ދެކުނު އެމެރިކާ ބައްރުގެ ގައުމެއް ކަމަށްވާ ކޮލޮމްބިއާގެ މަރުވެފައިވާ ޑްރަގް ސްމަގްލަރު ޕަބްލޯ އެސްކޮބާ ގައުމަށް ތައާރަފުކުރި ހިޕޮޕޮޓެމަސްތައް މަރައިލަން ކޯޓުން އަމުރުކޮށްފިއެވެ.
މި ކަންތައް ކޮށްނިންމަން ތިމާވެއްޓާ ބެހޭ މިނިސްޓްރީއަށް ދީފައިވަނީ ތިން މަސް ދުވަހެވެ.
"ހިޕޮޕޮޓެމަސްތަކުގެ ސަބަބުން އެހެނިހެން މަހުލޫގުންގެ ދިރިހުރުމަށް ނޭދެވޭ އަސަރުކުރަނީ،" ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.
ހިޕޮޕޮޓެމަސްއަކީ އެފްރިކާއަށް އުފަން ޖަނަވާރެކެވެ. އެ ބައްރުގައި މީހުން އެންމެ ގިނައިން މަރުވަނީ މި ހައިވާނުގެ ހަމަލާއިންނެވެ. ނަމަވެސް އެސްކޮބާ ގެނައި ހިޕޮޕޮޓެމަސްތައް ވިހައި އާލާވެ ގިނަވެފައިވަނިކޮށް ރައްޔިތުންގެ މެދުގައި އެ ސޮރުމެން ވަރަށް މަގުބޫލެވެ. އަދި ބަރުދަނުގައި ދެ ޓަނު ހުންނަ ހިޕޮޕޮޓެމަސްތައް ވެފައިވަނީ ޓޫރިސްޓުންނަށް ކަމުދާ މަހުލޫގުންތަކަކަށެވެ.
އެސްކޮބާ މަރުވުމާ ގުޅިގެން އޭނާގެ ބޮޑު ގޭގެ ގޯތީގައި ހަދާފައިވާ ޒުލެއްގައި ގެންގުޅުނު ހިޕޮޕޮޓެމަސްތައްވަނީ އެ ހައިވާނު ބަގީޗާ ދޫކޮށް ގުދުރަތީ ސަރަހައްދުތަކަށް ހިޖުރަކޮށްފައެވެ. އެ ސޮރުމެންނަށް ހަމަލާ ދޭނެ އިތުރު ޖަނަވާރުން ނޫޅޭތީ ހިޕޮޕޮޓެމަސްތައްވަނީ އާލައިވެފައެވެ.
"އެސްކޮބާގެ ގެ ހުންނަ ހިސާބުގައި ދިރިއުޅޭ އާއްމުންނަށް ހިޕޮޕޮޓެމަސްތަކުގެ ނުރައްކާ އެބައޮތް،" އޮފިޝަލަކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ކަމުގެ ސަބަބުން މީހުން މަރުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
"މިހާރު ކޮލޮމްބިއާގެ ގުދުރަތީ ސަރަހައްދުތަކުގައި މިނިވަންކަމާއެކު 166 ހިޕޮޕޮޓެމަސް އެބައުޅޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މަގްޑަލެނާ ކޯރުގައި މަސްވެރިކަންކުރާ މީހުންނަށް މި ހިޕޮޕޮޓެމަސްތައް ހަމަލާ ދެމުންދާކަމުގެ ރިޕޯޓްތައް ރަސްމީ އިދާރާތަކަށްވަނީ ލިބިފައެވެ. މީގެ އިތުރުން ކޯރުތަކުގައި ދިރިއުޅޭ މެނެޓީތަކަށް ވެސް ހިޕޮޕޮޓެމަސްގެ ފަރާތުން ނުރައްކާވާނެކަމަށް ލަފާކޮށްފައިވެއެވެ.
ޖަނަވާރުން ހިމާޔަތްކުރަން މަސައްކަތްކުރާ އެކްޓިވިސްޓުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިން ހިޕޮޕޮޓެމަސްތައް ޝިކާރަކުރުމާ ދެކޮޅެވެ.
ކޯޓުންކުރި އަމުރުގައި ބުނެފައިވަނީ ޝިކާރަކުރަންވާނީ ވަކި އަދަދަކަށްކަމަށާއި ހިޕޮޕޮޓެމަސް އިތުރަށް ނުވިހާނެ ގޮތް ހެދުމަށް ސްޓެރިލައިޒްކުރުމުގެ ޕްރޮގްރާމެއް ހިންގަންޖެހޭނެކަމަށެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާއިން މި ދިޔަ އަހަރު ބުނެފައިވަނީ ހިޕޮޕޮޓެމަސްގެ އާބާދީގެ ތެރެއިން ބައެއް ނުވިހާ ގޮތަކަށް ހަދާނެ ކަމަށާއި އަދި އަނެއް ބައި އެއްޗެހި ޔޫތެނައިޒް ނުވަތަ ކެމިކަލް ދީގެން މަރައިލާނެ ކަމަށެވެ. ނަމަވެސް ސްޓެރިލައިޒްކުރުމުގެ މަސައްކަތް ކުރިއަށްދަނީ މަޑު ދުވެއްޔެއްގައެވެ. އަދި މިހާތަނަށް އެއްވެސް ހިޕޮޕޮޓެމަސްއެއް ޔޫތެނައިޒްކޮށްފައެއްނުވެއެވެ.
އިންޑިއާ، ފިލިޕީންސް އަދި މެކްސިއޯއަށް ކޮލޮމްބިއާގެ ހިޕޮޕޮޓެމަސްތައް ގެންދިއުމުގެ މަޝްރޫއު ވެސް ކުރިއަށްދާ ގޮތެއްނުވެއެވެ.



advertisment