"އޯޝަން އާކް" އުޅަނދަކީ އެކުއަކަލްޗާ ސިނާއަތުގެ ދަށުން މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރުމަށް އިނގިރޭސި ވިލާތުގެ އޯޝަން ސޮވަރިން ކުންފުންޏާ ގުޅިގެން ޗިލީގެ އޯޝަން އާކް ޓެކްއިން އީޖާދުކޮށްފައިވާ ކަނޑުމަތީގެ އުޅަނދެކެވެ.
ދިގުމިނުގައި 557 ފޫޓު އަދި ފުޅާމިނުގައި 209 ފޫޓު ހުންނަ މި އުޅަނދު ހެދުމަށް ހަރަދުވިވަރެއް އޯޝަން އާކް ޓެކްއިން ހާމައެއް ނުކުރެއެވެ.
އުޅަނދު އީޖާދު ކުރުމުގެ ބޭނުމަކީ ވަކި ގައުމެއްގައި ނަގިލި ލައި، އެ ގައުމެއްގައި "ތާށި"ވެފައި ނުބޭއްވުމެވެ. އެ ގޮތުން އެކި ގައުމުތަކުގެ ބޯޑަރުތައް ކަނޑުމަގުން ހުރަސްކުރެވުމުން އުޅަނދަށް ބެލެހެއްޓޭ 3،900 ޓަނުގެ މަސް ވިއްކުމަށް ފަސޭހަވެއެވެ.
ކެޓަމަރަންއާ ހިލާފަށް ޓްރައިމަރަން ޑިޒައިނަކަށް ހަދައިފައިވުމުން ވަޔާ ދެކޮޅަށް ދަތުރުކުރުމުގައި އޯޝަން އާކްގެ ޑިޒައިން މާ ކާމިޔާބެވެ.

ޖައްވަށް ވިހަ ގޭސް ދޫކުރުމުގެ މިންވަރު ވެސް އޯޝަން އާކްގައި ދަށްކޮށްފައިވެއެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކުރާ އާލާތްތައް ހިމަނައިފައިވެއެވެ. އަދި ލޮއެއިން ހަދައިފައިވާ މަސްކޮށިތަކުގެ ސަބަބުން އެ ކޮށިތައް ސާފުކޮށް ހުންނަނީ އޭގެ އަމިއްލަ ޒާތުގައެވެ. މިއީ މަސްމަހާމެހީގެ ސިއްހަތަށް ފައިދާ ހުންނާނެ ގޮތެވެ. އަދި ތިމާވެށި ރައްކާތެރި ކުރުމަށް ވެސް މުހިންމު ފިޔަވަޅެކެވެ.
އެއްގަމު ސަރަހައްދެއްގައި "ފިޝް ފާމް" ނުވަތަ ފެންގަނޑު ހަދައިގެން މަސް ގެންގުޅެ އާލާކުރުމުގެ "ދަނޑުތަކެއް" ހެދުމުގެ ބަދަލުގައި މި ފަދަ އޮޕަރޭޝަނެއް ކަނޑުގައި ގާއިމުކުރުމުގެ އެޑްވާންޓޭޖް ނުވަތަ ފައިދާ ބޮޑެވެ. އެ ގޮތުން ކަނޑުގެ ހޫނުގަދަވުމާއި ތޫފާންތަކުން ސަލާމަތްވުމަށް ފަސޭހައެވެ. މި ކަމުގެ ސަބަބުން ލިބޭ އެއް އެޑްވާންޓޭޖަކީ ހަމައެކަނި މަހުގެ ކޮލިޓީ ރަނގަޅުވުމެއް ނޫނެވެ. ނަމަވެސް ދުރު ރާސްތާތަކަށް ދަތުރުކުރުމުން ޖައްވަށް ދޫކުރާ ގޭސްތައް ވެސް މަދުވެގެންދެއެވެ.

އޯޝަން އާކް އީޖާދުކުރުމުގެ ބޭނުމަކީ މަތީފަންތީގެ ކޮލިޓީ ހުންނާނެ މަސް އަގު ހެޔޮކޮށް ވިއްކުމެވެ. އެއީ މިހާރު ހުރި އެކުއާކަލްޗާ ނިޒާމުތަކާ އަޅާބަލާއިރެވެ.
އުޅަނދުފަހަރުގެ ފެންވަރާއި ރައްކާތެރިކަން ބަލަހައްޓާ އިޓަލީގެ ކުންފުނި އާރް.އައި.އެން.އޭ.އިން އުސޫލެއްގެ ގޮތުން މި މަޝްރޫއަށް މިހާރު ހުއްދަ ދީފައިވެއެވެ. މިއީ ތާރީހީ ނިންމުމެކެވެ. މި ހުއްދައިގެ ދަށުން މި އުޅަނދުތައް ބިނާކުރަން ހަމަޖައްސައިފައިވަނީ ތުރްކިޔެ އަދި ޗައިނާއާ ގުޅިގެންނެވެ. ނަމަވެސް މިހާރު ވެސް މި އުޅަނދުގެ މޮޑެލް ވަނީ ތައްޔާރުކޮށް، އާއްމުންނަށް ދައްކައިލައިފައެވެ.
* ވީޑިއޯ



advertisment