Support Us

"ޕައިލޮޓް ވޭލް" ބާވަތުގެ ބޮޑުމަސް

ނިއު ޒިލެންޑް ބީޗަކަށް އުރުނު 30 ބޮޑުމަސް ސަލާމަތްކޮށްފި

ނިއު ޒިލެންޑްގެ ގޮނޑުދޮށަކަށް އުރުނު 30 އަށްވުރެ ގިނަ ބޮޑުމަސް ސަލާމަތްކޮށްފިއެވެ. ނަމަވެސް ހަތަރު ބޮޑުމަސް މަރުވިކަމަށް، މަހުލޫގުން ހިމާޔަތްކުރާ އިދާރާ ކަމަށްވާ ޑިޕާޓްމަންޓް އޮފް ކޮންޒަވޭޝަނުން ބުންޏެވެ.

ދުނިޔެއިން ހުސްވެދާނެކަމުގެ ބިރު އަދި ނެތަސް "ޕައިލޮޓް ވޭލް" ބާވަތުގެ މި ބޮޑުމަސްތަކަކީ އެ ސޮރުމެން ނެތި ދިއުމުގެ ކަންބޮޑުވުން އޮތް މަހުލޫގެކެވެ.

އުރުނު ޕައިލޮޓް ވޭލްތައް ކަނޑަށް ދޫކޮށްލީ ފޮތިގަނޑުތަކެއްގެ މަތީގައި ބާއްވައިގެންނެވެ. މި ކަމުގައި އެހީތެރީވީ ކޮންޒަވޭޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންގެ އިތުރުން އާއްމުންނެވެ.

"ނިއު ޒިލެންޑަކީ ބޮޑުމަސް އާއްމު ގޮތެއްގައި އުރޭ ގައުމެއް. ހާއްސަކޮށް ޕައިލޮޓް ވޭލް ވަރަށް ގިނައިން ބީޗަށް އުރޭ،" އެ އިދާރާއިން ބުންޏެވެ.

ނިއު ޒިލެންޑްގެ ރުއޭކާކާ ބީޗަށް އުރުނު 30 އަށްވުރެ ގިނަ ޕައިލޮޓް ވޭލް ސަލާމަތްކުރަން އެހީވި އެތައް ސަތޭކަ މީހުން

ބޮޑުމަސްތައް ކަނޑަށް ދޫކޮށްލުމަށް ފަހު އެ ސޮރުމެން އަލުން އުރޭތޯ ވަންގަރީ ސަހަރު ކައިރީގައިވާ ރުއޭކާކާ ބީޗް ވަނީ މޮނިޓާކޮށްފައެވެ.

"އެތައް ސަތޭކަ ބަޔަކު މި ޕައިލޮޓް ވޭލްތައް ސަލާމަތްކުރުމުގައި ބައިވެރިވި. އެ މީހުން ދައްކައިދިނީ ހިތްހެޔޮކަމާއި ލޯބީގެ ލާމަސީލު ނަމޫނާއެއް. މި ކަމުން ދައްކައިދެނީ ކަނޑުގެ މާހައުލާ އަހަރެމެން އެންމެން ހިއްސާކުރާ ގާތް ގުޅުން،" އިދާރާގެ ތަރުޖަމާނު ޖޯލް ލޯޓާބަކް ނެރުނު ބަޔާނެއްގައި ބުންޏެވެ.

މަރުވި ތިން ބޮޑުމަހާއި ޅަ ބޮޑުމަހުގެ ހަނދާނުގައި ނިއު ޒިލެންޑްގެ އަސްލު ވަޒަންވެރިންކަމަށްވާ މައޮރި ބާގައިގެ މީހުން ވަނީ ސަގާފީ ހަރަކާތެއް ބާއްވައިފައެވެ. އެ މީހުން ދެކެނީ ބޮޑުމަހަކީ ސަގާފީ ގޮތުން ހާއްސަ "ޓެއޮންގާ" ނުވަތަ "އިލާހީ ހަޒާނާ"އެއްކަމަށެވެ.

ނިއު ޒިލެންޑުގައި 1840 ވަނަ އަހަރުން ފެށިގެން 5،000 އަށްވުރެ ގިނަ ބޮޑުމަސް އުރިފައިވާކަމަށް ރެކޯޑުކުރެވިފައިވެއެވެ.

"ނިއު ޒިލެންޑްގެ ޗެޓްހަމް ޖަޒީރާގައި 1918 ގައި 1،000 އެއްހާ ޕައިލޮޓް ވޭލް އުރުނު ކަމަށް ތާރީހީ ރެކޯޑްތައް ދައްކާ،" ކޮންޒަވޭޝަން އިދާރާއިން ބުންޏެވެ.

ނިއު ޒިލެންޑަށް ބޮޑުމަސް އުރެނީ ކީއްވެ ކަމެއް އަދި ސާފެއްނުވެއެވެ. ނަމަވެސް އެ ގައުމުގެ ޖިއޮގްރަފީ އޮންނަ ގޮތުން މިހެން ވަނީ ކަމަށް ބައެއް ފަރާތްތަކުން ދެކެއެވެ. އެ ގޮތުން ނިއު ޒިލެންޑްގެ އުތުރު އަދި ދެކުނު ޖަޒީރާތަކުގެ އައްސޭރިތައް ތިލަވުމަކީ ވެސް މިހެން ދިމާވާ ސަބަބަކަށްވެދާނެކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *