ބާވެފައިވާ ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް) ނައްތައިލުމަށް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން، ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު އެލަން މަސްކްގެ ސްޕޭސްއެކްސް ކުންފުންޏާ 843 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފިއެވެ.
މިލްކިއްޔާތުގައި 314 ބިލިއަން ޑޮލަރު (4835 ބިލިއަން ރުފިޔާ)ހުރި މަސްކްއަކީ އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަނަވަރީ 20 ގައި ވެރިކަމާ ހަވާލުވެވަޑައިގެންފައި އުފައްދަވަން ހަމަޖައްސަވައިފައިވާ، ސަރުކާރު ކޮލިޓީކޮށް ހިންގާ ވުޒާރާގެ ވަޒީރެވެ.
އައި.އެސް.އެސް އުފެއްދީ 1998 ގައި އެމެރިކާ، ރަޝިއާ، ޔޫރަޕްގެ އިއްތިހާދު، ޖަޕާން އަދި ކެނެޑާއިން ގުޅިގެންނެވެ. މި ކަމަށް 150 ބިލިއަން ޑޮލަރު (2310 ބިލިއަން ރުފިޔާ) ހޭދަވިއެވެ. އަދި މިހެންވެ އައި.އެސް.އެސް ވެގެންއައީ އިންސާނުން އުފެއްދި އެންމެ އަގުބޮޑު އެއްޗަށެވެ.
ގާތްގަނޑަށް 250 މޭލު މަތިން "އޯބިޓު"ކުރާ އައި.އެސް.އެސް.އިންވަނީ ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނުކުރެވޭނެ ފަދަ ސައިންޓިފިކް ތަހުލީލުތައްކޮށްފައެވެ.
"މިއީ މީގެ ކުރިން އިންސާނުން ނުކުރާ ތަޖުރިބާއެއް. ބަވަނަވެފައިވާ ދުނިޔޭގެ ގައުމުތަކުން ގުޅިގެން ޖައްވުގައި ދިރާސާކުރާ ތަނެއް ހެދުމުގެ ކާމިޔާބު ރަމްޒުކޮށްދޭ ސްޓޭޝަނެއް،" ނާސާއިން ބުންޏެވެ.
ނަމަވެސް އައި.އެސް.އެސް އުފެއްދީ ދާއިމީ ގޮތަކަށް ހަރަކާތްތެރިވާނެ ސްޓޭޝަނެއްގެ ގޮތުގައެއް ނޫނެވެ. އެ ސްޓޭޝަން ހިންގުން ހުއްޓައިލަން ހަމަޖައްސައިފައިވަނީ 2030 ގައެވެ.
އައި.އެސް.އެސްގެ ހަރަކާތްތައް ހުއްޓައިލައިތާ ދޮޅު އަހަރުގެ ތެރޭގައި ދުނިޔެއާ ގާތަށް އެ ސްޓޭޝަން ގެންނާނެކަމަށް ނާސާއިން ބުންޏެވެ.
"ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަނުމުން ގިނިހިލައެއް އަނދައިގެންދާ ގޮތަށް އައި.އެސް.އެސް.ގެވެސް ގިނަ ބައިތައް އަނދައި އަޅިއަށްވާނެ،" ނާސާއިން ބުންޏެވެ.
ދުނިޔެއާ ކައިރިކުރަން އައި.އެސް.އެސް ކޮއްޕަމުންދާނީ ސްޕޭކްސްއެކްސްގެ ޖައްވީ އުޅަނދަކުންނެވެ.
ނުއަނދާ ހުންނަ ބައިތައް ވައްޓައިލައިނީ ދުނިޔޭގެ ކޮން ތަނަކަށްކަން ފަހުން އިއުލާންކުރާނެކަމަށް ނާސާއިން ބުންޏެވެ.
"މި ޖައްވީ ސްޓޭޝަނަކީ ސައިންސުން އިލްމީ ހޯދުންތައް ހޯދުމުގައި ހުރިހާ އިންސާނުންނަށް ފައިދާކުރާނެ ދެލިކޮޕީއެއް،" ނާސާގެ ކެން ބަވަސޮކްސް ބުންޏެވެ.
އައި.އެސް.އެސް ނެތް ނަމަވެސް ދުނިޔޭގެ ގައުމުތަކުން ޖައްވުގައި ހަރަކާތްތެރިކުރުވާ ނުވަ ސްޓޭޝަން އެބަހުއްޓެވެ. އޭގެ ތެރޭގައި ޗައިނާގެ ޓިއަންގޮންގް ސްޓޭޝަން ހިމެނެއެވެ. އެ ސްޓޭޝަން ޖައްވުގައި އޯބިޓުކުރަން ފެށީ 2021 ގައެވެ.
މަސްކްގެ ކުންފުނިން ނާސާއާއެކު މަސައްކަތްކުރާތާ އެތައް އަހަރެއްވެއްޖެއެވެ.
ނާސާއިން ސެޓާން ބިމުގެ އެންމެ ބޮޑު ހަނދުކަމަށްވާ ޓައިޓަންއާ ބެހޭ ދިރާސާތައްކުރުމަށް 256 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ)ގެ މަޝްރޫއެއްވަނީ ސްޕޭސްއެކްސްއާ ހަވާލުކޮށްފައެވެ. މި ކަމަށްޓަކައި ނާސާގެ އުޅަނދެއް ސްޕޭސްއެކްސްގެ ރޮކެޓެއްގައި ހަރުކޮށްގެން އުދުއްސައިލަން ހަމަޖައްސައިފައިވަނީ 2028 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހަކާއި 25 އާ ދޭތެރޭގައެވެ. ޓައިޓަންއަށް ފޯރަން ހަ އަހަރު ނަގާނެއެވެ. މާނައަކީ ނާސާގެ އުޅަނދާއެކު ޓައިޓަންގައި ސްޕޭސްއެކްސްގެ ރޮކެޓު ޖައްސާނީ 2034 ވަނަ އަހަރުއެވެ.