Support Us

ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތްތައް ވަޢުދުވެފައިވާ ގޮތަށް ކުރިއަށްދާނެ: ރައީސް

ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތްތައް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ކުރިއަށްދާނޭކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އަރި އަތޮޅާއި މާލެއަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކ. ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ، ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިޤްތިޞާދީ މައްސަލައެއް ކަމަށެވެ.

އަދި ރާއްޖޭގެ އިޤްތިޞާދަށް ވަންނަ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ރާއްޖޭގެ ބޭންކުން މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ޙައްޤުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެކަމާ ގުޅޭ ޤާނޫނު ތަޢާރަފުކުރުމުގެ ބިލު، މަރުކަޒީ ބޭންކުގެ ފަރާތުން އެކުލަވާލައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެ ބިލު ހުށަހަޅުއްވާފައިވަނީ، އެމަނިކުފާނު ކުރިންވެސް ވިދާޅުވިގޮތަށް، ބަދަލެއް ނުގެނެސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީސް، މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކުރައްވާނޭކަމުގެ އުންމީދު ފާޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ބިލު ފާސްވުމަކީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ މުއްސަނދިކަން ގެނެސްދޭނޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.

މިއަދު ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނޭ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުޞޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުޢާމަލާތްތަކާ ގުޅޭ ހަމަތަކާއި އުޞޫލުތައް، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައަޅައި ހިންގުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *