ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ފުރަތަމަ ފަހަރަށް ކުޅުނުއިރު އެ ޓީމުގެ ކުރީގެ މަސާޖު ދޭ ތެރަޕިސްޓު ރޮޑް ތޯންލީއާއި ރޮނާލްޑޯއާ ދެމެދު އާދަޔާހިލާފު މުއާމަލާތެއް ހިނގައިފައިވެއެވެ.
"އެއީ 2009 ވަނަ އަހަރުގެ މާރިޗު ނޫނީ އެޕްރިލް މަހު. ރޮނަލްޑޯ އެއިރު ތައްޔާރުވަމުން އައީ ރެއާލް މެޑްރިޑަށް ބަދަލުވާން. ސީޒަން ނިމޭއިރު އޭނާ ދާނެކަން އެންމެނަށް އެނގޭ. ރިއަލިޓީ ޓީވީގެ 'އެކްސް ފެކްޓާ' މުބާރާތުން ފެނުނު އަންހެން ލަވަކިޔުންތެރިއެއް އެއީ ކާކުތޯ އަހަރެންގެ ގާތުގައި ރޮނާލްޑޯ އެހި،" ރޮޑް ކިޔައިދިނެވެ.
އެއީ ޕުސީކެޓް ޑޯލްސް މިއުޒިކް ބޭންޑްގެ ލަވަކިޔުންތެރިޔާ އަދި ނެށުންތެރިޔާ ކިމްބަލީ ވަޔަޓްއެވެ. ރޮޑްގެ ކިބައިން ރޮނާލްޑޯ އެދުނީ ކިމްބަލީގެ ފޯން ނަންބަރު ހޯދައިދިނުމަށެވެ.
"އަހަރެންނަށް ތިޔަ ކަމުން ކުރާނީ ކޮން ފައިދާއެއް؟ ހުރިހާ ދިމާއަކުން ތިބާއަށް އަންހެންކުދިންގެ ނަންބަރު އަހަރެން އެބަ ހޯދައިދޭން، އެކަމަކު އަހަރެންނަށް އެ ކަމުން ލިބޭ ފައިދާއެއް ނެތް،" ރޮނާލްޑޯއާ ދިމާއަށް ބުނިކަމަށް ރޮޑް ކިޔައިދިނެވެ.

ޖަވާބުގައި ރޮނަލްޑޯ އެހީ އޭނާ ގެންގުޅޭ ކާރު ރޮޑްއަށް ކަމުދޭތޯއެވެ. ރޮނަލްޑޯ އެއިރު ގެންގުޅުނީ ޕޯޝް ކެރޭރާ ކޮންވާޓިބްލް ބާވަތުގެ ކާރެކެވެ.
"ރެއާލް މެޑްރިޑަށް ދަމުން އަހަރެންނަށް އެ ކާރުގެ އަގުގެ ދެބައިކުޅައެއްބައި އަގުގައި ވިއްކަފާނެކަމަށް ރޮނަލްޑޯ ބުނި. އަހަރެން ދެން ކިމްބަލީގެ ނަންބަރު 10 ވަރަކަށް މިނެޓް ތެރޭގައި ރޮނަލްޑޯއަށް ހޯދައިދިނިން،" ރޮޑް ބުންޏެވެ.

"ތެދެއް. ފުޓުބޯޅަ ސީޒަން ނިމިއްޖެ. އަހަރެން ރޮނާލްޑޯއާ ދިމާއަށް ބުނިން: 'އަހަރެމެން ހެދި ކާރު ޑީލް ހަނދާން އެބަހުރިތަ؟' ރޮނަލްޑޯ 'އާނއެކޭ' ބުނި. 'ޑީލް ކުރިއަށް ގެންދާނަންތަ؟' އަހަރެން ރޮނާލްޑޯގެ ގާތުން އެހިން. 'އާނއެކޭ' ރޮނަލްޑޯ ބުނި،" ރޮޑް ކިޔައިދިނެވެ.
ރޮޑް ދެން ކުރި ކަމަކީ ރޮނަލްޑޯ 60،000 ޕައުންޑް (1.1 މިލިއަން ރުފިޔާ)އަށް ގަތް ކާރު ރޮނާލްޑޯގެ އަތުން ގަންނަން އޭގެ އަގުގެ ދެބައިކުޅައެއްބައި ކަމަށްވާ 30،000 ޕައުންޑް (589،259ރ.) ރޮނާލްޑޯއަށް ދިނީއެވެ. އަދި ޖެހިގެން އައި ދުވަހު ރޮޑް އެ ކާރު އެހެން މީހަކަށް 60،000 ޕައުންޑަށް ވިއްކައިލިއެވެ!
"އަހަރެންގެ އަތުގައި އެ ކާރު އޮތީ އެންމެ ރެއަކު. އަހަރެން ރޮނާލްޑޯގެ ގެއަށް ކާރު ބަލާ ދިޔައިން. ދެން އަހަރެންގެ ގެއަށް ކާރު ގެނައިން. ރޮނާލްޑޯގެ އެކައުންޓަށް ފައިސާ ޖަމާކުރިން. ޖެހިގެން އައި ދުވަހު 60،000 ޕައުންޑަށް އެ ކާރު ވިއްކައިލިން. އަދި އެ ފަހަރުގެ ރަބީއު މޫސުމުގައި ޗުއްޓީ ހޭދަކޮށްލަން ދިވެހި ރާއްޖެއަށް ޒިޔާރަތްކުރިން،" ރޮޑް ކިޔައިދިނެވެ.



advertisment