Support Us

ކޮލަމް: އަލި

ކޮލަމް އަލި: ގަލަމީ ތަސްވީރު

"މިއީ ސިއްހަތުގެ ދާއިރާގައްޔާއި ހިންގުމުގެ ދާއިރާގައި އެތައް ގިނަ ދުވަސް ވާން ދެން ސަރުކާރަށް ޚިދުމަތްކުރެއްވި ވަފާތެރި ޚާދިމެކެވެ. ކާމިޔާބު ހަކީމީ ބޭސްވެރިއެއް ވެސްމެއެވެ. ވަރުބަލިފުޅުކަމެއް ނެތި ޚިދުމަތް ކުރެއްވުމުގެ ފުރަތަމަ އަސާސަކަށް މި ބޭފުޅަކު ބެއްލެވީ ގައުމެވެ. ގައުމިއްޔަތެވެ. މިއީ، އިލްމުވެރި ހަރުދަނާ އެތައް ދަރިންނެއްގެ ލޮބުވެތި ބައްޕައެކެވެ. ޚިދުމަތްތެރި އެތައް ކާފަދަރިންތަކެއްގެ ލޯބިވެތި ކާފައެކެވެ. ރަހުމަތްތެރިކަމުގެ ގުޅުން ދަމަހައްޓަން ދެނެވަޑައިގަންނަވާ ރަހުމަތްތެރިއެކެވެ. އެކުވެރިކަމުގެ ގުޅުމުގެ މާތްކަން ދެނެވަޑައިގެން އެކުވެރިންގެ ހާލުއަހުވާލު އަބަދުމެ ބައްލަވާ ހިތްޕުޅު ހެޔޮ އެކުވެރިއެކެވެ. ފަރުވާތެރިކަމުގައި އެފަދަ ދެވަނައެއް ނެތް މިސާލެކެވެ. ދިރިއުޅުއްވުމުގައި ސާދާ އާދައިގެ ދިރިއުޅުއްވުމަށް ލޯބިކުރައްވާ، ތަރުތީބު މަގުން އިންތިޒާމްތައް ރަމަތަކޮށް ދިރިއުޅުއްވާ މުރުއްވަތްތެރި އަބުރުވެރި ބޭފުޅެކެވެ. ފަރީއްކުޅުއްވުމުގައްޔާއި ހެދުންކޮޅު ތުރުކުރެއްވުމުގައި ދިވެހިވަންތަކަމަށް އިސްކަން ދެއްވާ ދިވެހި ދަރިއެކެވެ. ދީނީ ވާޖިބުތައް ބަރާބަރަށް އަދާކުރައްވާ ޒުހުދުވެރިއެކެވެ."

މިއީ 2020ވަނަ އަހަރުގެ މާރިޗު މަހުގެ 20ވަނަ ދުވަހު އަޅުގަނޑު ލިޔުނު ގަލަމީ ތަސްވީރެއްގެ ތަންކޮޅެކެވެ. އެ ގަލަމީ ތަސްވީރުގެ ސުރުޚީއަކީ "ދިވެހި އަދަބު ދުށް ޖަވާހިރެއް" މިއެވެ. މިއީ ކޮން ބޭފުޅަކާ މެދު ލިޔުނު ގަލަމީ ތަސްވީރެއްކަން މި ލިޔުމުގެ އެންމެ ފަހު ޕެރެގުރާފުން އެނގިވަޑައިގަންނަވާނެއެވެ. މި ލިޔުން ލިޔުމުގެ ބޭނުމަކީ މި ދެންނެވި ބޭފުޅެއްގެ ވާހަކަ ބަޔާކުރުމެއް ނޫނެވެ. އެކަމަކު އަދަބިއްޔާތުގައި ގަލަމީ ތަސްވީރަކީ ކޮބައިކަން ބަޔާންކޮށް ދިނުމެވެ.

ގަލަމީ ތަސްވީރަކީ، މީހަކާ މެދު އެކި ނަޒަރުތަކުން އެ މީހަކު ސިފަކޮށް ލިޔާ ތަފްސީލީ ލިޔުމެކެވެ. މި ސިފަތަކުގެ ތެރޭގައި އެ މީހެއްގެ އަސާސީ ސިފަތަކާއި އުޅުންތެރިކަމާއި، އިޚްތިޔާރުތަކާއި އިޖުތިމާއީ ހައިސިއްޔަތާއި އިލްމުވެރިކަން ހިމެނެއެވެ. ހަމައެހެންމެ، އެ މީހަކު ސިފަކުޅައުމުގައި ރަނގަޅަށް މުއާމަލާތުކުރެވޭ ގުޅުންހުރި އެންމެހައި ކަންކަން ގަލަމީ ތަސްވީރުން ސިފަކޮށް ބަޔާންކޮށްދެވިދާނެއެވެ. ކުރުކޮށް ދަންނަވާ ނަމަ ގަލަމީ ތަސްވީރަކީ، މީހެއްގެ ޖިސްމާނީ ސިފަތަކާއި އެ މީހެއްގެ ޝަޚުޞިއްޔަތާއި އެ މީހެއްގެ ފަސްމަންޒަރާއި ޝައުގުތައް އެކުލައި އެއްކޮށްފައިވާ ޖަމާޢީ ސިފަތަކުގެ ބާޤާއެކެވެ.

ގަލަމީ ތަސްވީރަކީ މީހެއްގެ އަމިއްލަހާތުގެ ނަމާއެއް ނޫނެވެ. އަދި އެއީ މީހެއްގެ ހަޔާތުނާމާއެއް ވެސް ނޫނެވެ. ގަލަމީ ތަސްވީރަކީ ޝަޚުޞީ ތަސްވީރެއް ވެސް ނޫނެވެ. ބަޔާން މި ކުޅަ ވައްތަރުތަކުން ގަލަމީ ތަސްވީރާ ދާދި އެއް ގޮތް އުސްލޫބު އެކުލެވިގެން ވަނީ ޝަޚްޞީ ތަސްވީރުގައެވެ. އެކަމަކު، ޝަޚުޞީ ތަސްވީރަކާއި ގަލަމީ ތަސްވީރަކީ ތަފާތު ދެ އެއްޗެކެވެ. ކޮންމެ ގަލަމީ ތަސްވީރަކީ ޝަޚްޞީ ތަސްވީރެކެވެ. އެހެނަސް ކޮންމެ ޝަޚްޞީ ތަސްވީރަކީ ގަލަމީ ތަސްވީރެއް ނޫނެވެ. މި ދެ ވައްތަރުން ކުރެ އަދަބުގައި ފުޅާވެފައި މައުލޫމާތުގެ ދާއިރާތައް ތަނަވަހީ ގަލަމީ ތަސްވީރުގައެވެ. އަދަބިއްޔާތުގެ އުފެއްދުންތަކުގެ ތެރޭގައި ގަލަމީ ތަސްވީރަކީ ފާހަގަކުރެވޭ ތަފާތު ލިޔުމެވެ. އޭގެ ލިޔުންތެރިކަމުގެ އުސްލޫބާއި އިބާރާތްކުރުމުގެ ފޭޑި ވެސް ތަފާތެވެ. ގަލަމީ ތަސްވީރު ޝައުގުވެރި އަދަބީ އުފެއްދުމަކަށް ހެދުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ލިޔުންތެރިޔާގެ ބަސްކޮށާރާއި ސިފަކޮށް ބަޔާންކޮށް ދިނުމުގެ އުކުޅުތަކާއި އަދަބީ އުންސުރުތަކަށް އަހުލުވެރިވެފައިވާ މިންވަރާއި ފެންވަރެވެ.

ގަލަމީ ތަސްވީރެއް ލިޔުމުގައި ފުރަތަމަ ޖިސްމާނީ ސިފަކުރުމަކުން ފަށާށެވެ. އިސްކޮޅާއި ރޫފަޔާއި އުމުރާއި މޫނުގެ ސިފަތަކާއި އިސްތަށިގަނޑާއި ހެދުންއެޅުމުގެ ވައްޓަފާޅި ބަޔާންކުރާށެވެ. އެއަށް ފަހު އެ މީހެއްގެ ޝަޚުޞިއްޔަތުގެ ކަންކަން ސިފަކުރާށެވެ. ހިތްހަމެޖެހުމާއި ކަންބޮޑުވުމާއި ލަދުގަތުން ކަހަލަ ކަންކަން ހުނަން ގޮތް ބަޔާންކުރާށެވެ. މި ވާހަކަތައް ގެނައުމަށް ފަހު ބަޔާންކުރާނީ އެ މީހެއްގެ ފަސްމަންޒަރާއި ޝައުގުވެރިވާ ކަންކަމުގެ ވާހަކައެވެ. މަސައްކަތްތަކާއި ފަންނާއި ކުރާ ހިތްވާ ކަންކަން މި ބައިގައި ލިޔެވިދާނެއެވެ. ގަލަމީ ތަސްވީރު ލިޔާ އިރު، މަޖާޒާއި އެއްފަދަކުރުމާއި މިސާލު ވީހައި ވެސް ގިނައިން ބޭނުން ކުރަންވާނެއެވެ. އެއީ ސިފަކުރުންތައް ރީތިކޮށްދީ ފުރިހަމަ ކުރުމުގެ ބާރެއްގެ ގޮތުގައެވެ.

މިއީ އާންމުކޮށް ބޭނުން ކުރެވިދާނެ އޮނިގަނޑެކެވެ. އެކަމަކު، ޝައުގުވެރިވާނެ ރީތި ކޮންމެ އުސްލޫބަކަށް ގަލަމީ ތަސްވީރު ލިޔެވޭނެއެވެ. ލިޔެފައި ވެސް އެބަ ހުއްޓެވެ. މީހެއްގެ ވާހަކަ ފެށުނީއްސުރެ ތަރުތީބުން ސިފަކޮށްފައި ވެސް ލިޔެވިދާނެއެވެ. އަދި ވަކި ކަމަކަށް އަމާޒުކޮށްގެން އެ ކަމެއް ސިފަކުރަމުން އެހެން ސިފަތައް ބަޔާންކޮށް ވެސް ސިފަކޮށް ލިޔެވިދާނެއެވެ. އަޅުގަނޑަށް ގަލަމީ ތަސްވިރު ރީތިވަނީ ކާކުކަން ސީދާ ގޮތުން ބަޔާން ނުކޮށް ނުސީދާ ފެށުމަކުން އެމީހެއްގެ ހަޔާތުގެ ތަންކޮލެއް މަޖާޒީ ގޮތުން ސިފަކުރަމުން ކުރަމުން އައި ނިންމުމުގައި އެއީ ކާކުކަން ބަޔާންކޮށް އިތުރަށް އެ މީހަކު ސިފަކޮށް ދީ ލިޔެފައި ހުންނަ އުސްލޫބުގެ ގަލަމީ ތަސްވީރެވެ.

އާންމު ބުނުންތަކުން ތައުރީފުކުރުމަށް ވުރެ ގަލަމީ ތަސްވީރުގައި ހުންނާން ވާނީ އެ މީހަކަށް ޚާއްޞަ ކަންކަން ބަޔާންކޮށްދީފައެވެ. މިސާލަކަށް، މީހެއްގެ ހެޔޮކަމުގެ ވާހަކަ ދައްކަން ސީދާ އެއީ ހެޔޮ މީހެކޭ ކޮންމެހެން ގަލަމީ ތަސްވީރުގައި ބުނާކަށް ނުޖެހެއެވެ. އެއީ ގަލަމީ ތަސްވީރުގެ އުސްލޫބެއް ނޫނެވެ. ގަލަމީ ގަސްވީރުގައި އެވާހަކަ ބަޔާން ކުރަން ބޭނުން ކުރަން ވާނީ އެ މީހެއްގެ އުޅުންތެރިކަމުގެ ސިފައެކެވެ. ނުވަތަ އެ މީހަކަށް ޚާއްޞަ ކޮންމެވެސް ކަމެއްގެ ވާހަކައެވެ.

ގަލަމީ ތަސްވީރަކީ މައުލޫމާތުގެ މައްޗަށް ބިނާވާ ހަޔާތުނާމާއެއް ނޫނެވެ. އެއީ އާދަޔާޚިލާފު ރީތި ބަސްމަގާއި ބަސްކޯޅިތަކާއި އަދަބީ އުކުޅުތަކުން ސިފަކުރުމާއި ބަޔާންކުރުމުގެ ތެރެއިން މައުލޫމާތު ހުށަހަޅައިދޭ އަސަރު ހުރި ކުލަގަދަ ފުރިހަމަ ދިހުން ގަދަ ތަސްވީރެކެވެ.

ދިވެހި އަދަބުގައި ގަލަމީ ތަސްވީރު ހިސާބަކަށް ލިޔެފައި އެބަ ހުއްޓެވެ. ބަޔާން ކުޅަ އޮނިގަނޑު ހަމަ އެ ތަރުތީބުން ނެތެއް ކަމަކު، ގަލަމީ ތަސްވީރުގެ ސިފަތައް ބަރަބާރަށް ހަމަވާ ގަލަމީ ތަސްވީރު ދިވެހި އަދަބުން މަދުން ނަމަވެސް ފެނެއެވެ. އަދި ޝަޚުޞިއްޔަތު ސިފަކޮށް ބަޔާންކޮށްފައިވާ ޝަޚުޞީ ތަސްވީރު ވެސް ފެނެއެވެ. މިއީ އަދަބީ ފޮތް އަލަމާރިއަށް އިތުރުކުރާން ޖެހޭ އުފެއްދުންތަކެއް ކަމުގައި ދެކެމެވެ. އެހެނީ ހަގީގީ ވާހަކަތަކާއި އިންސާނީ ހަޔާތުގެ ކުލަ ރީތި މަނާޒިރު ޝައުގުވެރި އުސްލޫބުތަކުން ކިޔާ ހިތުން ކިޔައިލެވޭ އެއް ވައްތަރަކަށް ގަލަމީ ތަސްވީރު ވެއެވެ.

"އާދޭހެވެ! މިއީ މާޅޮސްމަޑު ދެކުނުބުރީ އޭދަފުށްޓަށް އުފަންވެވަޑައިގެންނެވި އެ ރަށުގެ ހަރުދަނާ އިސްރަށްވެއްސެކެވެ. މަޝްހޫރު މަދަރުސަތުލް ބަހިއްޔާގެ އާއި މަދަރުސަޢާދާގެ ފަޚުރުވެރި ދަރިވަރެކެވެ. ފަހުން މަދަރުސަތުލް ބަހިއްޔާގެ މުރާލި މުދައްރިސެއް ވެސްމެއެވެ. ދިވެހިބަހަށާއި އަދަބަށާއި ނޫސްވެރިކަމަށް ގިނަގުނަ ޚިދުމަތް ކުރައްވާ ބޭފުޅެކެވެ. ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމިޓީގެ އިއްޒަތްތެރި މެންބަރެވެ. އާދޭހެވެ! އޭދަފުށީ ޖަވާހިރުމާގޭ އަލްއަޚް ޢަބްދުﷲއެވެ. ޢަބްދުﷲ އަޙުމަދެވެ. ޝައްކެއް ނެތެވެ. މިއީ ދިވެހި އަދަބު ދުށް ޖަވާހިރެކެވެ. އިނާމާއި އަގުވަޒަންކުރުމުގެ ފިލާ ދޭންވީ މިފަ ބޭފުޅުންނަށް ނޫންތޯއެވެ."