އިންޑިއާ ކަނޑުގައި ރާއްޖޭގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ ޗާގޮސް މޮރިޝަސްއާ ހަވާލުކުރަން އިނގިރޭސި ވިލާތުން މިއަދު ނިންމައިފިއެވެ. އިނގިރޭސި ވިލާތުން މިހެން ނިންމީ ޗާގޮސް މޮރިޝަސްއާ ހަވާލު ނުކުރަން މިދިޔަ އަހަރު ނިންމައިފައިވަނިކޮށެވެ.
އިނގިރޭސި ވިލާތުގެ ދަށުގައި 1814 ވަނަ އަހަރުއްސުރެ ޗާގޮސް އޮންނަނީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކަމަށް އދ.އިން ވަނީ ބުނެފައެވެ.
ޗާގޮސް ޖަޒީރާގެ އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާއަކީ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އިނގިރޭސީން ކުއްޔަށް ދީފައިވާ ރަށެކެވެ. މިއީ މެދުއިރުމަތީގައިވާ އެމެރިކާގެ ހަތުރުންނަށް ހަމަލާ ދޭން ބޭނުން ކުރާ އަސްކަރީ މަރުކަޒެކެވެ.
އިނގިރޭސި ވިލާތުގެ ރަސްމީ ލިޔެކިޔުންތަކުގައި ޗާގޮސް އަށް ދީފައިވާ ނަމަކީ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ"އެވެ. ރާއްޖެއިން ޗާގޮސްއަށް ކުރީ ޒަމާނުގައި ކިޔާ ނަމަކީ ފޯޅަވައްސެވެ.
މޮރިޝަސްއާއެކު މިއަދު ހެދި އެއްބަސްވުމުގެ ދަށުން ޑިއެގޯ ގާސިއާ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ދަށުގައި ކުރިއަށް އޮތް 99 އަހަރު އޮންނާނެއެވެ.
"ޑިއެގޯ ގާސިއާއިން ބޭރުކޮށްލި ރަށްވެހިންނަށް ކުރިން ހެދި އިހާނެތި ގޮތްތަކުގެ ބަދަލުގައި ރަނގަޅު ކަންތައްތަކެއް ހަމަޖައްސައިދޭނަން،" އިނގިރޭސި ވިލާތުން ބުންޏެވެ.
އިނގިރޭސި ވިލާތާއި މޮރިޝަސްއާ ދެމެދު އަލަށް ހެދި މި އެއްބަސްވުމަށް އިނގިރޭސި ވިލާތުގެ ކަނާތުފިޔައިގެ ސިޔާސީ ފަރާތްތަކުން ވަނީ ފާޑުކިޔައިފައެވެ.
"މިއީ އަހަރެމެންނާއި އަހަރެމެންގެ އެކުވެރި ގައުމުތަކުގެ ސަލާމަތްތެރިކަން ނިކަމެތިކޮށްލައި އަހަރެމެން ފަހަތަށް ޖައްސައިލާނެ ލަދުވެތި އެއްބަސްވުމެއް،" ކުރީގެ ސެކިއުރިޓީސް ވަޒީރު ޓޮމް ޓުގެންޑްހެޓް ބުންޏެވެ.
ޑިއެގޯ ގާސިއާއަށް އެމެރިކާގެ އަސްކަރީ ސިފައިން އައުމުން އެ ތަނުގެ އަސްލު ވަޒަންވެރިންވަނީ އެމެރިކާގެ އެދުމުގެ މަތިން ވަޒަނުން ބޭރުކޮށްލައިފައެވެ. އެ ގޮތުން 1971 އިން ފެށިގެން ޑިއެގޯ ގާސިއާގައި އުޅެނީ ހަމައެކަނި އެމެރިކާ ސިފައިންނެވެ. ޗާގޮސް މީހުން 2002 އިން ފެށިގެން ދިރިއުޅެމުން އަންނަނީ މޮރިޝަސް އާއި އިނގިރޭސި ވިލާތުގައެވެ.
ފްރާންސުން ޗާގޮސް އިނގިރޭސި ވިލާތާ ހަވާލުކުރި ފަހުން 1845 އިން ފެށިގެން އެ ޖަޒީރާ ހޯދުމަށް މޮރިޝަސްއިން މަސައްކަތްކުރަމުން އާދެއެވެ.
މޮރިޝަސް އާއި އިނގިރޭސި ވިލާތުގެ ސަރުކާރުން ގުޅިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޑިއެގޯ ގާސިއާ ފިޔަވާ ދެން ހުރި ރަށްތަކަށް އެނބުރި އަންނަން ޗާގޮސްގެ އަސްލު ވަޒަންވެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ.
"ޗާގޮސް ދޫކޮށްދާން ޖެހުނު ރަށްވެހިންނަށް ފައިސާ އާއި އެހެނިހެން އެހީތެރިކަން ދޭނަން،" ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި އިތުރަށް ބުނީ މޮރިޝަސްއަށް އިނގިރޭސި ވިލާތުން މާލީ އެހީ ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ކުރިއަށް އޮތް 99 އަހަރު ކޮންމެ އަހަރަކު ފައިސާގެ އިތުރުން އިންފްރާސްޓްރަކްޗަރު ތަރައްގީކުރަން ދޭ މާލީ އެހީ ހިމެނެއެވެ.
އިނގިރޭސި ވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ މިއަދު ބުނީ އިނގިރޭސި ވިލާތުގެ އަދުގެ ސަރުކާރަށް ކުރިމަތިވީ ދުރު ކުރިމަގެއްގައި ޑިއެގޯ ގާސިއާ އަސްކަރީ މަރުކަޒު ހިންގުން ނުރައްކަލަށް ހުށަހެޅިފައިވާ ހާލަތެއް ކަމަށެވެ.
"އޭގެ ތެރޭގައި ސިޔާދަތާއި އިސްތިގުލާލާ ގުޅޭ މައްސަލަވޭ. އަދި ގާނޫނީ މައްސަލަތައް ވެސް ކުރިމަތިވެފައިވޭ. މިއަދު ހެދި އެއްބަސްވުމުގެ ދަށުން މި މުހިންމު އަސްކަރީ މަރުކަޒުގެ ހިންގުން މި ވަނީ ކަށަވަރުކުރެވިފައި،" ލެމީ ބުންޏެވެ.
އޭނާ ބުނީ މޮރިޝަސްއާއެކު ހެދި މި އާ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ސަލާމަތްތެރިކަން ހިމާޔަތްކުރުމަށް އިނގިރޭސި ވިލާތުން އަދާކުރަމުންއަންނަ ދައުރު ހަރުދަނާ ވާނެ ކަމަށާއި މި ކަމުގެ ސަބަބުން އިނގިރޭސި ވިލާތަށް ގަވައިދާ ހިލާފަށް ހިޖުރަކުރަން ބޭނުންކުރާ މަގަކަށް އިންޑިއާ ކަނޑު ވެގެންނުދިއުމަށް ފިޔަވަޅު އެޅޭނެ ކަމަށެވެ.
އިނގިރޭސި ވިލާތުގެ އިސްތިއުމާރުގެ ދަށުގައި ކުރިން އޮތް ގައުމުތައް މިނިވަން ކުރުމަށް ފަހު އިނގިރޭސި ވިލާތާ ގުޅުން ބާއްވަން ގާއިމުކުރި ކޮމަންވެލްތު ޖަމާއަތުގެ ބައިވެރިއެއްގެ ގޮތުން މޮރިޝަސްއާއެކު އޮތް ގުޅުން ދުރުކުރިމަގެއްގައި ކަށަވަރު ކުރެވޭނެ ކަމަށް ވެސް ލެމީ ބުންޏެވެ.
އިނގިރޭސި ވިލާތާއި މޮރިޝަސް އާދެމެދު ވީ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
"މި އެއްބަސްވުމަށް އަހަރެން ތަރުހީބު ދެން. މީގެން ސާފުކޮށް ދައްކައިދެނީ ޑިޕްލޮމެސީ އާއި އެކުވެރިކަމުގެ ގުޅުމުގެ ޒަރީއާއިން ތާރީހީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ސުލްހަވެރި އަދި ދެ ފަރާތަށް ވެސް ފައިދާ ހުރި ހައްލެއް ގެނެވިދާނެކަން،" ބައިޑެން ވިދާޅުވިއެވެ.
އިނގިރޭސި ވިލާތާއި މޮރިޝަސްއިން ބުނީ މިއަދު ގާއިމުކުރި އެއްބަސްވުމުގެ ދަށުން ހަދަން ޖެހޭ މުއާހަދާ އާއި އެ ކަމާ ގުޅޭ ގާނޫނީ ލިޔެކިޔުންތައް ވީ އެންމެ އަވަހަކަށް ނިންމަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން މި ދިޔަ އަހަރު ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.