Support Us

ކޫއްޑޫ ކޯލްޑް ސްޓޯރޭޖް ބޮޑުކުރުމުގެ ޕްރޮޖެކްޓްގައި ސޮއިކޮށްފި

އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ބެނިފިޝަރީޒްއަށް އެވޯޑް ލެޓަރ ހަވާލުކުރުމާއި، ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން ޕްރޮޖެކްޓްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވަޑައިގެންފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ގއ. ކޫއްޑޫ ކޯލްޑް ސްޓޯރޭޖް އެކްސްޕެންޝަން މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް އަދި ލަކީ ގްލޯބަލް ޕްރޮޖްކްޓްސް ޕްރިއިވެޓް ލިމިޓެޑް މެނޭޖިންގ ޑިރެކްޓަރ އާޝިޝް އޮބެރޯއީއެވެ.

މި ރަސްމިއްޔާތުގައި މުރާބަޙާ އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީގެ ދަށުން ފައިނޭންސިންގ ލިބިފައިވާ ފަރާތްތަކަށް އެވޯޑް ލެޓަރ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާއެވެ.

މަސްވެރިން ބާނާ މަހަށް ބޭރު މާކެޓްތަކުގައި ލިބޭ އަގު ބިނާވަނީ މަހުގެ ތާޒާކަމާ މަހުގެ ކޮލިޓީއަށެވެ. އެހެންކަމުން މަހުގެ ކޮލިޓީ ދެމެހެއްޓުމަށްޓަކައި މަސްވެރިން ބާނާމަސް ކިރުވެންދެން ތާޒާކޮށް ބެހެއްޓުމަށް ދޯނިތަކުގައި މަސް ފިނިކުރެވޭނެ ނިޒާމް، ރެފްރިޖިރޭޓެޑް ސީވޯޓަރ ސިސްޓަމްތައް ޤާއިމުކުރުމަށް މަސްވެރި ވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުގެ މަތީން މަސްކިރާ ބަނދަރަށް ތާޒާކޮށް ގެންނަ މަސް ފިނިކޮށް ރައްކާކުރާނޭ ކޯލްޑް ސްޓޯރޭޖްތައް އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އަދި މަސްވެރި ސިނާއަތުގައި އިޤްތިޞާދީ ނަފާ އިތުރުކުރުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ ވަރަށް މުހިންމު ސިޔާސަތެކެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ "ސަޕޯޓް ޕީޕަލްސް ލައިވްލިހޫޑް އިން ފިޝަރީޒް ސެކްޓަރ އިން މޯލްޑިވްސް ތްރޫ ސަސްޓެއިނަބަލް އެނަރޖީ މަޝްރޫޢު" ގެ ދަށުން މަދުވެގެން 100 އެއްހާ ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ވަނީ ފެސިލިޓީއެއް ހަމަޖެހިފައެވެ. މި މަޝްރޫޢު ހުޅުވާލީ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކީ، މަސްވެރިންގެ ބޭނުންތަކަށް ރިއާޔަތް ކުރެވި މަސްވެރިންނަށް ދަތިވެފައިވާ ކަންކަން ޙައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ. އެގޮތުން މި ފެސިލިޓީގެ ދަށުން ނަގާ ތެކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭގޮތަށް ނިންމާފައިވާ ނިންމުން ފާހަގަކޮށްލެވެއެވެ.

މި ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެއެވެ. އަދި އެސް.ޑީ.އެފް.ސީގައި ރަޖިސްޓްރީކޮށްފައިވާ ވެންޑަރެއް މެދުވެރިކޮށް އޮޑިވެރިން އަމިއްލައަށް ތަކެތި ގަތުމުގެ އިޚްތިޔާރުވަނީ ފަހިކޮށްދީފައެވެ.

އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރިން އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދި އޮޑީގެ ޚަރަދު ކުޑަވެ ސީދާ މަސްވެރިޔާގެ ޖީބަށް ވަންނަ ފައިސާ އިރުތުވެގެންދާނެއެވެ.

މީގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި 8،500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ. އަދި ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިހާރު ހުރި ކެޕޭސިޓީ ތިން ގުނަ އިތުރުކޮށް 25 ހާސް ޓަނަށް އިތުރުކުރުމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް