ސާޝާއަކީ އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންގެ ނަސްލުގެ އަންހެނެކެވެ. އޭނާ ދަސްވެނިވީ 2015 ގައި އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންނަށް ހާއްސަކޮށްގެން ހަދައިފައިވާ ކޮލެޖަކުންނެވެ.
އެއީ ބޯޑިން ސްކޫލެއްގެ ގޮތުގައި ހަދައިފައިވާ ތަނެކެވެ. އެ ކޮލެޖު 1983 ގައި ހައިލަސް މެރިސް ނަމަކަށް ކިޔާ މީހަކު ގާއިމުކުރީ އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންނަށް އަމާޒުކޮށްފައެވެ. ބޭނުމަކީ ހަޔާތުގެ ކުރިމަގަށް ކުރިމަތިލާއިރު ޒަމާންވީ ސަގާފަތުގައި ހިފެހެއްޓުމެވެ. އެ ކޮލެޖްގައި ސާޝާ ދެ އަހަރު ކިޔެވިއެވެ.
"އަހަރެންނަށް އިހުސާސްކުރެވުނީ ދެ ދުނިޔެއެއްގައި ފަހުރުވެރިކަމާއެކު ހިނގައިލެވުނުކަމުގެ ތަޖުރިބާ،" ސާޝާ ބުންޏެވެ.
ގާލީއަކީ ސާޝާގެ ކާފައެވެ. އޭނާ ވަނީ ސާޝާގެ ދަސްވެނިވުމުގައި ބައިވެރިވުމަށްޓަކައި ދިގު ދަތުރެއްކޮށްފައެވެ. އެއީ 2،000 އެއްހާ މޭލުގެ ދަތުރެކެވެ. ސަބަބަކީ އޭނާ ދިރިއުޅެނީ އޮސްޓްރޭލިއާގެ އުތުރުގައި އޮންނަ އެލްކޯ ޖަޒީރާގައިކަމަށްވާތީއެވެ. މިއީ ސާޝާގެ ރަށް ވެސްމެއެވެ. ކޮލެޖުން ޗުއްޓީ ލިބޭ ކޮންމެ ފަހަރަކު ސާޝާ ދަނީ އެ ރަށަށެވެ.
ގާލީގެ އަސްލު އުމުރެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ނަމަވެސް މި ދަތުރުން ޔަގީންވީ ކަމަކީ ޔޫރަޕްގެ ދޮން މީހުން އިސްތިއުމާރުކޮށްފައިވާ އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންގެ މެދުގައި އޮންނަ ވަރުގަދަ ސަގާފީ ގުޅުމާއި އާއިލީ ގުޅުންތަކުގެ މުހިންމުކަމެވެ.
ގާލީއަކީ ގަބީލާއެއްގެ ވެރިއެކެވެ. އަދި "މޯނިން ސްޓާ" ނަމަކަށް ކިޔާ ނެށުމެއް ނަށަން މަޝްހޫރު މީހެކެވެ.
"ސާޝާގެ އިލްމީ ކާމިޔާބީތަކާއި އޭނާ އަހަރެމެންގެ ސަގާފަތް ރައްކާތެރިކުރަންކުރާ މަސައްކަތާމެދު އަހަރެން ފަހުރުވެރިވޭ،" ގާލީ ބުންޏެވެ.
މުސްކުޅިވުމާއި ސިއްހީ ހާލަތު ދަށް ނަމަވެސް ގާލީ ވަނީ ސާޝާ އާއި އޭނާގެ ދައްތަ އަލީޝިއާއާއެކު ދަސްވެނިވުމުގެ ހަފުލާގައި ސަގާފީ ނެށުމެއްގައި ބައިވެރިވެފައެވެ. މި ކަމުން ދޭހަވީ އާއިލީ ގުޅުންތަކާއި ގާލީގެ ގަބީލާގެ ސަގާފަތުގެ ރޫހު ވަރުގަދަކަމެވެ.
ތިން ބަހަށް ފަރިތަ ސާޝާ ބޭނުންވަނީ ނަރުހަކަށްވާށެވެ. އަދި އޭނާގެ ގަބީލާގެ ސަގާފަތް ކުރިއެރުވުމަށް މަސައްކަތްކުރަމުން އަންނާށެވެ. ގާލީއަށް އިނގިރޭސި ބަސް އެނގެނީ ވަރަށް ކުޑަކޮށެވެ. މިހެންވެ އޭނާއަށް ތަރުޖަމާކޮށްދެނީ އޭނާގެ އަންހެނުން އަދި ސާޝާގެ މާމަ ޖޭންއެވެ. ގާލީ އާއްމު ގޮތެއްގައި ވާހަކަ ދައްކަނީ އޭނާގެ ގަބީލާގެ ބަހުންނެވެ.
"އަހަރެންގެ ދެ ކާފަދަރިންނަށް ރަނގަޅު ތައުލީމެއް ލިބުމުން އުފާކުރަން. އެއީ އަހަރެންގެ ހުވަފެނެއް،" ގާލީ ބުންޏެވެ.
ސާޝާގެ ދިރިއުޅުމުގެ ދަތުރުން ދޭހަވަނީ އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ އިތުރުން އެ މީހުންނަށް ލިބެމުން އަންނަ ކާމިޔާބީ ވެސްމެއެވެ. ޒަމާނީ ތައުލީމާއި ކުރީގެ ސަގާފީ ހުވަފެންތައް ވެސް ގުޅިގެން އަންނަ ހިސާބެވެ.
ސާޝާ ބުނީ އެ ކޮލެޖްގައި ކިޔެވުމުގެ ސަބަބުން އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންގެ ސަގާފަތަށް އޮތް ލޯތްބާއި އިހުތިރާމް މާ ވަރުގަދަވެއްޖެކަމަށެވެ. ހުޅަނގުގެ ސަގާފަތާއެކު ވެސް، އޭނާ ނިސްބަތްވާ ގަބީލާގެ އާދަކާދަތައްކަމަށްވާ ޝިކާރަކުރުމާއި މަސް ބޭނުން ފަދަ ކަންތައްތައް މިހާރު މާ ބޮޑަށް ކުރާހިތްވާކަމަށެވެ.
"ރަށާއި ގެއާ ދުރުގައި ކިޔަވަން އުޅުނީތީ ހުސްކަމެއް އިހުސާސް ކުރެވުނު. އެކަމަކު ކޮލެޖްގައި އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންނާ ބެހޭ މައުލޫމާތު ފޯރުކޮށްދޭތީ އެކަން އެހާ ބޮޑަކަށް އިހުސާސެއް ނުކުރެވުނު،" ސާޝާ ބުންޏެވެ.
ސާޝާ ނެތްތަން ތަހައްމަލުކުރަން އުނދަގޫވީ ނަމަވެސް މުޅި އާއިލާއިން ވެސް ބޭނުންވީ އޭނާއަށް ރަނގަޅު ކުރިމަގެއް ކަށަވަރުކޮށްދިނުންކަމަށް ޖޭން ބުންޏެވެ.
ގާލީ މަރުވީ 2020 ގައެވެ. ލަފާކުރެވެނީ އޭނާއަށް 80 ވަރަކަށް އަހަރު ވެފައިވާނެކަމަށެވެ.
"ކާފަ މަތިން ހަނދާނެއް ނުނެތޭނެ. އަހަރެމެންގެ ގަބީލާގެ އާދަކާދަ އާއި ސަގާފަތްތަކަށް ލޯބިކުރިލެއް ބޮޑުކަމުން،" ސާޝާ ބުންޏެވެ.
ގާލީ ނަށާ މޯނިން ސްޓާ ނެށުމުގައި ބޭނުންކުރާ ބައެއް އާލާތްތައް އެކި ގައުމުތަކުގެ މައުރަޒުތަކުގައި ބައިވެރިކޮށްފައިވެއެވެ.
"ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދެވިދާނެ. އޭގެ މާނައަކީ އަމިއްލަ ސަގާފަތާއި އާދަކާދަ އާއި ތަރިކަ ދޫކޮށްލުމެއް ނޫން. އަހަރެންގެ ގަބީލާގެ އެހެން އަންހެންކުދިންނަށް އަހަރެން ވިސްނައިދެނީ ވެސް މިމޭރުމުން،" ސާޝާ ބުންޏެވެ.
އޮސްޓްރޭލިއާ ކަހަލަ ބޮޑު ބައްރެއްގައި ދަތުރުކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ދަސްވެނިވިކަމުގެ ސެޓްފިކެޓް ސާޝާ ބަލައިގަތް މަންޒަރާއި އެ ހަފުލާގައި އޮސްޓްރޭލިއާގެ އަސްލު ވަޒަންވެރިންގެ ސަގާފީ ނެށުމެއް ސާޝާ ދައްކައިލައި މަންޒަރު ދެކެލުމަށް ގާލީ ވަނީ ހީނުކުރާ ވަރުގެ ބޮޑު ތަކުލީފެއް އުފުލައި، 2،000 މޭލުގެ ދަތުރެއްކޮށްފައެވެ.
"ދަސްވެނިވި މުނާސަބާ ބަލަން ތިބި މީހުންގެ ތެރޭގައި ކާފަ އިން ތަން ފެނުމުން ވަރަށް އުފާވި. މިހާރު ދުނިޔޭގައި ނެތް ނަމަވެސް އަހަރެމެންގެ ގަބީލާގެ ސަގާފަތަށް އޭނާ ކުރި ލޯތްބާއި އޭނާގެ ވިސްނުންތެރިކަން އަބަދުގެއަބަދަށް ދެމިގެންދާނެ،" ސާޝާ ބުންޏެވެ.



advertisment