"ޔާގީ" ނަމަކަށް ކިޔާ ތޫފާނުގެ ސަބަބުން ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާއިން 197 މީހުން މަރުވެއްޖެ ކަމަށް ވިއެޓްނާމުން މިއަދު ބުނެފިއެވެ.
އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނީ 128 މީހުން ގެއްލިފައިވާ ކަމަށާއި 800 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ.
ޔާގީއަކީ ދެކުނުއިރުމަތީ އޭޝިއާގެ މި ގައުމަށް ފަހުގެ ތާރީހެއްގައި އައި އެންމެ ބާރުގަދަ ތޫފާނެވެ. ވައިގެ ދުވެލި ހުރީ ގަޑިއަކު 92 މޭލުގައެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޯރުތައް ވަނީ ބަންޑުންވެ، އެކި ސަރަހައްދުތަކުގައި ފެންބޮޑުވެފައެވެ. މި ކަމުގެ ސަބަބުން އެތައް ފެކްޓްރީތަކަށް ވަނީ ގެއްލުން ލިބިފައެވެ.

"މި ކަމުގެ ސަބަބުން އެކްސްޕޯޓް ދާއިރާއަށް ގެއްލުން ލިބޭނެ،" އޮފިޝަލަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގުދަންތަކަށް ވެސް އަސަރުކޮށްފައިވާތީ ވިއެޓްނާމުގައި ހިންގާ ބޭރު ގައުމުތަކުގެ ކުންފުނިތަކުގެ ވިޔަފާރިއަށް ނޭދެވޭ އަސަރު ފޯރުމުން އެ ކަމުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ވެސް ގުޑުންއަރާނެ ކަމަށެވެ.
މިއީ ވިއެޓްނާމްގެ ވެރިރަށް ހަނޯއީއަށް ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އައި އެންމެ ވަރުގަދަ ތޫފާނެވެ. މި ތޫފާނުގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ.
ވިއެޓްނާމްގެ އިތުރުން ޔާގީއަކީ މުޅި އޭޝިއާއަށް ވެސް މި އަހަރު ކުރިމަތިވި އެންމެ ވަރުގަދަ ތޫފާނެވެ. ވިއެޓްނާމަށް ފޯރުމުގެ ކުރިން ޔާގީ ވަނީ ޗައިނާއަށާއި ފިލިޕީންސްއަށް ވެސް އަރައިފައެވެ.
އާދީއްތަ ދުވަހު ޔާގީ މައިތިރިވާން ފެށި ނަމަވެސް، އެއަށް ފަހު ވެސް ބޯކޮށް ވާރޭވެހުން ކުރިއަށްދިޔައެވެ. އަދި މި ކަމުގެ ސަބަބުން ކޯރުތައް ވަނީ ބަންޑުންވެފައެވެ. ސަރަހައްދުގެ އެންމެ ބޮޑު ކޯރު ކަމަށްވާ "ރެޑް ރިވަރ" ނުވަތަ "ރަތް ކޯރު" ހިމެނޭ ސަރަހައްދު އޮތީ ފެންބޮޑުވެފައެވެ.
ޔާގީ ތޫފާނުގެ ސަބަބުން ހޯމަ ދުވަހު ބްރިޖެއް ވަނީ ބިންދައިގެން ގޮސް ވެއްޓިފައެވެ.
ބައެއް ސްކޫލްތައް މުޅި ހަފުތާއަށް ބަންދުކުރިއިރު ރަތް ކޯރު ކައިރީގައި ދިރިއުޅޭ މީހުންނަށް ވަނީ އެކި ދަތިތަކާ ކުރިމަތިލާންޖެހިފައެވެ.



advertisment