Support Us

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ހާރިޖީ ވަޒީރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން

ޣައްޒާ ހަނގުރާމަ ނިންމާލާއިރު ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ: ޔޫ.އޭ.އީ

ޣައްޒާ ހަނގުރާމަ ނިންމާލާ ދުވަސް ނޫން އަނެއް ދުވަހު ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ނޫން ގޮތަކަށް މެދުއިރުމަތީގެ ސުލްހަ ގަބޫލު ނުކުރާނެ ކަމަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން މިއަދު ބުނެފިއެވެ.

މިދިޔަ މެއި މަހު އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ނެރުނު މަގުޗާޓެއްގައި ބުނެފައިވަނީ ޣައްޒާ ހަނގުރާމަ ނިންމައިލުމަށް ފަހު ޣައްޒާއާ ހަވާލުވާނީ އިސްރާއީލު ކަމަށެވެ. އަދި އަރަބި ގައުމުތައް ކަމަށްވާ ޔޫ.އޭ.އީ، ސައޫދީ އަރަބިއްޔާ، މިސްރު، ބަހްރައިން، އުރުދުން އަދި މަޣްރިބު ކަރައިން ކުޅޭނީ ހަމައެކަނި "ސުޕަވައިޒް" ނުވަތަ ބެލެހެއްޓުމުގެ ރޯލެއް ކަމަށެވެ.

މި ކަމަށް އިޝާރާތްކުރައްވައި ޔޫ.އޭ.އީގެ ހާރިޖީ ވަޒީރު އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން މިއަދު އެކްސްގައި ވަނީ ނަތަންޔާހޫއަށް ފާޑުވިދާޅުވެފައެވެ. އެ ގޮތުން ޣައްޒާ ހިންގުމަށް ނުވަތަ ޣައްޒާއާ ގުޅޭ އެހެން އެއްވެސް މަޝްރޫއެއް ހިންގުމަށް ވެސް އިސްރާއީލުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް އަބްދުﷲ ވިދާޅުވިއެވެ.

"ޣައްޒާ ހިންގާނެ ގޮތަކާމެދު ޔޫ.އޭ.އީ.އާ އެއްގޮތަކަށް ވެސް މަޝްވަރާއެއް ނުކުރޭ،" އޭނާ ވިދާޅުވިއެވެ.

ނަތަންޔާހޫ ބުނެފައިވަނީ އިސްރާއީލުގެ ހިންގުމުގެ ދަށުގައި "ޣައްޒާ ހިންގުމުގެ މަޝްރޫއު ފެށުމުން ފަލަސްތީނު ރައްޔިތުންނަށް ކުރިން ނުލިބޭ ވަރުގެ މުއްސަނދިކަން ލިބިގެންދާނެ" ކަމަށެވެ. އޭނާގެ ޕްލޭންގައި ވަނީ ޣައްޒާގައި ބަނދަރު ހެދުމާއި އަވިން ހަކަތަ އުފެއްދުމާއި ކަރަންޓު ކާރު އުފެއްދުމާއި އަދި ޣައްޒާއިން އަލަށް ފެނުނު ގޭސް ވަޅުތައް ހިންގުމެވެ.

"ހަނގުރާމަ ނިންމައިލައި ދުވަހުން ފެށިގެން 2035 ވަނަ އަހަރާ ހަމައަށް މި ޕްލޭން ކުރިއަށްގެންދާނަން،" ނަތަންޔާހޫ ބުނެފައިވެއެވެ.

މި ކަމަށް އިޝާރާތް ކުރަމުން ޔޫ.އޭ.އީ.ގެ ހާރިޖިއްޔާއިން ބުނީ "ޣައްޒާގެ މައްޗަށް ވެރިވެގަނެގެން އިސްރާއީލުން ތިބެން ދައްކާ އެއްވެސް އުޒުރަކަށް ޔޫ.އޭ.އީ.އިން ތާއީދު ނުކުރާނެ" ކަމަށެވެ.

"ފަލަސްތީނުގެ އަހުވަންތަ ރައްޔިތުންގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށްވެ، ނަޒާހަތްތެރި އަދި މިނިވަންކަމުގެ ސިފަޖެހިފައިވާ ފަލަސްތީނުގެ ސަރުކާރެއް ގާއިމުވުމުން ޔޫ.އޭ.އީ.އިން އެ ސަރުކާރަކަށް ތާއީދުކުރާނަން،" ޔޫ.އޭ.އީ.ގެ ހާރިޖިއްޔާއިން އިތުރަށް ބުންޏެވެ.

މިދިޔަ ޖުލައި މަހު ޔޫ.އޭ.އީ.އިން ބުނެފައިވަނީ ޣައްޒާ ސުންނާފަތިވެފައިވާ މިންވަރަށް ބަލާއިރު އަލުން އާރާސްތުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް "ބައިނަލްއަގުވާމީ ވަގުތީ މިޝަން"އެއް ބޭނުންވާނެކަމަށެވެ.

"ސުލްހަ އާއި ސަލާމަތްތެރިކަން ގާއިމުކޮށް، ޣައްޒާގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ވޭނަށް ތަސައްލީއެއް ގެނައުމަށް ބައިނަލްއަގުވާމީ ވަގުތީ މިޝަނެއް ޣައްޒާގައި ހަރަކާތްތެރިވާން ފަށަންޖެހޭނެ. އެއީ ފަލަސްތީނު ސަރުކާރުން ދޭ ރަސްމީ ދައުވަތަކަށް،" ޔޫ.އޭ.އީ.ގެ ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ރީމް އަލް ހާޝިމީ ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައިވެއެވެ.

މި މިޝަނުން ކުރަން ޖެހޭނެ ކަމަކީ އެންމެ ފަހު މަރުހަލާގައި ޣައްޒާ އާއި ހުޅަނގު އައްސޭރި އަލުން ގުޅުވައިލުން ކަމަށާއި އެއީ ޕަލަސްތީނިއަން އޮތޯރިޓީގެ ވެރިކަމުގެ ދަށުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިހާރު އަހަރަކާ ގާތްވާން ކައިރިވެފައިވާ ޣައްޒާ ހަނގުރާމައިގައި ފަލަސްތީނުގެ 41،182 ރައްޔިތުން ޝަހީދުވެ، 95،280 މީހުން ޒަހަމްވެފައިވެއެވެ. ޣައްޒާ ހަނގުރާމަ ފެށުމަށް އިސްރާއީލު ދެއްކި އުޒުރަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން 1،139 ޔަހޫދީން މަރައިލައި 251 ޔަހޫދީން ރަހީނުކުރުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް