Support Us

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީ

ސޫދާންގައި ނަސްލު ނައްތައިލުމުގެ މައްސަލައިގައި ޔޫ.އޭ.އީ ހޫނުފެނަށް

ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރި ޖަމާއަތް ރެޕިޑް ސަޕޯޓް ފޯސަސް (އާރް.އެސް.އެފް) އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އެހީވާކަމަށް ފަޅާއެރުމުން މައްސަލަ ހޫނުވެއްޖެއެވެ.

ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ ފަދަ ސެލެބްރިޓީން އިއްޔެ ވަނީ އިންސްޓަގްރާމްގައި ޔޫ.އޭ.އީ.ގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލައިފައެވެ. މެކެލްމޯ ވަނީ އޭނާ ދުބާއީގައި ބާއްވަން އުޅުނު ޝޯއެއް ވެސް ކެންސަލްކޮށްފައެވެ.

"މެކެލްމޯ ފަދަ މަޝްހޫރު މީހުންގެ ބަސް ވިކޭ. ސޫދާން މައްސަލައަށް ވަރަށް ގިނަ މީހުންގެ ލޯ ހުޅުވިއްޖެ،" ލަންޑަން ފޮ ސޫދާން ނަމަކަށް ކިޔާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތުގެ އެކްޓިވިސްޓަކު ބުންޏެވެ.

އާރް.އެސް.އެފް.އަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ސޫދާންގެ އަސްކަރިއްޔާ ބަލިކޮށްލުމަށް ކުރަމުންދާ އަހުލީ ހަނގުރާމައިގައި އަންހެނުންނަށް ޖިންސީ އަނިޔާ ދިނުމާއި ތަންތަން ލޫޓުވުމާއި އާރް.އެސް.އެފް.ގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ނަސްލު ނައްތައިލުމުގެ މަސައްކަތްކުރުމުގެ ތުހުމަތު ހިމެނެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗްއިން ބުނީ އަރަބި ދަރިކޮޅު ނޫން މީހުންގެ ތެރެއިން 15،000 މީހުން އާރް.އެސް.އެފް.އިން މަރައިލައިފައިވާ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އާރް.އެސް.އެފް.އިން އެ ކަން ދޮގުކުރިއެވެ.

އާރް.އެސް.އެފް.ގެ ފެށުން ގުޅިފައިވަނީ މީގެ 20 އަހަރު ކުރިން ސޫދާނުގައި އުފެދުނު ޖަންޖަވީދު ޖަމާއަތާއެވެ. ޖަންޖަވީދުއާ ދެކޮޅަށް ވެސް ނަސްލު ނައްތައިލުމުގެ ތުހުމަތު އެއިރުކޮށްފައިވެއެވެ. އެއީ 300،000 އައްހާ މީހުން މަރައިލުމުގެ ތުހުމަތެވެ.

ޔޫ.އޭ.އީ.އާއި އާރް.އެސް.އެފް.އާ ގުޅުން ހުރިކަން މިހާރު ދަނީ ފަޅާއަރަމުންނެވެ. އެ ގޮތުން އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނީ އެ ތަނުގެ ހަތިޔާރާ ބެހޭ ފަންނީ މީހަކު ސޫދާނުން ބޭނުންކުރާ ޑްރޯން ދިރާސާކުރުމުން އެނގުނީ މިއީ އިތިއޯޕިއާ އާއި ޔަމަންއަށް ވެސް ޔޫ.އޭ.އީން ފޯރުކޮށްދިން ބާވަތުގެ ޑްރޯންތައް ކަމަށެވެ.

މި އަހަރު ކުރީކޮޅު އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުނު ރިޕޯޓެއްގައި ބުނީ އާއްމުން ދަތުރުކުރާ މަތިންދާބޯޓުގައި އާރް.އެސް.އެފް.އަށް ޔޫ.އޭ.އީ.އިން ހަތިޔާރު އުފުލައިދޭ މަންޒަރު ފެނިފައިވާ ކަމަށެވެ.

ބެލެވޭ ގޮތުގައި ޔޫ.އޭ.އީ.ގެ އަމާޒަކީ ރަތް ކަނޑުގައި ފައިހަރުކޮށް، ސޫދާންގެ ގުދުރަތީ  ވަސީލަތްތަކުގެ ފައިދާ ނެގުމެވެ. މިހާރު ވެސް ދަރުފޫރު ސަރަހައްދުގެ ބައެއް ރަން ވަޅުތައް ކޮންޓްރޯލް ކުރަނީ އާރް.އެސް.އެފް.އިންނެވެ.

ސްވިޒަލެންޑްގެ އެހީ ދޭ ޖަމާއަތަކުން ބުނީ އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި ރަން އާރް.އެސް.އެފް.ގެ އަތުން ޔޫ.އޭ.އީ.އިން ގަންނަމުންދާ ކަމަށެވެ. އަދި އާރް.އެސް.އެފް.އާ ސޫދާންގެ އަސްކަރިއްޔާ މިދިޔަ އަހަރު ހަނގުރާމަ ފެށުމުގެ ކުރިން ސޫދާންގައި ކަނޑުގެ ބަނދަރަކާއި އެއާޕޯޓަކާއި ރަތް ކަނޑުގެ އައްސޭރީގައި އިގުތިސާދީ ސަރަހައްދެއް ގާއިމުކުރަން ހަ ބިލިއަން ޑޮލަރު (92 ބިލިއަން ރުފިޔާ)ގެ އަގުހުރި އެއްބަސްވުމެއްގައި ސޮއިކުރިކަމަށެވެ.

ޔޫ.އޭ.އީ ސަރުކާރުން ބުނީ މި ތުހުމަތުތަކަކީ "ހަގީގަތެއް ނެތް" ދޮގުތަކެއް ކަމަށެވެ.

"ބަޔަކު މީހުން ބޭނުންވަނީ ސޫދާންގައި ކުރިއަށްދާ ހަނގުރާމަ އާއި އިންސާނީ ކާރިސާއިން ދުނިޔޭގެ ނަޒަރު އެހެން ދިމާއަކަށް އަނބުރައިލުމަށް،" ޔޫ.އޭ.އީ.ގެ އޮފިޝަލެއް ވިދާޅުވިއެވެ.

"އަސްކަރިއްޔާ އާއި އާރް.އެސް.އެފް.އާ ދެމެދު ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓައިލަން އަހަރެމެން ގޮވައިލަން. ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމަށް ވެސް އަހަރެމެން އެދެން،" އދ.އަށް ދިން ބަޔާނެއްގައި ޔޫ.އޭ.އީ.ގެ ސަރުކާރުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް