Support Us

ކޮލަމް: ކެޔޮނިރު

ކޮލަމް ކެޔޮނިރު: ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާއޭ؟؟ އެމްޑީޕީ އިތުރަށް ފަލީހަތްވުން ނޫން ކަމެއް ނުވާނެ!

މިދިޔަ ހޮނިހިރު ދުވަހު އޮތް ކައުންސިލް އިންތިހާބާއި، އަންހެނުން ކުރިއަރުވާ ކޮމިޓީތަކަށް މެމްބަރުން ހޮވުމުގެ އިންތިހާބާއި، އާއްމުންގެ ހިޔާލް ހޯދުމުގެ ވޯޓުގެ ނަތީޖާ އަޅުގަނޑު ލަފާކުރި ގޮތަކަށް ނުދިޔައެވެ. އެއީ މައްސަލައެއް ނޫނެވެ. ކުރިއަށް ލަފާކުރުމަކީ ފަލްސަފާއެކެވެ. ބައެއް ފަހަރު ދިމާވާނެއެވެ. އަނެއްބައި ފަހަރު ދިމާނުވެވެސް ހިނގައިދާނެއެވެ. ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ރައްޔިތުންގެ ނިންމުން ބަލައިގަނެގެން ކުރިއަށް ދިއުމަކީ ހަމައިގައި ތިބޭ މީހުންގެ ގޮތެވެ. އެ ދުވަހުގެ ނަތީޖާއާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް އަމަލު ކުރެއްވީ އެގޮތަށެވެ. ރައްޔިތުންގެ ނިންމުން ޤަބޫލު ކުރައްވައި، ރައްޔިތުން އެދޭ ފަދަ ބަދަލުތަކާ އެކު ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)، ރައީސުލްޖުމްހޫރިއްޔާގެ އިސްތިއުފާ އަށް ގޮވައިލެއްވުމަކީ، އެމްޑީޕީގެ ތަސައްރަފް ނުފުދޭކަން ހާމަކޮށްދިން ކަމެކެވެ. ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް 70 ޕަސެންޓު ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށާއި އޭގެ މާނައަކީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވުމަށް ފަހު ގެއަށް ވަޑައިގަންނަވަން ޖެހިފައިވާކަން ކަމުގައި ގަޕޯ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދަށާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުޅުއްވި ގޭމަކީ އެމްޑީޕީގެ 2028ގެ ރިޔާސީ ޓިކެޓް ސޯލިހު ހޯއްދެވުމުގެ ސްޓަންޓެކެވެ. މީގެ ސަބަބުން އެމްޑީޕީ އަނެއްކާ ވެސް ބައިބައިވެގެން ދިއުމަކީ ދުރުކަމެއް ނޫނެވެ. ރައީސް މުއިއްޒުގެ އިސްތިއުފާ އަށް، ސިޔާސީ އުރަތްޕެއް ނެތް ގަޕޯ ގޮވައިލެއްވުމުން އެމްޑީޕީ އިތުރަށް ފަލީހަތްވުން ނޫން ކަމެއް ނުވާނެއެވެ.

ސަރުކާރަށް ވޯޓު ނާކާމިޔާބުވި އަސްލު ސަބަބު

ނިމިދިޔަ ކައުންސިލް އިންތިހާބާއި އަންހެނުން ކޮމިޓީތަކުގެ އިންތިހާބުތަކުން ލަފާކުރިވަރުގެ ކާމިޔާބެއް މި ސަރުކާރަށް ނުލިބުމުގެ މައިގަނޑު ސަބަބަކީ އެ ދެ އިންތިހާބުގެ ތެރެއަށް އާއްމު ރެފަރެންޑަމެއް ވެއްދުމެވެ. އިދިކޮޅު އެމްޑީޕީން ބުއްދިވެރިކަމާ އެކު، ފުރުސަތުގެ ބޭނުންހިފައި، މި އިންތިހާބުތަކުގެ މައިގަނޑު ކަމަކަށް ނެގީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ވޯޓުދިނުމެވެ. އެގޮތަށް އެމްޑީޕީން ކެމްޕެއިން ކޮށްގެން ރައްޔިތުން ކައްކުވާލައިގެން ވޯޓުލާން ނެރުމުން، ރެފަރެންޑަމްގައި "ނޯ" ބުނަން ދިޔަ މީހާ، އަނެއް ދެ އިންތިހާބުގައި ވެސް ވޯޓު ދިނީ ސަރުކާރާ ދެކޮޅަށެވެ. އެހެންކަމުން ހޮނިހިރު ދުވަހު އެމްޑީޕީގެ ކެންޑިޑޭޓުންނަށް ލިބުނު ހުރިހާ ވޯޓަކީ ކޮންމެހެން އެމްޑީޕީ އަށް ދިން ވޯޓެއް ނޫނެވެ. އެއީ ރެފަރެންޑަމްގައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ދިން ވޯޓެވެ. މި ވޯޓުގެ ތެރެއަށް ރަފެރެންޑަމް ނުވެއްދިނަމަ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ނާކާމިޔާބެއް ނުލިބުނީހެވެ.

މި ވޯޓުން ބަލިވިއަސް ރައީސް އިސްތިއުފާ ދެއްވާކަށް ނުޖެހޭ

އެމްޑީޕީ އަކީ އަބަދުވެސް މުޒާހަރާ ކުރުމާއި، ޤައުމު ހަލަބޮލި ކުރުމާއި، ޤައުމުގެ ހަރު މުދަލުގައި ހުޅުޖެހުން ފަދަ ކަންކަން ކުރުމުގައި އަރާހުރި ޕާޓީއެކެވެ. ރައީސް ޑރ. މުހައްމަދު ވަހީދުގެ ރިޔާސަތުގައި، 2012 ގައި، މަގުތަކަށް ނުކުމެ ހާލަކާއި ކާޅެއް ކޮއްޓަކަށް ލައިގެން، ދުން އަރުވަމުން، ސިހުރު ހަދަމުން، ރައީސް ވަހީދަށް ނިސްބަތްކޮށް "ކާޅު ވަހީދު އިސްތިއުފާ"އޭ ގޮވަމުން ހިނގި ޕާޓީ އެވެ. އެމްޑީޕީ ފިކުރުގެ ޓީވީއާއި ނޫސްތަކާއި، އެ ޕާޓީގެ އެޑްވައިޒަރު، ރައީސް ސޯލިހާއި، ރައީސް ނަޝީދާއި، އެ ޕާޓީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދާއި، އަދި ކުރީގެ ޗެއާ ޕާސަން ފައްޔާޒާއި، ވަގުތީ ޗެއާ ޕާސަން ގަޕޯ އާއި ރައީސް ސޯލިހު ދައުރުގެ ނައިބު ރައީސް ފައިސަލް ނަސީމް ފަދަ ބޭފުޅުން މިހާރު ވަޑައިގަންނަވަނީ ފާޅުގައި ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވައިލައްވަމުންނެވެ.

ކޮންމެއަކަސް އިންތިހާބު މިވަނީ ނިމިފައެވެ. ކޮންމެ ގޮތެއްވިއަސް ނަތީޖާ ބަލިއިގަނެ، އެގޮތުގެ މަތީން ކުރިއަށްދާން، ސަރުކާރަށް ވެސް އަދި އިދިކޮޅު ޕާޓީތަކަށް ވެސް ޖެހޭނެއެވެ. މީތި މައްސަލައަކަށް ވަނީ ހޮނިހިރު ދުވަހުގެ އިންތިހާބުގެ ނަތީޖާގެ ނުބައި މާނައެއް ނަގައި، އެއީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަންޖެހޭ ހާލަތެއް ކަމަށް ބުނެ އިދިކޮޅުން އެހެން ގޮވަން ފެށުމުންނެވެ. އިދިކޮޅު ފިކުރުގެ ޓީވީތަކާއި ނޫސްތަކުންނާއި، އެމްޑީޕީގެ އިސް ބޭފުޅުން ގެންދަވަނީ ރައީސް ޑރ. މުއިއްޒު އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށް ބުނެ، އެގޮވެލިފަތި ގޮވަމުންނެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ވޯޓަކީ ރައީސުލްޖުމްހޫރިއްޔާއާ ދޭތެރޭ ރުހޭތޯ ބެލުމަށް ނެގި ވޯޓެއް ނޫންކަން މި މީހުންނަކަށް ނޭނގެއެވެ.

އެމްޑީޕީގެ އިސް އެޑްވައިޒަރު، ސޯލިހުގެ ހާލު

އެމްޑީޕީން ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވާއިރު، އެ ޕާޓީ އަށް ވެރިކަން ލިބިއްޖެ ނަމަ ކުރީ ސަފަށް އަރުއްވަން ތިއްބެވި ގިނަ ބޭފުޅުންނަކީ ރައްޔިތުންނަށާއި ދައުލަތަށް އެކި ސިފަސިފައިގައި ގައްދާރުވެވަޑައިގެން ތިއްބެވި، ނުވަތަ ރައްޔިތުންގެ އިތުބާރު ގެއްލިފައި ތިއްބެވި ބޭފުޅުންނެވެ. ރައީސް ސޯލިހަކީ ރައްޔިތުންގެ މަޖުލިހަށް ސިއްރުން، މޮރިޝަސްގެ ރައީސަށް ސިޓީއެއް ފޮނުއްވައި، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސް އަށް ދޫކޮށްލެއްވި، ގިނަ ބައެއްގެ ނަޒަރުގައި، ގައްދާރު ރައީސެކެވެ. އަދި އެއާ ވިދިގެން، އ.ދގެ ދަށުން ހިންގާ އިޓްލޯސް އިން ރާއްޖެ އާއި ފޯޅަވައްސާ ދެމެދު ކަނޑުގެ ސަރަހައްދު ހަމަހަމަ އަށް ބަހަންޖެހޭނެ ކަމަށް ނިންމި ބޭއިންސާފު ނިންމުން ބަލައިގަނެ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އެތައް ހާސް އަކަ ކިލޯމީޓަރެއް ދޫކޮށްލެއްވި، ނުވަތަ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި، ވިއްކާލެއްވި ރައީސެކެވެ. ރަނގަޅަށް މި މައްސަލަ ބަޔަކު ބަލައި ޝަރީއަތް ކޮށްފިނަމަ ރައީސް ސޯލިހު އިންނަވަން ޖެހޭނީ އުމުރު ދުވަހުގެ ޖަލު ހުކުމެއްގެ ދަށުން ޖަލުގައެވެ. ރައީސް ސޯލިހަކީ އިންޑިއާ އަށް ޤައުމު އަޅުވެތި ކުރައްވައި، އިންޑިއާ ބުނާ ގޮތަށް ވެރިކަން ކުރެއްވި ރައީސެކެވެ. މިއީ އެމްޑީޕީގެ އިސް އެޑްވައިޒަރުގެ ހާލެވެ.

ރައްޔިތުން ކަނު ބަނދެފައި، ބޮލުގައި ބަޑި ޖައްސާފައި ވޯޓުލާން ބުންޏަސް ޝާހިދާއި ފައްޔާޒަކަށް ރައީސް ކަމުގެ ވޯޓެއް ނުދޭނެ

ދެން ހުންނެވީ ރައީސް ސޯލިހުގެ ވެރިކަމުގައި ހާރިޖީ ވަޒީރުކަން ކުރެއްވި، އެމްޑީޕީގެ މިހާރުގެ ރައީސް، އަބްދުﷲ ޝާހިދެވެ. ޝާހިދަކީ ރައީސް ސޯލިހު އިންޑިއާ އަށް ޤައުމު އަޅުވެތި ކުރައްވައިގެން، ފޯޅަވެއްސާއި ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސް އަށް ދޫކޮށްލެއްވި އިރު، އެ ޑީލް ތަންފީޒު ކުރެއްވުމުގެ އިސް މޭސްތިރިޔާ އެވެ. އެހެންވެ ރައްޔިތުން ކަނު ބަނދެފައި، ބޮލުގައި ބަޑި ޖައްސައިފައި ވޯޓުލާން ބުންޏަސް އަބްދުﷲ ޝާހިދާއި ފައްޔާޒަކަށް ދިވެހި ރައްޔިތުން ހިތުން ރުހުމުން ރައީސް ކަމުގެ ވޯޓެއް ނުދޭނެއެވެ. ފައްޔާޒަކީ ވަރަށް ހަރުކަށި، ރައްޔިތުންގެ އިހްސާސް ތަކަށް ހިތް ހަރު ބޭފުޅެކެވެ.

ބިރަކާ ނުލާ މަޖާ ކުރުމުގެ ރައީސަކަށް ދިވެހިން ދެން ވޯޓެއް ނުދޭނެ

އެމްޑީޕީގެ އިސް ސަފުގައި ދެން ހުންނެވި ބޭފުޅަކީ، "މި އޮޑިއެއް ނުފެތޭނެއޭ" ވިދާޅުވެ އެމްޑީޕީގެ އޮޑިއަށް ވެރިވެގެން އުޅުއްވުމަށް ފަހު އަމިއްލަފުޅަށް އެ އޮޑި ދިޔަކޮށްލައްވައި، ރައީސް ސޯލިހަށް 2023ގެ ރިއާސީ އިންތިހާބް ނާކާބިޔާބު ކޮށްލެއްވުމުގެ އިސް މޭސްތިރި، ރައީސް ނަޝީދެވެ. އެމްޑީޕީން ވަކިވެވަޑައިގެން، އަމިއްލަ ޕާޓީއެއް، ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފައްދަވައިގެން، މަދު މެމްބަރުން ކޮޅަކާ އެކު، އެމްޑީޕީގެ ވެރިކަން ފަނިކޮށްލެއްވުމަށް ފަހު ހީފުޅުކުރެއްވިވަރުގެ ސިޔާސީ ތާއީދެއް ދަޑިމޮކްރެޓްސް އަށް ނުލިބުމުން، އަލުން އަނބުރާ އެމްޑީޕީ އަށް އުނބަށް ޖައްސަވައިގެން، އެ ޕާޓީއާ ގުޅިވަޑައިގަތް ނަޝީދަކީ ބިރަކާ ނުލައި މަޖާކުރުމުގެ ލާދީނީ ފަލްސަފާ ދިވެހި ރާއްޖެ އަށް ތައާރަފް ކުރައްވައި، ވެރީންނާއި ހަރުމީހުންނަށް އިހްތިރާމް ނުކުރުމުގެ ސަގާފަތާއި، ޒުވާނުން ސެކިއުލަރ ފިކުރަށް ލަންބުވަން އުޅުއްވި ބޭފުޅެކެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި، "އެންމެނަކު އަބަދަކު ހަމައިގައި ތިބެން ނުޖެހޭނެ" ކަމަށް ވިދާޅުވެ، ބައެއް ވަގުތުތަކުގައި މަސްތުވުމަށް ހިއްވަރު ދެއްވިއެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގައި ރައީސް ނަޝީދަކީ އަދިވެސް ނުފޫޒުގަދަ ބޭފުޅެކެވެ. ނަމަވެސް ސީދާ ނަޝީދަކަށް ދިވެހި ރައްޔިތުން ވެރިކަމުގެ ވޯޓެއް ދެން ދޭނެ ކަމަކަށް ލަފައެއް ނުކުރެވެއެވެ.

ހޮނިހިރުގެ އިންތިހާބުގެ ކެމްޕޭނުގައި ބައެއް ރަށްރަށަށް ވަޑައިގެން، ތާކިހަލެއް ތުރުކުރައްވައިގެން ވެސް އުޅުއްވިއެވެ. އެކަމަކު އެއިން އެއްވެސް ރަށަކުން އެމްޑީޕީއަށް މެޖޯރިޓީއެއް ނުލިބުނެވެ.

ރައީސް ސޯލިހު ހިންގެވި ހުރިހާ ޖަރީމާއެއްގެ އެއްބައި ފައިސަލް ނަސީމް ވެސް ކޮނޑު އަޅުއްވަން ޖެހިވަޑައިގަންނަވާނެ

އެމްޑީޕީގެ ކުރީ ސަފުގައި ދެން ހުންނެވީ ރައީސް ސޯލިހުގެ ޒައާމަތުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމެވެ. ރައީސް ސޯލިހާއި ހާރިޖީ ވަޒީރު ޝާހިދު ދިވެހި ޤައުމު އިންޑިއާއަށް އަޅުވެތި ކުރައްވައި، ފޯޅަވައްސާއި ދިވެހި ކަނޑުން ބައެއް ވިއްކާލެއްވި އިރު، ޗުއްޕު ވެސް ވިދާޅުނުވެ، ނައިބު ރައީސް ކަމުގެ މުސާރަ ނަންގަވައިގެން، ނައިބު ރައީސްގެ ގަނޑުވަރުން ނާނާފުޅު ފިއްލަވައިގެން، ދައުލަތުގެ ހަރަދުގައި ކަލިޔާ ބިރިންޖީ ފަރިއްކުޅުއްވަމުން، ދައުލަތުގެ ބެންޒު ކާރުގައި ދަތުރު ކުރައްވަން ހަމަ ހުންނެވީއެވެ. ޤައުމާއި ރައްޔިތުންގެ ހައްޤުގައި އެންމެ ބަހެއް ވެސް އެއިރު ވިދާޅެއްނުވެއެވެ. މިހާރު ކުއްލިއަކަށް ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ފައިސަލް ގޮވާލައްވަނީ، އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ސޯލިހާއި، ޝާހިދާއި، ފައްޔާޒު ފަދަ ބޭފުޅުންނަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައި ތިއްބެވި ބޭފުޅުންކަން އެނގިވަޑައިގެން އެމްޑީޕީގެ ރިޔާސީ ޓިކެޓް ފައިސަލަށް ލިބިވަޑައިގަންނަވާނެ ކަމަށް ބައްލަވައިފައެވެ. ރައީސް ސޯލިހު ހިންގެވި ހުރިހާ ޖަރީމާއެއްގެ އެއްބައި ފައިސަލް ނަސީމް ވެސް ކޮނޑު އަޅުއްވަން ޖެހިވަޑައިގަންނަވާނެއެވެ. އެކަމަށް އެކަނި ބެލި ކަމުގައި ވިއަސް ފައިސަލް އަކީ ދިވެހި ޤައުމުގެ ވެރިކަމަށް ކުފޫހަމަވާ ބޭފުޅެއް ނޫނެވެ.

އެމްޑީޕީން ރާވަނީ ސިލްސިލާ ބޮޑު މުޒާހަރާތަކަކަށް

އެމްޑީޕީގެ އެތެރޭގެ މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ ޕާޓީގެ ފިކުރުގެ މައި ޓީވީ އާއި ނޫހާއި، އެ ޕާޓީގެ ލީޑަޝިޕުން މިހާރު ރާވައިފައި އޮތީ އެ ޕާޓީގެ ކާމިޔާބީ ފާހަގަކުރަން ބޮޑު ޖަލްސާއެއް ބާއްވައި، އަތޮޅުތަކުން މީހުން ގެނެސް މާލޭގެ މަގުތަކުގައި ރައީސް މުއިއްޒުގެ އިސްތިއުފާ އަށް ގޮވައި މުޒާހަރާކޮށް، އެމްޑީޕީން ކުރިން ކަންކުރި ގޮތަށް ޤައުމުގެ ހަމަޖެހުން ނަގާލައި، ޤައުމު ހަލަބޮލިކޮށްލުމަށެވެ. ރައީސް މުއިއްޒު އިސްތިއުފާ ދެއްވައި އަވަސް އިންތިހާބެއް ބޭއްވުމަށް މަޖުބޫރު ކުރުވުމަށެވެ.

ކެބިނެޓް ރީޝަފުލް ކުރައްވައި، ކެބިނެޓަށް ބަދަލު ތަކެއް ގެންނެވުން

އެމްޑީޕީ އަށް މި ފުރުސަތު ނުދެއްވައި، ރައީސް މުއިއްޒު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކަމަށް އަޅުގަނޑަށް ފެންނަނީ، ކެބިނެޓް ރީޝަފުލް ކުރައްވައި، ކެބިނެޓަށް ބަދަލު ތަކެއް ގެންނަވައި، މައުނަވީ ގޮތެއްގައި ކޮރަޕްޝަން ނައްތާލައްވަން މަސައްކަތް ފައްޓަވައި، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފަރާތްތައް ކައިރިކުރެއްވުމެވެ. ހުސްވެފައިވާ އެމް.ޑީންގެ މަގާމަށާއި ސަފީރުންގެ މަގާމަށްވެސް، ކަމަށް ގާބިލް ބޭފުޅުން އިސްކުރެއްވުމެވެ. އެކި މަރުހަލާތަކުގައި ފޭލްވެފައިވާ މީހުންގެ ބަދަލުގައެވެ. ޕީއެންސީ އެކަތިގަނޑަކަށް ހައްދަވައި ހަރުދަނާ ކުރައްވަން ބޭނުންފުޅު ނަމަ، އެމްޑީޕީގެ ވަޒީރު އަހުމަދު މަހުލޫފުމެންހެން، ކެމަފްލާޖުކޮށްގެން ޕީއެންސީީއަށް ވަދެ މަތީފަޑިއަށް އަރައިތިބި އެމްޑީޕީގެ އެކްޓިވިސްޓުންތައް މަގާމުތަކުން ދުރުކުރަންޖެހެއެވެ. މަހުލޫފުގެ އިހުލާސްތެރިކަމެއް ހުރި ނަމަ، މާލޭ މޭޔަރު ވޯޓުގައި ގަލޮޅު ދެކުނުން ގޮނޑިތައް ލިބި، ޕީ.އެން.ސީގެ މޫސާ ޖަލީލަށް ކާމިޔާބު ލިބުނީހެވެ. އެ ދާއިރާގެ ކެމްޕޭނުގެ ހުރިހައި ކަމެއް ކުރިއަށްދިޔައީ މަހުލޫފުގެ ބެލުމުގެ ދަށުންނެވެ.

ކުރިން އެންގެވުމަކާ ނުލައި، ރައީސް ނާސިރުގެ ސްޓައިލަށް، ދައުލަތުގެ އޮފީސް ތަކަށް ރައީސް ޒިޔާރަތް ކުރެއްވުން

އޭގެ އިތުރުން، ކުރިން އެންގެވުމަކާ ނުލައި، ރައީސް އިބްރާހިމް ނާސިރުގެ ސްޓައިލަށް، ދައުލަތުގެ މިނިސްޓްރީތަކާއި ކުންފުނިތަކާއި އޮފީސް ތަކަށް ޒިޔާރަތް ކުރައްވައި، ކުރިން އެންގެވުމަކާ ނުލައި އާއްމު ދަތުރުފަތުރުކުރާ ބަސަތަކުންވެސް ދޭތެރެއަކުން ދަތުރު ކުރައްވައި، ރައްޔިތުންނާ ބައްދަލު ކުރައްވައި، މިހާރަށް ވުރެން ވެސް ޤާތުން ރައްޔިތުންނާ އެކު މަސައްކަތް ކުރެއްވުމެވެ. ފައިސާއަކީ ހުރިހާ އެއްޗެއް ނޫނެވެ. ކުރިން އެންގެވުމަކާ ނުލައި މަސްމާރުކޭޓު، ލޯކަލް މާރުކޭޓް، ޖަލު ފަދަ ތަންތަނަށް ވަޑައިގަންނަވަންވީ އެވެ. އެމްޓީސީސީ ބަހެއްގައި ހުޅުމާލެއަށް ވެސް ވަޑައިގަންނަވައި، އެޗްޑީސީ އަށް ވެސް ވަޑައިގަންނަވަންވީ އެވެ. އެއާޕޯޓުގެ އާއްމު ޓާމިނަލުން ވެސް ބައެއް ފަހަރު ފުރާވަޑައިގަންނަވަންވީއެވެ. ފެރީ އަކުން ވިލިމާލެއަށް ވެސް ވަޑައިގަންނަވަންވީ އެވެ. ކުއްލިއަކަށް، ކުރިން އެންގެވުމަކާ ނުލައި އައިޖީއެމްއެޗްގެ އީ.އާރަށް ވެސް ވަޑައިގެން ޑޮކްޓަރަށް ވެސް ދައްކަވަންވީ އެވެ. މިގޮތަށް ކަން ކުރެއްވުމުން، ރައްޔިތުންނަށް ހިދުމަތްދޭ ފަރާތްތައް ވެސް ތިބޭނީ އަބަދުވެސް ޖެހިލުންވެފައެވެ. ކަންނެތްވެފައި، ފަރުވާ ކުޑަކޮށްގެން ތިބޭކަށް ނުކެރޭނެއެވެ. ކޮންމެ އިރަކު ވެސް ރައީސް ވަޑައިގެންފާނެ ކަމަށް ވިސްނައިގެން، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދޭނެއެވެ. މިފަދައިން ކަންކުރެއްވުމުން ރައީސާއި ރައްޔިތުންނާއި ވެސް އާއްމު މާހައުލުގައި ބައްދަލުވެ، އިތުބާރު ބިލްޑްވާނެއެވެ.

މިހުރިހާ ކަމެއްގެ އެންމެ އަޑީގައި، މިހާރު ބަޔަކު ބެލިކަމުގައި ވިއަސް، އިންޑިއާ އޮންނާނެ

މިފަދަ ކަންކަމުގެ ތެރެއިން ރައްޔިތުންނާއި ރައީސް ވަރަށް ތަފާތު ގޮތަކަށް ބައްދަލުވެ، ރައްޔިތުންނާ ގުޅިގެން ވެރިކަން ކުރެއްވުމުގެ ސަގާފަތް އާލާވެގެން ދާނެއެވެ. މިއީ އެމްޑީޕީގެ ސިޔާސީ އުކުޅުގެ ފޮތުން ނެގިފައިވާ ފިލާވަޅެކެވެ. އެމްޑީޕީން މި ފިލާވަޅު ކޮޕީކުރީ ރައީސް ނާސިރުގެ ސިޔާސީ ފޮތުންނެވެ. އިދިކޮޅު ޕާޓީގެ ހީލަތްތެރި ރޭވުންތައް ބަލިކުރެވޭނީ އެމީހުންގެ ގޭމް ކުޅެ، އެމީހުންގެ ރޫލް ބުކް އެނގިގެން ތިބެ ކުރިއަށް ގޮސްގެންނެވެ. ޤައުމު ހަލަބޮލިކޮށް، ރައްޔިތުން ފަސް އަހަރުގެ ދައުރަކަށް ހޮވައިފައިވާ ރައީސް މަޤާމުން ދުރު ކުރުމަށް އެމްޑީޕީން މިކުރާ މަސައްކަތުގެ އެންމެ އަޑީގައި މިހާރު ބަޔަކު ބެލިކަމުގައި ވިއަސް އިންޑިއާ އޮންނާނެއެވެ.

ވެރިކަމުގެ މުޅިން އާ ސްޓައިލެއް ރައްޔިތުންނަށް ދައްކަވަންވީ ވަގުތު

މިހުރިހާ ކަމެއް އެނގިގެން ކުރިއަށް ގޮސްގެން މެނުވީ އެމްޑީޕީގެ ހީލަތްތެރި ރޭވުމުން މި ސަރުކާރު ސަލާމަތެއް ނުވާނެއެވެ. ރަޢީސުލް ޖުމްހޫރިޔާ އިސްތިއުފާ ދެއްވާކަށް ނުޖެހެއެވެ. ރައްޔިތުންގެ ކުރިމަތީގައި އިތިބާރު ގެއްލި، ޤައުމަށް ޤައްދާރުވެފައިވާ ބަޔަކު ކުރީ ސަފަށް ލައިގެން ނިކުންނަ ޕާޓީ އަކަށް ޤައުމު އަނދަވަޅަކަށް ވައްޓާލުމުގެ ފުރުސަތު ނުދެއްވައި، މަތީގައިވާ ފަދަ ބަދަލުތަކާ އެކު، ރައީސް މުއިއްޒު، ވެރިކަމުގެ މުޅިން އާ ސްޓައިލެއް ރައްޔިތުންނަށް ދައްކަވަންވީ ވަގުތު މިހާރު މިވަނީ ޖެހިފައެވެ. ބަލަން ތިބެމާ ހިނގާށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21

4 Responses

  1. ދިވެހީންނަކީ މިފަދަ ހާމަކަން ބޮޑު ޙަޤީޤަތާ މެދު ވިސްނާ ފިކުރު ހިންގާ ބައެއްނަމަ އެމްޑީޕީގެ ޙީލަތްތެރި ނުބައި ފިކުރަށް ދުވަހަކު ތާއީދެއް ނުކުރީސް…….

  2. މަޒްމޫނުގައި ގެންނަން ފެންނަ ބަދަލު ތަކެއް ކަމުގައި ފާހަގަ ކުރައްވާފައިވާ ކަންމަމަކީ ކުރަން ޖެހޭ ބައެއްކަންކަމެވެ. ނަމަވެސް އެކަންކަން އެކަނި ކޮށްލައިގެން ނިންމާލެވޭކަށް ނެތެވެ. ސަބަބަކީ މިހާރުގެ މި އެޑްމިނިސްޓްރޭޝަން އެކުލަވާލާ އެކަށައަޅާފައި އޮތްގޮތުން ގިނަ މިނިސްޓްރީ ތަކާއި، އެސް އޯ އީ ތައް މިވަނީ ބޭނުން ވާވަރަށް ވުރެ އިތުރަށް ވަޒީފާތަކަށް މީހުން ވެއްދިފައެވެ. ކަން އެހެން އޮތުމުން މިހާރުގެ މި އޮތް އިގްތިޞާދީ ބުރަކަން ދުވަހެއް ދުވަހަކަށް ދާނީ ބަރުވަމުން ބޮޑުވަމުންނެވެ. ލިބޭ މިންވަރަށްވުރެ ކުރާހޭދަ ވަނީ އިތުރެވެ. އެކި ބޭނުންތަކަށް އެކި ދުވަސްވަރު ނަގާފައި ހުރި ލޯނުތައް ދައްކަންޖެހޭ މުއްދަތު ތައް ގާތްވެ، ދައްކަންޖެހޭ އަދަދުތައްދަނީ އިތުރު ވަމުންނެވެ.
    ކަން މިހެން އޮތުމާއި އެކު މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ވެސް މިހާރު މިއޮތީ ހެޔޮ ރަނގަޅު ހޯލިސްޓިކް ރިފޯމް އަކަށް ބޭނުން ޖެހިފައި ކަމުގައި ގަބޫލުކުރެވެއެވެ. އެފަދަ ރިފޯމެއްކޮށް ދައުލަތުގެ ހުރި ވަސީލަތްތަކުގެ އަގުތައް އޮޕްޓިމައިޒްކުރަން އެބަޖެހެއެވެ. ޚާއްޞަކޮށް ފައިނޭންޝަލް ނިޒާމް ރިފޯމް ކުރަންޖެހެނީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ގެންގުޅޭފަގަ ނިޒާމަކަށެވެ. އަދި އެޑްމިނިސްޓްރޭޓިވް ނިޒާމް މިއީ އެންމެ އަވަހަށް ރިފޯރްމް ކުރަންޖެހޭ ދާއިރާ ކަމުގައިވެސް ގަބޫލު ކުރެވެއެވެ.
    އެކަންކަމާއި ގުޅިގެން އިކޮނޮމީގައި ހިމެނޭ އެންމެހާ އެންޖިންތައް ރިފޯމް ކުރަން އެބަޖެހެއެވެ. އިތުރު އައު ބާބުތައް ތައާރަފް ކުރަން އެބަޖެހެއެވެ. ހުރިހާ މަސައްކަތަކީ ރައްޔަތުންގެ ފަރާތުން ވޯޓު ހޯދަން ކުރާ މަސައްކަތް ތަކެއް ކަމުގައި ހެދުމުގެ ބަދަލުގައި ގައުމު ތަރައްގީ ކުރަން ކުރާ މަސައްކަތް ތަކަކަށް ހަދަން އެބަޖެހެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *