Support Us

އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން (ކ) އިނގިރޭސި ހާރިޖީ ވަޒީރު ޑޭވިޑް ލެމީއާއެކު ނޫސްވެރިންނާ އިނގިރޭސި ވިލާތުގައި މިއަދު ބައްދަލުކުރައްވަނީ

ޔޫކްރެއިނުން މޮސްކޯއަށް މިހާތަނަށް ދިން އެންމެ ބޮޑު ޑްރޯން ހަމަލާ ފޮނުވައިލައިފި

ޔޫކްރެއިނުން ރަޝިއާގެ ވެރިރަށް މޮސްކޯއަށް މިހާތަނަށް ދިން އެންމެ ބޮޑު ޑްރޯން ހަމަލާ މިއަދު ފޮނުވައިލައިފިއެވެ. މި ހަމަލާގައި 46 އަހަރުގެ އަންހެނަކު މަރުވެ، ތިން މީހުން ވަނީ ޒަހަމްވެފައެވެ.

"އެތައް ގެއެއް ސުންނާފަތިވެ، 50 ފްލައިޓެއް ވެސް މޮސްކޯ ސަރަހައްދުން ފުރުމަށް ވަނީ ހުރަސްއެޅިފައި،" މޮސްކޯގެ ސަރަހައްދީ ގަވަރުނަރު އަންޑްރޭ ވޮރޮބިޔާއޮވް ވިދާޅުވިއެވެ.

ނިއުކްލިއާ ހަތިޔާރު އެންމެ ގިނައިން ހުރި ދުނިޔޭގެ ގައުމުކަމަށްވާ ރަޝިއާއިން ބުނީ މަދުވެގެން 20 ޑްރޯން ހަލާކުކޮށްލި ކަމަށެވެ.

މޮސްކޯ ސަރަހައްދުގައި 21 މިލިއަން މީހުން އުޅެއެވެ.

މި ވަގުތު ދެ ދުވަހުގެ ރަސްމީ ދަތުރެއްގައި އިނގިރޭސި ވިލާތުގައި ހުންނެވި އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން، އިނގިރޭސި ހާރިޖީ ވަޒީރު ޑޭވިޑް ލެމީއާއެކު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބްލިންކެން ވިދާޅުވީ އިރާނުން ވަނީ ރަޝިއާއަށް ބެލިސްޓިކް މިސައިލްތަކެއް ދީފައި ކަމަށާއި މަދު ހަފުތާތަކެއްގެ ތެރޭގައި އެ ތަކެތި ޔޫކްރެއިނާ ދެކޮޅަށް ރަޝިއާއިން ބޭނުންކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ރަޝިއާ އާއި އިރާނުގެ ދެމެދުގައިވާ ގުޅުމުގެ ސަބަބުން ޔޫރަޕްގެ ސަލާމަތަށް ނުރައްކާތެރިކަން އެބައޮތް،" ބްލިންކެން ވިދާޅުވިއެވެ.

ޔޫކްރެއިނަށް ވަޑައިގަންނަވަން ތައްޔާރުވެވަޑައިގެންފައިވާ ބްލިންކެން ވިދާޅުވީ އިރާނުން ރަޝިއާއަށް ބެލިސްޓިކް މިސައިލް ދިނުމުން "މަޝްރަހު ވަރަށް ބޮޑަށް ގޯސްވާނެ"ކަމަށް އެމެރިކާއިން އަމިއްލަ ގޮތުން އިރާނަށް އިންޒާރު ދީފައިވާ ކަމަށެވެ.

"ރަޝިއާއަށް މިހާރު ވަނީ އިރާންގެ ބެލިސްޓިކް މިސައިލް ޝިޕްމަންޓެއް ލިބިފައި. މިއީ އަހަރެމެންނަށް ލިބުނު ޖާސޫސީ މައުލޫމާތެއް. މި މައުލޫމާތު މިހާރު ވާނީ އެމެރިކާގެ ހުރިހާ ރަހްމަތެރި ގައުމުތަކާ ހިއްސާކޮށްފައި،" ބްލިންކެން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިރާންގެ ބެލިސްޓިކް މިސައިލްތައް ޔޫކްރެއިންއަށްވުރެ ދުރަށް ފޮނުވައިލެވޭނެ ގާބިލިއްޔަތު ރަޝިއާގައި ހުރިކަމަށެވެ.

"މި ކަމުން ދޭހަވަނީ އިރާނުގެ ނޭދެވޭ ނުފޫޒު މެދުއިރުމައްޗާ މާ ދުރަށް ވެސް ފޯރާކަން،" ބްލިންކެން ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ޓެކްނޯލޮޖީގެ ދާއިރާގައި ރަޝިއާއިން ވެސް އިރާނަށް އެހީވާ ކަމަށެވެ. އޭގެ ތެރޭގައި ނިއުކްލިއާ ބާރުގެ ކަންތައްތަކުގައި ވެސް ރަޝިއާއިން އިރާނަށް އެއްބާރުލުން ދޭ ކަމަށެވެ.

"އިރާނާ ދެކޮޅަށް ފިޔަވަޅު އަޅާއިރު އިރާން އެއަރ އެއާލައިނާ ދެކޮޅަށް ފިޔަވަޅު އަޅާނަން. އަދި އެހެން ގައުމުތަކުން ވެސް އިރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބެލެވޭ،" ބްލިންކެން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް