Support Us

ވާހަކަ: ކަނބުލޮ- އެޕިސޯޑް 4

ތަޢުލީމަކީ ހަމައެކަނި ކިޔެވުމެއް ނޫނެވެ. އޭގެ ސަބަބުން ލިބޭ މަތިވެރި މަޤާމެއްގެ މޮޅުކަމެއްވެސް ނޫނެވެ. އެ ހޯދި ތަޢުލީމާ އެއްވަރަށް މީހާގެ ކިބައިގައި ރަނގަޅު އަޚުލާގަކާއި އޯގާވެރިކަމުގެ ސިފަތައް ނެތްނަމަ ކިޔަވައިގެން އެ ހޯދި ސަނަދު ތަކަކީ ހަމައެކަނި ކަރުދާސްކޮޅެކެވެ.

ހަތަރު ކުދިން ރަށުން ބޭރަށް ކިޔެވުމަށް ފޮނުވާލާފައި އެކުދިންގެ ސްކޫލް ފީއާއި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް އަހަރެމެން ދެމީހުން ވަރަށް ބުރަކޮށް މަސައްކަތް ކުރީމެވެ. ފިރިމީހާ މަހަށް ދިއުމުން އެމަސް ގެނެސް ކައްކާ ހިއްކާ ރިހާކުރަށް ހަދަމުން ދިޔައީމެވެ. އަދި ރަށުގައި ހިންގަމުންދާ ރެސްޓޯރަންޓެއްގައި ދުވަހު ކުއްޔަށް މަސައްކަތް ކުރަމުން ދިޔައީމެވެ. އެއިން ލިބޭ ފައިސާއިން އަހަރެމެންގެ ބޭނުންތައް ބަހައްޓާފައި އެކުދިންގެ ކަންކަން ކުރަމުން ދިޔައީމެވެ. މީރު މޭވާޔާ ތަރުކާރީ އަހަރެމެންގެ އަނގަޔަށް ވެސް މީރެވެ. ދޮންނަ މެޝިނާއި މިކްސަރުގެ ފަސޭހައިން އަހަރެންގެ ހައްޓަށްވެސް ލުއިވާނެތާއެވެ. ރީތިގެޔާއި މޮޅު ފަރުނީޗަރު އަހަރެންވެސް ބޭނުމެވެ.

ނަމަވެސް ކުދިންގެ ކަންކަމަކީ އަހަރެމެން ދެމަފިރިންގެ ދިރިއުޅުމުގެ މަޤުސަދެވެ. އެކުދިން ޖީސީއީއަށް ލާރި ދައްކަން ވީއިރު އެނދުގެ ގޮނދަޑި ހިއްލާލާފައި ފަހަށް ރައްކާކުރެވުނު ފައިސާކޮޅު ނަގާ ގުނާލިއިރު އެ ފައިސާއިން ޖީސީގެ އިމްތިހާނަށް ދެއްކޭވަރަށް ފައިސާ ހަމައެއްނުވިއެވެ. ހަދާނެގޮތް ބޮޑުވެގެން ގޮތް ހުސްވެފައި ވަނިކޮށް ބޮޑުދައްތަ މަތީން ހަނދާންވިއެވެ.

ބޮޑު ދައްތަމެން ގެއަށް ދިޔައިރު ދައްތަ އިނީ ފަންގަނޑު މަތީގައި ފަންގި ވިންނާށެވެ. ދުރުގައި ހުރި ރޭޑިއޯއިން ދިވެހިރާއްޖޭގެ އަޑުން ޚަބަރު ކިޔަމުންދެއެވެ. އެގެއަށް ވަންނަ ކޮންމެ ފަހަރަކު ދައްތަ ފެންނާނީ ފަންގަނޑު މަތީގައި އިންދައެވެ. އެހެން ނޫނީ މުސައްލަ މަތީގައި އިންދައެެވެ. ނަމާދުކުރާ ވަގުތު ފިޔަވާ ހުރިހާ ވަގުތެއްގައި ހުންނާނީ ރޭޑިއޯ ހުޅުވާފައެވެ.

އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. ދައްތަގެ ނުގަބޫލުގައި ދުވަސްވީ ބަލިމީހަކާއި ދެވުމުން މައިންބަފައިން ދައްތައަށް ދިން ލަނޑު ކިތަންމެހާވެސް ބޮޑޭ އަހަރެންގެ ހިތަށް އެރިއެވެ. އެ މައިންބަފައިންނަށް ވަގުތީ އުފަލެއް ލިބުނަސް ދައްތަގެ މުޅި ދިރިއުޅުން ވަނީ ފަޅުވެފައެވެ. ފަސްތަނުން ކަފުންލާފައި ނެތަކަސް އެއީ ގަބުރަކަށް ވެފައިވާ ދިރުމެއްނެތް ހަށިގަނޑެކެވެ. ދެލޯ ކައިރި އަނދާފައިވުމުން ކުރީގައި ކަޅިރަވައިގައި ހުރި ރީތިކަމެއް ނެތެވެ.

އަހަރެން ދިއުމުން އިށީންނާށޭ ބުނެފައި ދޮށީ އަންހެންދަރި އިނދެގެން އުޅޭމީހާ އަތުން އެދަރިއަށް ޚަރަދު ނުކުރާކަމާއި ވިހޭގެއަށް ދާން ހުރީ ދައްތަ ކަމުގައި ބުންޏެވެ. އެހެންކަމުން ފައިސާގެ ދަތިކަމުގެ ވާހަކަ ބުނާކަށް ނުކެރުނެވެ.  އެންމެފަހުން ލޯމަރާލާފައި ރަށުގެ މުދިންބެ އަތުން ލާރިއަކަށް ލާރިއެއް ނަގައިގެން އެކުދިންގެ ޖީސީއަށް ފައިސާ ދެއްކީމެވެ.

މަޑުމަޑުން ކުދިންގެ ކިޔެވުމުގެ ހަރުފަތަކަށްފަހު ހަރުފަތެއް ނިމެމުންދެއެވެ. ކޮންމެ އެއްޗެއް ކިޔަވާ ނިމޭއިރަށް ކޮންމެވެސް އެހެން އެއްޗެއް އޮންނަނީ ކިޔަވަންވެފައެވެ. އެއްފަހަރު ޑިޕްލޮމާއެކޭ އަނެއްފަހަރު ޑިގުރީއެކޭ ބުނެއެވެ. އެބައި ފުރިހަމަ ކުރެވޭއިރު އަދި ދެއަހަރު މާސްޓަރސް ހަދަން ޖެހެއޭ ބުނެއެވެ. އެއަށް ފައިސާ އެއްކުރުމަށްޓަކައި އެކުދިން ބުރަކޮށް މަސައްކަތް ކުރަމުންދެއެވެ. އަހަރެންގެ ފިރިމީހާ ނުހަނު ފަހުރުވެރިކަމާއެކު އެވެނި ދަރިއަކު މިވެނި ފާހެއް ނަގައިފިޔޭ މިވެނި ދަރިއަކު އެވެނި މަޤާމަކަށް ބަދަލުވެއްޖޭ ކިޔައެވެ.

"އަލީބުނާ ތިޔަ ދުނިޔަވީ ކިޔެވުން ނިމޭނެ ދުވަހެއް ދުވަހަކުވެސް ނާންނާނެ." އަހަރެން ބުނީމެވެ.

"ކުދިންގެ މަންމަ މިދައްކަނީ ކޮންކަހަލަ ތާކުންތާކު ނުޖެހޭ ވާހަކައެއް." އޭނާ އަހަރެންނަށް ޖަވާބުދެއެވެ. އަބަދުވެސް ބަލިވާނީ އަހަރެންގެ ކޮޅެވެ.

ފިރިމީހާ ބުނީ ވަރަށްބޮޑު ތެދެކެވެ. މިއަދު އަހަރެންގެ ހަ ކުދީން ބޮޑުވެއްޖެއެވެ. އެކުދިންނަކީ އަހަރެން ދުވަހަކުވެސް ހުވަފެނުން ނުދެކޭހާ މޮޅު ކުދިންނަށް ވެއްޖެއެވެ. މުޖުތަމަޢު ބަލައިގަންނަ އިޙްތިރާމް ލިބޭ ކުދިންނަށް ވެއްޖެއެވެ. އޭގެ ތެރޭގައި ޓީޗަރުންނާއި މެނޭޖަރުންނާއި ވަކީލުންނާއި ނަފުސާނީ ބަލިތަކަށް ފަރުވާދޭ ކުދިންނާއި ބަޓްލަރުން ހިމެނެއެވެ. ބޭރަށް ނިކުމެލައިފިއްޔާ ތިގޭ މިވެނިކުއްޖަކު ޓީވީން ފެނުނޭ މީހުން ބުނެއެވެ. ތިގޭ އެވެނިކުއްޖަކަށް މިވެނި ރޮނގަކުން އިނާމު ލިބުންތަން މުޅި ރާއްޖެއަށް  ފެނުނޭ ބުނާނެއެވެ.

ފިރިމީހާ އުފަލުން އެވާހަކަ އިރުއިރުކޮޅަކާ ދައްކައެވެ. އެވާހަކަ އޭނާގެ ރައްޓެހިންގާތު ދައްކާއިރު ލޮލުގައި ހުންނަ ވިދުވަރަކީ އާދަޔާ ޚިލާފު ވިދުވަރެކެވެ. ތިޔަކަމުން ލިބުނީ ކޮން އުފަލެއްހޭ އަދިވެސް އެކުދިން އަހަރެމެންގެ ލޮލަކަށް ނުފެނެޔޭ ބުނަމެވެ އަހަރެން ބުނަމެވެ. މާލެއަށް ކިޔަވަން ދިޔައީއްސުރެ އެމީހުންނަކަށް މި އަމާން ފަސްގަނޑަކަށް ޒިޔާރަތްކޮށް މައިންބަފައިންގެ ހިތުގެ އުދާހެއް އަޑު އަހާލުމުގެ ފުރުސަތެއް ނުލިބުނެވެ. ދެން އެމީހުން ކިޔެވީ ކޮންއެއްޗެއް ހެއްޔެވެ؟ އެ ކިޔެވުން ނުކިޔެވި ނަމަވެސް އަހަރެންނަށް އެންމެ ރަނގަޅެވެ. އެ ހުރިހާ ވަގުތަކު އަލީ އަހަރެންނަށް ވިސްނައިދެއެވެ. ކިތަންމެ ވިސްނައި ދިނަސް އަހަރެން ދެރަވެއެވެ.

"އިރުވައި މޫސުމަށް އިރުވާހުދާއި ދޮންދޫނިވެސް ރަށަށް އަރާ. އެކުދިންނަށް އެވަރުވެސް ނުވޭ.  އެއްވެސް ކުއްޖެއް އަހަރެމެން މި ލޯބިވާ ފަސްގަނޑަކަށްް ނާދޭ. ކުޑައިރު ކުޅެން އުޅުނު މި އުނދޯލި އަދިވެސް އެހުުރީ އެތަނުގައި ހަމަ އެގޮތަށް އުނދޯޔަށް އަރާ ލަވަކިޔަން އެކުދިން އަންނާނެ ކަމުގެ އިންތިޒާރުގައި. ރަށުސްކޫލުން ހޯދި ކާމިޔާބުގެ ރަންތަށިތައް އެހުރީ އަދިވެސް އެމީހުން އައުމުން މަރުހަބާ ކިޔަން ދަޅަ އަރައަރާ. ދޮށީ އަންހެންދަރި އަތުން ވިޔެގެން ގެންގުޅުން ބާލީސް އުރަ މިއޮތީ އަދިވެސް އެ ސާފު ހުދުކަންމަތީ އަހަރެންގެ މަގަތުގައި މިއޮތް ބާލީހުގައި ލައްވާފައި. ނަމަވެސް އެމީހުންނެއް މިރަށަކަށް ނައި. އެމީހުން ޒަވާޖީ ހަޔާތެއް ފެށީވެސް އެމީހުން ފަދަ މޮޅެތި މީހުންނާ. މާމަކިޔާ ތުއްތު ތުއްތު ލޯބިލޯބި ކުދިން އެބަތިބި. އެކުދިން ދެކޭ ހިތުން އަހަރެންގެ ކެތްތެރިކަން ކޮޅުން ލައިފި. ނިދިޖެހިލާ ކޮންމެ ފަހަރަކުވެސް ފެންނަނީ އަހަރެންގެ ކުދިން. ނަމަވެސް މިއަދު އެމީހުން ވަރަށް ބުރަވެއްޖެ. އެމީހުންގެ ބުރަމަސައްކަތުގެ ސަބަބުން އަހަރެން މަތީން ހަނދާން ނެތިއްޖެ. އަހަރެން ދުނިޔޭގައި ހުރިތޯވެސް ބަލަން އެމީހުންނަށް ވަގުތެއް ނެތް. އަހަރެން އެމީހުން ބެލީ ނުހަނު ލޯބިން. ދެލޮލުގެ ކޮއި ފަދައިން. ކިތަންމެ ކުޑަ ބައްޔެއްވިޔަސް އަހަރެން ނުނިދާ ﷲއަށް ދުއާ ދެންނެވުމުުގައި ދެމިހުރީން. އެމީހުން ލިބުނީ އަހަރު ދެކޮޅުކަމުން އިންތިހާ ދަތީގައި އަދި ވޭނުގައި. އަހަރެން އެކުދީން ބެލީ މީހެއްގެ އެހީއާއި ނުލާ އެކަނިމާއެކަނި ވަރަށް ދަތި ހާލުގައި. ގޭގެ ބުރަމަސައްކަތް ކުރަމުން ކައްކާ ކާންއަޅާ ސާފުކޮށް ހަދަމުން." އަހަރެން އެކަނި ހުރެ ކިޔަމުން ދިޔައީމެވެ. އެދުވަހު ހިތަށް އަރަމުންދިޔަ އެއްޗިހި ގިނަކަމުން ތަންމަތިން ނުތެދުވާންވެގެން އޮތީމެވެ. ދެލޯ ވަނީ ކަރުނުން ތެމިފައެވެ. މުޅި ހަށިގަނޑުން ވަރުގޮސް ކަންނެތް ވަނީއެވެ. ހުރިހާ ގުނަވަނަކުން ވާގި ދާފަދަ ގޮތެއް ވަނީއެވެ. އަހަރެން ހިތްވަރު ކޮށްގެން ތެދުވީމެވެ. އުނދޯލީގައި ފޮތެއް ކިޔަން އިން ފިރިމީހާ ގާތަށް ދިޔައީމެވެ.

"އަލީ ބުނީމެއްނު އެކުދިން މޮޅު ކުދިންނަށް ހަދަން ޖެހޭނެއޭ. އަހަރެމެން ފަޚުރު ވެރިވާނެ ދަރިއަކަށް ވާތަން އަހަރެންނަށް ފެންނާނެޔޭ. އެދުވަސް އަތުވެއްޖެ. ރަށުއެންމެން އެވާހަަކަ ދައްކާ. ނަމަވެސް އެކުދިން މޮޅު ކުދިންނަށް ވުމުން އަހަރެމެންނަށް ލިބުނީ ކޮންއުފަލެއް." އަހަރެން ފިރިމީހާ ގާތު ޝަކުވާ ކުރެވެމުން ދިޔައިރު ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ. އަޑުބެދި ވާހަކަ ނުދެއްކޭ ވަރަށް ހިތް ދަތިވަމުންދިޔައެވެ.

"ކަނބުލޯ. މާބޮޑަށް ނުވިސްނާ. އަހަރެމެންގެ ވާޖިބަކަށްވާނީ އެކުދިން އުފަލުގައި އުޅުމެއްނު. އެމީހުންގެ އުފަލަކީ ކަނބުލޯޔާ ނުލާކަމަށްވާނަމަ އެއީ އެކުދިންގެ ނިންމުން. އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަހަރެން މިހުރީ ކަނބުލޯ ގާތުގައި. އެއަށްވުރެ ބޮޑު އުފަލެއް ނެތެއްނު." ފިރިމީހާ ބުންޏެވެ.

ފިރިމީހާ އަކީ އިހުސާސް ކެނޑިފައިވާ މީހެއްބާވައޭ އަހަރެން ހިތަށް އެރިއެވެ. ހަޔާތުގައި ހިނގާދިޔަ ހުރިހާ ކަމެއްގައިވެސް އޭނާ ހަމަޖެހިލާފައި ހުންނަތަން ފެނުމުން އަހަރެން ހައިރާންވެއެވެ. އޭނާގެ ހިތުގައި އުފަލާ ހިތާމަ ވަކިކުރާނެ ވިންދު ނުޖަހަނީބާވައެވެ؟ ނޫނީ އެއީ ކެތްތެރިކަމުގެ އިންތިހާއިން އުފައްދަވާފައިވާ އިންސާނަކީބާވައެވެ؟

ޅަފުރާގައި ލިބުނު ނިކަމެތިކަމަށްވުރެ މުސްކުޅި މުދަލުން ލިބުނު ނާއިންސާފަށްވުރެ އެމީހުންގެ ފަރާތުން ލިބުނު ތަފާތުކުރުން ތަކަށްވުރެ މިއީ އަހަރެންނަށް ލިބެމުންދިޔަ މާބޮޑު ހިތްދަތިކަމެކެވެ. މި ހިތާމައަށް ކެތްކުރާނެ ބާރެއް އަހަރެންގެ ނެތެވެ. އެއަށްވުރެ އަހަރެން ގައިބާރު ދެރަވެ ދުވަސްވެއްޖެއެވެ. ނުހަނު ދުވަސްކޮށްފައި ލިބުނުކުދިން ނުހަނު އުނދަގުލުން ބަލާ ބޮޑުކޮށް ކިޔަވައިދީ ހެދުމުން އެކުދިން އެހާ ބޮޑަށް ބަދަލުވީތީ ނުރޮވޭ އެންމެ ދުވަހެއްވެސް ނުދެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

5 Responses

  1. ކަނބުލޮގެ ހިއްވަރުގަދަ، ހާދަ ކުލުނެއް ނެތް ކުދިންތަކެކޭދޯ ކަނބުލޮއަށް ލިބުނީ.. ވަރަށް ހިތްހަމަޖެހޭ ވަރަށް ހިތްހަމަޖެހޭ ވާހަކަ ގެނެސްދީފައިވާ ގޮތް. ހިތަށް އަރަނީ ކަނބުލޮއަށް ދެންވާނީކިހިނެއް ބާވައޭ……

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *