Support Us

ނަފުރަތުގެ މައްޗަށް ބިނާވާ ސިޔާސީ ގުޅުންތަކާއި އޭގެ ހިތި ނަތީޖާ

ބައެއް ލިޔުންތެރިން ފާހަގަކުރައްވާ ގޮތުގައި، ގައުމެއްގެ ތަރައްގީގެ ހަޔާތުގައި ތަފާތު އެކި މަރުހަލާތައް ކަޑައްތުކުރަން ޖެހެއެވެ. ބަތަލުންގެ ދައުރުގެ މަރުހަލާއެވެ. މިމަރުހަލާގައި ގައުމުގައި ކުރެވޭ ހުރިހާ ރަނގަޅުކަމަކާއި ލިބޭ ހުރިހާ ކާމިޔާބީތަކެއް ނިސްބަތްކުރެވެނީ އެވަގުތު ގައުމުގެ ވެރިކަމުގައި ހުންނެވި ބޭފުޅަކަށެވެ. އަދި ހަމަ އެހެންމެ، ގައުމުގައި ހިނގާ ހުރިހާ ނުރަނގަޅު ކަމަކާއި ގައުމަށް ލިބޭ ނާކާމިޔާބީއެއް ވެސް އެވަގުތު ގައުމުގެ ވެރިޔަކަށް ހުންނަވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅުވެއެވެ. ރާއްޖޭގެ ކައިރި މާޒީއަށް ބަލައިލި ކަމުގައި ވިޔަސް، ރާއްޖޭގެ ތަރައްގީގެ ހަޔާތުގައި ވެސް މި މަރުހަލާ ކަޑައްތުކުރަމުން ދާތަން ފެނެއެވެ. ރައީސް މުހައްމަދު އަމީނުގެ ދައުރުގައްޔާއި ރައީސް ނާސިރުގެ ދައުރުގައެވެ. އަދި ރައީސް މައުމޫނުގެ ދައުރުގައި ވެސް މެއެވެ.

ވެރިކަމުގެ މި ދައުރުތަކުގައި، ރާއްޖެއަށް ލިބުނު ކުރިއެރުމެއް ނަމަ، އެކަމުގެ ރީތި ނަން ލިބެނީ ވެރިޔާއަށެވެ. އަދި، ވެރިކަމުގައި ވެރިޔާ ހުންނަވާހާ ދުވަހަކު، އެއްވެސް ކަހަލަ ބިނާކުރުވަނިވި ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލުމެއް ނެތި، ވެރިޔާއަށް ތައުރީފުގެ ބަސްތައް އިއްވައި، ޚުޝާމަދުގެ ގުލްދަސްތާތައް އޭނާގެ ކަރުފުޅަށް އުކެއެވެ. ހަމަ އެހެންމެ، ވެރިޔާ ވެރިކަމުން ވަކިވެވަޑައިގަތުމުން، ގައުމާއި ކުރިމަތިވެފައި އޮންނަ ހުރިހާ ނުރަނގަޅުކަމެއް، އޭނާގެ އިސްތަށިފުޅުގައި އަޅުވައި، އޭނާއަށް، ހަޑިހުތުރު ބަސްތައް ރައްދުކުރެވެއެވެ. ކުރިއެކޭ އެއްފަދައިން، އެއްވެސް ކަހަލަ، ބިނާކުރުވަނިވި ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލެވިގެންނެއް ނޫނެވެ.

ތަރައްގީގެ ބަތަލުންގެ މި މަރުހަލާގައި، ވެރިޔާ ވެރިކަމުގައި ހުންނަވާއިރު، ގައުމުތަކުގެ މުވާތިނުން ދަންނަ ގައުމީ ޚިދުމަތަކަށް ވެފައި އޮންނަނީ، ދިވެހި ލިޔުންތެރިޔަކު އިބާރާތްކުރައްވާފައިވާ ފަދައިން، ވެރިޔާއަށް 'ލީޑަރު ތަސްބީހަ ކިޔައި' އޭނާއަށް ތައުރީފުގެ ބަސްތައް އިއްވުމެވެ. އަދި އޭނާގެ ވެރިކަން ނެތި ދިޔުމުން، އޭނާގެ އޭނައާ ދިމާއަށް ހަޑިހުތުރު އެއްޗެހި ކިޔައި 'މަހާނަމައްޗަށް މަޑިޔަށް ޖެހުމެވެ'.

މިކަން މިހެން ދިމާވާން ޖެހޭ ސަބަބަކީ ކޮބައިކަމުގެ މައްޗަށް، ތަފްސީލީ ގޮތެއްގައި ބަލައިލުމަކީ، މި ލިޔުމުގެ މަގުސަދެއް ނޫނެވެ. ނަމަވެސް، މިކަމާ ބެހޭ ގޮތުން ކުޑައެއްޗެއް ބުނެލާފައި ފުއްދާލާނަމެވެ. މިކަމުގެ ސަބަބު ގުޅެނީ، މައިގަނޑު ގޮތެއްގައި، ވެރިކަމުގެ ނިޒާމަކީ ވަރުގަދަ އިސްތިބްދާދީ (ޑިކްޓެޓޯރިއަލް) ނިޒާމަކަށް ވެފައި އޮތުމެވެ. އެއްވެސް ސިފައެއްގައި، މިނިވަންކަމާއެކު، ގައުމީ މައްސަލަތަކާ މެދު، ފާޑުކިޔުމުގެ ނަޒަރުން ބަލައި އެއްޗެއް ބުނުން މަނާކުރެވިފައި އޮތުމެވެ. މިކަމުގެ ސަބަބުން، ގައުމިއްޔަތެއް ހުރި، ގައުމުދެކެ ލޯބިވާ ހޭލުންތެރި، ރައްޔިތެއް އުފެދިފައި ނެތުމުން ވެސް މެއެވެ. މިހެންވެ، ވެރިޔާއަކީ، ހުރިހާ ގޮތަކުން ވެސް، ގައުމުގައި އެވަގުތު ހުންނެވި އެންމެ 'މޮޅު’، އެންމެ 'ހިކުމަތްތެރި' ހުރިހާ ކަމެއް ވެސް 'އެންމެ މޮޅަށް އެނގިވަޑައިގަންނަވާ' ބޭފުޅާ ކަމުގައި ބެލެވެނީއެވެ. އަދި، މިކަން، ވަރަށް ގިނަ ފަހަރު، ޚުދް ވެރިޔާއަށް ވެސް ގަބޫލުފުޅު ކުރެއްވެނީއެވެ. މިމަންޒަރު، ޚާއްސަ ގޮތެއްގައި، ރައީސް އަމީން ދީދީގެ ދައުރުގައްޔާއި އަދި ރައީސް މައުމޫނުގެ ދައުރުގައި ފެނިގެންދިޔައެވެ.

މިސާލެއްގެ ގޮތުން 1978ގައި ރައީސް މައުމޫންގެ ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަދުވަހެއް ނުވެ، މަޖީދިއްޔާ އިސްކޫލު ހޯލުގައި އޮތް ޖަލްސާއެއްގައި މަރުހޫމު އިބްރާޙިމް ޝިހާބު ވާހަކަފުޅު ދައްކަވަމުން، ރައީސް މައުމޫނަށް ތައުރީފުކުރައްވައި، ރައީސް މައުމޫނަކީ އެވަގަތު ރާއްޖޭގައި ހުންނެވި 'އެންމެ ބޮޑު އިލްމުވެރިޔާ' ކަމުގައި ވިދާޅުވިއެވެ. ދެން ޖެހިގެން އައި ދުވަހު، ދުވަހު ނޫހުގެ މައި ސުރުޚީއަކަށް އޮތީ ރައީސް މައުމޫނަކީ ރާއްޖޭގައި ހުންނެވި އެންމެ ބޮޑު އިލްމުވެރިޔާ ކަމެވެ. އަދި، އާންމު މުވާތިނުން، ހިތުގެ އަޑިން، މިކަން ގަބޫލުވެސް ކުރިއެވެ. ނަތީޖާއަކަށްވީ، ވިދިގެން ދެން އައި ތިރީހަކަށް އަހަރު، މިކަން އޮތީ، ގަލުގައި ކަނޑައިނަގައި ލިޔެވިފައި އޮތް ފަދަ، ބަދަލުވެގެން ނުދާނޭ ހަގީގަތެއްގެ ގޮތެއްގައެވެ!

ތަރައްގީގެ މަގުގައި، ގައުމުތައް ކަޑައްތުކުރާ މަރުހަލާތަކުގެ ތެރޭގައި، ބަތަލުންގެ ދައުރާ ގުޅިފައި އޮންނަ އެހެން ދައުރެއްވެސް އޮވެއެވެ. ނަފުރަތުގެ މައްޗަށް ބިނާވާ ގުޅުންތަކާއި އިއްތިހާދުތައް އުފައްދާ ދައުރެވެ. ޚާއްސަ ގޮތެއްގައި، އިހުގައި އޮތް މުސްކުޅި ނިޒާމަކުން، އާ ނިޒާމަކާ ދިމާއަށް ގައުމުގެ ސިޔާސީ ނައު ދަތުރުކުރަމުންދާއިރުއެވެ. މިލިޔުމުގައި އަލިއަޅުވާލަން ގަސްދުކުރަނީ މިކަމުގެ މައްޗަށެވެ. އެންމެ ފުރަތަމަ، މީގެ މިސާލެއް، ދުނިޔޭގެ ތާރީޚުން ލިޔެލާނަމެވެ. މިކަމުގެ ވަރަށް ރަނގަޅު މިސާލެއް، 1930ގެ އަހަރުތަކުގެ ތެރޭގައި އިސްޕޭނުން ފެނިގެން ދިޔައެވެ.

އިސްޕޭނުގައި އޮތް ރަސްކަން 1931ގައި ނިމުމަކަށް އައެވެ. ދެން، ވާތުފިޔައިގެ ސިޔާސަތުގެ ލީޑަރެއްކަމުގައި ހިމެނިވެވަޑައިގެންނެވި ޑރ. މެޏުއަލް އަޒާންޏާގެ ވެރިކަމުގެ ދަށުގައި ޖުމްހޫރީ ސަރުކާރެއް ގާއިމުކުރެވުނެވެ. ވާތުފިޔައިގެ ސިޔާސަތޭ މިތާ މިނަންގަނެވެނީ، އިހުގެ އާދަކާދަތަކާއި ދުރަށްޖެހި، ގައުމީ މުއްސަނދިކަން، އާންމުންގެ މެދުގައި އަދުލުވެރި ގޮތެއްގައި ބެހުމުގެ ފިކުރުގެ ސިޔާސަތަށެވެ. މިކަން ކުރާނީ ކިހިނެތް ކަމާމެދު، ވާތުފިޔައިގެ ސިޔާސަތުގެ މީހުންގެ މެދުގައިވެސް ޚިޔާލު ތަފާތެވެ. ވާތުފިޔައިގެ އެއްކޮޅުގެ އަރިމަތީގައި ތިބީ ކޮމިޔުނިސްޓު ފިކުރުގެ މީހުންނެވެ. ހުރިހާ މުދަލަކީ ދައުލަތުގެ އެއްޗެއް ކަމަށް ބަލައި، އުފެއްދުންތެރިކަމުގެ ލަގަން، ސީދާ ދައުލަތުގެ ބާރުގެ ދަށަށް ގެނައުމުގެ ފިކުރުގެ މީހުންނެވެ. ވާތުފިޔައިގެ އަނެއްކޮޅުގެ އަރިމަތީގައި ތިބީ، ކޮމިޔުނިސްޓު ފިކުރުގެ މީހުން ބޭނުންވާ ގޮތަށް ކަންތައް ކުރަން ބޭނުންނުވި ކަމުގައި ވިޔަސް، ގައުމުގެ މުއްސަނދިކަން، އަދުލުވެރި ގޮތެއްގައި، އެންމެންގެ މެދުގައި ބެހި، އެކަން އެންމެނަށް ހިއްސާކުރެވޭނޭ ނިޒާމެއް ގާއިމުކުރުމުގެ ފިކުރުގެ މީހުންނެވެ. ޑރ. އަޒާންޏާ ހިމެނިވަޑައިގަތީ ވާތު ފިޔައިގެ ސިޔާސީ ފިކުރުގެ  ދެކޮޅުގެ ދެމެދުގައި ހުންނެވި ޒައީމަކަށެވެ.

ޑރ. މެޏުއަލް އަޒާންޏާ

ޑރ. އަޒާންޏާގެ ވެރިކަމުގައި ހިންގާލެވުނު އިސްލާހީ ޕުރޮގުރާމުގެ ސަބަބުން ވާތުފިޔައިގެ ސިޔާސީ ފިކުރުގެ މީހުންގެ ކިބައިންނާއި އަދި ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ މީހުންގެ ކިބައިންވެސް ޑރ. އަޒާންޏާއާ ދެކޮޅުވެރިކަން ކުރިމަތިވިއެވެ. ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ މީހުންނޭ ބުނެ އިޝާރަތްކުރެވެނީ ގައުމުގައި ކުރިން ވެސް އޮތް ގޮތަށް ކަންތައްތައް ބާއްވައި އިހުގެ ގޮތް ދަމަހައްޓަން ބޭނުންވި މީހުންނަށެވެ. މިސާލަކަށް މަދު އާއިލާތަކެއްގެ މިލްކުވެރިކަމުގެ ދަށުގައި ދަނޑުވެރި ބިންތައް ހަމަޖެހިފައި އޮންނަ އޮތުން ބަދަލުކުރަން ބޭނުން ނުވާ މީހުންނެވެ. މިކަން އިތުރަށް ސާފުވެދިޔުމަށްޓަކައި، ރާއްޖޭގެ ރިސޯޓުތައް، މަދު ބައެއްގެ އަތްމަތީ އޮންނަ އޮތުން ބަޔަކު ބަދަލުކޮށްލަން އުޅެފި ނަމަ، މިހާރު ވެސް އެރިސޯޓުތައް، އެ އޮންނަ ގޮތުގައި އޮތުމުން ފައިދާތައް ލިބޭ މީހުންގެ ރައްދުފިއުލު (ރިއެކްޝަން) ހިތަށް ގެންނާށެވެ. މީގެ އިތުރުން، ކަނީސާގެ (ޗާޗުގެ) ބާރުގެ ދަށުގައި އޮތް ތައުލީމުގެ ކަންތައް ހިންގުމާއި ކައިވެނިކޮށްދިނުމުގެ ބާރުވެސް ކަނީސާ އަތުން ނިގުޅައިގަތުން، ޑރ. އަޒާންޏާގެ އިސްލާހީ ޕުރޮގްރާމުގައި ހިމެނުނެވެ. މިސަބަބުތަކަށްޓަކައި ކަނާތު ފިޔައިގެ ސިޔާސީ ފިކުރުގެ މީހުން، ޑރ. އަޒާންޏާއާ ދެކޮޅުވެރިވިއެވެ. މީގެ އިތުރުން، ވާތުފިޔައިގެ ފިކުރުގެ އަރިމަތީގައި ތިބި، ވާތުފިޔައިގެ ސިޔާސީ ހަރުކަށި ފިކުރުގެ މީހުން ވެސް ޑރ. އަޒާންޏާއާ ދެކޮޅުވެރިވިއެވެ. އެމީހުންގެ ނަޒަރުގައި، ޑރ. މެޏުއަލް އަޒާންޏާގެ އިސްލާހީ ޕުރޮގުރާމު އެމީހުން އެދޭހާ ގާތަށް ވެސް ނުދެއެވެ.

ސިޔާސީ ފިކުރުގެ ދެފިޔައިގެ މީހުންވެސް ޑރ. އަޒާންޏާއާ ދެކޮޅު ހެދުމުގެ ނަތީޖާއަކަށްވީ 1933ގެ އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީތައް ބަލިވެ، އަޒާންޏާގެ ސަރުކާރު ވެއްޓުމެވެ. އަދި އޭގެ ބަދަލުގައި ކަނާތު ފިޔައިގެ ސަރުކާރެއް ވެރިކަމަށް އައުމެވެ. ދެން، އަލަށް ގާއިމުވި ސަރުކާރުގެ ފަރާތުން، ޑރ. އަޒާންޏާގެ އިސްލާހުތައް އުވާލައި، ކުރިން ވެސް އޮތް ގޮތަށް ކަންތައްތައް ބަދަލުކޮށްލިއެވެ.

މިގޮތުން 1933ގެ އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީތައް ބަލިވީ، އެމީހުންގެ މެދުގައި އޮތް ޚިޔާލުތަފާތުވުމާއި ބައިބައިވުމުގެ ސަބަބުންކަން ފާހަގަކޮށް، މި ޕާޓީތައް ނިންމީ ދެން އޮންނަ އިންތިޚާބެއްގައި އެންމެ އެކުވެ، އިއްތިހާދެއް އުފެއްދުމަށެވެ. ކަނާތު ފިޔައިގެ ޕާޓީ ބަލިކޮށް ވެރިކަމުން ދުރުކުރުމަށެވެ. ދެން، 1936ގައި އައި އިންތިޚާބުގައި ވާތުފިޔައިގެ ޕާޓީތައް އެކުވެ، އިއްތިހާދެއް އުފެއްދިއެވެ. އަދި، މި އިއްތިހާދު، 1936ގެ އާންމު އިންތިޚާބު ކާމިޔާބުކުރިއެވެ. ނަމަވެސް، އިންތިޚާބު ކާމިޔާބު ކުރުމަށްފަހު، އިއްތިހާދުގައި ހިމެނުނު ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވެ، އިސްޕޭނަށް ސިޔާސީ ގޮތުން ހަމަޖެހުން ގެނެވޭނޭ ގޮތެއް ނުވިއެވެ. ނަތީޖާއަކަށްވީ، ކަނާތުފިޔައިގެ ސިޔާސީ ފިކުރުގެ ބައެއް އަސްކަރީން، ސަރުކާރާ ދެކޮޅަށް ނުކުމެ ބަޣާވާތްކުރުމެވެ. އަދި، މަދަނީ ހަނގުރާމައެއްގެ ތެރެއަށް، މުޅި ގައުމު ވެއްޓިގެން ދިޔުމެވެ.

މި ހިސާބުން، ކުޑަކޮށް މަޑުޖައްސާލައި، ވިސްނާލުމުގެ ނަޒަރެއް ހިންގާލަން ޖެހެއެވެ. ވާތުފިޔައިގެ އިއްތިހާދުން 1936ގައި އިންތިޚާބު ކާމިޔާބުކުރުމަށް ފަހު، ސިޔާސީ ގޮތުން ގައުމަށް ހަމަޖެހުން ނުގެނެވުނީ ކީއްވެގެން ކަމާ މެދު ފިކުރުކޮށްލުމަށްޓަކައެވެ. މިކަން މިހެން ދިމާވީ، ވާތުފިޔައިގެ ޕާޓީތަކުގެ ސިޔާސަތުތައް ތަފާތުވުމެވެ. އޭގެ ތެރޭގައި، ކުރިން ބުނިހެން، ކޮމިޔުނިސްޓު ފިކުރުގެ މީހުން ހިމެނެއެވެ. އަދި، މި ފިކުރުގެ އެކި އެކި ދަރަޖަތަކުގެ މީހުން ހިމެނެއެވެ. ކޮމިޔުނިސްޓު ހަރުކަށި ފިކުރާއި، އޭގެ މެދުމިނުގެ ފިކުރުގެ މީހުންނެވެ. އަދި، ދައުލަތަކާއި ވަކި ޒައީމެއް އޮތުން ބޭނުންނުވާ، އެނާކިސްޓު ފިކުރުގެ މީހުންވެސް ހިމެނެއެވެ. މި ފިކުރުގެ ވެސް، ތަފާތު ދަރަޖަތަކުގެ ޕާޓީތައް ހިމެނުނެވެ. ތެލާއި ފެނާއި އެކުނުވާނޭ ފަދައިން، އިއްތިހާދުވެ އެކުނުވާނޭ މި ޕާޓީތަކުގެ މެދުގައި އިއްތިހާދެއް އުފެދެން ދިމާވީ ހަމަ އެންމެ ސަބަބެކެވެ. ކަނާތުފިޔައިގެ ވެރިކަމެއް އޮތުން ހުއްޓުވުމެވެ. އާދެ، ވާތުފިޔައިގެ މި ޕާޓީތައް އެއްވެ އިއްތިހާދުވުން ބިނާވީ ނަފުރަތުގެ މައްޗަށެވެ. ކަނާތު ފިޔައިގެ ސިޔާސީ ފިކުރަށް އެމީހުން ކުރި ނަފުރަތުގެ މައްޗަށެވެ. އެހެންވެ، ވާތުފިޔައިގެ މީހުންނަށް ކާމިޔާބު ލިބުމުން، އެމީހުންގެ މެދުގައި އޮތް ގުޅުން ނެތި ދިޔައެވެ. އެމީހުން އެއްކުރުވައި ބަނދެލި ވާ ފަށް، އާދެ، ކަނާތުފިޔައިގެ މީހުންނަށް ކުރި ނަފްރަތުގެ ވާފަށް، ނެތި ދިޔުމުންނެވެ. ދެން، އިއްތިހާދުގައި އެކުލެވުނު ވާތު ފިޔައިގެ ޕާޓީތަކުގެ މެދުގައި ޚިޔާލު ތަފާތުވެ، ގައުމާއިގެން ކުރިއަށް ދާނޭ ގޮތެއް ހޯދުމުގެ މަސައްކަތް ނުކުރެވުނީއެވެ. މުހިއްމުކަމަކަށްވީ ކޮންމެ ބައެއްވެސް އެބައެއްގެ ގޮތް ހިންގާލަން މަސައްކަތްކުރުމެވެ. ގައުމުގެ މަސްލަހަތު އިސްކޮށްގެން، އާންމު ރައްޔިތުންގެ ލާބައާއި ފައިދާއަށް އަހައްމިއްޔަތުކަން ދީގެން މަސައްކަތް ކުރުމެއް ނޫނެވެ.

ޖެނެރަލް ފްރެންސިސްކޯ ފްރެންކޯ

މިކަމުގެ ސަބަބުން، ގައުމަށް ހަމަޖެހުން ނުލިބި، ސިޔާސަތުގެ ތެރެއަށް އަސްކަރީ ބާރުތައް ވަންނަން ދިމާވީއެވެ. އަދި، 1936ގައި މަދަނީ ހަނގުރާމައެއް އިސްޕޭނުގައި ފެށުނީއެވެ. މި ހަނގުރާމަ، 1939އާ ހަމައަށް ދެމިގެންދިޔައެވެ. ހަނގުރާމަ ނިމުނީ ކަނާތުފިޔައިގެ ގައުމިއްޔަތުގެ މީހުންނަށް ކާމިޔާބު ލިބިގެންނެވެ. ދެން، މިބައި މީހުންގެ ލީޑަރު، ޖެނެރަލް ފްރެންސިސްކޯ ފްރެންކޯގެ އިސްތިބްދާދީ ވެރިކަން ގާއިމުވިއެވެ. އަދި 1975ގައި ޖެނެރަލް ފްރެންކޯ އަވަހާރަވުމަށް ދާންދެން މި ވެރިކަން ދެމިއޮތެވެ. ވެރިކަމުގެ ނިޒާމު އޮތީ އިސްތިބްދާދީ ސިފައެއްގައެވެ. އިދިކޮޅު ސިޔާސީވެރިން މަރައި ނުވަތަ ހައްޔަރުކޮށް ނެތިކޮށްލެވުނެވެ. ނަމަވެސް، ނަވާރަ ސަތޭކަ ފަންސާހުގެ ފަހުގެ އަހަރުތަކުގައި ސިޔާސީވެރިންގެ ބަދަލުގައި، އިލްމީ ގާބިލު މީހުންތަކެއް، އެކި އެކި ވުޒާރާތަކަށް އިސްކުރުމުގެ ނަތީޖާއަކަށްވީ ޖެނެރަލް ފްރެންކޯގެ އިސްތިބްދާދީ ވެރިކަމުގެ ދަށުގައި، އިގުތިސާދީ މުއުޖިޒާތެއްގެ ނަންދެވޭ އިގުތިސާދީ ކުރިއެރުމެއް އިސްޕޭނު ހޯދުމެވެ. ގައުމުން ފަގީރުކަން ނައްތާލައި، ސިނާއީ ގޮތުން ގައުމު ކުރިއަރައި، ދުނިޔޭގެ ކުރިއަރާފައިވާ އިގުތިސާދުތަކުގެ ތެރޭގައި އިސްޕޭނުގެ އިގުތިސާދު، ހިމެނެން މެދުވެރިވުމުގެ މަގުފަހިވުމެވެ.

ކޮންމެއަކަސް މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ޖެނެރަލް ފްރެންކޯގެ ވެރިކަމުގެ ވާހަކައެއް ނޫނެވެ. މިތާނގައި ފާހަގަކޮށްލަން ބޭނުންވަނީ، 1936ގައި އިސްޕޭނުގައި، ކަނާތުފިޔައިގެ މީހުންނާ ދެކޮޅަށް އުފެދުނު، ވާތުފިޔައިގެ ޕާޓީތަކުގެ މައްޗަށް އެކުލެވުނު އިއްތިހާދު ރޫޅުނު ސަބަބެވެ. މި އިއްތިހާދަކީ، ނަފުރަތުގެ މައްޗަށް ބިނާކުރެވުނު އިއްތިހާދަކަށް ވުމުންނެވެ. މިކަމުން ލިބޭ ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ ގައުމު ބިނާކުރުމުގެ ގޮތުން، ސިޔާސީ ޕާޓީތަކުގެ މެދުގައި އިއްތިހާދުވާންޖެހެނީ ބިނާކުރުވަނި ފިކުރެއްގެ މައްޗަށެވެ. އެހެނީ، ނަފުތަރުގެ މައްޗަށް ނޫނީ ފަނާކުރުވަނިވި ފިކުރެއްގެ މައްޗަށް ބިނާވާ އިއްތިހާދުތައް ދާދި އަވަހަށް ރޫޅިގެންދާނެތީއެވެ. ނަފުރަތުގެ އިއްތިހާދު އަމާޒުކުރާ އަމާޒުފަތްގަނޑާ ހަމައަށް ވާސިލުވެ، އެ ނަފުރަތު މެދުވެރިކޮށް ފަނާކޮށްލަން ބޭނުންވާ ބަޔަކު ފަނާކޮށްލެވި ދިޔުމުންނެވެ. އިސްޕޭނުގެ އިންތިޚާބު 1936ގައި ވާތުފިޔައިގެ އިއްތިހާދަށް ކާމިޔާބުކުރެވުމުން އެމީހުންގެ މަގުސަދު ހާސިލުވިއެވެ. ކަނާތު ފިޔައިގެ މީހުން ބަލިކޮށް އެމީހުން ވެރިކަމުން ދުރުކުރެވުނެވެ. އާދެ، އެމީހުން 'ފަނާކޮށްލެވުނެވެ'. ނަމަވެސް، ދެން، އިއްތިހާދުގެ މެދުގައި ޚިޔާލުތަފާތުވެ، ގައުމާއިގެ ކުރިއަށް ނުދެވި އިއްތިހާދު ރޫޅެން ދިމާވީއެވެ. އަދި، މަދަނީ ހަނގުރާމައެއް ފެށެން ވެސް ދިމާވީއެވެ. އެހެންވެ، ސިޔާސީ އިއްތިހާދުތައް ބިނާވާން ޖެހޭނީ ބިނާކުރުވަނިވި ފިކުރެއްގެ މައްޗަށެވެ. ގައުމުކުރިއަށް ގެންދާނީ ކިހިނެއް ކަމާމެދު ބަހުސްކޮށް އެކަމާ ގުޅޭގޮތުން އެކުލަވާލެވޭ ބިނާކުރުވަނިވި ސިޔާސަތުތަކާ މެދު އެއްބަސްވުމަކާ ހަމައަށް ދެވިގެންނެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ އެންމެ ކުރީކޮޅު އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުތަކުގެ ތެރެއިން…

ރާއްޖޭގެ ކައިރި މާޒީގެ ސިޔާސީ މަސްރަހަށް ބަލާލާއިރު މިދެންނެވި ކަހަލަ ނަފްރަތުގެ މައްޗަށް ބިނާވާ ސިޔާސީ 'އިއްތިހާދުތައް' ފެނެއެވެ. މިކަން ކައިރި މާޒީއިން އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2008ގައެވެ. މި ގޮތުން 2008ގެ އިންތިޚާބުގައި އެއްކޮޅުން ވާދަކުރެއްވީ ރައީސް މައުމޫނެވެ. އަނެއްކޮޅުގައި ތަފާތު ސިޔާސީ ލީޑަރުން ތިއްބެވިއެވެ. މިއިން އެއްވެސް، ލީޑަރަކީ ގައުމުގެ ހުރި މައްސަލަތައް ހައްލުކުރުމުގެ ގޮތުން، ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލެއްވި ލީޑަރުންނެއް ނޫނެވެ.

ދެހާސް އަށަކާ ހަމައަށް އައިއިރު، ރާއްޖެ އޮތީ ވަރަށް ވެސް ނިކަމެތި ހާލަތެއްގައެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި، ހަރުދަނާ ސިޔާސަތުތަކާއި އުސޫލުތައް ނެތި ޚަރަދުތައް ކުރުމުގެ ސަބަބުން، ތަން އޮތީ ދަރަނިވެރިވެފައެވެ. މިކަމުގެ ހައްލެއްގެ ގޮތުން، ފައިސާ ހޯދުމަށްޓަކައި ތަނުގެ ހަރުމުދާ ކަމުގައި ހިމެނޭ ރަށްތައް، ދިގު މުއްދަތަށް ވިއްކުން ނޫން ގޮތެއް ސަރުކާރުގެ އިސް ވެރިންނަށް ހޯދަން ނުކުޅެދިފައެވެ. މި ފައިސާ ހޯދުމުގެ މައިގަނޑު މަގުސަދަކަށްވެފައި އޮތީ ފަހަރެއްގައި ވެސް ރައްޔިތުންގެ މަސްލަހަތެއް ނޫނެވެ. ވެރިކަމުގެ އިސްސަފުގައި ތިއްބެވި ބޭފުޅުންގެ ތަރަފުގެ ދިރިއުޅުން ދެމެހެއްޓުމެވެ. މީގެ އިތުރުން، އިޖުތިމާއީ އެތައް ބަލިތަކެއް ވެސް އޮތީ ފެތުރިފައެވެ. ސަރުކާރުގެ އިދާރާތްތަކުގައި ރިޝްވަތާއި ފަސާދަ އޮތީ އަށަގެންފައެވެ. ތަނުގެ ޝަރުއީ ނިޒާމު އޮތީ ހަލާކުވެފައެވެ. ގާޒީންނަށް ރިޝްވަތު ދީގެން މައްސަލައްތައް ނިންމުމުގެ ފަސާދައެވެ. ގާތް ތިމާގެ މީހުން ކުށްކުރުމުން ކުށްވެރިނުވުމުގެ ފަސާދައެވެ. މަސްތުވާތަކެތީގެ ވަބާ ވެސް އޮތީ އާންމު ވެފައެވެ. ގާތްތިމާގެ ކަމާއި ރައްޓެހިކަމުގެ ތަރާދުން ކިރައި ސަރުކާރުގެ އިސް ވަޒީފާތައް ބަހާލުމުގެ ސަގާފަތް ވެސް އޮތީ އާންމު ވެފައެވެ. ދައުލަތުގެ ބައިތުލްމާލު އޮތީ 'ގާނޫނީ ސިފަލިބިގެން' ވެރިޔާ ބޭނުންފުޅުވާ ގޮތަށް، އެއާ މެދު ކަންތައް ކުރެވޭ ގޮތަށް ހަމަ ޖެހިފައެވެ. 'ގަނޑުވަރުގެ' ޚަރަދުތަކުތެރޭގައި ރައީސް ބޭނުންފުޅު ކޮންމެ ކަމެއް ވެސް ހިމަނާލެވޭ ގޮތަށެވެ. އަދި، ހަމަ މިފަދަ ގޮތެއްގައި، ދައުލަތުގެ މުދަލާއި ފައިސާއާ ކުޅެވޭ ގޮތަށް، ވެރިޔާގެ އާއިލީ ބައެއް ވެރިންނަށް ވެސް ކަންތައްތައް ހަމަޖެހިފައި އޮތެވެ.

މިފަދަ ހާލަތެއްގައި ރާއްޖެ އޮތުމުން، 2008ގައި، އިދިކޮޅު ހުރިހާ ޕާޓީތަކުގެ އެދުމަކަށް ވެފައި އޮތީ، އޭރު އޮތް ސަރުކާރު، އާދެ، ރައީސް މައުމޫނުގެ އިސްތިބްދާދީ ވެރިކަން ނިމުމަކަށް ގެނައުމެވެ. މިކަމުގެ ޒާތަށް ބަލާލާއިރު، މިއީ ހަމަ އެންމެ ރަނގަޅު ކަމެކޭ ބުނެވިދާނެއެވެ. އިތުރު އެއްވެސް ހެވެއް އެވެރިކަމުން ދެން، ލިބެން ނެތް ވެރިކަމަކީ އެކަމަށް ނިމުން ގެނައުން ހަމަ އެންމެ ރަނގަޅު ކަމަކަށް ވާތީއެވެ. އަދި ގުދުރަތީ ސުންނަތް، ނުވަތަ ގުދުރަތުގެ ގާނޫނު ވެސް ނިޔާކުރަނީ މިހެން ކަމަށް ވާތީއެވެ.

ނަމަވެސް، މިވެރިކަން ނިމުމަކަށް ގެނައުމަށް ފަހު، ގައުމު ބިނާކުމުގެ ފިކުރެއް، އިދިކޮޅު ޕާޓީތަކަކުން ހުށަހަޅައެއް ނުލައެވެ. ގައުމަށް ކުރިމަތިވެފައ އޮތް މައްސަލަތައް ހައްލުކޮށް، އަމިއްލަ ނަފްސަށް އިތުބާރުކޮށްގެން، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެ، ގައުމާއިގެން ކުރިއަށްދާނޭ ސިޔާސަތުތަކެއް އެ ޕާޓީތަކަކުން ހުށަހަޅާއެއް ނުލައެވެ. އެންމެންގެ ވެސް ހަމައެކަނި އަމާޒަކަށް ވެފައި އޮތީ ވެރިކަން ބަދަލުކުރުމެވެ. މިއަމާޒަކީ ހަމަ އެކަނި ޕާޓީތަކުގެ އަމާޒެއް ވެސް ނޫނެވެ. ދެހާސް އަށެއްގައި ވަރަށް ގިނަ މުވާތިނުންގެ ވެސް އެދުމަކަށް ވެފައި އޮތީ ހަމަ މިއެދުމެވެ. ތިރީސް އަހަރުގެ ދިގު ވެރިކަން ނިމުމަކަށް ގެނައުމެވެ. ދެން، އެއަށް ފަހު، ގައުމާއިގެން ކުރިއަށްދާނީ ކިހިނެއްތޯއާއި ގައުމަށް ކުރިމަތިވެފައި އޮތް މައްސަލަތައް ހައްލުކޮށް އަލުން ގައުމު ބިނާކުރުމުގެ މަސައްކަތް ކުރާނީ ކިހިނެއްކަމީ ވިސްނާ ފިކުރުކުރަން ޖެހުނު ކަމަކަށް ނުވިއެވެ.

30 އަހަރު ރައީސްކަން ކުރެއްވި މައުމޫން އަދި ތިން އަހަރު ނުވަނީސް އިސްތިއުފާ ދެއްވި ރައީސް ނަޝީދު (ކ)

ދެން، ކަންތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ ތިރީސް އަހަރުގެ ވެރިކަމާއި ދެކޮޅަށް އިއްތިހާދުވެވެނު އިއްތިހާދުން، 2008ގައި އިންތިޚާބު ކާމިޔާބުކުރުމެވެ. ނަމަވެސް، އެއަށް ފަހު، އިއްތިހާދު ރޫޅެން ދިމާވިއެވެ. ތަފާތު ކުލަތަކުގެ އިއްތިހާދު އެއް ކުލައަކަށް ބަދަލުވެގެންދާ ގޮތްވިއެވެ. ޖޯޖު އޯވެލްގެ އެނިމަލް ފާމު، (ޖަނަވާރުންގެ ދަނޑު) މި ފޮތުގައި، ދަނޑުން އިންސާނާ ބޭރުކުރެވި، އޫރުގެ ވެރިކަމެއް ގާއިމުކުރެވި، މާގިނަ ދުވަހެއް ނުވެ، އޫރަށް، އިންސާނީ ސޫރަ ލިބިގެން ދިޔަފަދައިންނެވެ. އާދެ، ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ އުސޫލުގެ މަތިން އިންތިޚާބު ބޭއްވި، ވެރިކަމާ ހަމައަށް ބަޔަކަށް އާދެވުމުން، ޑިމޮކުރަސީގެ އުސޫލުގެ މަތިން އެމީހުން ހަނދާންނެތުނީއެވެ. ދެން، ހަމަ ކުރީގެ ތިރީސް އަހަރުގައްޔާއި އަދި، އޭގެ ކުރިން ވެސް ރާއްޖޭގައި އަށަގެންފައި އޮތް، އިސްތިބްދާދީ ސިޔާސީ ސަގާފަތަށް ކާމިޔާބު ލިބުނެވެ. ސަރުކާރުގެ ހުރިހާ ވަޒީރުންނަށް އިސްތިއުފާދޭން އަންގައި، ވެރިޔާ ބޭނުން ގޮތަކަށް ކަންތައް ކުރެވޭ ގޮތް މެދުވެރިވިއެވެ. އާދެ، ކުރީގެ އިސްތިބްދާދީ ވެރިކަމުގެ ބަދަލުގައި އާ އިސްތިބްދާދީ ވެރިކަމެއް ގާއިމު ކުރެވުނީއެވެ.

ދެން ކަންތައް ވެގެން ދިޔައީ ކިހިނެއް ހެއްޔެވެ؟ ވެރިކަމާއި ސިޔާސީ ސަގާފަތަށް އެއްވެސް ބަދަލެއް ނާދެއެވެ. ވެރިކަމުގައި ހުންނެވި ބޭފުޅާއަށް ހީފުޅުވެވަޑައި ގަތީ ހުރިހާ ކަމެއްގެ މޮޅު ގޮތް އެނގިވަޑައިގަންނަވާނީ ހަމަ އެކަނި އޭނާއަށް ކަމެވެ. އޭނާއަށް ތާއީދުކުރައްވާ މީހުންގެ ނަޒަރުގައި 'އޭނާ ކަންތައް ކުރައްވާނީ ރަނގަޅަށެވެ.' އާދެ، ކުރިން ވެސް އޮތް އިސްތިބްދާދީ ވެރިވެރިކަމުގައި ކަންތައް އޮތް ގޮތަށެވެ. އެހެންވެ، އޭނާ ބޭނުންފުޅުވެވަޑައިގަތް ގޮތަކަށް ކަންތައްތައް ކުރައްވަމުން ގެންދެވިއެވެ. ގަވާއިދުތަކާއި ގާނޫނުތަކަށް ވެސް ބެއްލެވުމެއްނެތިއެވެ. އިސް ވަޒީފާތައް ދެވެމުން އައީ، ހަމަ ކުރިއެކޭ ވެސް އެއްގޮތަކަށް، ގާތް ތިމާގެ މީހުންނަށް ނޫނީ ރައްޓެހިންނަށް އިސްކަން ދެވިގެންނެވެ. ވަޒީފާތައް އަދާކުރުމުގެ ގާބިލުކަމެއް ނެތް ކަމުގައި ވިޔަސް ވެހެވެ. ގޯތި ގެދޮރު ދިނުމުގައި ވެސް ސިޔާސީ ވަކި ޕާޓީގެ މެމްބަރުންނަށް އިސްކަން ދެވޭނޭކަން އިއުލާނުކުރެވުނެވެ. އާންމު ސިޔާސީ ސަގާފަތް ވެސް އޮތީ ހަމަ ކުރިން ވެސް އޮތް ގޮތަށެވެ. ވެރި މީހާއަށް ތާއީދުކުރުމާއި ނުކުރުން ބިނާވެފައި އޮތީ، ބުއްދީގެ މީޒާނުން ވެރި މީހާގެ އަމަލުތައް ކިރައި، ރަނގަޅު ނުރަނގަޅު ކަނޑައަޅާލައިގެންނެއް ނޫނެވެ. ތިމާއަށް ލިބޭ ޒާތީ ފައިދާއެއްގެ މައްޗަށް ބިނާކޮށެވެ. މީގެ އިތުރުން، ތަނުގެ ދުވަސްވީ އާދަކާދަކާދަތަކާއި އާންމު މީހުންގެ ރައުޔަށް ވެސް ބެލުމެއް ނެތި، ކަންތައްތައް ކުރެވެން ފެށުމުން، 2008ގައި އިންތިޚާބުވި ސަރުކާރު ވެއްޓި ނިމިގެން ދިޔައީ އެންމެ އެދެވޭ ގޮތެއްގައެއް ނޫނެވެ. އެއްބަޔަކު ދުށް ގޮތުގައި، ޣައިރު ގާނޫނީ ސިފައެއްގައި ގެނެވުނު އިންގިލާބަކުންނެވެ. އަނެއް ބަޔަކު ދުށް ގޮތުގައި، ވެރިކަންކުރުމާއި މީހުންނާ މުއާމަލާތް ކުރުމުގެ ހުނަރު ނެތުމާއި ތަނުގެ އާދަކާދައާއި އަގުތަކަށް އިހުތިރާމުކުރުމެއް ނެތި، އަދި، ތަނުގެ ޚާއްސުންނާއި އަދި އާންމުންގެ އެތައް ބަޔަކު އެކަމާ ނުރުހުނު ބައެއް ކަންތައް ކުރުމުގެ ނަތީޖާއެއްގެ ގޮތުން ވެރިޔާއަށް އިސްތިއުފާދޭން މަޖުބޫރުވީއެވެ. މިކަމުގައި ހައްގު ގޮތަކީ ކޮބައިކަން ބެލުމަކީ މި ލިޔުމުގެ މަގުސަދެއް ނޫނެވެ. މި ލިޔުމުގެ މަގުސަދަކީ، ނަފުރަތާއި ފަނާކުރުވަނިވި ފިކުރުގެ މައްޗަށް ބިނާވާ ގުޅުމަކީ ދެމި އޮންނާނޭ ގުޅުމެއް ނޫންކަން ފާހަގަކުރުމެވެ. އަދި މިފަދަ ގުޅުމެއްގެ މައްޗަށް ގައުމު ބިނާ ނުކުރެވޭނޭ ކަމެވެ. މިކަން 2008ގައި ގާއިމުވެގެން ދިޔަ އިއްތިހާދީ ވެރިކަން ދާދި އަވަހަށް ރޫޅި، 2012ގައި އެވެރިކަން ވެއްޓި ދިޔުމުން ފެނިގެން ދިޔަކަން ފާހަގަކޮށްލުމެވެ.

ދެން، 2013ގެ ރިޔާސީ އިންތިޚާބުގައި ވެސް ހަމަ މިކަން ފެނިގެން ދިޔައެވެ. މި އިންތިޚާބުގައި ވެސް އިއްތިހާދެއް އުފެދުނެވެ. މިފަހަރުގެ އިއްތިހާދުގެ މަގުސަދަކަށްވީ 2012ގައި ވެއްޓުނު ވެރިކަން އިއާދަވެ ނުދިޔުމެވެ. އެގޮތް މިގޮތް ހަދައިންގެން، މި މަގުސަދު މި އިއްތިހާދަށް ވެސް ހާސިލުކުރެވުނެވެ. ނަތީޖާއަކީ ހެއްޔެވެ؟ ދާދި އަވަހަށް އިއްތިހާދު ރޫޅިދިޔުމެވެ. މި އިއްތިހާދަށް ކާމިޔާބު ހޯދައިދިނުމުގައި މުހިއްމު ރޯލުތަކެއް އަދާކުރި މީސްމީހުން އިއްތިހާދުން ވަކިވެ، އެ އިއްތިހާދާ އިދިކޮޅުވެސް ވުމެވެ. މިހެން ވުމުގެ ސަބަބަކީތޯއެވެ؟ އެއްކޮޅުން އިއްތިހާދުގެ ބޭނުމަކަށް އޮތީ ގައުމުގެ މަސްލަހަތު އިސްކުރުމެއް ނޫނެވެ. މައިގަނޑު މަގުސަދަކަށް އޮތީ ވަކި މީހަކު ވެރިކަމަށް އަޔަނުދިނުމެވެ. ދެން، ތިމާ ބޭނުންވާ މީހަކު ވެރިކަމަށް އައުމުން، ތިމާ ބޭނުންވާ ގޮތަކަށް، ސަރުކާރުގެ އިސް ވަޒީފާތަށް ހަމަޖެހިގެން ދިޔުމެވެ. އިއްތިހާދު ކާމިޔާބުކޮށް ދިނުމުގައި މަސައްކަތްކުރި ބައެއް އިސްވެރިން، އިއްތިހާދު ކާމިޔާބުވުމުން ބޭނުންވީ، އެމީހުންގެ ދަރިދަރިންނަށް، ނުވަތަ ގާތް މީސް މީހުންނަށް ސަރުކާރުގެ ވުޒާރާތަކާއި އިސް ވަޒީފާތައް ދިނުމެވެ. އަދި، ކުރިއަށް އޮތްތާގައި، އެ ދަރިދަރިންގެ ތެރެއިން މީހަކު ވެރިކަމަށް އަންނާނޭ މަގު ވެސް ފަހިވާ ގޮތްވުމެވެ. ދެން، އެންމެ އެދޭ ގޮތަށް މިކަންކަން ނުވުމުން އިއްތިހާދު ރޫޅި، އިއްތިހާދުގެ ބައިވެރިން 2013ގައި ގާއިމުކުރެވުނު ވެރިކަމާ ދެކޮޅުވީއެވެ. އަދި، ކޮންމެ ގޮތެއް ހަދައިގެން ވިޔަސް، އެ ވެރިކަން ވެސް ވައްޓާލުމުގެ މަސައްކަތް ފެށުނީއެވެ. ބޭރުގެ ބާރުތައް ތަނުގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވައްދައި، ރިޝްވަތު ދީގެން ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންނާއި އަދި، ކޯޓުތަކުގެ ގާޒީންވެސް ގަނެގެންނެވެ. މިއީ ތިމާގެ ދީންވެރިކަން ނޫނީ ތިމާގެ އާންމު އަޚުލާގީ މިންތައް މަނާކުރާކަމެއް ކަމުގައި ނުވިއެވެ.

 

ދެން އައީ 2018ގެ ރިޔާސީ އިންތިޚާބެވެ. މި އިންތިޚާބުގައި ވެސް، ފެނިގެން ދިޔައީ ހަމަ ނަފަރަތުގެ މައްޗަށް ބިނާވި އިއްތިހާދެކެވެ. މަގުސަދަކީ ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، ކުރީގެ އާދަކާދައިގެ ވެސް މަތިން، އޭރު އޮތް ސަރުކާރު ވައްޓާލުމެވެ. މިކަން ކުރުމަށް އެހީވެދިން ސަބަބުތަކެއް ވެސް ހުއްޓެވެ. ސަރުކާރުގައި ފަސާދައިގެ ހަރަކާތްތައް ކުރިއަށް ވުރެވެސް ބޮޑަށް އަށަގަނެ، ފާޅުގައި މިކަން ކުރުމެވެ. މީސްމީހުންގެ 'ވަފާތެރިކަން' ގަނެވިއްކުމުގެ ވިޔަފާރި އާންމު ވުމެވެ. އަދުލު އިންސާފުގެ ނިޒާމު، ގޯހުން ގޯހަށް ގޮސް، ހަލާކުވެ ދިޔުމެވެ. ގާތް ތިމާގެ މީހުންގެ ކުށަކީ ކުށަކަށް ނުވުމެވެ. މިސާލަކަށް ޕެންޝަން ފަންޑާ ބެހޭ އޮފީހުގެ އިސް މުވައްޒަފަކު ލައްކައިން ރުފިޔާ ނަގައި، ޚިޔާނަތްތެރިވުން އެކަން އެއްވެސް ކަމަކަށް ނުވިއެވެ. އަދި، ވެސް މިނޫންވެސް، ޚިޔާނާތުގެ ބޮޑެތި ބޮޑެތި މައްސަލަތަކެވެ. މީގެ އިތުރުން، ވޯޓަކީ މުޅިންހެން ގަނެ ވިއްކޭ އެއްޗަކަށް ވުމެވެ. މިފަދަ އެތައް ސަބަބުތައް ހުރުމާއެކު، 2018ގައި، އޭރު އޮތް ސަރުކާރާއި އިދިކޮޅު އިއްތިހާދެއް އުފައްދައި، ރިޔާސީ އިންތިޚާބު މެދުވެރިކޮށް، އެ ސަރުކާރު ނިމުމަކަށް ގެނައެވެ. މިކާމިޔާބު ބިނާވީ އިދި ކޮޅުގެ ރިޔާސީ ކެންޑިޑޭޓުގެ ގާބިލުކަމުގެ މައްޗަށް ބަލައިގެންނެއް ނޫނެވެ. އޭނާގެ ކިބައިގައި ހުރި އިދާރީ ތަޖުރިބާއާއި ގައުމުގެ އިގުތިސާދު އޭނާ ކުރިއަށް ގެންދާނޭ ގޮތަކީ ކޮބައިކަން ދެނެގަނެގެންނޫނެވެ. މިއިން އެއްވެސް ކަމަކީ އެކަންކަމަށް ބަލަން ބޭނުންވި ކަމަކަށް ނުވިއެވެ. ހުރިހާ ވެސް ބޭނުމަކީ ސަރުކާރު ވައްޓާލުމެވެ. އެހެންވެ، އިދި ކޮޅު ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި 'ހިމާރެއް' ކުރިމަތި ލިޔަސް، އެ ހިމާރު އިންތިޚާބު ކާމިޔާބު ކުރީހެވެ. މިވާހަކައަކީ ބައެއް މީހުން ފާޅުގައި މިފަދައިން ބުނާ ވާހަކައެކެވެ. ސަބަބަކީތޯއެވެ؟ އިއްތިހާދުގެ އަމާޒަކީ ވެސް، އަދި، ގިނަ މުވާތިނުންގެ އަމާޒަކީ ވެސް އޭރު އޮތް ސަރުކާރު ވައްޓާލުމެވެ. އެހެންވެ، އިދި، ކޮޅު ކެންޑިޑޭޓަކީ ހިމާރެއްތޯ ނޫނީ ގަމާރެއްތޯ ބެލުން މުހިއްމުނުވީއެވެ! ނޫނީ ދެން އަންނަ ސަރުކާރު ކަންތައް ކުރާނީ ކިހިނެއްކަމާ މެދު ބަލަން ނުޖެހުނީއެވެ. އާދެ، ނަފުރަތުގެ ފަނާކުރުވަނިވި ފިކުރުގެ މައްޗަށް ގާއިމުވާ އިއްތިހާދުގެ ނަތީޖާއެވެ!

އާޚިރު ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ މިކަމުގެ ދެރަ، ރައްޔިތުން އުފުލަން ޖެހުމެވެ. ކަންތައްތައް ހަމަ ކުރިންވެސް އޮތް ގޮތުގައި އެއްވެސް ހެޔޮ ބަދަލެއް ނައިސް އޮތުމެވެ. ފަސާދައިގެ ސަގާފަތް ބަދަލު ނުވެ، އެކަމަށް އިތުރަށް ދިރުން ލިބިގެން ދިޔުމެވެ. އެއް ބަޔަކު އަނެއް ބަޔަކު ބަދުނާމުކޮށްކޮށް ތިބުމެވެ. ކުނިވެފައި އޮތް ކިސަޑު ފެންގަނޑެއްގެ ތެރެއަށް މުޅި ގައުމު، މަޑުމަޑުން ގެނބިގެން ދިޔުމެވެ. ކަންކަން ނުކުރެވުމުން، އެކަމުގެ ހަގީގީ ސަބަބުތަކަކީ ކޮބައިކަން ހޯދައި، ކަންކަން ހައްލުކުރަން އުޅުމުގެ ބަދަލުގައި ކުރިން ކަން އޮތީ ވެސް މިހެންނޭ، އެހެންނޭ ކިޔައި، ބަހަނާތައް ދައްކަ ދައްކައި ތިބުމެވެ. ކުރީގެ އުނިކަމަކީ މިހާރުގެ އުނިކަން ފޫބައްދައި އެކަމަށް ފުރިހަމަކަން ގެނެސްދޭ ކަމެއް ކަމަށް ވުމެވެ. މިވެނި މީހެއްގެ ފަސާދައާއި ގުޅޭ މައްސަލައެއް ނުވަތަ ދޯހަޅި ކަމެއް، ފާހަގަކުރެވިއްޖެ ނަމަ، ހަމަ އެފަދަ ސިފަތައް، ކުރިން ތިބި މީހުންގެ ކިބައިގައި ވެސް ހުރިކަން ބުނުމެވެ. އަދި، ކަންތައް އޮތީ ކަންތައް އޮންނަން ޖެހޭ އެންމެ ރަނގަޅު ގޮތަށްކަމަށާއި އަދި ކަންތައްތައް ކުރެވެމުންދަނީ ވެސް އެންމެ ރަނގަޅަށްކަން ބުނެދޭން ދައްކަން އޮތް މޮޅު ހުއްޖަތަކީ، ކުރީގައި ވެސް އޮތީ ފަސާދައާއި ވައްކަމާއި ހިތުހުރި ގޮތަކަށް ކަންތައް ކުރުންކަން ބުނުމެވެ.

ދެން މިކަމަށް އޮތް ހައްލަކީ ކޮބައިހެއްޔެވެ؟ މިކަމުގެ ހައްލު އޮތީ ރައްޔިތުންގެ އަތް މަތީގައެވެ. އެންމެ ފުރަތަމަ، ރައްޔިތުން ހޭލުންތެރިވާންވީއެވެ. ރައްޔިތުންނަކީ އެމީހުން ތާއީދުކުރާ މީހުންނަކީ ކުދި ކުދި ކަލާނގެތަކަކަށް ހަދާ ބަޔަކަށް ނުވާންވީއެވެ. އަދި، ވެރިންގެ ފާރަވެރިންކަމުގައި ރައްޔިތުންވާންވީއެވެ. ވެރިންނަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ދިފާއުކުރަން ތިބޭ ބައެއްކަމުގައި ހެދުމަށް ރައްޔިތުން މަސައްކަތްކުރަންވީއެވެ. މިކަން ކުރެވޭނީ، އެންމެ ފުރަތަމައިން ވޯޓުވިއްކުން ހުއްޓާލައި، ވެރިންނަށާއި ރައްޔިތުން ތަމްސީލުކުރުމަށް ގާބިލު މީހުން ހޮވައިގެންނެވެ. އަދި، އިންތިޚާބުތަކުގައި ވޯޓުދިނުމުގެ ހިސާބުން، ގައުމުގެ ޖަމާއީ ހަޔާތުގައި ބައިވެރިވުން ނިންމާނުލައި، ވެރިންގެ އަމަލުތަކަށް ބެލުމުގައި ރައްޔިތުން ފާރަވެރިވެ ތިބެގެންނެވެ. އެ އަމަލުތަކުގެ މައްޗަށް ބުރަވެ ހުރެ، އެމީހުންގެ އަގު ވަޒަންކޮށް، އެމީހުން މަސްއޫލުވެރި ކުރުވަން ދަސްކޮށްގެންނެވެ. ވެރިކަމުގެ އިސް ސަފުގައި ހިމެނުމުން، އެމީހުން ދައްކާ ކޮންމެ ވާހަކައަކީ، އޭގެ މައްޗަށް ބުއްދީގެ ނަޒަރުން ނުބަލައި، ކަމުދާ ރަނގަޅު ވާހަކަތައް ކަމުގައި ކަނޑަނާޅަންވީއެވެ. މިފަދަ ހޭލުންތެރި ރައްޔިތެއް އަޅުގަނޑުމެންގެ ތެރޭގައި އޮވެއްޖެ ނަމަ، ނަފުރަތާއި ފަނާވަނިވި ފިކުރުގެ މައްޗަށް ބުރަވެ ތިބެ، ވަކި ބަޔަކު ނުވަތަ ވަކި މީހަކު ވެރިކަމަށް ނުގެނައުމައްޓަކާ، އަޅުގަނޑުމެންގެ އިގުތިސާދު، އެބަޔެއްގެ އަތްމަތީ އެއް ފަހަރު، ހަލާކުވެ ދިޔަ ބައެއްގެ އަތް މައްޗަށް، ދެވަނަ ފަހަރަށް، އެމީހުންގެ އަތް މަތީގައި ގައުމުގެ އިގުތިސާދު އަނެއްކާވެސް ހަލާކުވެ ދިޔުމައްޓަކައި އެމީހުންނާ ވެރިކަން ހަވާލެއް ނުކުރާނެއެވެ. އަދި، ހަމަ ކޮންމެ މީހަކު ވެސް، ވެރިކަމަށް އައުމުން، ހަގީގަތަކަށް ބެލުމެއް ނެތި، އޭނާއަށް ތައުރީފުކޮށް ޚުޝާމަދުގެ ބަސްތަކެއް ނީއްވާނެއެވެ.

ނަމަވެސް، ހިތާމައަކީ އަދިވެސް، މިފަދަ ގޮތެއްގައި ކަންތައް ކުރެވޭ ކަމެވެ. ދާދި ފަހުން ލިޔެވި ޝާއިއުކުރެވުނު ލިޔުމެއްގައި، މިހާރުގެ ރައީސަކީ ދިވެހި ޕަރުލަމާނީ ހަޔާތުގެ މިހާރުގެ އެންމެ އުސް ތަނބުކަމުގައި ފާހަގަކުރެވިފައި ލިޔެވުނެވެ! އެއްވެސް، ޝައްކެއް ނެތް ގޮތުގައި، ލިޔުންތެރިޔާ މިހެން ލިޔުނީ، ކުޑަވެސް މަޖުބޫރު ކަމެއް އޮވެގެންނެއް ނޫނެވެ. ކުރިން އިޝާރަތް ކޮށްލި، އަޅުގަނޑުމެންގެ ތެރޭގައި އޮތް، ބަތަލުންގެ ސަގާފަތުގެ ސަބަބުންނެވެ. އެހެން ނޫން ނަމަ، އަދުގެ ރައީސަށް އެފަދަ މަތިވެރި ލަގަބެއް ދިނުން ހައްގުވާ ސަބަބު، ހެއްކާއެކު ލިޔުންތެރިޔާ ބަޔާން ކުރީހެވެ. ލއެ ލަގަބު، ރައީސަށް އެރުވުމުގެ ހަމަ އެކަނި ސަބަބަކަށް ލިޔުންތެރިޔާ ފާހަގަކުރަނީ ދިގު މުއްދަތެއްގައި މަޖުލިހުގައި ރައީސް އިންނެވުމެވެ. އެތަނަށް ރައީސް ހޮވި ވަޑައިގަތީ ކިހިނެއްކަމާއި އެތަނުގައި އިންނަވައިގެން، ގައުމަށް ފައިދާކުރާނޭ ގޮތެއްގައި ކުރެއްވީ ކޮންކަމެއްކަން، ލިޔުންތެރިޔާ ފާހަގަކޮށެއް ނުދެއެވެ. ގިނަ ދުވަހު، ތަނެއްގައި، ކަމެއް ނުކޮށް ވިޔަސް، ދެމިހުރުމަކީ، މަތިވެރިކަމަކަށްވާ ނަމަ، މަޖުލިހުގެ ފާރުތަކާއި ކޮންކުރީޓު ތަނބުތަކަކީ ވެސް އެފަދަ މަތިވެރި ލަގަބުތައް ހައްގުވާ ތަކެއްޗަށް ވީހެވެ! މިވާހަކަ ނަންގަނެލުމުގެ ބޭނުނަކީ، ގައުމުގެ ކަންކަން އިސްލާހުވާނީ، މިފަދަ ބަތަލުން ނޫފައްދައި، ކަންކަމާ ދޭތެރޭ، އިންސާފުވެރި ކަމާއެކު، ފާޑުކިޔުމުގެ ނަޒަރުން ބަލަން ދަސްކުރެވިގެންނެވެ. އަދި، މިގޮތުން މަސައްކަތްކުރެވި، އަޅުގަނޑުމެންގެ ސިޔާސީ ސަގާފަތް ބަދަލުކުރެވިގެންނެވެ. ހަމަ އެހެންމެ، އާންމު ރައްޔިތުންގެ ވިސްނުން ވެސް ބަދަލުކޮށް، ބިނާކުރަނިވި ފިކުރުގެ މައްޗަށް އެކުލެވޭ ސިޔާސީ ސަގާފަތެއް ވެސް އުފެއްދިގެންނެވެ. އެހެން ވުމުން، އަޅުގަނޑުމެންގެ ސިޔާސީ ގުޅުންތައް ބިނާވެފައި އޮންނާނީ ނަފުރަތާއި ފަނާކުރުވަނިވި ގުޅުމުގެ މައްޗަކަށް ނޫނެވެ. އަޅާލުމާއި ބިނާކުރުވަނިވި ފިކުރުގެ މައްޗަށެވެ. ކަންކަމާ ދޭތެރޭ ވިސްނާފިކުރުކޮށް، ކަންކަން ކުރިއަށް ގެންދިޔުމައްޓަކައި އެކުލަވާލެވޭ ހަރުދަނާ ސިޔާސަތުތަކެއްގެ މައްޗަށް ނަޒަރު ހިންގައި، އެކަމުގެ ރަނގަޅު ނުރަނގަޅުގެ މައްޗަށް ބެލިގެންނެވެ. އަދި، ފޯރުންތެރިކަން ތަންދޭ މިންވަރަކުން، އެ ސިޔާސަތުތަކަށް އަމަލީ ސިފަގެނެވޭނީ ކިހިނެއްތޯ ވެސް ބެލިގެންނެވެ. އިސްކަންދޭންވީ ކަންކަން ފާހަގަކޮށް އެކަންކަމަށް އިސްކަން ދެވިފައިވޭތޯ ވެސް ބެލިގެންނެވެ. ދެއްކުންތެރިކަމާއި އިސްރާފުގެ މަގުން އެއްކިބާވެ ތިބިތޯ ވެސް ބެލިގެންނެވެ. އަމިއްލަ ނުރަނގަޅު ގޮތްތައް ރަނގަޅުކުރުމައްޓަކައި މާޒީގެ ވާހަކަތައް ދެއްކުން ހުއްޓާލައިގެންނެވެ. މާޒީގެ ވާހަކަ ދައްކަން ޖެހޭނީ މާޒީގެ ކުށްތަކުން އިބުރަތް ލިބިގަނެ، އެކުށްތަކަށް އަރައި ނުގަނެ، އެކުށްތަކާ ދުރުހެލިވުމުގެ ގޮތުން ކަމަށް ދައްކުވައިގެންނެވެ. އަދި މާޒީގެ ނުރަނގަޅު ގޮތްތައް އިސްލާހުކުރުމުގެ ގޮތުންކަން ބުނެދީގެންނެވެ. އަމިއްލަ ނަފްސަށް އިތުބާރުކޮށް، އަމިއްލަ ކަންކަން އިސްލާހުކުރެވޭނީ އަމިއްލައަށްކަން ދެކި، އަމިއްލަ މީހުންގެ މައްޗަށް ބަރާސޯވެ ތިބެގެންކަން ވެސް ބުނެދީގެންނެވެ. އިރާދަކުރެއްވިއްޔާ މިކަމާ ބެހޭ އިތުރު ސިލްސިލާ ލިޔުމެއް ވަރަށް އަވަހަށް ގެނެސްދެވޭތޯ މަސައްކަތްކުރާނަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ވަރަށް ސާދާ ދެތު ހިކުމަތުން ފުރިފައިވާ އިލްމީ ރިޕޯރޓެއް. ޝުކުރިއްޔާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *