ހުރަވީ ދުވަހަކީ ކޮބައިތޯއެވެ؟ މިއީ، ވެސް މިހާރަކަށް އައިސް ގިނަ ބަޔަކަށް ނޭނގުމެއްްގެ ތެރެއަށް ފެތެމުންދާ ދުވަހެކެވެ. ނޭނގުމުގެ ތެރެއަށް އެދުވަސް ފެތިގެން ދިއުމަކީ، ވަރަށްވެސް ދެރަކަމެކެވެ.
އެއީ، ކީއްވެގެން ތޯއެވެ؟ ސަބަބަކީ، އަހަރެމެންގެ ގައުމަށްޓަކައި އަމިއްލަ ހަށިކޮޅާއި ފުރާނަފުޅު އައްޑަނައެއްގެ ގޮތުގައި ބޭރުން އަރާ ދުޝްމިނުންގެ ކުރިމައްޗަށް ހުށަހަޅުއްވައި ސީދާ ހަނގުރާމަ ކުރައްވައި ރާއްޖެ ސަލާމަތް ކުރެއްވި ބަޠަލުންނާއި އެބޭބޭފުޅުން ގައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީ އަހަރެމެނަށް ނޭނގުމުގެ ތެރެއަށް ފެތިގެން ދާތީއެވެ. އެއީ ވަރަށްވެސް ދެރަ އެހައިމެ ހިތާމަ ހުރި ކަމެކެވެ.
ގައުމުގެ އިސްތިޤްލާލާއި ސިޔާދަތު އަމިއްލަ ދައުލަތުގެ ފުރިހަމަ ބާރު ދަށުން ނެއްޓިގެންދާ ކޮންމެ ދަނޑިވަޅެއްގައިވެސް އެކަންކަމާ ދެކޮޅަށް ފިދާވެ ވަޑައިގެންފައިވަނީ ދިވެހ ގައުމުގެ އަގުހުރި ދަރީންކަމަށްވާތީއެވެ. އެ ފިކުރާއި އެ ރޫޙު ދެމި އޮންނާނީ ގައުމުގެ ޙިމާޔަތުގައި އިސްނެންގެވި ކާބަފައިންގެ މަސައްކަތްޕުޅުތަކާއި ޤުރުބާނީތައް ތާއަބަދު އަހަރެމެންގެ ތެރޭގައި ދިރިދިރި ދެމިހުރެގެން ކަމަށްވާތީއެވެ.
ސަރުކާރުން ހުރަވީ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރައްވާ އެންމެ މުހިންމު އެއް މަޤްޞަދަކީވެސް އެއީ އެވެ. ޖުމާދަލްއާޚިރާ މަހުގެ ތިން ވަނަ ދުވަސް، ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަނީ އެދުވަހަކީ، "އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން)" އިސްވެ ހުންނަވައިގެން ސީދާ އެރަސްގެފާނުގެ ހަށިކޮޅާއި ފުރާނަފުޅުން ނުކުންނަވައި މަލާބާރީންނާ ދެކޮޅަށް ކުރެއްވި ހަނގުރާމައިގައި މަލާބާރީން ބަލިކުރައްވައި ދިވެހި ގައުމު މިނިވަންކުރައްވައި ގައުމަށް ނަޞްރު ހޯއްދަވައި ދެއްވި މަތިވެރި ތާރީޚީ ދުވަސްކަމަށް އެދުވަސް ވާތީއެވެ. އެއީ، ހިޖުރީ ސަނަތުން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަ ވިލޭރޭކަމަށް ވާތީއެެވެ.
ހުރަވީ ދުވަސް ފާހަގަ ކުރައްވަނީ ހުރަވީ ޚާންދާނުގެ ރަސްރަސްކަލުންގެ ޒިކުރާ އާކުރާ ދުވަހެއްގެ ގޮތުގައެއް ނޫނެވެ. އެއީ، އެނގެންވީ ކަމެކެވެ.
އެގޮތުން މިއަހަރު ހުރަވީ ދުވަސް ފާހަގަ ކުރެއްވުމަށް ސަރުކާރުން ރަސްމީ ހައިސިއްޔަތުގައި ބޭއްވެވި ރަސްމީ ޖަލްސާއަށް ޙާޟިރުވުމުގެ ނަޞީބު އަޅުގަނޑަށްވެސް ލިބުނެވެ. އެކަމަކު، އެ ޖަލްސާގައި ވަރަށް ހައިރާންވެ އަންތަރީސް ކުރުވި ކަމެއްގެ ގޮތުގައި ތަމްސީލުވި އެއްކަމެއްގެ ވާހަކަ ވަރަށް އުފަލާއެކު ފާހަގަކޮށްލާން ބޭނުންވިއެވެ. މި ލިޔުން ލިޔަން ބޭނުންވީވެސް އެކަމަށްޓަކައެވެ.

އެއީ، ކޮން ކަމެއް ތޯއެވެ. އާދޭހެވެ! އެއީ، އިސްކަންދަރު ސްކޫލްގެ ކެޕްޓަން އަޝާ މުޙައްމަދު އެ ޖަލްސާގައި ވާހަކަ ދެއްކުމުގައި ހުރި މޮޅުކަމާއި އެކަމަށްހުރި ޤާބިލުކަން ފެނުމުންނެވެ. އަޝާ މުޙައްމަދު ވާހަކަ ދެއްކުމުގައި ހުރި ޤާބިލުކަމާއި ކުޅަދާނަކަމާއި މޮޅުކަމަށް މިސާލެއް ދަންނަވާނަމަ ދެންނެވޭނީ އަޝާ މުޙައްމަދު އެ ރޭގެ ޖަލްސާގައި ވާހަކަ ދެއްކީ އެންމެ މޮޅު ވާހަކަދެއްކުންތެރިއަކަށްވެސް އެކަން ކުރެވޭނޭ މިންވަރަށް ކަމުގައި ވީތީއެވެ.
އަޝާ މުޙައްމަދުގެ އެ ކުޅަދާކަމަށް ތަރުހީބާއި ހިއްވަރުދީ ޝުކުރު އަދާ ކުރުމުގެ ގޮތުން، އެ ޖަލްސާ ނިމުމުން އަޅުގަނޑު، އަޝާ މުޙައްމަދާއި އޭނާގެ މަންމާއާ ބައްދަލުކޮށް އަޝާ މުޙައްމަދު ވާހަކަ ދެއްކުގައި ހުރި މޮޅުކަމާއި ޤާބިލުކަން ފާހަގަކޮށް އެރޮނގުން ކުރިޔަށް ދިއުމަށް ހިއްވަރުދިނީމެވެ. އަދި އިޒުނަ ލިބިގެން ހަނދާނަށްޓަކައި ސެލްފީ (ފޮޓޯ) އެއްވެސް ނެގުމުގެ އުފާ ހޯދީމެވެ.

އެ ޖަލްސާގައި ވާހަކަ ދެއްކުމަށްޓަކައި އެ ވާހަކަކޮޅު ލިޔެދެއްވައި އެކަމަށް ތައްޔާރުކޮށްދެއްވީ ކޮން ޓީޗަރެއްތޯ އަޅުގަނޑު އެހި ސުވާލަށް ލިބުނީވެސް ވަރަށް ހައިރާންވި އަދި އެހައިމެ އުފާވެސްވި ޖަވާބެކެވެ.
އެއީ، އަޝާ މުޙަައްމަދު ދެއްކި ވާހަކަކޮޅު ލިޔުނީވެސް އަމިއްލައަށް ކަމަށް ބުނުމުންނެވެ. އަދި އެކަމުގައި އެއްވެސް ބޭފުޅެއްގެ މަދަދެއް ނުހޯދައި އަމިއްލައަށް އެކަމަށް ތައްޔާރުވީ ކަމުގައި ބުންޏެވެ.
އެކަމާމެދު އަޝާ މުޙައްމަދަށްޓަކައި ރާއްޖޭގެ ހުރިހައި ކިޔަވާކުދިންނާއި މުދައްރިސުންނާއި އަދި ކިޔެއްތަ! މުޅި ގައުމުވެސްް އުފާކޮށް ފަޚުރުވެރިވެ ޝުކުރުވެރިވުން ޙައްޤެވެ. އެހެނީ، ގައުމުގެ މާދަމާއަށްޓަކައި އެފަދަ ޤާބިލް ދަރީން ގައުމުގައި އުފެދެމުން އަންނަކަމުގެ ހެތްކެއްކަމުގައި އަޝާ މުޙައްމަދު ފާހަގަ ކުރެވުނީތީއެވެ.
އަޝާ މުޙައްމަދަކީ، އެހައި ޅަފަތުގެ ކުޑަކުއްޖެއްކަމުގެ އިޙްސާސް އޭނާގެ ވާހަކަ ދެއްކެވުމުގެ އަޑުއެހުމުގައި އިޙުސާސެއް ނުކުރެވެއެވެ.
ދޮންބަންޑާރައިންނާ ގުޅޭ އެކިއެކި ހާދިސަތަކާ އެއްގޮތަށް އަޑާއި ރާގާއި ޙަރަކާތްވެސް ގެންގުޅެފައިވަނީ ކުޅަދާނަ ވާހަކަދެެެެއްކުންތެރިއަކަށްވެސް އެކަން ކުރެއްވޭނޭ މިންވަރަށެވެ.
އަޝާ މުޙައްމަދުގެ ވާހަކައިގެ މޮޅުކަމުން ހިތުގައި ގައުމީ ލޯބި އަލަށް ހޭލައްވައިލި ކަހަލައެވެ. ގައުމީ ރޫޙާއި ގައުމީޖޯޝް ހިތުގައި ކެކި އުތުރި އެރި ފަދައެވެ.
ގައުމީ އަބްޠާލުންގެ މައްޗަށް އޮންނަންވާ ހަގީގީ ލޯތްބާއި އެބޭފުޅުންގެ ހައިބަތާ ޤަދަރު އިތުރު އެންމެ ރަނގަޅަށް ވިސްނުނެވެ.
އަޝާ މުޙައްމަދުގެ ވާހަކައިގައި ދޮންބަންޑާރައިންގެ މަތިވެރި ޤުރުބާނީއާއި އެ ރަސްގެފާނުގެ މަތިވެރިކަމާއި ޢަދުލުވެރިކަމާއި އިޙުސާންތެރެތިކަމާއި ހިތްޕުޅުތިރިކަމާއި ޚުލުޤުފުޅުގެ މަތިވެރިކަމާއި، އެރަސްގެފާނު ގައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ގައުމީ ޤުރުބާނީ ކިތަންމެހައިވެސް ފުރިހަމައަކަށް އިންޞާފު ކުރިއެވެ.
އަޅުގަނޑުގެ ދުޢާއަކީ އަޝާ މުޙައްމަދަށް ޢިލްމީ ރޮނގުން އެންމެ އުހަށް އެރުމުގެ ނިޢުމަތް މާތްﷲ މިންވަރުކޮށް ދެއްވުމެވެ. އަދި މޮޅު ވާހަކަދެއްކެވުންތެރިއެއްގެ ގޮތުގައިވެސް ލެއްވުމެވެ. އަދި އެފަދަ ގިނަ ދަރިވަރުން މިގައުމުގައި ލެއްވުމެވެ. އާމީން.



advertisment