Support Us

ހަގީގީ ހާދިސާ: ކަޅު ދެމަފިރިންނަށް ދޮން ދަރިއެއް ލިބުމުން…

"މާކަސް، އަހަރެން ވިހާއިރު ވިއްސާ ކޮޓަރިއަށް ވަދެގެންނުވާނެ،" އަހަރެންގެ އަންހެނުން އެލެއިނާ އަހަރެންނާ ދިމާއަށް ބުންޏެވެ.

އޭނާ އެހެން ބުނީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް އަހަރެންގެ ހިތްފަޅައިގެންދިޔައެވެ.

ދެން ވިހެއުމަށް ފަހު އަހަރެންނަށް ދަރިފުޅު ދެއްކުމުން ވީގޮތް އެނގުނެވެ. އަހަރެންގެ ދުނިޔެ ސުންނާފަތިވި ކަހަލައެވެ.

އަހަރެންނާއި އެލެއިނާއަކީ އެފްރިކާ ދަރިކޮޅަށް ނިސްބަތްވާ ކަޅު ދެ މީހުންނެވެ. ނަމަވެސް އެލެއިނާ ވިހެއީ ދޮން އަންހެން ދަރިއެކެވެ. ހަމުގެ ކުލަ ދޮނެވެ. އިސްތަށިގަނޑުގައި ވަނީ ރަންކުލައަކަށްދާ ކަހަލަ ރީނދޫކުލައެކެވެ. ލޮލުގެ ކަޅި ހުރީ ނޫކުލައިގައެވެ. އިނގިރޭސި ބަހުން ބުނާ ނަމަ، އަހަރެމެން ދެމަފިރިންނަށް ލިބުނީ ދޮން ނަސްލަށް ނިސްބަތްވާ ކަހަލަ "ބްލޮންޑް" ކުއްޖެކެވެ.

އަހަރެންގެ ހިތަށް އެރިއެވެ: އެލެއިނާ އަހަރެންނަށް ކެހިދިނީ ހެއްޔެވެ؟ މިއީ ކިހާ ބޮޑު ބޭވަފާތެރިކަމެއް ހެއްޔެވެ؟

އެލެއިނާ ދޫކޮށްލައިފައި ދާން އަހަރެންގެ ހިތަށްއެރިއެވެ. ނަމަވެސް އެ ފަދަ ފިޔަވަޅެއް އެޅުމަށްވުރެ އަހަރެމެން ދެ މީހުންގެ ދެމެދުގައި އޮތް ލޯބި މާވަރުގަދަ ހެއްޔެވެ؟

މިހެން ހިތާހިތާ ސުވާލުކުރަމުން އަންނަނިކޮށް އެލެއިނާ އަހަރެންނާ ސިއްރެއް ހިއްސާކުރިއެވެ. މީގެ ކުރިން އަހަރެން ދުވަހަކު ވެސް އަޑުނާހާ ކަހަލަ ވާހަކައެކެވެ. އަހަރެންނަށް ލިބިފައިވާ ތައުލީމުން ވެސް އަހަރެންނަށް ނޭނގިފައިވާ ކަމެކެވެ.

އެލެއިނާ ބަލިވެއިންކަން އަހަރެންގެ ގާތުގައި ބުނި ދުވަހު އަހަރެން އުފަލުން ފޮޅުނެވެ. އެއިރު އަހަރެމެން ދަރިއެއް ހޯދޭތޯ މަސައްކަތްކުރާތާ ދުވަސްކޮޅެއްވެއްޖެއެވެ. ވިއްސާ ކޮޓަރިއަށް ނުވަންނަން އެލެއިނާ އަހަރެންގެ ގާތުގައި އެދުނީ، ދަރިފުޅު ވިހެއުމުން ކަންތައްތައް ކުރާނެ ގޮތާ ބެހޭ ގޮތުން އެއް ދުވަހަކު މަޝްވަރާކުރަނިކޮށެވެ.

އަހަރެންނަށް ހީވީ މީހަކު އަހަރެންގެ ބަނޑުގައި ކޮޅުފައިން ޖެހިހެންނެވެ.

"ކީއްވެ ހެއްޔެވެ؟" އެލެއިނާގެ ގާތުގައި އަހަރެން ސުވާލުކުރީމެވެ.

"ވިހެއުމުގެ ހުރިހާ ކަމެއް އަހަރެންނަށް ދޫކޮށްލާށެވެ،" އެލެއިނާ ބުންޏެވެ.

އަހަރެންގެ ހިތުގައި އުފެދުނީ އެތައް ސުވާލެކެވެ. ނަމަވެސް އެލެއިނާ ދެކެ އަހަރެން ލޯބިވަމެވެ. އިތުބާރުކުރަމެވެ. އެއީ އޭނާ ބޭނުން ގޮތް ކަމަށްވާ ނަމަ އަހަރެން އޭނާގެ އެ ނިންމުމަށް އިހުތިރާމްކުރަން ނިންމީމެވެ.

އެލެއިނާ ވިހަން ކައިރިވި ވަރަކަށް އަހަރެންގެ ސިކުނޑިއަށް އިހުސާސްކުރެވެމުންދިޔަ ނުތަނަވަސްކަން އިތުރުވަމުންދިޔައެވެ. ކޮންމެވެސް ބޮޑު ކަމެއް ލައިގަންނަނީ ކަމަށް ހިތަށް އަރަން ފެށުމުންނެވެ.

ވިއްސާ ކޮޓަރިއަށް އެލެއިނާ ވެއްދުމުން އަހަރެން ކުރާނެ އިތުރު ކަމެއް ނެތުމުން އަހަރެން އިނީ ކެފެޓޭރިއާގައި ކޮފީއަކަށް ފަހު ކޮފީއެއް ބޯށެވެ.

އެތައް ގަޑިއިރެއް ފަހުން ޑޮކްޓަރު އަހަރެންގެ ގާތަށް އައެވެ. އަދި އޭނާއާއެކު ވިއްސާ ކޮޓަރިއަށް ވަނުމަށް އެދުނެވެ.

އަހަރެން ވަނީމެވެ. އަދި އެލެއިނާ ރަނގަޅު ހާލުގައި އޮއްވައި ފެނުނެވެ. އަހަރެންނަށް ލިބިފައިވާ ހާސްކަމާއި އުދާސްތައް ނެތިގެން ދިޔައެވެ.

އެ ވަގުތު އެލެއިނާގެ އަތު ތެރޭގައިވާ ތުއްތު ކުއްޖާ ފެނުނެވެ. އަހަރެންނަށް ލިބުނީ ސިހުމެކެވެ. އެ ދަރިފުޅުގެ ހަން ސްނޯހާ ހުދެވެ. ބޮލުގައިވަނީ ރީނދޫ ކުލައިގެ އިސްތަށްޓެވެ. އަދި އަހަރެންނާ ދިމާއަށް ހުޅުވައިލި ދެ ލޯގައި ވަނީ ނޫކުލައެވެ.

"މިއީ ކޮން ކަމެއް ހެއްޔެވެ؟" އަހަރެންގެ ދުލުން ބޭރުވި ބަސް އަހަރެންނަށް އިވުނެވެ.

އެލެއިނާ އަހަރެންނާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭނާގެ މޫނުމަތީގައި ވަނީ ލޯތްބާއި ބިރު މަސްހުނިވެފައެވެ.

"މާކަސް، އަހަރެންނަށް ހުރިހާ ކަމެއް ކިޔައިދެވިދާނެ،" އެލެއިނާ ވާހަކަދައްކަން ފެށިއެވެ.

އަހަރެން ހުރީ އަޑުއަހުން ބޭނުންވެފައެއް ނޫނެވެ.

"ކިޔައިދޭން ތިޔަ އުޅެނީ އެލެއިނާ އަހަރެންނަށް ކެހި ދިން ވާހަކަ ހެއްޔެވެ؟ މިއީ އަހަރެންގެ ދަރިއެއް ނޫންކަމުގެ ވާހަކަ ހެއްޔެވެ؟" އަހަރެންނަށް ބުނެވުނެވެ.

"މާކަސް، އެހެނެއް ނޫން…" އެލެއިނާ ބުނަން ފެށިއެވެ.

އެލެއިނާގެ ވާހަކަ އަހަރެން މެދުކަނޑައިލީމެވެ. އަހަރެންނަށް ހީވީ އަހަރެންގެ ހިތް އަހަރެންގެ މޭ ފަޅައިލައިފައި ނުކުތް ހެންނެވެ. އަދި ހަރުއަޑުން އަހަރެން ބުނީމެވެ: "އެލެއިނާ، އަހަރެންނަށް ދޮގު ހަދާނެ ކަމެއް ނެތެވެ. އަހަރެންނަކީ މޮޔައެއް ނޫނެވެ. މިއީ އަހަރެންގެ ދަރިއެއް ނޫނެވެ."

ނަރުހުންތައް އައިސް އަހަރެން މައިތިރި ކުރެވޭތޯ މަސައްކަތްކުރިއެވެ. ދެން އެލެއިނާ އެ ދަރިފުޅުގެ ކަނާތު ފައި އުފުލައިފައި އެ ބަލައިލުމަށް އަހަރެންގެ ގާތުގައި އެދުނެވެ.

ކުއްޖާގެ ކަނާތު ފައިގެ ތަނބިކަށީގައި އުފަން ލަފެއް ހުއްޓެވެ. ހަނދުފަޅިއެއްގެ ސިފައިގައެވެ. އަހަރެންގެ ކަނާތު ފައިގެ ތަނބިކަށީގައިވާ އުފަން ލަފާ އެއްވެސް ތަފާތެއް ނެތް އުފަން ލަފެކެވެ. އަހަރެންގެ އާއިލާގެ އެހެން މެންބަރުންގެ ކަނާތު ފައިގެ ތަނބިކަށީގައި ހަމަ މި ކަހަލަ އުފަން ލަފުވެއެވެ.

އަހަރެންނަށް ލިބުނީ ހައިރާންކަމެކެވެ. ވީގޮތެއް ނޭނގިފައި ހުއްޓުން އެރިއެވެ.

"ތިޔަވީ ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ،" އަހަރެން އެލެއިނާއަށް ބުނީމެވެ.

ޖަވާބުގައި އެލެއިނާ ބުންޏެވެ: "މިއީ އެތައް އަހަރެއް ކުރިން ވެސް މާކަސްގެ ގާތުގައި އަހަރެން ދައްކަން ޖެހިފައިވާ ވާހަކައެކެވެ. ނަމަވެސް އެހާ މުހިންމު ކަމެއް ނޫނޭ ހިތަށް އަރައިފައި މި ވާހަކަ ނުދައްކައި ހުރެވުނީއެވެ."

އެލެއިނާ ބުނީ އަހަރެމެން ދެ މީހުން ރަން ކިޔުމަށް ފަހު އޭނާ ޖެނެޓިކް ތަހުލީލުތަކެއް ކުރި ކަމަށެވެ. އެ ކަމުން ލިބުނު ނަތީޖާއިން ދެއްކީ އެލެއިނާގެ އާދަޔާ ހިލާފު ޖީންއެއް ވާކަމެވެ. އެ ޖީންގެ ސަބަބުން އޭނާ ނުވަތަ އޭނާގެ ފިރިމީހާ ކޮންމެ ނަސްލަކަށް ނިސްބަތްވި ނަމަވެސް ލިބޭ ދަރިފުޅު ހަމުގެ ކުލަ ދޮންވެފައި އެހެން ގުނަވަންތަކުގައި ވެސް އަލި ކުލަ ހުންނާނެކަމެވެ.

"މި ކަން މިހެން ދިމާވާނެ ފުރުސަތު ކުޑަ ކަމަށް ހީކޮށް މާކަސްގެ ގާތުގައި މި ވާހަކަ އަހަރެން ނުބުނީ. އަދި މި ކަހަލަ ދަރިފުޅެއް ލިބުނަސް އަހަރެމެން ދެ މީހުންނަށް މިއީ މައްސަލައަކަށް ނުވާނެ ކަމަށް އަހަރެން ނިންމީ. ސަބަބަކީ އަހަރެމެން ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާތީ،" އެލެއިނާ ބުންޏެވެ.

"އެކަމަކު އަހަރެންނޯ؟" އަހަރެންނަށް ބުނެވުނެވެ.

"މާކަސްއަށް ނޭނގި ނަމަވެސް މާކަސްގެ ވެސް މި ޖީން ހުރީ،" އެލެއިނާ ބުންޏެވެ.

އެ ވަގުތު އަހަރެންގެ އިހުސާސްތައް އަނެއްކޮޅަށް އެނބުރުނެވެ. އަހަރެންނަށް އިހުސާސްކުރެވެން ފެށީ ވަރުގަދަ ލޯތްބެކެވެ. އެލެއިނާ އާއި އަހަރެންނަށް ލިބިފައިވާ ދަރިފުޅަށެވެ.

ގެއަށް އާދެވުނު ދުވަސް ހީވީ ހަނގުރާމައެއްގެ ތެރެއަށް ފުއްމައިލެވުނު ހެންނެވެ.

"މިއީ ކޮން ކަހަލަ ސަމާސާއެއް؟" އަހަރެންގެ މަންމަ ޑެނީސް އެލެއިނާއާ ދިމާއަށް ބަލައިލައިފައި ބުންޏެވެ.

"މިއީ ސަމާސާއެއް ނޫނެވެ. މިއީ މަންމަގެ މާމަ ދަރިފުޅެވެ،" އަހަރެން ބުނީމެވެ.

"މާކަސް، އަހަރެމެންނަށް ތިޔަކަން ގަބޫލުކުރެވޭނީ ކިހިނެތް؟" އަހަރެންގެ ދައްތަ ޓާންޔާ ބުންޏެވެ.

މަންމައަށާއި ދައްތައަށް ވިސްނައިދެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. އަހަރެންނާއި އެލެއިނާގެ ހަށިގަނޑުގައި ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތުގެ ޖީންއެއް ހުރި ކަމަށް ޑޮކްޓަރު ކިޔައިދިން ވާހަކަ ބުނީމެވެ. ނަމަވެސް މަންމައަށާއި ދައްތައަށް އެ ވަގުތަކު ނުވިސްނުނެވެ.

ދެން އަހަރެންގެ ބޭބެ ޖަމާލު އަހަރެން އެއްފަރާތްކޮށްފައި މަޑުމަޑުން ބުނެލިއެވެ: "ކޮއްކޯއެވެ. އެލެއިނާ ދެކެ ކޮއްކޮ ލޯބިވާކަން އަހަރެމެންނަށް އެނގެއެވެ. އެކަމަކު ހަގީގަތާ ކުރިމަތިލާންޖެހޭނެއެވެ. މިއީ ކޮއްކޮގެ ދަރިއެއް ނޫނެވެ."

އުފަން ލައް ދެއްކުމުން ވެސް އަހަރެންގެ އާއިލާގެ މެންބަރުން އެއީ އަހަރެންނާއި އެލެއިނާގެ ދަރިއެއް ކަމަކަށް ގަބޫލެއް ނުކުރިއެވެ.

އެއް ރެއަކު އަހަރެންނަށް ހޭލެވުނު އިރު އަހަރެންގެ މަންމަ ތެތް ފޮތިގަނޑަކުން އަހަރެންގެ ދަރިފުޅުގެ އުފަން ލައް ފުހެލަން މަސައްކަތްކުރަނީއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އެލެއިނާއަށް ހިޔާލެއް އައެވެ.

"މާކަސް ޑީ.އެން.އޭ ޓެސްޓެއް ހަދަމާ ހެއްޔެވެ؟" އެލެއިނާ ބުންޏެވެ.

"އަހަރެމެން އެހެން މީހުންނަކަށް އެއްވެސް ކަމެއް ސާބިތުކޮށްދޭކަށް ނުޖެހޭނެއެވެ. މިއީ އަހަރެންގެ ދަރިއެއްކަން އަހަރެންނަށް އެނގެއެވެ،" އަހަރެން ޖަވާބުދިނީމެވެ.

އެލެއިނާ ބުނީ މި މައްސަލަ އެހާ ފަސޭހައިން އަހަރެންގެ އާއިލާއިން ދޫކޮށްލާނެ ކަމަކަށް ނުފެންނަ ކަމަށެވެ. އަދި މިހެންވެ ޑީ.އެން.އޭ ހެކި ދައްކައިފި ނަމަ އަހަރެމެންގެ ދަރިފުޅަކީ ހަމަ އަހަރެންގެ އާއިލާގެ މެންބަރެއްކަން އެހެން މެންބަރުން ގަބޫލުކޮށްފާނެ ކަމަށެވެ.

ކަންވީ ވެސް އެހެންނެވެ. ޑީ.އެން.އޭ ޓެސްޓުން އެނގުނީ އެލެއިނާއަށް ލިބުނީ ހަމަ އަހަރެންގެ ދަރިއެއްކަމެވެ. އެލެއިނާއަށް އުފަލުން ރޮވުނެވެ.

ގެއަށް އައިސް އަހަރެންގެ އާއިލާ އެއްތަންކުރީމެވެ. އަދި ޑޮކްޓަރު އަހަރެމެންނާ ހަވާލުކުރި ޑީ.އެން.އޭ ޓެސްޓްގެ ލިޔުންތައް އެންމެންނަށް ދެއްކީމެވެ.

ބައެއް މެންބަރުން ތިބީ ސިހިފައެވެ. އަނެއްބައި މެންބަރުން ލަދުގަތްފައެވެ.

"މި ޖީން ދަރިފުޅާއި އެލެއިނާގެ ހުރިކަން މިއީ ހަމަ ތެދެއްތަ؟" އަޑު ތުރުތުރުއަޅާ ހާލު މަންމަ އެއްސެވެ.

ޖަވާބުގައި އަހަރެން އާނއެކޭ ބުނީމެވެ.

ދެން އާއިލާގެ ހުރިހާ މެންބަރުން އަހަރެންނާއި އެލެއިނާގެ ކިބައިން މައާފަށް އެދުނެވެ. އެންމެންވެސް ވާހަކަދެއްކީ އިހުލާސްތެރިކަމާއެކުއެވެ.

"އަހަރެން ވަރަށް ދެރަވެއްޖައީމެވެ. އަހަރެންނަށް ދުވަހަކުވެސް މައާފުކުރާނަން ހެއްޔެވެ؟" ލޮލުން ކަރުނަ އޮހޮރެމުންދިޔަ މަންމަ އަހަރެންނާއި އެލެއިނާއާ ދިމާއަށް ބުންޏެވެ.

އެލެއިނާ މަންމަގެ ގައިގައި ބައްދައިލިއެވެ. އަދި ބުންޏެވެ: "ހަމަ ޔަގީނުން ވެސް މައާފުކޮށްފީމެވެ. އަހަރެމެންނަކީ އާއިލާއެއް ނޫން ހެއްޔެވެ؟"

އެ ވަގުތު އަހަރެންގެ ސިކުނޑިއަށް ހިތްހަމަޖެހުން ލިބުނެވެ. އަހަރެންގެ ހިތަށްއެރިއެވެ: ހުރިހާ އެންމެން ހީކުރާ ކަހަލަ އާއިލާއަކަށް އަހަރެމެންގެ އާއިލާ ނުވެދާނެއެވެ. ނަމަވެސް މިއީ ހަމަ އަހަރެމެންގެ އާއިލާއެވެ.

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް