Support Us

ކޮލަމް: އަލި

އިއްޔެގެ ގުރުބާނީއަށް ފަހު…

ހޫނު މެންދުރެކެވެ. ވެލާނާ އެތެރެވެހީގެ ވައިބަނދަރުން މަތިންދާބޯޓު ނައްޓައިލިތާ ހިނދުކޮޅެކެވެ. ވިލާތަކު ތެރޭ އުދެހެނީއެވެ. ވިލާތަކަށް ނޫނެވެ. އަމިއްލަ ވަޒަނަށެވެ. ދަރިފުޅު ގާތުގައި އިނެވެ. އޭނާގެ ފޯނުން ގޭމެއް ކުޅެނީއެވެ.

ތާޒާވެލަން ތެތް ޓިޝޫއެއް ލިބުނެވެ. އެއާކޯނުގެ ފިނިން ހިތްގައިމުކަމެއް އިހުސާސްވިއެވެ. ބޯޓުގެ އަރިމަތީ ކުޑަދޮރުން ބޭރުފެނެއެވެ. ތަފާތު ހަނދާންތަކެއް އާވިއެވެ.

މިއީ މީގެ 35 އަހަރުވަރަކަށް އަހަރު ކުރީން އަޅުގަނޑުމެން އެންމެ އަވަސްވެގެން ވެސް ތިން ދުވަހުން ކުރި ދަތުރުތައް ފަސޭހަވެ ހަލުވިވެފައިވާ މިންވަރެވެ. އަތްވާއި ވާރޭގައި ގަދަ ރާޅާއި އޮޔާއެކު އެތައް ހާލެއްގައި އުޅެމުން އެތައް ތާކު މަޑުކުރަމުން ރޭކުރަމުން އަހަރެމެން މާލެއަށް – މާލެއިން ރަށަށް ކުރި ދަތުރުތައް އަދު މި ކުރަނީ އެންމެ ގަޑިއެއްހައި އިރު ތެރޭގައެވެ.

މިއަދު ކޮންމެ ރަށަކުން އޯލެވެލްއަށް އެބަ ކިޔެވެއެވެ. އޭލެވެލްއަށް ވެސް އެބަ ކިޔެވެއެވެ. އަދުގެ ކޮންމެ ކުއްޖަކަށް އަމިއްލަ ވަޒަނުގައި މައިންބަފައިންނާ އެކު ދިރިއުޅެމުން އުފާވެރިކަމާ އެކު ތައުލީމު ހާސިލްކުރުމުގެ ފުރުސަތު މި ވަނީ އޭގެ ތަންމިނަށް ހުޅުވިފައެވެ.

އިއްޔެ ތައުލީމަށް ޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުން އަހަރެން ފަދަ އެތައް ކުއްޖެއް، އަމިއްލަ ރަށާއި އަމިއްލަ ވަޒަނާއި ލޯބިވާ މައިންބަފައިންނާއި އާއިލާއާއި ރަހުމަތްތެރީން ދޫކޮށް އަންނަން ޖެހުނީ ވެރި ރަށަށެވެ. އޭރުގެ ކޮންމެ ކުއްޖަކު އެންމެ ދެކޭ ހިތުން، ބަލާ ހިތުން، ދާހިތުން އުޅުނު ހުވަފެނީ ރަށަށެވެ. އާދޭހެވެ! ވަސީލަތްތަކާއި ޚިދުމަތްތައް ފުރި ތޮއްޖެހި މުލައްމާވެފައިވާ ހަލަބޮލި މާލެއަށެވެ.

ކުޑަކުއްޖެއްގެ ރުއިމުގެ އަޑަށް ދިޔައީ ސިއްސައިގެންނެވެ. ލޯމެރުނު ވަގުތު ލޯމަތީ ސިފަވި މާޒީއާ އެ ރުއިމުގެ އަޑު ގުޅުނު ފަދައެވެ. ކިޔަވަން މާލެ ދިޔަ ދަތުރު އަހަރެން މާލޭގައި ބަހައްޓައިފައި މަންމަ ރަށަށް ފުރަން ރަށު ދޯންޏަށް އެރި ދުވަހު އަހަރެން ރުއިރުއިމެވެ. ވީދެރައެވެ. އަދި ޗުއްޓީޗުއްޓީއަށް ރަށަށް އައިސް ރަށުން މާލެ ފުރާ އިރު ބައިންބަފައިން ރޯރުއިމާއި ގިސްލާގިސްލުމެވެ. ލޮލުން މަންމައަށް ޓަކައި ތަޚްޞީޞް ވެވުނު ކަރުނައިގެ ތިކިތައް ފޮހެލައި ހަމަޖެހިލީމެވެ. ކޮންމެއަކަސް އެއީ މާޒީއެވެ. އެއީ އާދައިގެން ދޯނިގަނޑެކެވެ. މިއަދު މި އިނީ މަސްނޫއީ ފިޔަގަނޑެއްގައި އުދުހިއުދުހިއެވެ. ޚިޔާލެއް ވެސް ފިކުރެއް ވެސް ނެތި ދަރިފުޅު ހަމަ އޭނާގެ އަތްމަތީ ފޯނުން ގޭމު ކުޅެނީއެވެ. އެއީ މިއަދު އެކުދިންގެ އުފަތާކުގެ ރަސްމަގެވެ.

ގާތްގަނޑަކަށް ގަޑިއެއްހައި އިރުގެ ދަތުރަކަށް ފަހު ކޫއްޑޫ ވައިބަނދަރަށް މަތިންތާ ބޯޓު ޖެއްސިއެވެ. ޢާއިލާގެ ބައެއް މެންބަރުން އަހަރެންނާއި ދަރިފުޅު ބަލައި އައިސް ތިއްބެވެ. ގެނައި ސާމާނުކޮޅާއިގެން ލާންޗަށް އަރައިގެން ދިޔައީ ރަށަށެވެ.

ކޮނެ ފުންކޮށްފައިވާ ފިސާރި ބަނދެރެކެވެ. ވާޓަރުލައިފައެވެ. ތޮށިގަނޑުލައިފައެވެ. އެކިވަރުވަރުގެ ބޯޓުފަހަރެވެ. އޮޑިފަހަރެވެ. ބޮއްކުރައެއް، ބައްތެއްޔެއް ފެންނާކަށް ނެތެވެ. އަނގަމަތި މަސްދޯންޏެއް އަމުދުން ނެތެވެ. އަހަރެމެން ފެންވެރި ސާފު މޫދެއް ނެތެވެ. އެ އަތިރިމައްޗެއް، އެ ދޮންވެއްޔެއް ވެސް ނެތެވެ. ފުރާވަރުގެ ރައްޓެހީންނާ އެކު ބުރުއަޅަމުން މޫދަށް ފުންމި ފުން ވިލާއި ފުންވަޅުގަނޑެއް ވެސް ނެތެވެ. ދުވާލާއި ރޭގަނޑު އަހަރެމެން އުފާކޮށް މަޖާކުރި އެ ރީތި ފާލަމެއް ވެސް ނެތެވެ. ފެންނާން އޮތީ މާސިންގާ ބަނދަރެކެވެ. ތަޅައި ހަރުކޮށްފައިފައިވާ ދަގަނޑު ބިންގަނޑެކެވެ. ހަމަތެދެކެވެ. އިއްޔެ އަހަރެމެންގެ ދިރުން ކަމުގައި ވި "މާވައްދިހަރެޔާ"އެއް ނެތެވެ. އަރައި އުޅުނު ގަސްގަހާގެއްސެއް ރުއްގަހެއް ވެސް ނެތެވެ. ހުސް ކޮންކިރީޓުގެ ޒީނަތް ނޫން އެހެން އެއްޗެއް ފެންނާން ނެތް އެ އަތިރިމަތި ފެނުމުން ދެރަ ވިއެވެ.

އަހަރެން ތުއްތު އިރުގައި އުޅުނު އަތިރިމަތި އަހަރެންގެ ދަރިފުޅަށް ދައްކައިލަން ކުރި އުންމީދު ފުރިހަމަކޮށް ނުދެވޭނެތީއެވެ. އޭނާގެ ބައްޕަ ކުޑަ އިރު އެރި ގަސްތަކާއި ކުޅެއުޅުނު ދޮންވެލިގަނޑާއި އެ ފަސްބާޑިތަކާއި އެ ސާފު މޫދު އެ އޭނާއަށް ނުފެންނަނީސް ތަރައްގީގެ ސަންގުމަރު ދޫލަތައް ފެތުރިފައިވާތީއެވެ. ދަރިފުޅު އަހަރެންގެ އަތުގައި ހިފައި ފިތައިލިއެވެ. އަހަރެންގެ އިހުސާސް އޭނާއަށް ކުރެވުނު ފަދައެވެ.

ކުޑައިރުގެ އެކުވެރިޔަކު ސަލާންކޮށްލިއެވެ. އަހަރެން ބުނީމެވެ. "ރަށް ވަރަށް ތަރައްގީވެއްޖެދޯއެވެ" އޭނާ އެއްބަސްވުމުގެ ގޮތުން މަށަށް "ދޯއޭ" ބުންޏެވެ. އަހަރެން ބުނީމެވެ. "މި ގޮތް މަށަކަށް އެހައި ހިތްގައިމެއް ނޫނެވެ. އަހަރެމެންގެ އުފާތަކާއި ދިރުން ގެއްލިއްޖެ ނޫން ހެއްޔެވެ؟". އެއްޗެއް ނުބުނެއެވެ. ފަހުން ބައްދަލުކުރާ ނަމޭ ބުނެފައި ނިކަން ބާރަށް ބަނދަރާ ދިމާއަށް ހިނގައިގަތެވެ.

ބޮޑުމަގުން ލައިފައި ގޮސް ގެއަށް ދާން އޮންނަ ހަނި މަގަށް އެޅީމެވެ. އިހު އެ ދިމާގައި އޮންނަ މަޑުމަޑު ފަސްގަނޑެއް މިހާރަކު ނެތެވެ. އެއީ ތުއްތު އިރު ލައްކަ މަޖަލެއް ކުރި ފަސްގަނޑެކެވެ. ލައްކަ ކުޅިވަރެއް ކުޅުނު ފަސްގަނޑެކެވެ. ބައެއް ދުވަސްދުވަހު ކުޅެ ނިމޭ އިރު އަހަރެން ހުންނަނީ ހިރަފުސްބުޅަލެއް ހެނެވެ. ދަރިފުޅަށް މި ވާހަކަތައް ކިޔައިދިނުމުން ދެ މުށް ފުރެންދެން ވެލި ނަގައި ދަރިފުޅު ދެއަތްދެއަތާ ހާކައިލިއެވެ. އޭނާގެ ބައްޕަ ކުޑައިރު ހޭކުނު ވެލީގެ އިހުސާސްކުރި ފަދައެވެ.

ލިލީމާގެއިން ނުކުމުގެން ދިޔަ ފަހުން އަހަރެންނަށް އައިސްފައިވާ ބަދަލު ލިލީމާގެއަށް ވެސް ވަނީ އައިސްފައެވެ. އެ ދުވަހު އެއީ ވަރަށް ކުޑަކުޑަ ގެއެކެވެ. އުނދޯއްޔެ ހުރި ކުޑަ ފެންޑާއަކާއި އެ އުނދޯލި ކުރިމަތީ ކަހަލަ ގޮތަކަށް ހުރި ކުޑަކުޑަ ކޮޓަރިގަނޑަކާއި ގޭގެ ކިބަޅިފަރާތު ފެންޑާގައި ހުންނަ ކުޑަކުޑަ ކޮޓަރިގަނޑެއް ހިމެނޭ ހެން ހުރި އާދައިގެ ހަރުގެ ގެގަނޑެކެވެ. މެދުގޭތެރޭގައި އެތެރެބުރިއެކެވެ. އެ ތާނގައި އެންމެ އެނދެކެވެ. އެއީ މަންމަގެ އެނދެވެ. ދެން ކުޑަކުޑަ އުނދޯއްޔެވެ. އަނެއް ކޮޅުގައި މަގޭ އެނދާއި އެހެން އެނދެކެވެ. ކޮންމެ އެނދެއްގައި ވެސް ހުންނަނީ މަދިރިގެ ޖަހައިފައެވެ. އެއީ އެހެން ނޫނީ މަދިރިޔާއިގެން ސަލާމަތް ނުވާނެއެވެ. ހައްތާ ވެސް ރޯނު ފުރި އާދައިގެ ލަކުޑި އެނދުތަކެވެ. ކޮންމެ އެނދެއްގައި ވެސް އަޅައިފައި އޮންނަނީ ނައިލޯނު ކުނަލެކެވެ. އޮންނަނީ ކަފަ އެޅި ދެ ބާލީހެވެ. އެއީ ކަރައިން މާލެއަށް މާލެއިން ރަށް ގެންނަ ހުދުކަފަ ފިދައިގެން އެއަށް ބާ ފޮތި އަޅައިގެން މަންމަމެން ހަދާ އަމިއްލަ ބާލީސްތަކެކެވެ. ލައްވައިފައި ހުންނަނީ ފަށުވިން މާޖަހައިފައި ހުންނަ ނިކަން ސާދާ ބާލީސް އުރައެވެ.

ބަދިގެ ހުންނަނީ މުޅީން ވަކީންނެވެ. މަންމަގެ މީރު ކެޔުން ކައްކާ އުނދުންތަކު މަތީ ފިސާރި ބޮޑު ދުމަށްޓެއް ހުރެއެވެ. އެއީ ރުކުފަން އޮށީގެ މައިދާނެކެވެ. ވަޅޯ މަސްއަރިޔާއި މަސްކިނބައާއި ހަރުމަހުގެ އެކިވަރުވަރުގެ އެކި ސައިޒުސައިޒުގެ މަސްތަކުން ދުމަށި އޮންނަނީ ފުރި ބާރުވެފައެވެ.

ލިލީމާގެއަކީ މަންމައާއި ބައްޕަ އަހަރެމެން އުފަލުގައި ގެންގުޅުނު މިނިވަން ހިޔަލެވެ. މުސްކުޅި، އާދައިގެ ގެއެކަސް އެއީ އަހަރެމެންގެ އުފާވެރި ޖަންނަތެވެ.

އެހާރުގެ ލިލީމާގެއާ އަޅައިބަލާ އިރު އަދުގެ ލިލީމާގެއަކީ ގަނޑުވަރެކެވެ. ފިނިކޮޓަރިތަކެވެ. ޒަމާނީ އެކި ސައިޒުގެ އެނދުތަކެވެ. އެކި ބޯމިނުގެ ގޮދަޑިތަކެވެ. އެކިކުލަކުލައިގެ މިލަފޭއްޔާއި އެނދުފޮތިގަނޑެވެ. ޒަމާނީ ބަދިގެއެކެވެ. މާސިންގާ ބޮޑުކޮޓަރިއެކެވެ. އެކިސައިޒުގެ ސޯފާތަކެވެ. މުނިފޫހިފިލުވައިދޭ ބޮޑު ސިންގާ އިސްކިރީނެކެވެ.

ގެއަށް ހަމަ ވަދެވުމާ އެކު އުފާވެރިކަމުގެ މީރުވަހެއް އައިސް ނޭފަތުގައި ޖެހުނެވެ. މަންމަގެ ހަނދާންތަކާއި އެ މާޒީގެ ކެޔުންބުއިންތަކުގެ ރަހަތައް އައިސް ދުލުކުރީން އަރުތެރެއަށް ވަން ފަދައެވެ. އެކަމަކު މިއަދު ގެވެސް ބަދަލުވި ފަދައިން އެތައް ކަމަކާއި އެތައް އެއްޗަކާއި އެތައް މީހަކު ވެސް ވަނީ ބަދަލުވެފައެވެ.

އިއްޔެ އަބަދު ކަހަލަ ގޮތަކަށް ގެއިން އަހަރެންނަށް މަރުހަބާގެ ހިނިތުންވުން ދިން ލޯބިވާ މަންމައެއް ވެސް އަދަކު ނެތެވެ. އެ މީރު ކަޅު ސައެއް ވެސް މިއަދަކު ގެއިން ލިބޭކަށް ނެތެވެ. އެކަމަކު އެ ތަރުމޯޒާއި އެ ކުރާ އަދިވެސް އެބަ ހުއްޓެވެ. ކާން ބޭނުން ކުރި މާޖެހި ސީނުތަށްޓާއި ސައިބުއި ރަތްޖޯޑު އަދިވެސް އެބަ ހުށްޓެވެ. އެކަނިވެރިކަމުގައެވެ. އެވެރިން ޚިދުމަތް ދިން މާޒީގެ ހަނދާންތަކާ އެކުއެވެ. ދަރިފުޅާއެވެ! ބައްޕަ ކޭ ތަށްޓާއި ސައިބުއި ޖޯޑު މިހުރީއެވެ. އޭނާ އެ ތަކެތި ނިކަން ރަނގަޅަށް ތަހުލީލުކުރި ފަދައެވެ.

އަހަރެން ދަރިފުޅު ގާތު ބުނީމެވެ. ދަރިފުޅާއެވެ! ބައްޕައަށް މަޢާފުކުރާށެވެ. ދަރިފުޅަށް ދައްކަން އައި އުފާވެރިކަމާއި ހިތްހަމަޖެހުމެއް ބައްޕައަކަށް ދައްކައެއް ނުދެވުނެވެ. ބައްޕަގެ ތުއްތު އިރާއި ޅައިރާއި ކުޑައިރާއި ފުރާވަރު ހޭދަކުރި މަންޒިލް އަދު މިވަނީ ޒަމާނީ ކުރިއެރުންތަކުގެ ޒީނަތްތެރިކަމުގެ ދަޅައެޅި ގެއްލިފައެވެ.

ތައުލީމަށް ޓަކައި ބައްޕަމެން ވީ ގުރުބާނީން ހަގީގަތުގައި ދަސްވި ފިލާވަޅަކީ މިއީއެވެ. އެކަނިވެރިކަމެވެ. އަމިއްލަ ހިޔަލެއް ނެތް ކަމެވެ. އަމިއްލަ ވަޒަނުގައި ބީރައްޓެހިވުން ނޫން އެހެން ކަމެއް ނެތް ކަމެވެ.

އަހަރެން މީހަކަށް ހެދީ ތައުލީމަށް ޓަކައި ވީ ގުރުބާނީއެވެ. އަހަރެންގެ ދިރިއުޅުން މާލެ ބަދަލުކުރީ އެ ގުރުބާނީއެވެ. އަމިއްލަވަޒަނަށް ބީރައްޓެހި ކުރީ އެ ގުރުބާނީއެވެ. އަމިއްލަ ހިޔާވަހަކެއް ނެތް ދުނިޔެއެއްގައި އުޅެން ޖެއްސީ އެ ގުރުބާނީއެވެ. ކުޑައިރުގެ މުހިންމު އެތައް ރައްޓެހީންނެއް ބީރައްޓެހީންނަށް ހެދީ އެ ގުރުބާނީއެވެ. ރަށްފުށުގެ އުފަލާއި ސުލްހަޔާއި އަމާން މަހައުލުން އަހަރެން މަހުރޫމު ކުރީ ވެސް އެ ގުރުބާނީއެވެ. އެކަމަކު، އަހަރެން ހާސް ނިއުމަތުގައި ލެއްވި ގުރުބާނިއަކީ ވެސް ހަމަ އެއީއެވެ. ތައުލީމަށް ތަކައި އަހަރެން ވީ ގުރުބާނީއެވެ.

އެ ގުރުބާނީއަށް ޝުކުރު ވެރިވުން ނޫން އޮތީ ދެން ކޮން ގޮތެއް ހެއްޔެވެ؟ ގޭގެ ބޮޑުކޮޓަރީގެ ފާރުގައި ހުރި ފޮޓޯލޯގަނޑަކަށް ބަލަމުން ދަރިފުޅު ދަރިފުޅު ސުވާލެއް ކޮށްލި ހިނދުން ޒާތަކަށް ސިހުނެވެ.

"ބައްޕާއެވެ! މި ފެންނަ ފޮޓޯގައި އެ ފެންނަ ހުދު އިމާރާތަކީ ކޮން ތަނެއް ހެއްޔެވެ؟ އަދި އެ ދިމާއިން އެ ފެންނަނީ ކޮން ފަސްފުނިތަކެއް ހެއްޔެވެ؟" އަހަރެން އެ ފޮޓޯއަށް ވަރަށް ރަނގަޅަށް ބަލައިލީމެވެ. އަދި ބުނީމެވެ. އެއީ ބައްޕަމެން ކުޑަ އިރު މިރަށު އެޅި ޔަންމާސެންޓަރެވެ. ދެން އެ ފެންނަނީ އޭރު ބައްޕަމެން ހަވީރުދަޅައިގައި ކުޅެ ދުވެ ބުރުއަލައި އުޅުނު އޮޑިވަޅުވަޅުގެ ފަސްބާޑިތަކެވެ."

ދަރިފުޅު ހީނލިއެވެ. އަދި ބުންޏެވެ. "ފޮޓޯއިން ފެނުމުން ވެސް ބައްޕަ އުޅުނު އުފާވެރި ދުވަސްތައް ހިތަށް ވަނުމުން އަޅުގަނޑު ވަރަށް އުފާވެއްޖެއެވެ. ހިތްހަމަ ވެސް ޖެހިއްޖެއެވެ" އަހަރެންނަށް ލެވުނީ ގިހެކެވެ. ކުއްލިޔަކަށް އަންނަން އުޅުނު ކަރުނަ ލޮލަށް ހިންދައިލަން އެއްކަލަ ފޮޓޯއަށް ނަޒަރު ހިންގީމެވެ.

ހިތަށް އެރިއެވެ. އަހަރެމެން ކުޑައިރު އުޅުނީ ހާދަހައި އުފަލުގައެވެ. ހާދަހައި މިނިވަންކޮށެވެ. އަހަރެމެން އުފާކޮށް ވަގުތު ހޭދަކުރީ ޠަބީޢަތާ އެކުއެވެ. ގުދުރަތީ ވެށިތަކުގައެވެ.

އަހަރެންގެ ދަރިފުޅު ވެސް އުޅެނީ ނިކަން އުފަލުގައެވެ. އެކަމަކު އޭނާ އެ އުފާ ހޯދަނީ ޒަމާނީ ފަންނިއްޔާތީ ވަސީލަތްތަކުންނެވެ. ޓީވީންނެވެ. ކޮންޕީޓަރުންނެވެ. ފޯނުންނެވެ. މިއީ އަދުގެ ހުރިހައި ކުދިންގެ ދިރިއުޅުމެވެ.

ދެރައީ، ހިތާމައަކީ، އަދުގެ ކުދީންނަށް އިއްޔެ ކިޔައި ނުދެވޭތީއެވެ. އިއްޔެގެ ރާއްޖެ ބުނެނުދެވޭތީއެވެ. މަންމަގެ ޚަޒާނާއިން ފެނުނު ދުވަސްވީ ކުޑަކުޑަ ފޮތެއްގެ ތެރޭ އޮތް ތިންހަތަރު ތަސްވީރެއް ދަރިފުޅަށް ދިނީމެވެ.

އެއިން އޭނާއަށް އޭނާގެ ބައްޕަ އުޅުނު އުފާވެރި ހަޔާތް ކުރަހައިލަން އެނގޭނެއެވެ. އުންމީދު ކުރަނީ އޭނާ ޚިދުމަތުގެ މައިދާނަށް ނުކުންނަ ދުވަހަކުން އޭނާ އޭނާގެ މުސްތަގުބަލުގެ ތަސައްވަރުގެ އަސާސަކަށް އެ ތަސްވީރުތައް ބަލާނެ ކަމަށެވެ. އޭގެ ބޭނުން ހިފާނެ ކަމަށް ވެސް މެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ރަށްފުށުގެ ކޮންމެމީހެއްގެވެސް މިކަހަލަ އަދި މިއަށްވުރެން މާފުރިހަމަކޮށް ތަސްވިރުކޮށްދެވޭނެ ޅަފުރާގެ ހަނދާނީ ވާހަކަތަށްހުންނާނެ. އެކަމަކު ދެރަކަމަކީ އެހުނަރުވެރިކަމާ އެއިލްމު މަދުބަޔަކަށްލިބިފައިވާކަން. ކިހާ ހިއްގައިމު ތޯ.. މިއީ އަޝްރަފް ސަރގެ ދެ ތިން މިނިޓެއްގެ މަސައްކަތް. މިހެން ލިޔެލަން އެނގޭނެ މީހުން ތައްޔާރުކޮށްދެވޭތޯ އަޝްރަފް ސަރ ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *