދަ ތަނަކަށް އަހަރަކު ދެ މިލިޔަން ކީއްކުރަން ދިހަ މިލިޔަން ފަތުރުވެިން ޒިޔާރަތް ކުރިޔަސް ތަނުގެ އާންމުންނަށް ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެކަމުގެ ފައިދާ އޮންނާނީ މަސައްކަތްތައް ކުރާ މީހުންނަށެވެ. އެއީ ބޭރު އަޖުނަބީންނެވެ!
މިކަން ބަދަލުކޮށްލަން ބޭނުން ނަމަ، ބައްޕަ މި ބުނެދިން ހަޔާތުގެ ސިއްރު މަތިން ދަރިފުޅު ހަނދާން ކުރަން ޖެހެއެވެ. ގެރި ކިރެއް ނުދެއެވެ. ގެރީގެ ކިރު ހޯދައި، ބޯން އެދޭ ނަމަ އެ ހޯދުމަށްޓަކައި ކުރަނަ ޖެހޭ މަސައްކަތް ކުރަން ޖެހެއެވެ. ހަޔާތުގައި ދަރިފުޅު ބޭނުންވާ ކުލަޖެއްސޭނީ އަމިއްލައަށް މަސައްކަތްކޮށް ކުޅެދޭ ކުއްޖަކަށް ވެގެންނެވެ!!
