Support Us

އަލްޖަޒާއިރުގެ ރައީސް އަބްދުލްމަޖީދު ތަބޫން

90 ޕަސެންޓަށްވުރެ ގިނަ ވޯޓާއެކު އިންތިހާބު ކާމިޔާބުކުރެއްވީ ތަބޫން

އަލްޖަޒާއިރުގެ ރިޔާސީ އިންތިހާބުގައި 94.65 ޕަސެންޓް ވޯޓު ހޯއްދަވައިގެން ރައީސް އަބްދުލްމަޖީދު ތަބޫން އަލުން އިންތިހާބުވެވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި ވޯޓުލި 5.6 މިލިއަން މީހުންގެ ތެރެއިން 5.3 މިލިއަން މީހުން ވޯޓުލީ އުމުރުން 78 އަހަރުގެ ތަބޫންއަށް ކަމަށް އިލެކްޝަންސް ކޮމިޝަނަރު މުހައްމަދު ޝާފީ އިއްޔެ ވިދާޅުވިއެވެ.

އަސްކަރިއްޔާގެ ތާއީދު ލިބިވަޑައިގަތްފައިވާ ތަބޫން އިންތިހާބުގައި ވާދަކުރެއްވީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައެވެ.

ތަބޫންއާ ވާދަކުރެއްވި ކޮންޒަވެޓިވް ކެންޑިޑޭޓް އަބްދުލްއާލީ ހަސާނީ ޝަރީފަށް ލިބިވަޑައިގަތީ ތިން ޕަސެންޓް ވޯޓެވެ. ސޯޝަލިސްޓް ނަޒަރިއްޔާތު ގެންގުޅުއްވާ ކެންޑިޑޭޓް ޔޫސުފް އައުޝައިޝްއަށް ލިބިވަޑައިގަތީ 2.1 ޕަސެންޓް ވޯޓެވެ.

ޝާފީ ވިދާޅުވީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލީ 48 ޕަސެންޓް މީހުން ކަމަށެވެ. އަލްޖަޒާއިރުގެ ސިޔާސީ ކަންތައްތަކަށް އަސްކަރިއްޔާއިން ނުފޫޒު ފޯރުވައިފައި އޮންނާތީ ވޯޓުލުމަށް ގިނަ ޒުވާނުން ބޭނުންނުވީ ކަމަށްވެއެވެ.

ވެރިކަމަށް 2019 ގައި ވަޑައިގަތުމަށް ފަހު އިޖުތިމާއީ ދާއިރާއަށް ހަރަދުކުރެއްވުން ތަބޫން އިތުރުކުރެއްވިއެވެ. އެ ގޮތުން ވަޒީފާ ނެތް މީހުންނަށް ދެއްވައި ބެނެފިޓާއި ޕެންޝަނާއި ގެދޮރުވެރިކަމުގެ ޕްރޮގްރާމްތަކަށް ހަރަދުކުރެއްވުން އިތުރުކުރެއްވިއެވެ.

އަލްޖަޒާއިރުއަކީ އެފްރިކާ ބައްރުގެ އެންމެ ބިން ބޮޑު ގައުމެވެ. އާބާދީއަކީ ގާތްގަނޑަކަށް 45 މިލިއަން މީހުންނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވަނީ މި އިންތިހާބާ ދެކޮޅަށް އަޑުއުފުލައިފައެވެ. އެ ގޮތުން ކެމްޕޭން ދުވަސްވަރު އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި މީޑިއާތަކާއި އަދި ސިވިލް ސޮސައިޓީ ޖަމިއްޔާތަކަށް ތަބޫންގެ ސަރުކާރުން "ޖެއްސުންކުރަމުންދިޔަ" ކަމަށް ތުހުމަތުކޮށްފައިވެއެވެ.

"މިއީ ތަބޫންގެ ވެރިކަމުގައި އަލުން ތައްގަޑު ޖަހައިލަން ބޭއްވި އިންތިހާބެއް،" މި އިންތިހާބަށް ފާޑުކިއި ފަރާތަކުން ބުންޏެވެ.

ހުރިހާ ރައްޔިތުން ވެސް ސިޔާސީ ކަންތައްތަކުގައި ބައިވެރިވުމަށް ތަބޫން އާއި އަނެއް ދެ ކެންޑިޑޭޓުން ވަނީ ގޮވައިލައްވައިފައެވެ. ހާއްސަކޮށް ޒުވާނުންނަށެވެ. އަލްޖަޒާއިރުގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުންނެވެ. ނަމަވެސް ފަގީރުކަމާއި ވަޒީފާ ނުލިބުމުގެ މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ޒުވާނުންނަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް